މިމީހާ އެތާގައި އެނބުރެނިކޮށް އެތަނަށް ބަކަރި ހުއިހައްޕާ މީހަކަށް ދެވިއްޖެއެވެ. އެމީހާ އެތަނަކަށް ގޮސް އަންހެން މީހާއާއި ފާޙިޝް ޢަމަލުތައް ހިންގާ އެންމެ ފަހުން އަންހެން މީހާ ބަނޑުބޮޑު ވެއްޖެއެވެ. ދެން ދުވަސްފުރާ އަންހެންމީހާ ވިހާފިއެވެ. މިކުއްޖާ ވިހެއުމުން ބަނީ އިސްރާއީލުގެ ބާގައިގެ މީހުންގެ ކައިރިއަށް މި އަންހެންމީހާ ބުނަނީ މިދަރިއަކީ ޖުރައިޖުގެ ދަރިއެއް ކަމަށެވެ. ދެން އެމީހުން ޖުރައިޖު ފަދަ އަޅުވެރިއަކު އެފަދަ ފާޙިޝް ޢަމަލެއް ކުރުމުން އެންމެން ވަރަށް ރުޅިއަތުވެއްޖެއެވެ. ދެން ޖުރައިޖު އަޅުކަން ކުރަން ހުރި ތަން ތަޅާ ސުންނާފަތި ކޮށް، ޖުރައިޖަށް އަނިޔާކުރަން ފެށިއެވެ.
ދެން ޖުރައިޖު، އެބައިމީހުންގެ މައްސަލައަކީ ކޮބާތޯ ސުވާލުކުރިއެވެ. ދެން އެމީހުން ބުނަނީ ޖުރައިޖު ޒިނޭ ކުރީ ކަމަށާއި މިހާރު ދަރިއަކުވެސް އެބައޮތް ކަމަށެވެ. ދެން ޖުރައިޖު، އެކުއްޖާ ކޮބައިތޯ ސުވާލު ކުރިއެވެ. އަދި އެކުއްޖާ ދެއްކުމަށް އެދުނެވެ. ދެން ޖުރައިޖު އެކުއްޖާ ކައިރިއަށް ގޮސްފައި އޭނާއަށް ނަމާދެއް ކޮށްލުމަށްޓަކައި ވަގުތުކޮޅެއް ދިނުމަށް އެދުނެވެ. ދެން އެބައިމީހުން ޖުރައިޖަށް ވަގުތުކޮޅެއް ދިނުމުން ޖުރައިޖު ނަމާދުކުރިއެވެ. އަދި ނަމާދު ނިމުމުން އެކުޑަ ކުއްޖާއާއި ސުވާލުކުރިއެވެ. އޭ ކޮއެފުޅާއެވެ. ކޮއެފުޅުގެ ބައްޕައަކީ ކާކުހެއްޔޭ ބުނުމުން އުރުގައި އެއޮތް ކުޑަ ކުއްޖާ ތިމަންނާގެ ބައްޕައަކީ އެއްކަލަ ބަކަރި ހުއިހައްޕާ މީހާއެވެ.
ދެން ޖުރައިޖު ގައިގައި އެރަށު މީހުންތައް ފިރުމާ ބޮސްދީ، ޖުރައިޖު އަށް އަޅުކަން ކުރާނެ ތަނެއް ރަނުން ހެދުމަށް ވައުދުވިއެވެ. ނަމަވެސް ޖުރައިޖު އެތަން ކުރިން ހުރި ގޮތަށް މަށިން ހަދަން ބޭނުންވިއެވެ.
މި ޙަދީޘުން ޢިލްމުވެރީން ވަރަށް ގިނަ ފައިދާތައް ނަންގަވައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް މައިންބަފައިންނަށް ހެއޮކޮށް ހިތުމުގެ މުހިއްމު ކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅުގެ މާނައިގައި ވެއެވެ. އެންމެ ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯ ރަސޫލާއާއި ސުވާލު ދެންނެވުނެވެ. އެހިނދު ހަދީޘް ކުރައްވަނީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. އެއަށްފަހު ދެން ކޮން ޢަމަލެއްތޯ ދެންނެވުމުން ޙަދީޘް ކުރައްވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.
ދެވަނަ ފައިދާއަކީ މައިންބަފައިން ދަރީންނަށް ކުރާ ދުޢާގެ މުހިއްމުކަމެވެ. ދަރީންގެ މައްޗަށް މައިންބަފައިން ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެއެވެ. އަދި ހަމަ އެހެންމެ ދަރީންގެ ފަރާތުން ނުރުހޭ ކަމެއް، ނުވަތަ ނޭދެވޭ ޢަމަލެއް ފެނުނު ކަމުގައި ވިޔަސް އެކަމާ އަޅުގަނޑުމެން ބަދު ދުޢާ ކޮށްގެން ނުވާނެ ކަމަށާއި، އެކުދީން އިސްލާޙު ކުރުމަށް އެކުދިންނަށް ހެޔޮ ދުޢާ ކުރަން ޖެހޭނެ ކަމަށްވެސް ޝެއިޚްގެ ވާހަކައިގައި ވިދާޅުވިއެވެ.
އަނެއް ފައިދާ އަކީ ސުންނަތް ކަންތައްތަކުގެ މައްޗަށް މައިންބަފައިން އިސްކުރުމެވެ. އަދި ﷲ ތަޢާލާއަށް ބިރުވެތިވެ ޞާލިޙް އަޅުންނަށް ރައްކާތެރިކަން ދެއްވާ އެއިލާހުގެ ޙިމާޔަތް އެބައިމީހުންނަށް ވާކަމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލައްވާ، ދުނިޔެއާއި އާޚިރަތުގައި ހެޔޮކަމާއި ބާއްޖަވެރިކަން ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު