ރިޕޯޓް

ޑރ. ޙުސައިންގެ ވާހަކަ: ޙަޤީޤީ މޮޅުވުމަކީ ޕީއެޗްޑީއެއް ނޫން، ހެޔޮ ޢަމަލުކޮށް ދީނުގައި ބާރަށް ހިފަހައްޓައިގެން ހުރުން

ޖޫން 14، 2014 – އަލްއަޞްރުގެ ފަރާތުން ބޭއްވި ނަމާދާބެހޭ ވޯކްޝޮޕާ ބެހޭ ގޮތުން ޑރ. ޙުސައިން ޙަލީމް މީޑިއާއާ ވާހަކަދައްކަވަނީ - ފޮޓޯ : އަލްއަޞްރު ފޭސްބުކް ޕޭޖް

މި ލިޔުމަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ) ގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ޖުުލައި 18، 2014 ގައި ބޭއްވި ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި، ކަސްރަތާއި ކުޅިވަރުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކޮށްފައިވާ މަޝްހޫރު އެތްލީޓް، ޑރ. ޙުސައިން ޙަލީމް ދައްކަވާފައިވާ ބައެއް ވާހަކަތައް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

**************************************

އެއީ 1988 ވަނަ އަހަރެވެ. މީގެ 26 އަހަރު ކުރިއެވެ. އަޅުގަނޑަކީ ދުވަން މޮޅު މީހެކެވެ. މާލެ ވަށައި ދުވުމުގައި ނުހުއްޓި 20 ބުރުވެސް ޖަހާލެވޭހާ ހިތްވަރު ހުރެއެވެ. ނަމަވެސް، އަޅުކަމަށް އަޅުގަނޑު ވަރަށް ދަށްވާނެއެވެ. ނަމާދުވެސް ކޮށްއުޅެނީ ހުކުރު ދުވަހު އެކަންޏެވެ. އަޅުގަނޑާ އެއްކޮށް އެދުވަސްވަރު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް އުޅުނެވެ. މި ޒަމާނުގައިނަމަ، ގާތްގަނޑަކަށް ޢަލީ އަޝްފާޤް (ދަގަނޑޭ) ފެންވަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު ރޯދަ މަހުގައި އޭނާއާ ދިމާވެގެން ދެކެވުނު ވާހަކައިގެ ތެރެއިން އަޅުގަނޑަށް އެނގުނީ، އޭރު ފުޓްބޯޅަ ކުޅުނު ފެންވަރަށްވުރެ ވެސް މިހާރު އޭނާގެ ޢަމަލުތައް ރަނގަޅުވެއްޖެ ކަމެވެ. އެއީ ފަރުޟު ފަސް ނަމާދު ޖަމާޢަތުގެ އެންމެ ކުރީ ސަފުގައި ހުރެގެން އޭނާ އަދާކުރަމުންދާތީއެވެ.

އޭނާގެ ފަރާތުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ހިތްވަރެއް ލިބުނެވެ. ވުމާއެކު، ރޯދަ މަހު އަޅުގަނޑުގެ އަޒުމަކަށްވީ ވީހާވެސް ގިނައިން ނަމާދުކުރުމެވެ. ހުރިހާ ނަމާދެއްގެ ޖަމާޢަތަށް އެންމެ ކުރީ ސަފަށް އެރުމަށް އަޒުމް ކަނޑައަޅަން ނުކެރުނު ނަމަވެސް، ވީހާވެސް ގިނައިން ޖަމާޢަތުގެ ކުރީ ސަފުގައި ހުރެ ނަމާދުކުރުމަށް އަޒުމް ކަނޑައެޅީމެވެ. އަދި އެންމެ ކުރީ ސަފުގައި ހުރެ ކޮންމެ ދުވަހަކުވެސް މިއަދާ ހަމައަށް އެވްރެޖްކޮށް ހަތަރު ނަމާދު ކުރަމެވެ. މިރެއިން ފެށިގެން އަޅުގަނޑުގެ އަޒުމަކީ ބާކީ އޮތް ތަނުގައި ފަސް ނަމާދު ޖަމާޢަތުގެ އެންމެ ކުރީ ސަފުގައި ހުރެގެން ކުރުމެވެ.

ކިތަންމެ ބާރަށް ދުވިޔަސް، ކިތަންމެ މަތީ ޑިގްރީތަކެއް ހެދިޔަސް، ކިތަންމެ މޮޅު ޕީއެޗްޑީއެއް ހެދިއަކަސް، މިއީ ވަރަށް ވަގުތީ ދުނިޔެއެކެވެ. ވަރަށް މަދު ދުވަސްކޮޅެކެވެ. 1988 ގައި އަޅުގަނޑަށް ހީވެފައި އޮތްގޮތުގައި، ދުވަން އުޅުނީމަ ހުރިހާ ކަމެއްވެސް ދެން ހަމަޖެހުނީއެެވެ. ނަމަވެސް، އެއީ ކުށްހީއެކެވެ. އޭގެ ފަހުން ހިތަށް އަރަމުންދިޔައީ ޕީއެޗްޑީ ހެދީމަ މާމޮޅު މީހަކަށް ވީ ކަމަށެވެ. ނަމަވެސް، އެއީވެސް ކުށްހީއެކެވެ.

ޖޫން 13 އަދި 14، 2014 ގައި [އަލްއަޞްރު ގެ ފަރާތުން ބޭއްވި] ނަމާދާ ބެހޭ ވޯކްޝޮޕެއްގައި އަޅުގަނޑު ބައިވެރިވީމެވެ. އެއީ، ނަމާދާ ބެހޭ ގޮތުން އެކަށީގެންވާވަރަށް ނޭނގޭ ކަމަށް ޤަބޫލުކުރެވިގެންނެވެ. ދެ ދުވަހުގެ ވޯކްޝޮޕް ވޯކްޝޮޕްގައި ބައިވެރިވުމުގެ ސަބަބުން ވަރަށް ގިނަ އާ މަޢުލޫމާތުތަކެއް ލިބިގެން ދިޔައެވެ.

އަލްއަޞްރުގެ ފަރާތުން ޖޫން 13 އަދި 14، 2014 ގައި ބޭއްވި ނަމާދާބެހޭ ވޯކްޝޮޕްގެ ތެރެއިން - ފޮޓޯ : އަލްއަޞްރު

ދީނީ އިރުޝާދުތަކުގައި ބަޔާންކޮށްދޭ ފަދައިން ކޮންމެ މުސްލިމަކަށްވެސް ޢިލްމު އުނގެނުމަކީ ލާޒިމް ކަމެއް ކަމަށާއި، މައިމީހާގެ އުނގުން ފެށިގެން ކަށްވަޅަށްދާންދެން ޢިލްމު އުނގެނުމަކީ ވަރަށް މުހިންމު ކަމެއްކަން ޤަބޫލުކުރަމެވެ.

އަޅުގަނޑަކީ 1988 ވަނަ އަހަރުން ފެށިގެން ޢިލްމު އުނގެނެން ބޭނުންވެފައިވާ އަދި މިހާރުވެސް ޢިލްމު އުނގެނެމުންދާ މީހެކެވެ. އޭރު ކިޔެވުމުގެ ގޮތުންވެސް ވަރަށް ދަށްވާނެއެވެ. ދިވެހި އަދި އިނގިރޭސި މާއްދާއިން ފާސްނުވެގެން ދެ އަހަރު ފާސްނުވެގެން އޭރު ސްކޫލުންވެސް ކަނޑާލިއެވެ. އެހެން ނަމަވެސް، ހުއްޓާނުލައި އިތުރަށް ޢިލްމު އުނގެނުމަށާއި، އިތުރަށް ދީނީ ކަންތައްވެސް ހިތަށް ވަންނަން ޖެހުނީ، ދުވުމާއި ކުޅިވަރުގެ ތެރެއިން ލިބުނު ހިތްވަރެއްގެ ސަބަބުންނެވެ.

މިހާރު އަޅުގަނޑަށް ލިބޭ މަޢުލޫމާތުން، އަޅުގަނޑަށް ކަށަވަރުކޮށް އެނގިފައިވާ ގޮތުގައި، ޙަޤީޤީ މޮޅުވުމަކީ ރަނގަޅަށް ނަމާދުކުރުމާއި، ރަނގަޅަށް ޤުރުއާން ކިޔެވުމާއި، ރަނގަޅަށް މީހުންނަށް ހެޔޮކޮށް ހިިތުމާއި، މިފަދަ ހެޔޮ ޢަމަލުތައްކޮށް ދީނުގައި ރަނގަޅަށް ބާރަށް ހިފަހައްޓައިގެން ހުރުމެވެ.

ޙަޤީޤީ މޮޅުވުމަކީ ރަނގަޅަށް ނަމާދުކުރުމާއި، ރަނގަޅަށް ޤުރުއާން ކިޔެވުމާއި، ރަނގަޅަށް މީހުންނަށް ހެޔޮކޮށް ހިިތުމާއި، މިފަދަ ހެޔޮ ޢަމަލުތައްކޮށް ދީނުގައި ރަނގަޅަށް ބާރަށް ހިފަހައްޓައިގެން ހުރުމެވެ. 

ދީނީ ގޮތުން ކަސްރަތަކީ ވެސް އޭގެ ޒާތުގައ ވަރަށް މުހިންމު ކަމެކެވެ. ނަމާދު ކުރުމަކީ ވެސް ކަސްރަތެކެވެ. ނަމާދުކުރަން ނިޔަތް ކަނޑައަޅައިގެން، ގޭދޮށުގައި ސައިކަލް ބަހައްޓާފައި ނަމާދަށް ހިނގާލާފައި ގޮސް، ނަމާދު ކުރުމުން، ހިނގާ ބަޔަށް ވެސް ސަވާބުގެ އިތުރުން ކަސްރަތެއްވެސް ލިބެއެވެ. މި ގޮތަށް ކަސްރަތުގެ ތެރެއިން ސަވާބު ލިބޭ ބައިވަރު އުކުޅުތައް ނަމާދު ވޯކްޝޮޕުންނާއި ނަމާދުގެ ދީނީ ބައެއް ފޮތްތަކާއި، ދީނީ ވެބްސައިޓްތަކުން ވަނީ ދަސްވެފައެވެ.

ކުޅިވަރަށާއި ދުވަން ދަރިން ގެންދިޔަ ކަމުގައިވިޔަސް، އެންމެ މުހިންމު ކަމަކީ އަޅުކަންކުރުމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދުނިޔޭގައި ތިބި ހުރިހާ މީހުންނަކީ ވެސް ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި މީހެކެވެ. އަޅުގަނޑުގެވެސް ވަރަށް ގިނަ ނުކުޅެދުންތެރިކަން އެބަހުއްޓެވެ. އެހެން ނަމަވެސް، މާތް ﷲ އަންގަވާފައިވާ ކަންތައް ނުކުރުމަށް އަޅުގަނޑުމެންނަށް އެއްވެސް އުޒުރެއް ނެތެވެ. އަތެއް ނެތަސް، ފައެއް ނެތަސް، ބީރުވިޔަސް ކޮންމެ އުނިކަމެއް ހުއްޓަސް، ދީނީ އަޅުކަންތައް ދޫކޮށްލުމަށް އެއްވެސް ކަހަލަ އުޒުރެއް ނެތެވެ.

މީގެ ހެކިތައް ކުޅިވަރުގެ ދާއިރާއިން ވަރަށް ބޮޑަށް ފެންނަން އެބަހުއްޓެވެ. މިސާލަކަށް އަޅުގަނޑަކީ، ރާއްޖޭގައި ހުރި ވަރަށް މޮޅު ދުވުންތެރިއަކަށްވީ ނަމަވެސް، ޖަޕާން އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ތިބި ލޯފަން މީހުން އަޅުގަނޑަށްވުރެ ބާރަށް ދުވެފައިވެއެވެ. 60 އަހަރުން މަތީގެ ލޯފަން މީހުން ވެސް ދުނިޔޭގެ ފެންވަރުގައި އަޅުގަނޑުގެ ރެކޯޑަށްވުރެ ބާރަށް ދުވެފައިވެއެވެ. އެއް ފައި ނެތް މީހުން ވެސް، އާޓިފިޝަލް ފައެއް ޖަހައިގެން އަޅުގަނޑަށްވުރެ ބާރަށް ދުވެފައިވެއެވެ.

މި ކަމުގައި ދަތިކަމެއް އަސްލު ދިމާވާނަމަ، އެ ދިމާވަނީ އަޅުގަނޑުމެން އަމިއްލައަށް ސިކުނޑިން އެ ކަނޑައަޅާ ދައްޗެއް އެކަންޏެވެ. ދުނިޔޭގެ ކުޅިވަރުގެ މާހައުލަށް ބަލާ ކަމުގައިވާނަމަ، ރާއްޖޭގައި ތިބި ގައުމީ ފެންވަރުގެ ކުޅުންތެރިންނަށްވުރެ އެތައް ހާސް ގުނައެއް މޮޅު އާދަޔާ ޚިލާފަށް ނުކުޅެދުންތެރިކަން ހުންނަ މީހުން އެބަތިއްބެވެ.

އޭގެ މާނައަކީ އެ މީހުންނަށް ނުކުރެވޭނެ ކަންތަކެއް އެ މީހުން އަމިއްލައަށް ލިމިޓެއް ނުކުރެއެވެ.  އެ މީހުން އަބަދުވެސް ބަލަނީ ކުރެވޭނެ ކަންތަކަށެވެ. ހިތާމައާ އެއްކޮށް ބުނަން ޖެހެނީ، މީގައި ބޮޑަށް މި ލިމިޓް ކުރަނީ ބެލެނިވެރިން ކަމަށެވެ. މައިންބަފައިންނަށް އުނިކަމެއް ހުންނަ ދަރިއެއް ލިބުމުން، އެއީ ތިމަންނަމެންގެ ހުރި އުނިސިފައެއް ކަމަށް ހީކުރެވެއެވެ. އެ ކުދިން މުޖުތަމަޢަށް ނެރުމަކީ ތިމަންނަމެންނަށް ލިބޭ ވަރަށް ބޮޑު ލަދުވެތިކަމެއް ކަމުގައި ދެކި އެ ކުދިން ގޭތެރޭގައި ބައިތިއްބައެވެ.

އެއީ ބެލެނިވެރިންނަށް ނޭނގިނަމަވެސް، ޚާއްޞަކޮށް މީގެ ވިހި، ތިރީސް އަހަރު ކުރިން ރާއްޖެއަށް ވެސް ދުނިޔައަށް ބެލިޔަސް މިކަން އޮތް ގޮތެވެ. އެހެން ނަމަވެސް، މިހާރު އެ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެއެވެ.

އަޅުގަނޑުގެ އެންމެ ގާތް އެއް ރައްޓެއްސަކީ އޭނާގެ މޫނުމަތީގައި ކުޑަކޮށް އުނިކަމެއް ހުރި މީހެކެވެ. އޭނަގެ މައިންބަފައިން އޭނަ އެއްގޮތަކަށްވެސް ސްކޫލަކަށް ނުގެންދެއެވެ. އޭނަގެ އުމުރުން 15 ވަރަކަށް އަހަރުވުމުން، ހަމައެކަނި ޢަރަބި ބަހާއި ދިވެހި ބަސް ލިޔާ ކޯހެއް ފުރިހަމަކުރިއެވެ. އެހެން ނަމަވެސް، މިއަދު އޭނަ އަކީ ވަރަށް ކާމިޔާބު ވަރަށް މޮޅަށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިއެކެވެ. ރާއްޖޭގައި އެންމެ ގިނައިން ބޯޅައެއް ވައްޓާނުލާ ގަޑި ދެގަޑިއރު ކޮންޓްރޯލް ކުރާ މީހެކެވެ. އަދި ކާމިޔާބު ވިޔަފާރިވެރިއެކެވެ.

މީހެއްގެ ނުކުޅެދުމެއް ހުއްޓަސް އޭގެ ޒާތުގައި އެއީ ރަނގަޅު ކަމެކެވެ. ޝައިޚް ފާހަގަ ކުރެއްވި ފަދައިން މާތް ﷲ އަޅުގަނޑުމެން ދުނިޔެއަށް މި ފޮނުއްވަނީ އިމްތިޙާނު ކުރުމަށްޓަކައެވެ. ބޮޑަށް އިމްތިޙާނުތަކާއި، ގޮންޖެހުންތައް ދިމާވަނީ ބޮޑަށް ރަނގަޅު މީހުންނަށެވެ. މީހާގެ އީމާންތެރިކަން ވަރުގަދަވީ ވަރަކަށް، މީހާއަށް ބޮޑަށް ގޮންޖެހުންތައް ދިމާވާ ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވާ ވާހަކަ އަޅުގަނޑު އަޑުއަހަމެވެ.

ރަނގަޅަށް އުޅޭ މީހުންނަށް އުނދަގޫ ކަންތައްވެސް ދިމާވާނެއެވެ. އަޅައިގަނެފައި ވެއްޓޭނީވެސް މަސައްކަތްކުރާ މީހުންނެވެ. ނުކުޅެދުންތެރިކަންހުރި ކުދިންނާމެދު ބައެއް ބެލެނިވެރިން ނުވަތަ މުޖުތަމަޢުގެ ބައެއް މީހުން ކުރަމުންދާ ކުށްހީކުރުން ހުއްޓާލަންޖެހެއެވެ.

ދުނިޔޭގެ ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލައި، ކޮންމެ ކުއްޖަކަށް ވެސް ރަނގަޅު ގޮތުގައި ޢިލްމު އުނގަންނައިދީ އަދި އަމިއްލައަށްވެސް ޢިލްމު އުނގެނިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ގުޅޭ :

ޑރ. ޙުސައިން ޙަލީމްގެ ތަޤްރީރުގެ ވީޑިއޯ

Post by MAPD

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް