ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުމާއި ބާރު އެޅުމަށްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއެކު، އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމުގައެވެ.
"ކީރިތި ޤުރުއާން ކިޔެވުމަށް ހުރިހާ ފަރާތްތަކަށް ހިއްވަރުދީ ކުރިއަށް ދިއުމަށް މަސައްކަތް ކޮށްދޭންޖެހޭ. ކީރިތި ޤުރުއާނުގެ ރޮނގު ކުރިއެރުވުމަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭން މިތިބީ ތައްޔާރަށް" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިސްލާމްދީނުގެ ރިވެތި މަގުގައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވަމުން ރައީސް ވިދާޅުވީ، ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ޖަމާޢަތުގައި ނަމާދުކުރުމާއި، ކީރިތި ޤުރުއާނަށް ސަމާލުކަން ދިނުމަކީ ޤައުމަށް ހަޤީޤީ ކުރިއެރުން ލިބޭނެ ކަންކަން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މުސްތަޤުބަލު އޮތީ އެންމެން އެކަތިގަނޑަކަށްވެ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށްދާ މަސައްކަތް ކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރުގެ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެން ދިޔައެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ޕީ.އެޗް.ޑީ ސްކޮލަރޝިޕާއި، 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، ޢުމްރާ ދަތުރު ހިމެނެއެވެ.
ޚިޔާލު