ރިޕޯޓް

މާތްވި އިސްލާމްދީނާއި ދިވެހި ޤައުމަށްޓަކައި ހިނގާށެދާން..

އަޅުގަނޑުމެން ކުރި އެއްވެސް މަސައްކަތަކާއި ނުލާ އޮހޮރުވި ދަލަކާއި ލެޔަކާއި ނުލާ ވި ޤުރުބާނަކާއި ނުލާ އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިންވަނީ އަގުނުކުރޭވޭވަރުގެ އަގުބޮޑު އިސްލާމްދީނުގެ ނިޢުމަތް އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވާފައެވެ. އަދި އެ ނިއުމަތް ވަނީ އަމާނާތެއްގެ ގޮތުގައި ހަވާލުކުރައްވާފައެވެ. އެއަމާނާތަށް ޚިޔާނާތްތެރި ނުވެ ރައްކާތެރިކަންމަތީ އެ އަމާނާތް ރައްދުކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަން ޤައިމެވެ. މި އަމާނާތާއި މެދު މާދަމާ އަޅުގަނޑުމެންނާއި ސުވާލު ކުރެވޭނޭ ކަމީ ޔަޤީންވާ ކަމެކެވެ. އަދި މިއަމާނާތައް ޚިޔާނާތްތެރި ވެއްޖެނަމަ، އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެންނަށް ލައުނަތްދޭނެކަމީ ނުވެނުދާނޭ ކަމެކެވެ.

މި ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން އިސްލާމްދީނަށް ލޯބިކުރާ އެއްމެހާ ދިވެހި އަޚުންނާއި އުޚުތުން އެއްމެ ކަންބޮޑުވާ ކަމެއްކަމުގައި ވެފައި މިވަނީ ދިވެހި ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން އިސްލާމްދީނަށް ބަދުބަސް ބުނުމާއި އަދި ދީނީ ޢިލްމުވެރިން ބަދުނާމުކޮށް އެބޭފުޅުންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމުގައި ބުނަމުން ދިއުމެވެ. އަދި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އިސްލާމްދީނާއި ދެކޮޅު ޖާހިލިއްޔަތުގެ ކަންކަން މިޤައުމަށް ގެނައުމަށް މަސައްކަތް ކުރަމުން ދިއުމާއި އިސްލާމް ދީނަށް މަލާމާތް ކުރުމާއި ދީނުގެ ޙުކުމްތަކާއި ޝަރީއަތަށް ފާޑު ކިޔަމުން ދިއުމެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ، އިސްލާމްދީން ނެތިކޮށްލުމަށް ނުވަތަ މި ފަސްގަނޑުގައި އިސްލާމްދީން ފިޔަވާ އެހެން ދީންތަކަށް ޖާގަ ދިނުމަށް ޔަހޫދީންނާއި ނަޞާރައިން ކުރަމުންދާ މަކަރުވެރި ހީލަތްތެރި މަސައްކަތަށް ހިތްވަރުދީ އެބައިމީހުންގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެގޮތުން ޢިލްމުވެރިންގެ އަގުވައްޓާލާ އެބޭފުޅުންނަކީ ޓެރަރިސްޓުންކަމަށާއި އަދި ޓެރަރިޒަމަށް ވާގިދޭ ބައެއް ކަމުގައި ބުނެ ދުނިޔެއަށް ދަނީ އިއުލާން ކުރަމުންނެވެ. އަދި ދީނަށް ނަސްރުދިނުމަށް މަސައްކަތް ކުރާފަރާތްތަކަށް އެކި އެކި ގޮތްގޮތުން ދުއްތުރާ ކުރުމާއި ހައްޔަރު ކުރުމާއި އިލްމުވެރިންނަށް މަރުގެ އިންޒާރު ދެމުން ދިއުން ހިމެނެއެވެ.

ދީނީ ޢިލްމުވެރިންގެ އަސަރުކުރުވަނިވި ދަރުސްތަކުގެ ސަބަބުން ސަރުކާރުގެ ލާދީނީ އެޖެންޑާތަކަށް ހުރަސް އެޅޭތީ އެބައިމީހުން ދަނީ ވަރަށް ވެސް ކަންބޮޑުވަމުންނެވެ. އަދި ދީނީ އިލްމްވެރިންގެ ސަބަބުން ބަޔަކަށް ތެދުމަގު ފެނި އެމަގަށް ތަބާވާ މީހުން ގިނަވަމުންދާތީ މިކަން ހުއްޓުވާނޭ އެކިއެކި މޮޅެތި ރޭވުންތައްދަނީ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީއިން ރާވަމުންނެވެ. ތިމަންނާ މެންނަކީވެސް މުސްލިމުންނޭ ތިމަންމެންނަކީ ދީން ހިމާޔަތް ކުރާ މީހުނޭ ބުނެ އިންސާނީ ޙައްޤުތަކުގެ ނަމުގައި ދަނީ އިސްލާމްދީނާއި ޚިލާފު ޝުޢޫރުތައް ފާޅުކޮށް އިސްލާމްދީނަށް ފާޑުކިޔަމުންނެވެ. އަދި ޖާހިލިއްޔަތުގެ ބޮޑާ ބަސްތަކުން މިބައިމީހުންދަނީ ބޮޑާވެ އަނިޔާވެރިވުމަށް އިންޒާރުވެސް ދެމުންނެވެ. މިބައިމީހުންގެ ރޭވުންތައް ކާމިޔާބުވޭތޯ ފަހަތުގައި ތިބެ ހިތްވަރުދީގެން ކަލަކު ޤަބޫލު ނުކުރާ މީހުނާއި ހިތުގައި ކާފަރުކަން ފޮރުވައިގެން ދުނިޔޭގެ އެދުމަށް ބޯލަނބައިގެން ތިބި މީސްތަކުން ނާއި މުޖުރިމުން މަގުމައްޗަށް ނެރެގެން ރެޔާދުވާލު ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިކަމަކީ އިސްލާމްދީނަށް ލޯބިކުރާ އެއްވެސް މީހަކަށް މިކަމާއި މެދު އަޅާނުލާ ދޫކޮށްލެވޭވަރަށް ވުރެ ބޮޑުކަމެކެވެ.

ދިވެހިފަސްގަނޑުގައި ދިވެހި ސަރުކާރާއި ދިވެހިންގެ ތެރެއިން ލާދީނީ މީހުނާއި ޣައިރުމުސްލިމުން ގުޅިގެން އިސްލާމްދީނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ދެކޮޅަށް އަދި އެކަންކަން ހުއްޓުވުމަށާއި އިސްލާމް ދީނުގެ ދިފާއުގައި ނިކުތުމަށް މިއަދު މިވަނީ ޖެހިފައެވެ. ﷲ އަށް ޛިކުރު ކުރެވޭ އަޑުގަދަވެ، ދީނަށް ނަސްރު ލިބުމަކީ ވެރިކަމުގައި ތިބިމީހުނަށް އެމީހުންގެ އަޅުވެތިކަމުގައި ތިބި މީހުން އެމީހުންގެ ބާރުގެ ދަށުން ވީއްލި ހިނގައިދާނޭ ކަމެއް ކަމަށް ވުމާއި އެކު ސަރުކާރުން މިވަނީ އިސްލާމްދީނުގެ ހިމާޔަތުގައި ނިކުންނަ އަޚުނާއި އުޚުތުންނާއި އިދިކޮޅަށް ނިކުތުމަށް ނިންމާފައެވެ. އެމީހުންދަނީ ޖާހިލިއްޔަ ޒަމާނުގެ ބޮޑާ ބަސްތަކުން ބަސްތައް ބުނަމުންނެވެ. އެމީހުންގެ މަކަރުވެރި ރޭވުންތަށް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވާކަންވެސް އެމީހުންނަށް ނޭންގޭ ކަހަލައެވެ.

ކަން މިހެން ހުރުމާއިއެކުވެސް އަޅުގަނޑު ދަންނަވާނީ މި އެއްމެހާ ކަންކަމަކީ ﷲ އަޅުގަނޑުމެންނާއި ކުރިމަތި ކުރުވާ އިމްތިޚާނު ތަކެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ޞާލިހް އަޅުތަކުން ގިނަ ގުނަ ގޮތްގޮތުން އިމްތިޚާނު ކުރައްވައެވެ. އެކަމަކީ އެކަލާންގެ ވަޢުދު ކުރައްވާފައިވާ ކަމެކެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގާ ވަނީ "ތިޔަބައިމީހުން އީމާން ވެއްޖައީމޭ ބުނުމުން އެކަން އިމްތިޚާނު ނުކޮށް ދޫކޮށް ލާނެ ކަމަށް ހީވަނީ ހެއްޔެވެ؟" މާނައަކީ އަހަރެންމެންގެ އަނގައިން އަހަރެންމެންނީ އީމާންވެއްޖެ ބައެއް ކަމުގައި ބުނެފިނަމަ ﷲ އެކަމުގެ ދޮގާއި ތެދު ބައްލަވާ އިމްތިޚާނު ކުރައްވާނެއެވެ. އަދި ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުއާކޮށްފިނަމަ ދަތި އުނދަގޫތަކުގެ ތެރެއިން ކެތްތެރިކަމާއި ހިތްވަރު ދެއްވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެކަލާންގެ ސާލިޙު އަޅުތަކުން އަބަދާއި އަބަދު އިމްތިޚާނު ކުރައްވަވާ އެއްމެ އިންޞާފުވެރި ފަރާތެކެވެ. ދެން އެ އިމްތިޚާނުތަކުން އެ އަޅާ ފާސްވެއްޖެ ހިނދު އެފަދަ އަޅުންނަށް ނަސްރުދެއްވުމަށް ޝަރުތު ފުރިހަމަ ވެއްޖެނަމަ އަނިޔާވެރިންގެ މައްޗަށް ނިޔާވެރި ސާލިޙް އަޅުތަކުންނަށް ނަސްރުދެއްވައެވެ.

ހިތުގައި ކާފަރުކަން ފޮރުވައި މަތިމަތިން އިސްލާމުން ކަމުގައި ހެދިގެން އުޅޭ މީހުނާއި ދީނުގެ ދުސްމަނުންގެ ކިބައިން ދިމާވާ އުނދަގޫތަކާއި ދުއްތުރާތަކަށް ހިތާމައެއް ކުރުމެއް ނެތެވެ. އަދި އެކަމާއި ބިރުން ދުރަށް ފިލަން ދިއުމެއްވެސް ނުމެ ވޭމެއެވެ. ﷲ އިރާދަ ކުރައްވާނަމަ އެކަލާންގެ މަގުގައި ތިބި އެއްވެސް މުއުމިނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އަދި ޙައްޤަށް ނަޞްރު ދެއްވާނެ ކަމީ ﷲ ގެ ވަޢުދު ފުޅެކެވެ. ﷲ އީ އެކަލާންގެ ވަޢުދާއި ޚިލާފުވެ ވޮޑިނުގަންނަވާ ފަރާތެވެ. އެހެންނަމަވެސް އެ ކާމިޔާބާއި ނަޞްރު ލިބޭ ހުށީ އެކިއެކި ފަރާތްތަކަށް ހިތްތައް ނުފޮރޮޅާ އީމާން ކަމުގައި ސާބިތުވެ ތިބޭނަމައެވެ. ކާފިރުވެ ފާސިޤްވެފައިވާ މީހުނަށް ސާލޙް އަޅާގެ ޖިސްމަށް ކޮށްމެފަދަ ގެއްލުމެއްވެސް ދެވިދާނެއެވެ. އެހެނަސް ތެދުވެރި މުސްލިމު އަޅާގެ ބަލަދުވެރި ﷲ އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަމަކީ އޭނާއަށް ހިތާމައެއްގެ ބަދަލުގައި އުފަލެއް ކަމުގައި ލެއްވުމަށްވެސް އެކަލާންގެ ކުޅަދުން ވަންތައެވެ. އަދި އެފަދަ އެކަކު ނައްތާލާއިރަށް އެފަދަ އެތައް ސަތޭކަ މީހުން އުފަންވާނެކަން ދަންނާށެވެ. މުއުމިނުން ވާގި އެދެނީ ﷲ ގެ ޙަޟުރަތުންނެވެ. އަދި ވަކީލު ކުރަނީ ހަމައެކަނި ﷲ އަށެވެ. ﷲ ގެ ނޫރުފުޅު ނިއްވާލުމަށް ކިތައްމެ ހިތް އެދުނު ކަމުގައިވިޔަސް އެ ނޫރުފުޅު ނިއްވާ ނުލެވޭނެއެވެ.

މިފަދަ ވަގުތެއްގައި އަޅުގަނޑުމެންގެ އީމާން ތެރިކަން ވަރުގަދަ ކުރަންވީ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަޞައްލަމަ އާއި ޞަހާބީން ދީނަށްޓަކައިވި ޤުރުބާން ހަނދާން ކުރުމުންނެވެ.  އަދި އަޅުގަނޑުމެންގެ ކާބަފައިން ދީނާއި ޤައުމަށްޓަކައިވި ޤުރުބާނުގެ ހަނދާން އާކުރަމުންނެވެ. އެބޭކަލުންނަށް ޖެހުނު ބުރަތަކާއި މުޞީބާތްތަކާއި އުނދަގޫތައް ހަނދުމަ ކުރުމުންނެވެ. އަދި އެބޭކަލުންނަށް ލިބުނުވޭނާއި ކެކުޅުންތަކެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއްގެ ސަބަބުން އެބޭކަލުން ދީން ފިޔަވާ އެހެން ކަމެއް ޚިޔާރު ނުކުރައްވަވައެވެ. ﷲ ގެ އަމުރުފުޅުތަކު މައްޗަށް ދުނިޔެ ޚިޔާރެއް ނުކުރެއެވެ. އެކަމުގެ ޖަޒާއެއްގެ ގޮތުން ﷲ އެބޭކަލުންނަށް ރުއްސަވާ ދެއްވި މަތިވެރި ޖަންނަތު ނުފުދޭތޯއެވެ؟ އަޅުގަނޑުމެން މިއަދު ހިތްވަރު ލިބިގަންނަންވީ ނަމާދާއި ކެތްތެރިކަމުންނެވެ. ހަތިޔާރެއް ކަމުގައި ލިބެން އޮތް އެއްމެ ބޮޑު އެއްޗަކީ ތިބާގެ ދުލާއި ހިތެވެ. އެ ދުލާއި ހިތުން ﷲ އަށް ދުޢާކޮށް ދަންނަވާށެވެ. ﷲ އީ ޞާލިޙް އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާންގެއެވެ. "ޔާ ރައްބުލް ޢާލަމީން. އަޅަމެންގެ ތެރޭގައި ތިބި ފިތުނަވެރިންގެ ފިތުނައިގެ ސަބަބުން އަޅަމެންގެ މައްޗަށް އާއްމު ވެގެންވާ ކޯފާއެއް ނުފޮނުއްވާން ދޭވެ! އަދި އަޅަމެންނީ އީމާން ވުމަށްފަހު ކާފިރުވެގެންދާ ބަޔަކު ކަމުގައި ނުލައްވާންދޭވެ! އިސްލާމްދީނުގެ ދުސްމަނުންނާއި ހިތުގައި ކާފަރުކަން ފޮރުވައިގެންތިބި މުނާފިޤުންގެ މައްޗަށް އަޅަމެނަށް ނަޞްރުދެއްވާން ދޭވެ. އިސްލާމްދީނަށް ލޯބިކުރާ މުސްލިމް އަޅުތަކުންނަށް ނަސްރުދެއްވާ އިސްލާމްދީން މަތިވެރި ކުރައްވާން ދޭވެ."

އެއްމެހާ ދިވެހި ލޮބުވެތި މުސްލިމް އަޚްނާއި އުޚުތުންނޭވެ. ދިވެހިރާއްޖޭގެ ޤާނޫނޭ ދުނިޔޭގެ ޤާނޫނޭ ބުނެ ﷲ ގެ ޤާނޫނުތަކާއި ޝަރީޢަތުގެ މައްޗަށް ހަދާފައިވާ އެއްވެސް ޤާނޫނަކަށް އެއްވެސް ޝަރީއަތަކަށް ބޯލަނބާ ކިޔަމަން ގަތުމަކީ ﷲ އާއި ރަސޫލާއަށް ކާފިރުވުންކަން ދަންނާށެވެ. އޭ މަގޭ ލޮބުވެތި މުސްލިމު އަޚްތަކުންނޭވެ! ﷲ އާއި ރަސޫލުﷲ ޞައްލަﷲ އަލަހި ވަޞައްލަމައަށްވާ ލޯތްބަށް ވުރެ ތިމާގެ ހިތުގައި ދުނިޔެވީ އެއްވެސް ކަމަކަށް ލޯބި ބޮޑުވެއްޖެނަމަ އެމީހަކު އީމާންވީ ކަމުގައި ނުވާނެއެވެ.

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކޮށް ހެދުމަށް އެއްމެހާ މުއުމިންތަކުންނަށް ﷲ ވަނީ ގަދަ އަމުރުކުރައްވާފައެވެ. ތިޔަބައިމީހުން ދަލީލަކަށް ބޭނުންވާނަމަ ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލަހި ވަޞައްލަމަގެ ޙަދީސްތައް ބައްލަވާށެވެ. އެތައް ބައިވަރު ދަލީލެއް ލިބޭހުއްޓެވެ. ވީމާ އެކަންކަން ކުރަން އެއްވެސް މީހަކު ފަހައް ނުޖެހޭށެވެ. ﷲގެ ޞާލިޙް އަޅުތަކުންނަށް މިދުނިޔޭގައި ބަލާ މުސީބާތްތަކާއި ކުރިމަތިވާނެއެވެ. އަނިޔާވެރި ކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އެ އެއްމެހާ ކަންކަމަކީވެސް ފަހުން ދެއްވަން ހުރި ހެޔޮދަރުމަތަކަށް ތިބާ ޝަރުތު ފުރިހަމަވޭތޯ ބައްލަވަން ކުރައްވާ އިމްތިޚާނު ތަކެވެ. އެހެނެކޭ ކިޔާފާ ދުނިޔޭގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް ﷲ ގެ އަމުރުފުޅުތަކާއި ޤާނޫނު ތަކަށްވުރެ އަޅުންގެ ޤާނޫނުތައް އިސްކޮށް ދުނިޔޭގެ އެދުން ބޮޑުކޮށް އަޅުތަކުންނަށް ބިރުން ﷲ ގެ މަގުން އެއްކިބާ ނުވާށެވެ.

ދީނަށް ނަސްރު ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އަދި އިސްލާމްދީނަށް ބަދުބަސް ބުނެ، ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލަހި ވަޞައްލަމަގެ ސުންނަތަށް ފާޑުކިޔާ އަޑު އިވިއްޖެނަމަ ކޮންމެ މުސްލިމަކުވެސް އެކަމާއި ދެކޮޅު ހަދަން ޖެހޭނެއެވެ. ދީނުގެ ދިފާއުގައި ތެދުވަން ޖެހޭނެއެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމާއި ދާއިމަށް ދިރިއުޅެން އޮތީ އާޚިރަތުގެ ގޯތިކަން ހަނދާންކޮށް އެ ގޯތި ހޯދުމަށް މިއަދު ކުރަން ޖެހިފައިވާ ކަމަކީ ﷲ އާއި ރަސޫލުﷲ ޞައްލަﷲ އަލަހި ވަޞައްލަމަ އަންގަވާފައިވާ އެއްމެހާ ކަންކަމުގައި ބާރަށް ހިފައިގެން ކުރިއަށް ދިއުމެވެ. މުސްލިމުން ގަދަވެފައިވަނީ އެބައިމީހުންގެ އަދަދުގެ ގިނަކަމަކުން ނޫނެވެ. އެހެނަސް އެބައިމީހުންގެ އީމާނުގެ ސަބަބުން ﷲ އެބައިމީހުނަށް ނަސްރުދެއްވަނީއެވެ. ﷲ އާއި ރަސޫލުﷲ ޞައްލަﷲ އަލަހި ވަޞައްލަމަ އަށް އޮންނަ ލޯތްބަށްވުރެ ފަނާވަނިވި ދުނިޔެއަށް އޮތް ލޯބި ބޮޑުވެއްޖެނަމަ ތިމާއީ ޝިރުކުގެ އަހުލުވެރިންގެ ތެރޭގައިވާ މީހަކަށް ވެގެން ހިނގައިދާނެއެވެ. ލިބުނު މޮޅު ފުރުޞަތުގެ ބޭނުންހިފާ ދީނަށް ނަސްރު ދިނުމުގައި އަތުކުރި އޮޅާލާ ތެދުވަމާ ތޯއެވެ. މާތްވި އިސްލާމް ދީނާއި ދިވެހި ޤައުމަށްޓަކައި ޖާނުން ޤުރުބާންވަމާތޯއެވެ. .

ގުޅުންހުރި

3 ޚިޔާލު

  1. ޖާާއި މާލުން އިރާދަކުރެއްވިއްޔާ މާތްވި އިސްލާމް ދީނާ ޤައުމަށްޓަކައި ޤުރުބާންވާނަން. ﷲ އަކްބަރް! ﷲ އަކްބަރް! ﷲ އަކްބަރް!

  2. ވަރަށް ފުރިހަމަ….ކުރަމުން ތިޔަގެންދާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާ ނަސްރުދެއްވާންދޭވެ..ﷲ އަކްބަރް ﷲ އަކްބަރް ﷲ އަކްބަރް..

  3. ގައުމަށްޓަކައި ގުރުބާނެއް ނުވެވޭނެ. ގުރުބާންވެވޭނީ ދީނަށްޓަކައި. ތިފުނާގެ ހުޅުފަޅާ ގުރުބާންވާންވީ ދުވަސް ފާއިތުވެއްޖެ. މިގައުމުގެ ދީން ފަނާވެފައިވާނަމަ ފަނާވީ ވެތުވެދިޔަ 40 އަހަތުގެ ތެރޭގައި މުޅިގައުމުގައި ރަލާ،ޒިނޭޔާ،މަސްތުވާތަކެތި އާންމުވެ ހަފުތާނިންމުންތައް އާންމުވެ ދީނަށް ހުކުމްކުރާނެ ގާޒީއަކުނެތި މިއަދާ ހަމަޔަށް ގައުމު އަޔަތީ.

Your email address will not be published. Required fields are marked *

More in ރިޕޯޓް