ރާއްޖޭގެ ޚަބަރު

މިއަދު އަޅުގަނޑުމެން ދެކެމުންމިދާ ކީރިތި ޤުރުއާން މަތިވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްތައް އަޅުގަނޑުމެންނާއެކު ދަމަހައްޓަން ޖެހޭ: ވަޒީރު ޝަހީމް

މިއަދު އަޅުގަނޑުމެން ދެކެމުންމިދާ ކީރިތި ޤުރުއާން މަތިވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްތައް އަޅުގަނޑުމެންނާއެކު ދަމަހައްޓަން ޖެހޭކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅުތައް ވަޒީރު ދެއްކެވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މިއަދު ފެށިގެން މިދަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އައު އުފާވެރި ތާރީޚީ ޞަފްޙާއެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ކީރިތި ޤުރުއާނާއި އިސްލާމީ ދާއިރާއިން މިހާރު ދެކެމުންދަނީ ވަރަށް އުފާވެރި ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމްވިތާ 900 އަހަރު ފުރޭ މިއަންނަ އަހަރަކީ އިސްލާމީ ރޮނގުން ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވޭ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެކަމަށް އަންދާޒާކުރެވޭ ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުންކަމަށް ވިދާޅުވިއެވެ.

"އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއްގެ ގޮތުގައި އޮތް އޮތުން މާޒީވެ ގޮސްފި. މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ މާ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ތަނެއް،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ޢިމާރާތްކުރަމުންދާ ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ޢިމާރާތާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިނާމުތަކެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *