ރިޕޯޓްކޮލަމިސްޓް

މޫނު ނިވާކުރުން އޯކޭވެފައި، މޫނު ބުރުގާ މައްސަލައަކަށްވަނީ ކީއްވެ؟

މޫނަކީ އިންސާނާގެ ދަތްދޮޅިންފެށިގެން މައްޗަށް ނިތްކުރި ނިމޭހިސާބަށް ކިޔާ ނަމެވެ. ވަރަށް މުހިންމު ގުނަވަންތަކެއް ކަމުގައިވާ އަގަޔާއި، ކަންފަތާއި، ނޭފަތާއި އަދި ލޯ ހިމެނެނީ މޫނުގައެވެ. އިންސާނާގެ 5 ހިއްސު ހިމެނޭ ހަށިގަނޑުގެ ހަމައެކަނި ބަޔަކީ މޫނެވެ. މީހެއްގެ ސިފަ ބަޔާންކޮށް ތަސްވީރު ކޮށްދޭ އެންމެ މުހިންމު ގުނަވަނަކީވެސް މޫނެވެ. މީހެއްގެ ބުރުސޫރަ ބުނެދެނީވެސް މޫނުންނެވެ. އަދި ހަށިގަނޑަށް އަންނަ އުފާވެރިކަމާއި ހިތާމަވެރި ކަމުގެ އަސަރު އެންމެފަސޭހައިން ދެނެގަނެވޭނީވެސް މޫނުންނެވެ.

އިންސާނާގެ މި މުހިންމު ގުނަވަން ތަފާތު ސަބަބުތަކާހުރެ ނިވާ ކުރެއެވެ. ޑޮކްޓަރުންނާއި ބަލިމީހުން އެކިއެކި ޖަރާސީމުން ރައްކާތެރި ވުމަށްޓަކައި ތަފާތު އެކިވައްތަރުގެ މާސްކު އަޅައެވެ. މޫނާއި މުޅިހަށިގަނޑު ނިވާކުރެއެވެ. ބޭނުމަކީ ޖަރާސީމުން ރައްކާތެރި ވުމެވެ.

ފަޔަރ ފައިޓަރުން އަލިފާނުން ރައްކާތެރިވުމަށްޓަކައި އެކަމަށް ޚާއްޞަ މާސްކު އަޅައެވެ. މުޅި މޫނާއި މުޅި ހަށިގަނޑު ނިވާކުރެއެވެ. ބޭނުމަކީ ދުމާއި އަލިފާނުން ރައްކާތެރި ވުމެވެ.

ސަލާމަތީ ބާރުތަކުން އެބޭކަލުންނަށް އަތުވެދާނެ ނުރައްކާތެރި ހަމަލާއަކުން ސަލާމަތްވުމަށްޓަކައި ނުވަތަ ކާކުކަން ފާޅުވިޔަ ނުދިނުމަށްޓަކައި މާސްކާއި ހެލްމެޓް އަޅައެވެ. މުޅި މޫނާއި ހަށިގަނޑު ނިވާކުރެއެވެ. ބޭނުމަކީ އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމެވެ.

ސައިކަލު ދުއްވާމީހުން ނުރައްކާތެރި އެކްސިޑެންޓަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ހެލްމެޓް އަޅައެވެ. ކާކުކަން ނޭންގޭ ވަރަށް މޫނު ނިވާކުރެއެވެ. ބޭނުމަކީ ބޮލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމެވެ. މިނޫނަސް ތަފާތު އެކިއެކި ކަންކަމުގައި މަސްޣޫލުވާ ފަރާތްތަކުން ރައްކާތެރި ވުމުގެ ގޮތުން ކާކުކަން ނޭނގޭވަރަށް ހަށިގަނޑާއި މޫނު ނިވާކުރެއެވެ.

މިއަދު ކޮވިޑް19 ގެ ޖަރާސިމުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި މުޅިދުނިޔޭގެ އެންމެންކަހަލަ ގޮތަކަށް މާސްކުއަޅައެވެ. މޫނު ނިވާކުރެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. އަންހެހުންނާއި ފިރިހެނުންނެވެ. މުސްކުޅިންނާއި ޒުވާނުންނެވެ. ތުއްތުކުދީންވެސްމެއެވެ. ނިވާ ނުކުރާނަމަ މިއަދު ސްކޫލަކަށް ނުވައްދައެވެ. ސަރުކާރުގެ އޮފީހަކަށް ނުވަދެވެއެވެ. ކުޑަމިނުން ފިހާރައަކަށްވެސް ވަދެވެނީ މާސްކުއަޅައި ނިވާކޮށްގެންނެވެ. ބޭނުމަކީ ކޮވިޑް 19 ގެ ނުރައްކަލުން އެންމެން ސަލާމަތްވެ ތިބުމެވެ.

މުސްލިމް އަންހެނުން މާތްﷲގެ އަމުރުފުޅަށް ތަބާވެ، ނުކިއްސަރު ބެލުންތަކުން ރައްކާތެރި ވުމަށްޓަކައި ހިޖާބުވުމުގެ ގޮތުން ދޫހެދުންލައި މޫނުބުރުގާއަޅައި މުޅިހަށިގަނޑު ނިވާކުރެއެވެ. ބޭނުމަކީ މާތްﷲގެ އެންގެވުމަކަށް ތަބާވުމާއި، ފިރިހެނުންގެ ކިބައިން އަތުވެދާނެ އުދަގުލަކުން ހަށިގަނޑު ރައްކާތެރި ކުރުމެވެ. ބެލުންތައް ތިރިކުރުމާއެކު ބެލުންތައް ތިރިކުރުވުމުގެ ބޭނުމުގައެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމަށް ނަޒަރު ހިންގާލާށެވެ. ކޮންމެކަމަކީވެސް އިންސާނާގެ މޫނު ނިވާކުރުވާ ކަމެކެވެ. އަދި ސަބަބަކަށް ވެފައި އޮންނަނީ ރައްކާތެރި ވުމެވެ. ހަޤީޤަތުގައިވެސް ރައްކާތެރިވުމުގެ ގޮތުން ބަޔާންކުރެވުނު ފިޔަވަޅުތަށް އަޅާންޖެހެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ބައެއްމީހުންގެ ހާލަތަކީ، ރައްކާތެރި ވުމުގެ ގޮތުން ޤާނޫނަކުން އަންގައިފިނަމަ މައްސަލައެއް ނެތެވެ. ނުވަތަ ޑޮކްޓަރަކު އިރުޝާދު ދެއްވައިގެން ކުރަންޖެހޭ ކަމެއްނަމަ މައްސަލައެއް ނެތެވެ. ނުވަތަ  ވަކިފަރާތަކުން އިރުޝާދުދީގެން ހުރިހާއެންމެން މޫނު ނިވާކުރި ކަމުގައިވިއަސް މައްސަލައެއް ނެތެވެ. މައްސަލައަކަށްވަނީ އަހަރުމެން ނެތުމުގެ ތެރެއިން ވުޖޫދުކުރެއްވި މާތްﷲ، އަޅުގަނޑުމެން ގެއްލުމަކުން ރައްކާތެރި ވުމުގެ ގޮތުން ދެއްވާ އިރުޝާދަކަށްތަބާވެ މޫނު ނިވާކޮށްފިނަމަ ނަމައެވެ. މިއީ އެއްވެސް ހަމައަކުން ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟ އަދި ވަކީން ޚާއްޞަކޮށް މާތްﷲ އަށް އީމާންވާކަމަށް ބުނާބަޔަކު ޤަބުލުކުރުން ހުންނާންޖެހޭނެ ގޮތް ހެއްޔެވެ؟

މިއަދު ސްކޫލުތަކަށާއި ކޮލެޖް ޔުނިވާސިޓީ ތަކަށް ކިޔަވާން، އުނގެނުމަށް ހާޒިރުވާ ދަރިވަރުން މާސްކުއަޅައި ނިވާކޮށްގެންދާން މަޖުބޫރު ކޮށްފައިވާއިރުވެސް، މޫނުބުރުގާ އަޅައިގެން ކިޔަވާން ހާޒިރުވެއްޖެނަމަ އެފަދަކުދީންނަށް ތަޢުލީމީ މުއައްސަސާއިން އިންޒާރުދީ ކިޔެވުމުން މަހުރޫމް ކޮށްލެވޭ ކޮށްލުމަކީ ކޮން ހަމައަކުން ކުރެވޭ ކަމެއްހެއްޔެވެ؟ އެކަން ދެކޮޅުޖެހެނީ ކިހިނެއްހެޔެވެ؟ މީއީ ސީދާ އިސްލާމުދީނާމެދު އަދާވާތްތެރިކަން ހިތުގައި ބިންވަޅުނެގިފައިވާ ފަރާތަކުން ނޫނީ ކުރާނެކަމެއް ނޫންހެއްޔެވެ؟ މިފަދަ ފަރާތްތަކުން ދިރިއުޅުމުގެ މަޤްޞަދާއިމެދު ފުންކޮށް ވިސްނައި، މަރުވާނެ ކަމާއި، މަރުވުމަށްފަހު ސުވާލުކުރެވޭ ދުވަހަށް ތައްޔާރުވުން އަވަސްވެ ގަތުމަށް ވަޞިއްޔަތްކޮށް ނަސޭޙަތްތެރިވަމާ ހިނގާށެވެ. ދިންނަވާ ނަޞީބުގެ މަގު ދެއްކެވުމަށް އެދި ދުޢާކުރަމާ ހިނގާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.

More in ރިޕޯޓް