ވާހަކަ

އިމާމް: ލޯބި ލޯބި 10 އަހަރުގެ ކޮއްކޮ

ލިޔުނީ: ވާހަކަ ކިޔައިދޭ ރަޙުމަތްތެރިޔާ

އިމާމުވެރިންގެ ދުވަސްވަރުގައި ބަޣްދާދުގައި ވަރަށް ބުއްދިވެރި ކާފަރަކު އުޅުނެވެ. މުސްލިމުންނަށް ޖަވާބު ނުދެވޭނެ ޙާއްސަ 3 ސުވާލެއް އޭނާގެ އަތުގައި ވާކަމަށް ދަޢުވާ އުފުލަމުން މީސްތަކުންގެ ތެރޭގައި އުޅުނެވެ. އަދި އެ ސުވާލުތަކުގެ މޮޅުކަމުން މީނާ ހުންނަނީވެސް ވަރަށް ހިންހަމެޖެހިފައެވެ. އެހެންވެ މުސްލިމުންތައް ރުޅި އަރުވާ ހަދާލަންވެސް މީނާ އެކަން ކޮށް އުޅެއެވެ.

އެއްދުވަހަކު މަގެއް މަތީގައި މީސްތަކުންގެ ތެރޭގައި ހުރެގެން މީނާ އެ ފަތިވަރެއް ގޮވަމުން ދިޔަ މަންޒަރު އުމުރުން ވަރަކަށް 10 އަހަރުގެ މުސްލިމް ފިރިހެން ކުއްޖަކަށް ފެނުނެވެ. މި ކުއްޖާ އަށް ފެނުނީ އެއްވެސް މުސްލިމަކަށް އޭނާގެ ސުވާލު ތަކަށް ޖަވާބު ނުދެވޭނެތީވެ އެއީ ނުއިވޭ އެއްޗެއްކަމުގައި ހަދައިގެން މުސްލިމުންތައް އެ މަގުގައި ވީ ތަނެވެ. ސަބަބަކީ އެއީ ބުއްދިވެރި ކާފަރެކެވެ. ނަމަވެސް މި ކުއްޖާ ހިތުގައި އޭނާ އެގޮވާ ގޮވެލި ހުއްޓުވާލުމުގެ ޝައުޤުވެރިކަން އުފެދިގެން އެމީހާގެ ކައިރިއަށް އައިސް ޖަވާބުގައި ގޮވާލިއެވެ. ތިމަން، ކަލޭގެ ތި "ޗެލެންޖް" ޤަބޫލު ކޮށްފީމެވެ. ތި ކުރާ ސުވާލެއް ތިމަން ނަޔާ ކުރާށެވެ. އެވަގުތު އެމީހާ އެ ކުއްޖާ ފުޅަށް ބަލައިލާފައި ހީގެންފައި އެތަނުގައި އަޑު އިވޭ ހިސާބުގައިވާ މުސްލިމުންނަށް ގޮވާލާފައި ބުންޏެވެ. މީ ކޮންކަމެއް ހެއްޔެވެ؟. ކަލޭމެން އެހާ ފިނޑިވީ ހެއްޔެވެ؟. މިއީ ކުޑަ ކުއްޖެކެވެ. އެ މީހުން އަނގައިންވެސް ނުބުނެ ތިއްބެވެ. އެހެނީ އެ ކުއްޖާ އަކީ އެމީހުން ފޮނުވި ކުއްޖެއް ނޫނެވެ.

ތަނަށް އެއްވެފައިވީ މުސްލިމުންނާއި ކާފިރުންގެ ޢަދަދު ވަރަށް ގިނަކަމުގައި ވިއެވެ. އެއްގޮތަކުން ބުނާނަމަ މުޅި ރައް އެއްކޮށްހެން ވަނީ ލުއްސައިގެން އެތަނަށް އައިސްފައެވެ. މިހެން ކަމުން އޭނާ، އެއީ ކުޑަ ކުއްޖެއްކަމުގައި ވިޔަސް، އޭނާގެ ތަހައްދީ އަށް ރައްދު ދިން ހަމަ އެކަނި މީހާ ކަމުގައި ވާތީވެއާއި، އެއްވެފައިވާ މީހުން ގެ ޢަދަދު ގިނަކަމުން ކޮންމެހެން ކުއްޖާ އަށް ބެލުމެއްނެތި މުސްލިމުން ލަދުގަންނަވާލުމުގެ މަޤްސަދުގައި...... ފަށައިފިއެވެ.

ސުވާލު ފެށުމައްޓަކައި މީހުން ބޮޑަތި ގޮވާލުންތައް ގޮވާލާހެން އެ "ހިލް" ގެ އެންމެ މައްޗަށް އަރާފައި،
އެމީހާ: "މިހާރު ކަލޭގެ ކަލާންގެ ﷲ ކުރަނީ ކީތްހެއްޔެވެ؟"

އެ ކުއްޖާ ކުޑަ ހިނދުކޮޅަކު ވިސްނާލާފައި އޭގެ ޖަވާބުދޭން އެތާންގެ މައްޗަށް އަރަން އެތަނުން އޭނާ ފައިބައިގެން އައުމަށް ގޮވާލެއްވިއެވެ.

އޭނާ: "މަ މިތަނުން ފައިބާށޭ؟"

އެކުއްޖާ: "އާނއެކެވެ. އަހުރެން ތީގެ ޖަވާބުވެސް ދޭން ވާނެ އެއްނޫން ދޯއެވެ؟"

އެމީހާ އެތަނުން ފައިބައިގެން އައުމުން އެކުއްޖާ އެތަނަށް އަރާފައި ޖަވާބު ދިނެވެ: "އޭ ހައްދަވާ ގެންގުޅުއްވާ ޢިއްޒަތްތެރި އިލާހެވެ! އިބަ އިލާހު މި މީހުންގެ ކުރިމަތީގައި ތިމަންނާ އަށް ހެކިވެ ވޮޑިގަންނަވާށެވެ. އިބަ އިލާހު ދެންމެ އެ ކާފަރު ކަލޭގެ މިއުސްތަނުން ތިރިޔަށް ބާލައްވާ އެމީހާގެ ބަދަލުގައި މުސްލިމަކު މި އުސްތަނަށް އެރުވުމަށް އިރާދަކުރެއްވެވިއެވެ"

ބަލަން ތިބި މުސްލިމުންތައް ﷲ އަކްބަރުލް އަކްބަރޭ ގޮވާލިއެވެ. އަދި އެޔާއި އެކީ އެމީހާ ވަރަށް ލަދުވެސް ގަނެއްޖެއެވެ. ނަމަވެސް ދެވަނަ ސުވާލު ކުރިއެވެ.

އެމީހާ: "(ކަލޭމެންގެ) ކަލާންގެ އަށްވުރެން ކުރިން ވީ ކޮންއެއްޗެއް ހެއްޔެވެ؟"

އެ ކުއްޖާ: "10 އަކުން ފެށިގެން ދަށަށް ގުނަމުން ގެންދާށެވެ"

އެމީހާ: " 10 9 8 ...... 2 1 0 (އިތުރަކަށް ނުކިއެވެ. ނިންމާލިއެވެ)"

އެކުއްޖާ: "ސުމެއްގެ ކުރިން ވީ ކޮން އެއްޗެއް ހެއްޔެވެ؟"

އެމީހާ: "ނޭންގެއެވެ... ނެތެވެ"

އެކުއްޖާ: "އާނއެކެވެ. ﷲގެ ޙަޒްރަތައްވުރެ ކުރިއެއްވެސް ނެތެވެ. އެއީ އަބަދުވެސް ވޮޑިގެންވާ އިލާހެކެވެ"

ވަށައިގެން ވީ މީހުން ތަކުބީރު އަޑު ހަރުކޮށް ގޮވާލިއެވެ. އެމީހާ ހަނު ހިމޭން ވިއެވެ. ނަމަވެސް ލަދު ހިންދާލާފައި.... ތިންވަނަ ސުވާލު.....

އެމީހާ: "(ކަލޭމެންގެ) ކަލާންގެ ބަލަނީ ކޮން ދިމާ އަކަށް ހެއްޔެވެ؟" (އުތުރައް، ދެކުނަށް، ހުޅަނގަށް، އިރުމައްޗަށް........ ހެއްޔެވެ؟)

އެކުއްޖާ ހިނދުކޮޅަކު ވިސްނާން މަޑުކޮށްލާފައި ޖަވާބު ދިނުމުގެ ކުރީން އުއްބައްތި އަކަށް އެދުނެވެ. އުއްބައްތި ގެނައުމުން އެމީހާ އަށް އެ ދީފައި މި އަލިކޮށްފައި އަލިވާ ދިމާ ބުނެދޭށޭ ބުންޏެވެ.

އެމީހާ: "އެ ހުރިހާ ދިމާލަކަށް އަލިކުރެއެވެ."

އެކުއްޖާ: "ތިބާގެ ސުވާލަށް ޖަވާބު ވެސް ތި ދިނީ އަމިއްލަ އަށެވެ. އެކަލާންގެ ނޫރު ފުޅު ހުރިހާ ދިމާޔަކަށް ވާސިލުވެއެވެ. އެކަލާންގެ ބެއްލެވުމުން ބޭރުގައިވާ އެއްވެސް ފަރާތެއް ނުވެއެވެ"

މި ޖަވާބާއި އެކީގައި އެއްވެ ތިބި މުސްލިމުންތައް ތަކްބީރު ގެ އަޑުން އެތަން ގުގުމާލިއެވެ. އަދި އެ ބުއްދިވެރި މީހާވެސް އެކުއްޖާގެ އެ ވިސްނުމާއި މެދު ހައިރާންވެ ހުއްޓެވެ. އިނގިލައްވާހެއްޔެވެ؟ އަދި ފަހުން އެ ބުއްދިވެރި މީހާ އިސްލާމްވެ އެ ކުޑަ ކުއްޖާގެ ދަރިވަރަކަށް ވެސް ވެ ވަޑައިގަތެވެ.

ކިޔުންތެރިންނޭވެއެވެ! މިއީ ކޮން ކުޑަކުއްޖެއްކަން އިނގިލައްވާ ހެއްޔެވެ؟ މިއީ މި އުންމަތް ދުށް ބޮޑެތި ޢިލްމު ވެރީންގެ ތެރެއިން ވީ އެއް ޢިލްމުވެރި ލީޑަރެވެ. އާދެ އިމާމް އަބޫ ޙަނީފާއެވެ. މިއީ އެކަލޭގެފާނުންގެ ތުއްޕުޅު އިރުގެ ސަފްޙާތަކުން ސަފްޙާއެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ