ކޮލަމިސްޓްވާހަކަދީނީ ލިޔުން

"އައްޒުމަރު 53"

"ގަޑިއެއްހާއިރުގެ ވީޑިއޯ ކޯލެއް ބިޓަށް ކޮށްލުމަށްފަހު ހެޑްސެޓްނުނަގާ އެއޮތްގޮތަށް އޮވެ ނިދަން ފަސޭހައަކަށް އަލީރަމީޒުގެ ލަވައެއް ޖަހާލީމެވެ. އޭރު ގަޑިން ފަތިހު 4 ޖަހަނީއެވެ. ލަވައިގެ ތެރެއަށް ގެނބިގެން އޮއްވާ ނިދުނު އިރެެއްވެސް ނޭނގެއެވެ. ބައި ގަޑިއެއް ހާއިރުވެސް ނުވެ ކުއްލިއަކަށް ހޭލެވުނީ ނޭވާ ނުލެވިގެންނެވެ.

މުޅި މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. ހީވަނީ ބޮޑުކަންތައް ގަނޑެއް ވާން އުޅޭހެންނެވެ. އަނގައިން ބަހެއް ބުނަން އުޅެ ނުބުނެވުނެވެ. ދޫހަރަކާތެއް ނުކުރެވުނެވެ. މޭފިތޭހެން ހީވެއެވެ. އަތްފައި ގުޑުވައިވެސް ނުލެވުނެވެ. ފަޔަށް ފިނިވާކަހަލަ އިހުސާސެއް ވާންފެށިއެވެ. މިއީ އަހަރެންގެ އެންމެ ފަހުވަގުތުބާއޭ ހީވިއެވެ. ޝަހާދަތް ކިޔަން މަސައްކަތް ކޮށްކޮށް ބަލިވެއްޖެއެވެ. ނުކިޔުނެވެ.

އަހަރެންގެ ހާލު އަހަންނަށް ވިސްނާލެވުނެވެ. އުމުރުން 24 އަހަރުވެގެން ދިޔައިރު އަހަރެންނަކީ އެއްގޮތަކަށްވެސް ނަމާދު ކުރާމީހަކީމެއްނޫނެވެ. ޤުރުއާން ހަތިމުގައި ސުކޫލުގައި އުޅުނު އިރު އަތްލި ގޮތަށް ނާތްލަމެވެ. ރޯދަ މަހު ހަމައެކަނި ހައިބަނޑާހުރެ ރޯދަހިފަމެވެ. އެކަމަކު ނުކެޔަސް ސިގިރޭޓް ބޮމެވެ. ރިސޯޓްގައި އުޅުނުއިރުވެސް މިހާރުވެސް ގަދަޔަށް ރާބޮމެވެ. ޕޯންބެލުމަކީ އަހަރެންގެ ކަށީގައި ހިފާފަ ހުރިކަމެކެވެ. ފިލްމާއި މިޔުޒިކަކީ މަގޭ ހުސްވަގުތުގެ ބައިވެރިޔާއެވެ. ބިޓާއި ދިމާވާ ކޮންމެ ރެއަކު ޒިނޭކުރަމެވެ. ޕަބްޖީއަކީ މަގޭ ހިތުގެ ވިންދެވެ. ނިދިނަގާލާފަވެސް ޕަބްޖީއަށް ފިދާވަމެވެ. އުޅެމުން މިދަނީ އަހަރެން ހިތުން އަރާމު ރީތި ކޫލް ލައިފެކެވެ. ދުލުން ޝަހާދަތް ކިޔާލަނިކޮށް ނިމުނީކަމަށް ދުށީމެވެ. މަރުވަމުންވެސް ޝަހާދަތް ކިޔާލާނަމޭ ހިތީމެވެ. އެހެނަސް މިހާލަތު ދެކިބަލާށެވެ.

ސުބްޙާނަ ﷲ! މިހާ ޣާފިލް ހާލުގައި ވަނިކޮށް އަހަރެންގެ ފުރާނަ ގެންދަވަނީބާއޭ ހިތަށްއެރިއެވެ. މިފާފަތަށް ފުހެވޭނެ ގޮތެއް އޮންނާނެބާއޭ ހިތަށް އެރިއެވެ. މަރުމަތީ ޝަހާދަތް ނުކިޔޭ މީހާގެ ހާލު ހިތަށް އަރާ ރޮވެންފެށިއެވެ. އަހަރެން ނަރަކައިން ދުވަހަކުވެސް ނުނިކުމެވޭނެއޭ ހިތް ބުނަންފެށިއެވެ. ދެލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ ފައިބަމުން ދިޔައެވެ. އެއޮތްގޮތަށް އޮވެ އަހަރެން ހިތާހިތުން ދުޢާކުރަން ފެށީމެވެ.

"ޔާ ﷲ! ޣާފިލް ކަމުގައި މިއަޅާ ވަނިކޮށް ފުރާނަ ނުހިތްޕަވާށި. މިއަޅާއަށް ތައުބާވުމުގެ ފުރުސަތު ދެއްވާށި. ދެން އިންޝާ ﷲ ދުވަހަކުވެސް އެޣާފިލް ކަމަށް އެނބުރި ނުދާނަމެވެ. ޔާ ﷲ! ޔާ ﷲ!"

އަހަރެންގެ ހިތަށް ނިދާއެއް އިއްވުނު ކަހަލަ އިޙްސާސެއް ވެގެންދިޔައެވެ. ލޯމަރާލެވުނެވެ. "އައްޒުމަރު 53" ތަކުރާރުކޮށް ހިތަށް އަރަން ފެށިއެވެ. ވައި އަޑުން ކަންފަތް ކައިރި ބުނާހެންވެސް ހީވެއެވެ. އެއީ ކޯޗެއްބާއެވެ؟ "އައްޒުމަރު 53".. އަހަރެންނަށް ލޯހުޅުވާލެވުނެވެ. ދޫ ހަރަކާތް ކުރެވެން ފެށިއެވެ. ފައިގެ ފިނިކަން ކެނޑެން ފެށިއެވެ. އަހަރެންނަށް ސިފަވެގެން ދިޔައީ ކުޑައިރު މުހައްމަދު ރަސޫލު ﷲ ފިލްމުން ފެނުނު މަންޒަރެކެވެ.

ސަލާމްލެއްވި އިބްރާޙިމް އަލައިހިއްސަލާމްގެ އަނބިކަނބަލުން ސާރާ ފިރުއައުނުގެ ގަނޑުވަރަށް ގެންގޮސް އެކަމަނާގެ ހަށިގަނޑުގައި އަތްލާން އުޅުނު ހިނދު އެދެއަށް ކަސްތޮޅުއެޅި ދޫބަންދުވިގޮތެވެ. އެހެނަސް ދެން ދުވަހަކުވެސް އެ ޠާހިރު ހަށިގަނޑުގައި ނުބީހޭން ވަޢުދުވީ ހިނދު އެކަލާނގެ ފިރުއައުނުގެ އަތް ކަސްތޮޅުން ވީއްލި ދޫ ހަރަކާތް ކުރެވުނު ހާދިސާއެވެ. މަޑުމަޑުން ތެދުވީމެވެ. ފޯނުނަގައި އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް ހޯދީމެވެ.

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ."

ސުބްޙާނަﷲ! އެކަލާނގެ އަހަރެން ޣާފިލް ހާލުގައި އޮވެ ކުރި ދުޢާގެ ޖަވާބު ދެއްވިގޮތް ދެކިބަލާށެވެ. ﷲ އަކްބަރު!

އެއިވެނީ ފަތިހުގެ ބަންގީގެ އަޑެވެ. އަހަރެން އަވަސް އަވަހަށް ގޮސް ފެންވަރާ ހިނައިތޯހިރުވީމެވެ. ކަރުގައި އޮތް ފަށާއި އަތުގައި ހުރި އަނގޮޓިތަކާއި އަތްފައިގައި ހުރި ވާފަށްތައް ނެގީމެވެ. ރަނގަޅަށް ކުރަން ނޭނގުނަސް އިނގޭގޮތަކަށް ކުރީމެވެ. ވުޟޫކުރަން އުޅެ ތަރުތީބުވެސް ހަނދާނަށްނައެވެ. ނުކުރަންޏާ ވާނީ އެހެންތާއެވެ. އެހެނަސް ހީވާ އެންމެ ރަނގަޅަކަށް ކޮށްގެން އައިސް ފަޓުލޫނެއް ހޯދީމެވެ. ދެ ފަޓްލޫނު ނޫނީ އެކަށްވެސް ހުރީ ފައިފަލަމަސްގަނޑު މެދަށް އަރާ ސޯޓެވެ. ފަޓްލޫނެއް ލައި ޓީޝާޓެއް ލައިގެން ނަމާދުކުރަން ހުއްޓުނީމެވެ. ނަމާދުގެ ހަރަކާތްތައް އިނގުނަސް ކިޔާ ތަސްބީޙަތަކެއް ހަނދާނެއްނެތެވެ.

އެންމެ ކުޑަމިނުން އަލްޙަމްދު ކިޔަން އުޅެވެސް އެއްކޮށް ނޭނގުނެވެ. އަހަރެންނަށް އަހަރެންގެ އަސްލު ސައިޒު އިނގުނީދެނެވެ. ގަދަވެފަ ޔޯވެފަ އުޅުނަސް އަސްލު ސައިޒު ޒީރޯކަން އެނގުނެވެ. ތަސްބީޙަތައް ނޭނގޭ ޙާލު ﷲ އަކްބަރު، ސުބްޙާނަ ﷲ އެކަނި ކިޔަމުން 2 ރަކުއަތުގެ ހަރަކާތްތައް ކުރީމެވެ. މަޑުމޮޅިކަމާއެކު އަތް އުފުލާ ދުޢާކުރީމެވެ. ތަޢުބާވެ ދެން ދުވަހަކުވެސް އެނގިހުރެ ފާފައަކަށް އަރާނުގަތުމަށް އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. ލަވަތަކުގެ ލިރިކްސްއަށްވުރެ ދަސްކުރަންޖެހޭ އެއްޗިހިތަކެއް ވާކަން އިނގުނެވެ. މާދަމާއިން ފެށިގެން ދަސްކުރުމަށް އަޒުމް ކަނޑައެޅީމެވެ. ދުވަސް ފެށިގެން ދިޔައީ މުޅިން އާ މީހެއްގެ ގޮތުގައެވެ. އާދީނަކަށް ވަދެވުނު އިޙްސާސްތަކެއް ކުރުވަމުންނެވެ.

"އަލްޙަމްދު ﷲ! އަހަރެން މިގޮތުގައި ސާބިތުވެ ހުންނަތާ ދެ އަހަރު ފަހަނައަޅާ ގޮސްފިއެވެ. މިހާރު ޤުރުއާން ކިޔެވުމާއި ދީނީ އިލްމު ހޯދުމަކީ އަހަރެންގެ ހޮބީ ކަމުގައި ވެއްޖެއެވެ. އިނގޭހެއްޔެވެ؟ މާދަމާއަކީ އިންޝާ ﷲ ތަޤުވާވެރި، އިއްފަތްތެރި އުޚްތަކާއި އަހަރެން ކައިވެނި ކުރާ އުފާވެރި ދުވަހެވެ. މިއަދު އަހަންނަކީ ސުންނަތުގައި ހިފާ، އެގޮތަށް އަމަލުކުރަން މަސައްކަތްކުރާ މީހަކީމެވެ."

އެކުވެރިންނެވެ. އަހަރެން މިވާހަކަ މި ހިއްސާކޮށްލީ ފަހަރެއްގައިވެސް އަހަރެންގެ މޮޅު ކަނޑާކަށްނޫނެވެ. ފާފަ މައްޗަށް ފާފަކުރަމުންގޮސް އަމިއްލައަށް ނަރަކައިގެ އަހުލުވެރިއެއްގޮތުގައި ނިންމައިގެން ތިބި ޒުވާނުންނަށް އިބްރަތަކަށެވެ. ފަހަރުގައި ކޮންމެ މީހަކަށް މިފަދަ ހާދިސާއެއް ދިމާނުވެދާނެއެވެ. ނޫނީ މިއަށްވުރެ ބިރުވެރި ކަމެއްވެސް ހިނގާފާނެއެވެ. ފާފައިގައި ޣަރަގުވެފައި ވާހާލު، ތައުބާ ނުވެވި އަހަރެންގެ ބައެއް އެކުވެރިންވެސް ދުނިޔެ ދޫކޮށް ގޮސްފިއެވެ. ވީއިރު މާދަމާއަށް ތައުބާވުން ލަސްނުކުރާށެވެ. ވަގުތު ފާއިތުވެދާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *