ޏ. ފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި ޕްރޮގްރާމްގައި 42 ފަރާތަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
މި ޕްރޮގްރާމަކީ އިމާމުންނަށް ބޭނުންވާ މުހިންމު ދީނީ ޢިލްމުތައް އުނގަންނައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާތައް ހިމެނެއެވެ.
މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އިމާމުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ގޮތަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ވެސް ބިނާކުރެވިގެންދާނެއެވެ.
އިމާމުންނަށް ތަމްރީނު ދިނުމާއި އިތުރު ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މިސްކިތްތަކުގެ ޚިދުމަތުގެ ފެންވަރު މަތިވެ، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ. މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރު ރަށްރަށުގައި ހިންގުމަށް ވަނީ ރޭވިފައެވެ.
ޚިޔާލު