ރިޕޯޓް

ވެރިކަން ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަކީ ޖަރީމާއެއް (ފަހު ބައި)

މަޖިލިސް ހުސްކޮށް

އަޅުގަނޑުމެން އަމިއްލައަށް ﷲ އަޅުގަނޑުމެންނަށް ދެއްވި މަތިވެރި ޝަރީޢަތް ނަގާ އެއްލާލީއެވެ. އޭގެ ބަދަލުގައި އިސްތިޢުމާރީ ނަޒަރިއްޔާތުގައި ހިފީއެވެ. އެނިޒާމުތައް އަމިއްލަކުރީއެވެ.

މިގޮތުން މިއަދު މުސްލުމުން ބަލިކަށިވެފައިވުމުން އެބައިމީހުންގެ ޤައުމުތަކުގައި ޝަރީޢަތް ޤާއިމު ނުކުރެވެއެވެ. މަޖުބޫރުވެފައިވަނީ ހުޅަނގުގެ ޑިމޮކްރަސީއަށާއި، އިސްތިޢުމާރީ އޮއިވަރަށް ތަވާވުމަށެވެ.

ޑިމޮކްރަސީއަކީ ދައުލަތް ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލާ ނިޒާމެކެވެ. އަދި އިސްލާމްދީން ހުއްދަނުކުރާ ބައެއް ނުކުތާތަކުގެ މައްޗަށް އެކުލެވިގެންވާ ނިޒާމެކެވެ. މިހެންކަމުން، އަޅުގަނޑުމެން މުސްލިމުންގެ ބަލިކަށިކަމުން، އަދު ﷲގެ ޝަރީޢަތް އަޅުގަނޑުމެންގެ ޤައުމުތަކުގައި ޤާއިމު ނުކުރެވުނަސް، ޑިމޮކްރަސީގެ ހުރިހާ އުޟޫލުތަކާއެކު ޑިމޮކްރަސީ ބަލައިގަތުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.

ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު އެއިން ކޮންމެ ޤައުމެއްވެސް ޑިމޮކްރަސީ ބައްޓަން ކުރަނީ އެބަޔަކު ދެކޭ ހަމަތަކުގެ މައްޗަށެވެ. މިހެންކަމުން ޑިމޮކްރަސީގައި ހުރި އިސްލާމްދީނާއި ތަޢާރުޟްވާ ކަންތައްތައް އެއްކިބާކޮށްފައި، އިސްލާމްދީނާއި ގުޅުންހުރި، ދީން މަނާކޮށްފައިނުވާ އުޟޫލުތަކުގައި ހިފައިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އޭރުން ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެހެނިހެން ދީންތަކަށް ފުރުޟަތެއް ނޯންނާނެއެވެ. އެހެނިހެން ދީންތަކަށް މިނިވަންކަން ދިނުމަށް ކުރެވޭ ދަޢުވާތައް އުފުލާކަށް ފުރުޞަތެއް ނޯންނާނެއެވެ.

އޭރުން ދީންތަކަކށް މިނިވަންކަމެއް ނުދެވޭނެއެވެ. އިސްލާމީ ޝަރީއަތާ ޚިލާފު ކަމަކަށް ކިތައްމެ އަޣުލަބިއްޔަތެއް ލިބުނަސް ފާހެއްނުވާނެއެވެ. އިސްލާމީ ޝަރީޢަތް އެކަހެރިކޮށްފައި އެކީ އެކައްޗަށް ޑިމޮކްރަސީ ބަލައިގަތުމަކީ ކަނޑއެޅިގެން ޙަރާމްކަމެކެވެ. އަދި ޑިމޮކްރަސީ އެކީ އެކައްޗަކަށް ޙަރާމޭ ބުނެ އަތް އޫރާލައިގެން ހުސްއެކަނި އަޅުކަން ކުރަން ތިބުމަކީވެސް ހުއްދަކަމަކަށް ނުވާނެއެވެ.

އިސްލާމްދީނާ ޚިލާފު ކަންތައްތަކުން ޤައުމު ޙިމާޔަތް ކުރުމަކީ ވާޖިބު ކަމެކެވެ. މިގޮތުން ޤާނޫނާއި ޤަވަޢިދުތައް އެކުލަވާލެވޭ ތަންތަނަށް ވަދެވެން އޮތީ ސިޔާސީ ނިޒާމުގެ ތެރެއަށް ވަދެގެން ކަމުގައިވަނީނަމަ، އަދި ވެދެވެން އޮތީ މިސާލަކަށް ޕާޓީ ނިޒާމުގެ ތެރެއިންނަމަ، ދީން ޙިމާޔަތް ކުރުމަށްޓަކައި އަޑު އުފުލުމަށް ޕާޓީ ހެދުމަކީ ކަނޑައެޅގެން ވާޖިބުވެގެންވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ދީނަށް ނަޞްރު ދިނުމަކީ ވާޖިބުކަމެކެވެ.

އެވާޖިބު ފުރިހަމަ ގޮތުގައި އަދާކުރެވެން އޮތީ ވަކި ކަމެއް ކުރުމުން ކަމުގައިވަނީނަމަ އެކަމެއް ކުރުން ކަނޑައެޅިގެން ވާޖިބުވާނެއެވެ. ބަލަބަލައި ތިއްބާ ޝަރީޢަތް އެކަހެރިވަމުންދަނީއެވެ. މަތިވެރި އިލާހީ ޝަރީޢަތް އެކަހެރި ކޮށްފައި ހުޅަނގުގެ ޑިމޮކްރަސީގެ ޝިކާރައަކަށް ޤައުމު ވެގެން ދިއުމަށް ދޫކޮށްލުމަކީ ފާފަވެރި ނުވާނޭ ކަމެއް ހެއްޔެވެ؟ ވިސްނާލުން ހުއްޓެވެ! އިސްލާމް ދީނަކީ ހަމައެކަނި މިސްކިތުގެ ދީނެއް ނޫނެވެ. އެއީ އަޅުކަމާއި ވެރިކަމުގެ ދީނެވެ.

ހުޅަނގުގެ ޑިމޮކްރަސީގައި ހުރިހާ ބާރެއް އޮތީ ރައްޔިތުންނަށެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ އެބައިމީހުންގެ ކިބައިންނެވެ. އެބައިމީހުން އެދޭ ގޮތަކަށެވެ. ދީނާއި އިންސާނީ ފިތުރަތާ ޚިލާފުވި ކަމުގައި ވިޔަސް ކަންއޮތީ މިހެންނެވެ. މިއީ ވަރަށް ނުރައްކާތެރި ކަންކަމެވެ.

އިސްލާމީ ނިޒާމުގައި ހުރިހާ ބާރެއް އޮތީ ﷲގެ ޝަރީޢަތަށެވެ. އެއަށްފަހު އުއްމަތުގެ މަޝްވަރާ އަށެވެ. މަޝްވަރާއަކީ ދައުލަތް ހިންގުމުގެ އެއް އަސާސެވެ.

ޙާކުމު އިޚުތިޔާރު ކުރުމުގައި ފުރުޞަތު އޮތީ މަޝްވަރާގެ މަތިން ރައްޔިތުންގެ އަތްމައްޗައް ދޫކޮށްފައެވެ. އޭނާ ﷲގެ މަގުން ކަސިޔާރުވެ، އުއްމަތަށް ޚިޔާނާތްތެރި ވެއްޖެނަމަ އޭނާ ވެރިކަމުން ދުރުކުރުމުގެ ޙައްޤު އޭނާގެ ރައްޔިތުންނަށް ލިބިގެންވެއެވެ.

މިހެންކަމުން ދައުލަތް ހިންގުމުގައި އޮތް އެންމެ ފުރިހަމަ ނިޒާމަކީ އިސްލާމީ ނިޒާމުކަން ކަށަވަރެވެ. އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވަނީ އެނިޒާމު ޤާއިމުވޭތޯ ދުޢޫކޮށް، އެކަމށް މަސައްކަތް ކޮށް، ދީނަށް ރުޖޫޢަވުމެވެ. މާތްﷲ އަޅުގަނޑުމެންނަށް އެކަލާނގެ ރުހިވޮޑިގެންވާ މަގަށް މަގުދައްކަވައި ތައުފީޤު ދެއްވާށިއެވެ. އާމީން!

ނިމުނީ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް