ރާއްޖޭގެ ޚަބަރު

އައިޔޫއެމްގެ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން ޖެނުއަރީ އިންޓޭކްގައި ޖުމްލަ 68 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިޢުލާނުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓާސް ލެވެލްގެ 17 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 1 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން، ސެޓްފިކެޓް ލެވެލްގެ 20 ކޯސް ހިމެނެއެވެ. މި ކޯސްތައް ހިމެނެނީ ޤުރްއާނާއި ހަދީޘް، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ސްޓަޑީސް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ކައުންސެލިން، ފައިނޭންސް، އެކައުންޓިންގް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އަދި ޖަރނަލިޒަމްގެ ދާއިރާތަކުގައެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެފައިވަނީ، ޔުނިވަރސިޓީން ދަރިވަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. "ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި ދަނީ ކިޔެވުމުގެ ކަންކަން ރަނގަޅުކުރެވޭތޯ، އަދި ހަމައެއާއެކު، ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރެވޭތޯ" ޑރ. ޒާހިރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތައް ކުރިއަށްގެންދާނީ ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ މީދޫގައި ޤާއިމުކޮށްފައިވާ އައިޔޫއެމްގެ ލާނިންގ ސެންޓަރުތަކުގައެވެ. އަދި ބައެއް ކޯސްތައް އޮންލައިން އަދި ބްލެންޑަޑް ކޮށްވެސް ކިޔެވޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 31 ވަނަ ދުވަހުގެ 13:00 އެވެ. އަދި ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން 100 އިންސައްތަ ހިލޭ ކިޔެވޭނެ ކޯސްތަކެއްކަން އެ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *