ރިޕޯޓްކޮލަމިސްޓް

ދީނާއި ދައުލަތް ވަކިކުރި އަތާތުރުކްގެ ސިޔާސަތުން ފިލާވަޅެއް - ދިވެހިންނޭވެ! ހޭއަރާށެވެ.

މީލާދީ ސަނަތުން 1881 ގައި ސެލޮނިކާއަށް އުފަންވި މުސްތަފާ ކަމާލް އަތާތުރުކަކީ އޮނަވިހި ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅުގައި ތުރުކީ ސަރަހައްދަށް ގެނައި އިންޤިލާބީ ބަދަލުގެ އިސް ވެރިޔެކެވެ. އޭނާއަކީ އެ ސަރަހައްދުގައި އޮތް އިސްލާމީ ވެރިކަން ނިމުމަކަށް ގެނެސް އުފެދުނު ތުރުކީ ޢަލްމާނީ ދައުލަތުގެ ބާނީއެވެ. އެއީ އިސްލާމްދީނާ މުސްލިމުންދެކެ އިންތިހާއަށް ނަފްރަތުކުރި އިސްލާމުންގެ ޢަދާވާތްތެރިއެެކެވެ. އޭނާގެ އެ ވިސްނުމާއި އެއްގޮތަށް 'އަނެއް ތުރުކީ' ނުވަތަ ސެކިއުލަރ ތުރުކީ ގެނެސް ހުޅަނގުގެ ތަހުޒީބުކަމަށް ބުނާ ސިޔާސަތު ތުރުކީއަށް ވައްދައި ޤަރުނުތަކަށް ދެމިއޮތް ޚިލާފަތު ނެތިކޮށް ފުރަތަމަ ފަހަރަށް ތުރުކީގައި ސެކިއުލަރ ދައުލަތެއްގެ ބިންގާ އެޅިގެންދިޔައެވެ.

މުސްތަފާ ކަމާލް އަތާތުރުކުގެ މައިގަނޑު މަޤްޞަދެއްކަމަށްވީ ތުރުކީގައި އޮތް އިސްލާމީ ވެރިކަން ނިމުމަކަށް ގެނެސް ޒަމާނީ މިނިވަން ފިކުރުގެ ވެއްޓަކަށް ހެދުމެވެ. ތުރުކީގެ އިސްލާމީ ވަހުދަތު ނަގާލުުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކަމަަކަށް އަތާތުރުކް ގުޅުނީ ތުރުކީގައި އޮތް ހައްދުފަހަނައެޅި ވަޠަން ޖަމާޢަތާއެވެ. މިޖަމާޢަތަކީ 'ވަޠަން އެދޭގޮތަށް ' މި ވިސްނުމުގެ ދަށުން އިސްލާމީ ޝަރީޢަތާއި ފުށުއަރާ މިނިވަން ފިކުރުތަކަށް ގޮވާލަމުން އައި ޖަމާޢަތެކެވެ. މިބައިމީހުންގެ މި ހައްދުފަހަނައެޅި ވިސްނުންތަކަށް ތުރުކީގެ ތަޚުތުގައި އިންނެވި އައްސުލްޠާން ޢަބްދުލްޙަމީދު ޖާގަ ނުދެއްވުމުން އެމަނިކުފާނާ ދެކޮޅަށް ސައްލާކޮށް ރޭވުންތައް ރާވައި ޔަހޫދީން އިސްވެއޮވެ އެމަނިކުފާނު ވެރިކަމުން ދުރުކުރިއެވެ. އިސާހިތަކު ލާދީނިއްޔަތަށް ފެންބޮވައިގެންފައި ތިބި އަތާތުރުކާއި އޭނާގެ އަޢުވާނުންގެ ބާރު ތުރުކީގައި އިންތިހާއަށް ގަދަވެ ފާޅުގައި އިސްލާމްދީނަށް ބަދުބަސްބުނަން ފެށިއެވެ. ޒަމާނާ އެއްގޮތަށް ފެތެންޖެހޭނެކަމަށާއި ޢަރަތްބެއްގެ މި ވިސްނުމަކީ މަރުވެފައިވާ ވިސްނުމެއްކަމަށް ބުނެ އެއްވެސް ބިރެއްނެތި އޭނާގެ އެ މުޑުދާރު ލާދީނީ ވިސްނުމުގެ މައްޗަށް ފަތުވާދެމުންދިޔައެވެ.

އިސްލާމްދީނާ މުސްލިމުންދެކެ އިންތިހާއަށް ނަފްރަތުކުރި އިސްލާމުންގެ ޢަދާވާތްތެރިއެެކެވެ. އޭނާގެ އެ ވިސްނުމާއި އެއްގޮތަށް 'އަނެއް ތުރުކީ' ނުވަތަ ސެކިއުލަރ ތުރުކީ ގެނެސް ހުޅަނގުގެ ތަހުޒީބުކަމަށް ބުނާ ސިޔާސަތު ތުރުކީއަށް ވައްދައި ޤަރުނުތަކަށް ދެމިއޮތް ޚިލާފަތު ނެތިކޮށް ފުރަތަމަ ފަހަރަށް ތުރުކީގައި ސެކިއުލަރ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ

ތަޞައްވުރުވެސް ނުކުރެވޭފަދަ ގޮތަކަށް އިސްލާމީ ތުރުކީ ބަދަލުވާންފަށައި 'އަނެއް ތުރުކީ' ގެ ބާބު ފެށިގެންދިޔައެވެ. އިސްލާމްދީން ވަރުގަދަައަށް މޫލެވި ހެދިފައިވާ ވިލާތުގެ މި ޤައުމުގެ މިސްރާބު އަނދިރި ދައުލަތެއްގެ ދަށަށް ބަދަލުވެގެންދިޔައެވެ. 29 އޮކްޓޯބަރު 1923 ގައި އިޢުލާންކުރެވުނު ޖުމްހޫރިއްޔަތު ވެގެންގޮސްފައިވަނީ 6 ޤަރުނަށް ދެމިއޮތް ޢުޘްމާނީ ޚިލާފަތު ނެތިގެންދިޔަކަމަކަށެވެ. މި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސަކީ މުސްތަފާ ކަމާލް އަތާތުރުކްކަމުގައި ކަނޑައެޅުނެވެ. މިއާއެކު ފުރަތަމަ ފަހަރަށް ޕާލިމެންޓްގައި ވާހަކަދައްކަމުން އޭނާ ބުނެފައިވެއެވެ. 'އަހަރެމެން މިހާރު މިތިބީ 20 ވަނަ ޤަރުނުގައެވެ. ތީންޏާއި ޒައިތޫނީގެ ވާހަކަ އޮންނަ ފޮތެއްގެ ޝަރީޢަތުގެ ދަށުގައި ކުރިއަށް ދެވޭކަށެއްނެތެވެ.' އަތާތުރުކްގެ ހައްދުފަހަނައެޅި މި ސިޔާސަތުތައް އަމާޒު ހިފާފައިހުރީ ސީދާ އިސްލާމްދީން ނެތިކޮށްލުމަށެވެ. ކަމަކަށްފަހު ކަމެއް މަނާކުރުމުގެ ސިޔާސަތުގެ ދަށުން މީލާދީން 1925 ގައި މުސްލިމް އަންހެނުންގެ ބުރުގާ މަނާކޮށް ބޯނިވައިކުރުމަކީ ޤާނޫނީ ކުށެއްކަމުގައި ކަނޑައެޅުނެވެ. އަދި 'ތުރުކީގެ ދީނަކީ އިސްލާމް ދީން' ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ބާބު އުވާލައި ތުރުކީގެ ދައުލަތަކީ ވަކި ދީނެއް ޤަބޫލުނުކުރާ ދައުލަތެއްކަމުގައި ޤާނޫނުގައި ލިޔެވުނެވެ. ތުރުކީގެ ބަހަކީ ލެޓިން އަކުރުކަމަށް ނިންމައި ޢަރަަބި ބަހުން ލިޔުން މަނާކޮށް އިސްލާމީ ޤައުމުތަކާއި ޚިލާފަށް އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްކަމުގައި ކަނޑައެޅިއެވެ. ކީރިތި ޤުރުއާނާއި ޙަދީޘް ފޮތްތަކާއި ދީނީ ލިޔުންތައް ޗާޕްކުރުމާއި ޝާޢިޢުކުރުން މަނާކުރިއެވެ. ބިރަކާނުލައި މަޖާކުރުމުގެ ސުރުޚީގެ ދަށުން ރަލާއި މަސްތުވާތަކެތި ހުއްދަކޮށް ފާޙިޝް މުންކަރާތްތައް ފެތުރުމަށް ކުލަބުތައް ހުޅުވާލައި ބަރަހަނާކަން ޢާންމުކުރިއެވެ. އެތައް ދީނީ ޢިލްމުވެރިއެއްގެ މައްޗަށް ޝަރީޢަތް ހިންގާ ދަންޖައްސާ ޝަހީދުކޮށްލިއެވެ. އެތައް މިސްކިތެއް ބަންދުކޮށް ބައެއް މިސްކިތްތައް ފައްޅިތަކަށް ބަދަލުކުރެވުނެވެ. މިހެން ކަމަކަށްފަހު ކަމެއް ނައްތާލަމުންގޮސް އިސްލާމުންނާއި ޚިލާފުވެގަތުމަށް ކުރެވެން އޮތް ހުރިހާކަމެއްކޮށް މުޅި ތުރުކީ އަތާތުރުކްގެ ވިސްނުމާއި އެއްގޮތަށް 'އަނެއް ތުރުކީއަށް' ބަދަލުކުރިއެވެ.

އެއްވެސް މީހަކު އިސްތިސްނާވުމެއްނުވާ އިލާހީ ސުންނަތުގެ ޤާނޫނު އާދެ 'މަރު' އަތާތުރުކާއި ބައްދަލުކުރިއެވެ. މީލާދީން 1938 ގައި އަތާތުރުކް ދުނިޔެ ދޫކުރި ނަމަވެސް އޭނާ ގެނެސްދިން ލާދީނިއްޔަތުގެ އޮށުން ފަޅާފައިވާ ގަސްތަށް ވަރުގަދައަށް މޫލެވި ބިމަށް ހިފާފައިވެއެވެ. އެގޮތުން އޭނާގެ ފަހުންވެސް އެފިކުރުން މުޅީން ވީއްލުމަށް ތުރުކީއޮތީ ނުކުޅެދިފައެވެ. އެހެނީ ތުރުކީގައި އިސްލާމްދީނުގެ ކުލަވަރު ޖެހޭ ކޮންމެ ފަހަރަކު ޔޫރަޕާއި އެމެރިކާއާއި ވިލާތުގެ އެހެނިހެން ޤައުމުތަކުންވަނީ ތުރުކީގެ ސެކިއުލަރ ޖަމާޢަތުގެ އަހުލުވެރީންނަށް ވާގިވެރިވެ ލާދީނިއްޔަތު އިތުރަށް ވަރުގަދަކޮށްދީފައެވެ. މީގެ އެއް ހެއްކަކީ އަތާތުރުކް ދުނިޔެ ދޫކުރުމަށްފަހު 1950-1960އަށް ތުރުކީގެ ވެރިކަންކުރެއްވި ޢަލީ ޢަދުދާން ދަންޖައްސާ ޝަހީދުކޮށްލެވުނު ޙާދިޘާއެވެ. ޢަލީ އަދުނާން މެންޑްރެސް އަކީ ތުރުކީގައި ވަރުގަދައަށް މޫލެވިފައިއޮތް އަތާތުރުކުގެ ލާދީނީ ފިކުރު ނައްތާލައި އިސްލާމީ އުޞޫލުތަކަށް އަލުން ފުރުޞަތުދެއްވި ވެރިއެކެވެ. އެގޮތުން އަތާތުރުކުގެ ދައުރުގައި ބަންދުކޮށްފައިވާ އެތައް މިސްކިތެއް އަލުން ހުޅުއްވައި ޢަރަބިބަހުން ބަންގިގޮވުން މަނާކޮށް ފާސްކޮށްފައި އޮތް ޤާނޫނު އުވާލައްވައި އަލުން ޢަރަބި ބަހުން ބަންގި ގޮވުން ހުއްދަކުރެއްވިއެވެ. ޢަލީ ޢަދުނާންގެ ޒަޢާމަތުގައި އަނެއް ތުރުކީން އިސްލާމީ ތުރުކީއަކަށް ބަދަލުކުރުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުވެގެންގޮސްފައިވަނީ އަތާތުރުކްގެ ލާދީނީ ސިޔާސަތުތަކަށް ތަޢައްޞުބުވެފައި ތިބި ތުރުކީގެ އަސްކަރިއްޔާއަށް ބަލައިގަންނަން ދަތިކަމަކަށެވެ. އެހެންކަމުން 'ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރަކަށް ހެއްދެވި ބޭފުޅެއްގެ ލަޤަބު އަރުއްވައި 1960 ވަނަ އަަހަރުގެ މެއި މަހުގެ ތެރޭގައި ބަޣާވާތުން އެމަނިކުފާނުގެ ވެރިކަން ވައްޓާލައި ހައްޔަރުކޮށް 'އަނެއް ތުރުކީ'ގެ ޤާނޫނުގެ ދަށުން 1961 ވަަނަ އަހަރުގެ ސެޕްޓަމްބަރު މަހުގެ ތެރޭގައި ދަންޖައްސާ ޝަހީދުކޮށްލެވުނެވެ. އެމަނިކުފާނުގެ ހަށިގަނޑާއި ފުރާނަ ވަކިކޮށްލެވުނީ އިސްލާމީ އުޞޫލުތަކަށް އަލުން ފުރުޞަތުދެއްވައި 'އަތާތުރުކީ' ދޯހަޅި ސިޔާސަތަށް ނޫނެކޭ ބުނެ ޢަމަލުން އެކަން ދައްކުވައިދިނުމުންނެވެ.

ތުރުކީއަށް އަތާތުރުކް ގެނައި މިނިވަން ބަދަލާއެކު ޤައުމުގެ އަމާންކަން ގެއްލި ޒުވާން އެތައް ޖީލެއްވަނީ ރަލާއި މަސްތުގެ ވަބާގައިޖެހި ހަލާކުވެފައެވެ. މުނިފޫހިފިލުވުމުގެ ނަމުގައި ހުޅުވުނު ޒިނޭއާއި އެއްޖިންސުންގެ ގުޅުންތަކުގެ ދޮރާއްޓާއެކު އަޚްލާޤީ ފޭރާން ވީދި މުޖުތަމަޢުވަނީ އިންސާނީ ބަލިމަޑުކަމެއްގެ ތެރެއަށްވެއްޓިފައެވެ. ހަމަހަމަކަމާއި ޢަދުލު އިންސާފު ގެއްލިފައެވެ. ޒަމާން ބަދަލުވެ ﷲ ރަޙްމަތުން އުއްމީދުގެ ހުޅުކޮޅު އަލުން ރޯވެ ތުރުކީވިލާތް މިވަނީ 'އަނެއް ތުރުކީން' އިސްލާމީ ވެއްޓަކަށް މިސްރާބުޖަހާފައެވެ. އަލުން އިސްލާމްދީނުގެ އުސޫލުތައް ތަޢާރަފުކޮށް އުވާލެވިފައިވާ އެތައް ކަމެއް ވަނީ އަނބުރައި ވުޖޫދަށް ގެނެވިފައެވެ.

އޭ ދިވެހިންނޭވެ. އަދިވެސް ހޭ އަރާކަށް ނުވޭތޯއެވެ. ތުރުކީ އިސްލާމީ ވެރިކަމުން ސެކިއުލަރ ދައުލަތަކަށް ކުރި މި ދަތުރުން ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް މި ފިކުރުގެ ވަބާ ކަންބޮޑުވާ ދަރަޖައަށް ފެތުރި އޭގެ ނުރައްކާ މިވަނީ ފޯރަން ފަށާފައެވެ. މަތީފަޑިން ފެށުނު  މި ވަބާ  މިއަދު މިވަނީ ޢާންމުގެ ތެރެއަށް ފެތުރެން ފަށާފައެވެ. އެބައިމީހުންގެ ކުލަވަރުގައި ޖެހި ރޭގަނޑާއި ދުވާލު ވަކިނުވާވަރު މިވަނީވެފައެވެ. އޭ ބާރުހުރި ވެރިންނޭވެ. ޢިއްޒަތްތެރިންނޭވެ. ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވާފައިވާ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެއިލާހުގެ ދީނަށް ފުރައްސާރަކުރަން ޖާގަ ނުދެއްވާށެވެ. އެއިލާހުގެ ޝަރީޢަތަށް ގޮންޖަހައި އާ މޮޅު ގޮތްތަކެއް ހޯދޭނެކަމަށް ނުދެކޭށެވެ. އޭ ދިވެހި ޒުވާނުންނޭވެ. ކަށިން ހިތްވަރު ނެރެ ސެކިއުލަރިޒަމަށް ނޫނެކޭ ބުނަމާ ހިނގާށެވެ. މިވަބާއާއިމެދު އަޅުގަނޑުމެން  މިއަދު ފާރަވެރިނުވެއްޖެނަމަ ދެކުނު އޭޝިޔާގެ ތުރުކީއަށް  މި ލޮބުވެތި ފަސްގަނޑުވެދާނެއެވެ.. ދީނާއި ޤައުމަށް ޣައްދާރުވި މީހުންނޭވެ. އަހަރެމެންގެ ހަށިގަނޑުގައި ނޭވާ ހިނގާހާ ހިނދަކު ލާދީނިއްޔަތަށް ކުޑަވެސް ޖާގައެއް ނުދޭނެކަން ދަންނާށެވެ. އަހަރެމެން ދިވެހިންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއްވެސް ގުޅިފައިވަނީ ޙައްޤުގެ ދީނާއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް