ވާހަކަ

ބޯގަންވިލާ (ހަވަނަބައި)

ދެމީހުންދޭތެރޭގައި ޚިޔާލު ތަފާތުވުންތަކާ ކުދިކުދި އަރައިރުންތައް ހިނގަމުން ދިޔައެވެ. އުފެދެމުންދާ މައްސަލަ ފުޅާވަމުން ދިއަޔަސް ކޮޓަރިން ބޭރަށް މައްސަލަ ދިޔަ ނުދީ ލައްކަ ދުވަހު ލަމްޔާ ހިފެހެއްޓިއެވެ. ކަންކަން ސިއްރު ކުރެވޭނީވެސް ވަކި ވަރަކަށް ތާއެވެ.

ލަހުން ހުޒާމް ރޭގަނޑު ގެއަށް އަންނަނީ ލަހުންކަން ހުޒާމްގެ މަންމައަށް އެނގުނުރޭ ވީ ވަރަށް ވިއްސާރަ ރެއަކަށެވެ. ލަމްޔާ ހޮޑުލާލާ ވަރުބަލިވެގެން ދެމުނު ރެއެކެވެ. ގަޑިން އެކެއް ޖެހިއިރު ވެސް ހުޒާމް ގެއަކަށް ނާދެއެވެ. ފެންބޮވައިގަނެގެން ލަމްޔާ ނިކުތީ ފެންފޮދެއް ބުއިމަށެވެ. ފެންފޮދު ތައްޓަށް އެޅުމަށްފަހު ފެންފުޅި އަލަމާރިއަށްލާން ލަމްޔާ އެނބުރުނު ވަގުތު މޫނުމައްޗަށް އަނދިރިވެ ލަމްޔާ އަނބުރާގެން ވެއްޓުނީއެވެ. ވެއްޓެމުންދިޔަ ލަމްޔާ އެހީއަކަށް އެދި މޭޒުކައިރީ ހުރި ގޮނޑީގައި ހިފަހައްޓަން އެއްލި އަތުން ގޮސް ޖެހުނީ މޭޒުމަތީހުރި ފެންތަށީގައެވެ.

ހުޒާމްގެ މަންމަ ނާދިރާއަށް ހޭލެވުނީ އެއްޗެއް ތަޅައިގެން ދިޔައަޑަށެވެ. އިތުރު އަޑެއް އިވޭތޯ އޮތުމަށްފަހު އިތުރު ހިލަމެއް ނުވުމުން ވެސް ނާދިރާއަކަށް ނުނިދުނެވެ. މަޑުމަޑުން ތެދުވެ ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއިރު ނަދިރާއަށް ފެނުނު މަންޒަރުން މޭގަނޑު އަނގައަށް އައިކަހަލައެވެ. ހުރިހިސާބުން ލަމްޔާ ވެއްޓިފައި އޮތް ހިސާބަށް ނާދިރާއަށް ދެވުނު ގޮތެއް ވެސް ނޭނގެއެވެ.

ނާދިރާ ލަމްޔާއަށް ގޮވަމުން ރޮއެގަތް އަޑަށް ކުރިމަތީހުރި ކޮޓަރީގައި ނިދަން އޮތް ހުޒާމްގެ ކޮއްކޮ ފިޒާން ދުވެފައި ނުކުތެވެ. ބޭބެއަށް ގޮވާށޭ ނާދިރާ ބުނީ ފިޒާން ނިކުތުމުންނެވެ. ހުޒާމްމެންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާކަށް ނުޖެހުނެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އެނދު ހުރީ ހާމައަށް ފެންނާށެވެ. ހުޒާމް އެނދުގައި ނެތްކަން އެނގުމުން އެތައް ފަހަރަކު ފިޒާން ގޮވިއެވެ. ހުޒާމް ކޮޓަރީގައި ނެތޭ ބުނަމުން ދުވެފައި އައި ފިޒާން ގާތު އެތާ ހުރި ފުޅިތޮށިތަކަށް ނާރާ  ފެންތައްޓެއް ދޭން ނާދިރާ ބުނިއިރު ވެސް ލަމްޔާއަށް ގޮވަނީއެވެ.

ދެމައިންވެގެން ލަމްޔާގެ މޫނުމަތީ ފެންހާކާ އެތައްކަމެއް ކުރިފަހުން ލަމްޔާ ވަރުބަލި ގޮތަކަށް ލޯހުޅުވާލައިފިއެވެ. ކުރިމަތީ ތިބި މީހުން ފެނުމުން ހޯސްލާފައި ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއް ނެތިއެވެ. އެރޭވީ ހުޒާމްގެ އަނދިރި ފަރާތް ނާދިރާއަށާ ގޭ އެންމެންނަށް ފަޅާއެރި ރެއަށެވެ. އެކަމުގައި ވެސް ކުށްވެރިވީ ލަމްޔާއެވެ. އެހެންނަމަވެސް ނާދިރާ ހުޒާމް ގެނެސް މަޑުމައިތިރިކަމާއެކު ނަސޭޙަތްދީ އާދޭސް ކުރުމުން ދުވަސްކޮޅަކު ހަމައަކަށް އެޅިފައި ހުއްޓެވެ.

ލަމްޔާއަކީ ކޮންމެ މައިދައިތައަކު ވެސް ބޭނުންވާނެފަދަ ހީވާގި ގެވެހި ކިޔަމަންތެރި ދަނބިދަރިއެކެވެ. މޫނުމަތީ ބަސްބުނުމާ ހިތްހަމަ ނުޖެހުނީމާ މޫނުމަތިން އެކަން ދެއްކުމަކީ ލަމްޔާގެ ފަރާތުން ނުފެންނަ ރީތި ސިފަތަކެވެ. އަނެކުންނަށް އެހީތެރިވުމާ ގޭތެރޭގެ ކަންތަކުގައި އިސްވެ މަސައްކަތް ކުރުމާ ޚާއްސަކޮށް ސާފުތާހިރުކަމާ ތަރުތީބުކަމަކީ ލަމްޔާ ދެކެ އޭނަގެ މައިދައިތަ އެންމެ ލޯބިވާ ސިފަތަކެވެ.

ބުރަ އުނދަގޫ ދުވަސްތަކަކަށްފަހު އައިނީ ވިހޭ ރެއަކީ ލަމްޔާގެ ޙަޔާތަށް އައި އެންމެ އުފާވެރި ރެއޭ ބުނެވޭކަށްނެތެވެ. އެރޭވެސް އެހެން ރޭރެއެކޭ އެއްފަދައިން ރޭގަނޑު ކައިގެން ހުޒާމް ބޭރަށް ދާން ތައްޔާރުވާން ފެށިއެވެ. ހުޒާމް ނުކުމެގެން ދާނީކަން އެނގޭ އިރުވެސް އެ ހިތް އެދި ގޮވީ ހުޒާމް މިރޭ ނުގޮސް މަޑު ކުރުމަށެވެ.

ލަމްޔާ އޮތީ އެނދުގައި އޮށޯވެގެންނެވެ. އުނަގަނޑަށް ފާޑަކަށް ތަދުވާތީ އޮތީއެވެ. އަނެއްކޮޅުން ކުރިއަށްއޮތް ދުވަހަކީ ޑޮކްޓަރ ވިހާނެ ކަމަށް ދީފައިވާ ފަހުތާރީޚެވެ.

'' މިރޭ ބޭރަށް ނުގޮސް މަޑުކޮށްލަފާނަންތަ ! '' އާދޭހުގެ ރާގެއްގައި ލަމްޔާ އެހެންބުނީ ބަނޑުގައި ރިއްސަނީކަން ޔަގީންވާތީއެވެ. އެހެންނަމަވެސް ހުޒާމް އެނބުރި ބަލައިލިގޮތުން ވެސް ދެން އިތުރު އެއްޗެއްކޭ ބުނާހާ ހިތްވަރެއް ލަމްޔާއަކަށް ނުލިބުނެވެ. ހުޒާމް ނިކުމެގެން ދިޔައީއެވެ. ލަމްޔާގެލޮލުން ކަރުނަ ނައީ ކަރުނަ އޮއްސުމުގެ ބޭނުމެއް ނެތީމައެވެ. ހިތަށް ކިތަންމެ ވަރަކަށް ވެސް އަސަރު ކުރިއެވެ. މައެއްގެ ލޯބިން ނުލާހިކު ކުޑައިރު މަޙުރޫމްވެ މިސްކީނުވި ކުއްޖަކަށް ވެފައި ދުރުރަށެއްގައި ބައްޕަޔާ ވެސް ވަކިން މިފަދަ ޙާލެއްގައި އުޅެން ޖެހޭތީ ލަމްޔާގެ ހިތް ކުދިކުދިވާ ފަހަރު ކިތަންމެ ގިނައެއްކޮށް ވެސް އާދެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް ނަމާދުކުރުމާ ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަ ކުރާތީ ލަމްޔާއަށް އާދަޔާ ޚިލާފު ހިއްވަރެއް ލިބިފައިވެއެވެ.

ގަޑިން ގާތްގަނޑަކަށް ދިހައެއް ޖެހީއެވެ. ކުއްލިއަކަށް މާގަދަޔަށް އައި ވޭން ވަރަކާއެކު ވޯޓަރބޭގް ފަޅައިގެން ދިޔަކަން ލަމްޔާއަށް އެނގުމުން ބިރުން ރޮއެ ގަނެވިއްޖެއެވެ. އަދި އަވަހަށް ފޯނު ނަގައި ހުޒާމްގެ މަންމައަށް ގުޅިއެވެ. ނަސީބަކުން ދެ ފަހަރަކު ރިންގްވިތަނާ ނާދިރާ ފޯނުނަގައިފިއެވެ. އޭރު ލަމްޔާ އަޑުން އަޑުނަގާ މަންމާއޭ ކިޔައި ރޮނީއެވެ.

ނާދިރާ ދުވަމުން އައިސް ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލުމުން ދޮރު ހުޅުވިއްޖެއެވެ. ލަމްޔާ އޮތް ހާލު ފެނުމުން ނާދިރާގެ ހިތް ފަޅައިގެން ދިޔަ ފަދައެވެ. އަވަސް ވެގަތީ ހުޒާމްއަށް ގުޅުމަށެވެ. އެހެންނަމަވެސް ހުޒާމްގެ ފޯނު ރިންގްވި އަޑު އިވުނީ ޑްރެސިންގޓޭބަލް މަތިންނެވެ.

ނާދިރާއަށް ކަރު އެލުވާލެވުނެވެ. އަމިއްލަ ދަރިފުޅުގެ ހުރި ރަޙުމެއް ނެތްވަރު ފެނުމުން އެކަމާ ހިތާމަކުރަމުން ދެން ގުޅީ އެމްބިއުލަންސަށެވެ.

ލަމްޔާގެ ވިހެއުމުގެ ހުރިހާކަމެއްވެސް ދިޔައީ ﷲގެ ރަޙުމަތުން ވަރަށް ހަލުވި ކަމާއެކު ވަރަށް އަމާންކޮށެވެ. ކައިރީގައި ތިބީ މައިދައިތައާއި ފިޒާން އާއި އަވައްޓެރި ދެތިން މީހެކެވެ.

ދަރިފުޅުގެ މޫނު ފުރަތަމަ ފެނުނު ވަގުތު ލަމްޔާގެ ދެލޯ ފުރިގެން އައީ އުފަލުގެ ކަރުނައިންނެވެ. އެވަގުތު ބައްޕައަކާ ނުލާ ދަރިފުޅު ބަލަންޖެހުނަސް ރަނގަޅު ކުއްޖެއްގެ ގޮތުގައި ދަރިފުޅު ބޮޑުކުރަން ޢަޒުމުކަނޑައެޅިއެވެ.

ހުޒާމް ގެއަށް ދިޔައިރު ކޮޓަރި އޮތީ ހުސްކޮށެވެ. ލަމްޔާ ވީތަނެއް ބެލުމުގެ ޝައުގެއް ނެތް ހުޒާމް ޑްރެސިންގޓޭބަލްމަތީ އޮތްފޯނުނަގައި ބަލާލިއިރު ފަސްފަހަރު މަންމަ ގުޅާފައި އޮތެވެ. މަންމައަށް ކަމެއްވީކަމަށް ހީކޮށް  އަވަހަށް މަންމަގެ ނަމްބަރަށް ގުޅާލިއެވެ.

'' ހުޒާމް ކޮންތާކު ތިއުޅެނީ ! '' ނާދިރާ ސުވާލުކުރީ މަޑުން ނަމަވެސް އެ އަޑުގައި ހަރުކަށިކަމާ ރުޅިވެރިކަން އެކުލެވިފައިވިއެވެ. އަނެއްކޮޅުން ދުވަހަކުވެސް ދަރިފުޅާއޭ ކިޔާފަ ނޫނީ މަންމަ ވާހަކަ ނުދައްކާތީ އެހެރީ ވަރަށް ހިތްހަމަ ނުޖެހިކަން އެނގުނެވެ.

'' ގޭގަ ! '' ހުޒާމްގެ އަޑުއިވުމުން މަންމަ ބުނީލަމްޔާ ކުއްޖަކު ވިހެއި ވާހަކައެވެ.

'' ގޭގަތަ ހުޒާމް ހުންނަން ޖެހެނީ ! އެނގޭތަ ހުޒާމްގެ އަންހެނުންވިހޭކަން! '' ކިތަންމެ ރުޅިއައިއްސަ ހުއްޓަސް މަންމަގެ އަޑުގައިވަނީ މޮޅިވެރިކަމެވެ.

ހުޒާމްއަށް ފުރަތަމަ ފަހަރަށް ކަމަކަށް އިހުމާލުވެވިއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. އަމިއްލަ ޒިންމާއަކަށް ފަރުވާ ކުޑަކުރެވިއްޖެ ކަމުގެ އިހުސާސް ވެސް މެއެވެ.

ހޮސްޕިޓަލަށް ހުޒާމް ވަދެގެންދިޔައީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ހުޒާމް ހަމަ ވަންތަނުން އެންމެންވެސް ތިބީ ވަރަށްބޮޑަށް ވެސް ހިތްހަމަ ނުޖެހިފައިކަން އެންމެންގެ މޫނުމަތިން އެނގެން ހުއްޓެވެ. ހުޒާމު ލޭބަރ ރޫމުގެ ދޮރުން ވަނުމާއެކު ނާދިރާ ފިޔަވާ އެހެން މީހުން ދިޔައީ ގެއަށެވެ . އޭރު ފަތިސްވާން ގާތްވެއްޖެއެވެ.

ލަމްޔާގެ ލޯ މަޑުމަޑުން މެރެމުން ގޮސް ނިދުނުއިރު މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. ލޮލުން ފޭބިކަރުނަތައް ހުރީ ހިކިފައެވެ. މާޒީގެ ހިތި ހަނދާންތަކާއެކު ވެސް ލަމްޔާގެ ހިތުން ހުޒާމްގެ ނަން ފޮހެ ނުލެވިގެން އުޅެނީ ހުޒާމް ކުރަހައިލި ރޮނގަށްވުރެ ދިގު ރޮނގެއް އެހެންމީހަކު އެޅިޔަ ދޭން ލަމްޔާ ފުރުސަތު ނުދޭތީ ކަމަށްވެދާނެއެވެ.

ހެނދުނު ތެދުވިއިރު ލަމްޔާގެ މޫޑުވަނީ ބަދަލުވެފައެވެ. ހުރެވުނީ ނެގި މަޑުވެފައެވެ. ކޮންމެވެސް ކަމަކާ ހުރީ ހިތް ނުތަނަވަސްވެފައެވެ. އައިނީ ގެންގޮސް ހިދާޔާގެ މަންމައާ ޙަވާލުކުރަމުން ، މަންމަ އެނބުރިއައިސް މާމައަށް ގުޅައިދޭނަމޭ ބުނުމުންވެސް މިއަދަކު އެ މައުސޫމު މޫނުމައްޗަކުން އުފާވި ކަމުގެ ނިޝާނެއް ނުފެނުނެވެ. ޢާންމުކޮށް ހުޒާމްއާ ނުގުޅިއްޖެއްޔާ ހުޒާމްގެ މަންމައަށް ގުޅާދިނުމުންވެސް އައިނީ ހަމައަކަށް އެޅެއެވެ. އެކަމަކު މިފަހަރު އައިނީގެ ފަރާތުން ފެނުނީ ތަފާތު ކުލަވަރެކެވެ.

ރޭގެ ކަންތަކުން އައިނީ މާބޮޑަށް ދެރަވީކަމަށް ވެދާނެއެވެ. ނުވަތަ އައިނީގެ ބައްޕަ އައިނީ ދެކެ ލޯބި ނުވާކަމަށް އަމިއްލައިން ނިންމީ ނޫންބާވައޭ ލަމްޔާ ހިތަށް އެރިއެވެ. އެވަގުތުވެސް ދަރިފުޅުގެ ނަސީބުދެރަކަމާ މެދު ފިކުރު ހިންގައިލެވުނެވެ. އެހެން ހިތަށް އެރުމުން ވެސް ލަމްޔާގެ މެއަށް ބާރަކަށް މީހަކު ފިތައިލިކަމުގެ ހިޙުސާސް ވުމުން ކަރު ހިކިގެންދިޔައެވެ. ދަރިފުޅަށްޓަކައި އެ ހިތުގައި ވަނީ ރަޙުމާ ޙަމްދަރުދީއެވެ. ލޯތްބާ ކުލުނެވެ. އަޅާލުމާ އޯގާތެރިކަމެވެ.

ދުވަސްތައް މާޒީވަމުންދެއެވެ. ޖުލައި ސައްބީހުގެ ބަންދު އައީ ހަފުތާގެ ފަހުކޮޅަށެވެ. އެހެންކަމުން ހަތަރު ފަސް ވަރަކަށް ދުވަސް ޗުއްޓީއަށް ލިބުމުން ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ކިތަންމެ ބަޔަކު ޗުއްޓީއަށް އާއިލާ ކައިރިއަށް އައެވެ.

ލަމްޔާއަކީ ގެއިން ބޭރަށް މާގިނައިން ގޮސް އުޅޭ މީހެއް ނޫނެވެ. އެހެން ނަމަވެސް އައިނީއާއެކު ތަފާތުގޮތަކަށް މި ކުރު ޗުއްޓީ ހޭދަ ކުރަން ބޭނުންވާތީ ދަރިފުޅު ގޮވައިގެން ބީޗަށް ދާން އައިނީ ގާތު ލަމްޔާ އޮތީ ބުނެފައެވެ. ބީޗަށްދާން ރާވާފައި އޮތްދުވަހު ހެނދު ޚަދީޖާ ، ސާރާ ގޮވައިގެން އެގެއަށް އައީ އާދައިގެ މަތިން އިރުކޮޅަކަށް ސާރާ އެގޭގައި ބެހެއްޓުމަށެވެ. އެއީ މިހާރު ވަރަށް ގިނައިން ޚަދީޖާ ހަދާ ގޮތެކެވެ. އެކަމާ ލަމްޔާ ވެސް ވަރަށް އުފާވެއެވެ. އަމިއްލައިން ގުޅާފައިވެސް ބައެއް ފަހަރު ސާރާ އެގެއަށް ގެނެސްދޭން ލަމްޔާ ބުނެއެވެ. ބޭނުންވަނީ އައިނީއަށް ރައްޓެއްސަކު ހޯދައިދިނުމާ އެކުގައި ކުޅެ ވަގުތު ހޭދަކޮށްލާނެ އިތުރު ފަރާތެއް ހޯދައި ދިނުމެވެ.

'' ޚަދީޖާއްތަ ! ހިނގާބަލަ ހަވީރު މި ކުދިން ގޮވައިގެން ބީޗަށް ދާން ! އެ ގޮތަށް މާހައުލު ބަދަލުކޮށްލާ ބީޗުގައި ކުޅެހަދާލުމަކީ ސިއްޙިގޮތުން ވެސް ކުދިންނަށް ވަރަށް ފައިދާކުރާނެ އަދި ކުދިންގެ އިޖުތިމާޢީ ގުޅުންވެސް ރަނގަޅުވާނެ ކަމެކޭ! ''

ލަމްޔާ ބޭނުންވީ ކަމުގެ ބޭނުންތެރިކަން ޚަދީޖާއަށް ވިސްނައި ދިނުމެވެ. ހީވެސް ނުކުރާހާ ފަސޭހައިން ޚަދިޖާ އެކަމާ އެއްބަސްވެ ތައްޔާރުވާންވީ ގަޑި އަހާފައި ހިނގައްޖެއެވެ.

ހަވީރު ހަތަރެއް ޖެހިއިރު އައިނީ ހުރީ ބީޗަށްދާން ތައްޔާރުވެގެންނެވެ. ލަމްޔާ ދިޔައީ އައިނީއާއި ސާރާއަށް ބޭނުންވާނެ ބައެއްކަހަލަ ލުއިކާނާއާއި ބޯނެ އެއްޗެއް ގަތުމަށެވެ.  ލަމްޔާ އެނބުރި އައިއިރު ލަމްޔާމެން ދިރިއުޅޭ ފްލެޓްގެ ބޭރުގައި ސައިކަލެއްގެ މަތީ އިށީނދެއިން މީހާ ލަމްޔާގެ ލޮލުގައި އަޅާގަތީ ވަރަށް ކައިރިވިފަހުންނެވެ. އެ ގޮތަށް އެގޭ ކުރިމަތީ މީހަކު އިނުމުން އެއީ ކާކުތޯ ބެލުމަށް ލަމްޔާ ކުޑަކޮށް ހިނގުން މަޑުކޮށްލިއެވެ. މީހެއްގެ ހިލަން ވެގެން ސައިކަލުމަތީ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ފަރުހާން ފަހަތަށް އެނބުރި ބަލައިލީ މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުންނެވެ.

ދެމީހުންގެ ލޯ ފުރަތަމަ ފަހަރަށް ބައްދަލުވެ ހިނދުކޮޅަކަށް ދެމިގެންދިޔައެވެ. ފަރުހާންގެ ބެލުމުން ލަދުގަނެގެން އެންމެފުރަތަމަ އިސްޖަހައިލީ ލަމްޔާއެވެ. ލަމްޔާ އިސްޖަހާލުމުން ވެސް ފަރުހާން އިންގޮތަށް އެމޫނުން ނަޒަރު ވަކިކޮށްނުލެވި ހިނދުކޮޅަކު އިނެވެ. މިހާ ގާތުން ލަމްޔާ ފެނުމުގެ ފުރުސަތު ފަރުހާން އަށް މިލިބުނީ އަދި ކިރިޔާއެވެ. ގޭގެ ބެލްކަނީގައި އިނދެގެން ލަމްޔާ ބޯގަންވިލާ ގަސްތަކަށް ފެންދޭތަން ބަލަން ކިތަންމެ ދުވަހަކު ފަރުހާން ހުއްޓެވެ. އެހިސާބުން ފެންނައިރު ފާހަގަ ކުރެވުނީ ހަމަ އެކަނި ލަމްޔާގެ މޫނުގެ ބައްޓަމާ އިސްކޮޅާ ރޫފައެވެ. އަދި ހަމުގެ ދޮންމިން ވެސް ކޮންމެވެސް ވަރަކަށް ވަޒަން ކުރެވެއެވެ.

ލަމްޔާގެ މޫނުގެ އަލިކަމާ ދެލޮލުގެ ވިދުމުގެ އަސަރުގައި ފަރުހާން ޖެހޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ. އެ ހިތްގައިމު މޫނުމަތީގައި އުފާވެރިކަމުގެ ކުލަވަރު ފަނޑުކަން ފަރުހާންއަށް ފާހަގަ ކުރެވުނީ ކުއްލިއަކަށެވެ. އެވަގުތު ކުރީރޭ ގުޅިއިރު ލަމްޔާ ރޮނީކަން ހަނދާންވެ ފިރިމީހާ ލަމްޔާއަށް ގޯހީ ކީއްވެބާވައޭ ހިތާ ހިތާ ސުވާލުކުރެވުނެވެ.

'' ހެލޯ! ''

އިސްޖަހާލައިގެން އިރުކޮޅަކު ހުރުމަށްފަހު އިސް އުފުލައިލި އިރުވެސް ފަރުހާން ބަލަހައްޓައިގެން އިންތަން ފެނުމުން ލާމަށް ދަމާލަމުން ލަމްޔާ ފަރުހާންއަށް ގޮވައިލިއެވެ.  ގެއަށް ވަނުމުގެ ކުރިން ސާރާ ކޮބައިތޯ އަހާލަން ވެސް ބޭނުން ވެގެންނެވެ.  ދެންވެސް ލަމްޔާއަށް ފެނުނީ ކަޅި ޖަހާނުލައި ލަމްޔާއަށް ބަލަހައްޓައިގެން ފަރުހާން އިންތަނެވެ.                           ( ނުނިމޭ )

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ