އަލްއަންދަލުސް ނުވަތަ މިހާރުގެ ސްޕެއިން - ޕޯޗުގަލް ހިމެނޭ ސަރަހައްދަކީ އެ ދުވަސްވަރު މުޅި ދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ އެއް ޙަޟާރާތެވެ. އިސްލާމުން ބިނާކުރި އަންދަލުސްގައި 781 އަހަރުވަންދެން އިސްލާމީ ވެރިކަމެއްއޮތެވެ. ގާތްގަނޑަކަށް 8 ޤަރުނެއްހާ ދުވަހަށް ދެމިއޮތް އިސްލާމީވެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުވި މުސްލިމުންނަށް މުޅި އަންދަލުސް ގެއްލިގެންދިޔައެވެ. އަދާހަމައަށްވެސް އިސްލާމީ ތާރީޚުގައި ކަރުނައިގެ ދުވަހުގެ ގޮތުގައި އެދުވަސް ސިފަކުރެވެމުންދެއެވެ. އަންދަލުސް ގެއްލުމުގެ ހިތާމައިގައި މުޅި ޢަރަބީންނާއި ޢަޖަމީން ގިސްލަގިސްލާފައި ކަރުނައެޅިނަމަވެސް ތާރީޚު މިއަދުވެސް ދައްކުވައިދެމުންދަނީ ދާދި އެއް މަންޒަރެކެވެ. އަންދަލުސްފަދަ އެތައް އަންދަލުސެއް އުފެދެމުންދާކަމެވެ.
މީލާދީން 700 ގެ އަހަރުތަކުގެ ކުރީކޮޅުގައި ޠާރިޤް ބިން ޒިޔާދުގެ ބެއްލެވުމުގެ ދަށުން 2000 މީހުންގެ ލަޝްކަރެއް އައިބީރިއަން ޕެނިންސިއުލަރއަށް ފޮނުއްވައި ޔޫރަޕާއި އެފްރިކާ ގުޅޭ ކަނޑުގެ ސަރަހައްދުގައި އޮތް ފަރުބަދަމަތީ ޖަޒީރާ ނުވަތަ މިހާރުގެ ނަމުންނަމަ ގެބްރަލްޓަރ މުސްލިމުންގެ ބާރުގެ ދަށަށް ގެންނެވިއެވެ. އެއަށްފަހު މި ލަޝްކަރުގެ މިސްރާބު އުތުރަށް ޖަހައި ޣަރްނާޠާ އަދި ޤުރުޠުބާ ފަތަޙަކޮށް އަންދަލުސްގެ ދައުލަތް ވަރުގަދަކުރިއެވެ. މިއާއެކު އިސްލާމީ ފުތޫޙާތުގެ ބާރު ހުޅަނގުގައި ގަދަވެ ފްރާންސްގެ ރަށްތަކާއި ހަމައަށް ފޯރަން މެދުވެރިވިއެވެ. އަންދަލުސްގައި މުސްލިމުން ބިނާކުރި ވަރުގަދަ ޙަޟާރާތްވެފައިވަނީ ޖަހާލަތުގެ އަނދިރީގައި ތިބި ޔޫރަޕަށް ޢިލްމާއި ހުނަރާއި ފަންނުވެރިކަން ވައްދައިދިން މައި މަރުކަޒަށެވެ. އަންދަލުސްގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ރަށްތައް ބިނާކޮށް ތަޢުލީމާއި ޢިލްމުވެރިކަން ކުރިއަރައިގޮސްފައިވާ މިންވަރު މިއަދުވެސް އެތަނުން ފެންނާން އެބަހުއްޓެވެ. ބޭސްވެެރިކަމާއި ޢިމާރާތްކުރުމުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ފަތުއަޑުކިޔާފައި ކުރިއަރައިދިޔައެވެ.
ވަރުގަދަ ޙަޟާރަތެއްގެ ގޮތުގައި ގާތްގަނޑަށް 3 ޤަރުނަށްވުރެ ގިނަދުވަހު އޮތުމަށްފަހު އަންދަލުސްގެ އުތުރުގެ ސަރަހައްދުތަކުން މަޑުމަޑުން މުސްލިމުންގެ ބާރު ކެނޑެންފެށިއެވެ. ޤައުުމުގައި ދާޚިލީ ހަމަނުޖެހުންތައް އުފެދެންފަށައި ވަކި ވަކި ކުދި ދައުލަތްތަކެއް އުފެދިގެންދިޔައެވެ. މި ކުދި ދައުލަތްތައްވެސް ފަހަރަކު ސަރަހައްދެއް ނެތެމުންގޮސް އެސަރަހައްދުތައް އިސްލާމުންނަށް ގެއްލި މީލާދީން 13 ވަނަ ޤަރުނު ފެށުނު އިރު އިސްލާމީ ދައުލަތެއްގެ އަސަރު އޮތީ އައިބީރިޔާގެ އައްސޭރިފަށާއި ގާތުގައި އޮތް ޣަރްނާޠާ ނުވަތަ މިހާރުގެ ގްރެނާޑާގައި އެކަންޏެވެ. މިދައުލަތް ގާތްގަނޑަކަށް އިތުރު 200 ވަރަކަށް އަހަރަށް އޮތުމަށްފަހު މުޅި 'މުސްލިމް ސްޕެއިން' އިސްލާމުންނަށް ގެއްލިގެންދިޔައެވެ.
ޤައުމު އާރާސްތުކުރުމުގެ ނަމުގައި ނަޞާރާއިންނާއި ހަވާލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އަންދަލުސްގެ އެކި ހިސާބުތަކުގައި ލޭއޮހޮރުވުން އާންމުކުރިއެވެ. މައިންގެ ކުރިމަތީގައި ތުއްތު ކުދިން ދިރިތިއްބާ އެކުދިންގެ ގުނަވަންތައް ބުރިކޮށް ޤަތުލްކުރަމުންދިޔައެވެ. މުސްލިމް އަންހެނުންގެ ޢިއްފަތް ގަދަކަމުން ފޭރިގަނެފައިވެއެވެ. އިޚްތިޔާރެއްގެ ގޮތުން ވަޒަނުގައި އުޅެން ބޭނުންނަމަ ނަޞާރާ ދީނަށް ވަންނަން މަޖުބޫރުކުރިއެވެ. ނޫންނަމަ ޤައުމު ދޫކޮށް ދާން މަޖުބޫރުކުރިއެވެ. ނަޞާރާއިންގެ އަނިޔާތައް އިންތިހާއަށް ގޮސް ކެތްނުކުރެވި ބޭރުފުށުން ނަޞާރާދީން ދައްކައިގެން އުޅެންޖެހުނެވެ. އަނެއްބަޔަކު ޤައުމު ދޫކޮށް މާސިންގާ ކަނޑަށް ހުށަހެޅި އެފްރިކާއަށް ދަތުރުފެށިއެވެ. ނަމަވެސް ނަޞާރާއިން އެކަމަށްވެސް ހުރަސްއަޅައި ކަނޑުމަތިން އަތުލައިގަނެ އެތައް ލައްކަ މުސްލިމުންނެއްގެ ހަށިތައް ކޮށާ ކުދިކޮށް ކަނޑަށް އުކާލާފައިވެއެވެ. ނަޞާރާއިންގެ މިއަނިޔާތަކަކީ ދުލަކުން ބަޔާންކުރެވޭނެ އަދި ޤަލަމަކުން ލިޔެވޭނެފަދަ ކަންކަމެއްވެސްނޫނެވެ. މިއީ ނަޞާރާއިންނާމެދު ހެޔޮކޮށް ހިތުމުގެ ސަޒާއެވެ.
މުސްލިމް ވެރީން ސިޔާސީ މަންފާ ހޯދުމަށް މުސްލިމް އަޚާއާއި ދެކޮޅަށް ކާފަރުންގެ މަދަދަށް އެދުމުގެ ނަތީޖާއަކީ އަމިއްލަ ވަޠަނުގައި އަޅުވެތިވެ ޤައުމުދޫކޮށް ދާންޖެހުމެވެ. ދީނާއި ދުރަށްގޮސް ދުނިޔަވީ އުފަލަށް ޣަރަޤުވެ ދީނުގައި މަނާކުރާ ކަންކަން ހުއްދަކޮށް ކާފަރުންގެ ޝިޢާރުތައް ފާޅުކުރުމުގެ ނަތީޖާއެވެ. ބައިބައިވުންތައް އުފެދި މުސްލިމުން އެއްބަޔަކު އަނެއްބަޔަކާއި ހަނގުރާމަކޮށް ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކަށް ވަންނަން ފުރުޞަތުދިނުމާއި ދީނަށް ފާޅުގައި ފުރައްސާރަކުރަމުންދިޔައިރުވެސް އެކަމާ ދެކޮޅަށް ނިކުންނަން ފަސްޖެހުމުގެ ނަތީޖާއެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމާމެދު ނަޒަރު ހިންގާލާށެވެ. މި ފަސްގަނޑުގައި މިއަދު ހިނގަމުންމިދަނީ އިސްލާމްކަމުގެ ޖޯޝާއި ފޯރިހުރި އެއްވެސް މުސްލިމަކު ދެކެން ބޭނުންވާނެފަދަ ކަންކަމެއްނޫނެވެ. ލާދީނިއްޔަތަށް ގޮވާލާ ގޮވުންތައް އިންތިހާއަށް އިތުރުވެއްޖެއެވެ. ޤައުމުގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ ބޭރުގެ ބާރުތަކުގެ އަތްދަނޑި މައްޗަށް ސައްތައިން ސައްތަ އިސްލާމީ ކުޑަކުޑަ މުޖުތަމަޢެއް ދޫކޮށްލުމުގެ ބާބު ފެށިއްޖެއެވެ. ދީނަށް ފުރައްސާރަކުރާ މީހުންނަށް މިނިވަންކަން ދޭންޖެހޭކަމަށްބުނެ އަޑު އުފުލައި ދީނަށް އުޅުމީ ކުށެއްކަމަށް ހަދައިފިއެވެ. 'އިސްލާމް' މި ލަފްޒަކީ ބިރުވެރި އެއްޗަކަށްވެ ދީން ދަންނަ ބަޔަކުވިއްޔާ ހިންގުމުގެ ނިޒާމުން ފެޔަށް ޖެއްސުމުގެ މަޝްރޫޢެއް ފަށައިފިއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.
ޚިޔާލު