ރާއްޖޭގެ ޚަބަރު

ށ. ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިފި

ށ. ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފިއެވެ. މި މަރުކަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ، ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް އަދި ފޯކައިދޫ ކައުންސިލްގެ ރައީސެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ. މި މަރުކަޒު ނިމިގެންދާއިރު އޭގައި ގިނަ ވަސީލަތްތަކެއް ހިމެނޭނެއެވެ.

މި މަރުކަޒުގައި ހިމެނޭނެ ވަސީލަތްތަކުގެ ތެރޭގައި ކޮންފަރެންސް ހޯލެއް، ލައިބްރަރީއެއް، 4 ކްލާސްރޫމް، އިމާމު ރޫމެއް، އޮފީސް ބައެއް އަދި ހިނަވާގެއެއް ހިމެނެއެވެ. މީގެ އިތުރުން މި މަރުކަޒުގައި ސޯލާ ޕެނަލްތައް ހަރުކުރެވި، އެއަރކޮންޑިޝަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *