ޤަތާދާ (ރަޙިމަހުﷲ) ވިދާޅުވިއެވެ: މޫސާގެފާނުން ﷲގެ ޙަޟްރަތުން ދެންނެވިއެވެ: "އޭ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއް، އެއީ އެހެނިހެން ހުރިހާ އުއްމަތްތަކަށްވުރެ ރަގަޅު އުއްމަތެއްކަމުގައި ވާތީ ދުށީމުއެވެ. އެމީހުންނަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަޙީކުރާ ބައެކެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއީ މިއަޅާގެ އުއްމަތްކަމުގައި ހައްދަވާންދޭވެ!" ﷲ ވަޙީކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ދެން އެކަލޭގެފާނުން ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ، އެއީ ފޮނުއްވުމުގައި އެންމެ ފަހުގެ އުއްމަތް ކަމުގައި، އަދި ސުވަރުގެ ވެއްދެވުމުގައި އެންމެ އިސް އުއްމަތްކަމުގައި ވާތީ ދެކިވަޑައިގެންނެވީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެއުއްމަތެއްގެ ބަޔަކަށް ދެއްވެވޭ ފޮތް، އެބައިމީހުންގެ ހިތްތަކުގައިވާ ޙާލު އެބައިމީހުން އެފޮތް ކިޔާއުޅެއެވެ. އެއުއްމަތުގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުންނަށް އެބައިމީހުންނަށް ބާއްވައިލެއްވުނު ފޮތް ކިޔާއުޅޭނީ ހަމައެކަނި ފޮތް ބަލައިގެންކަމުގައިވެއެވެ. އެފޮތް ލައްޕާލުމާއެކު އެބައިމީހުންނަކަށް އެފޮތް ނުކިޔެއެވެ. (މާނައީ ހިތަކުން އެމީހުންނަކަށް އެމީހުންގެ މުޤައްދަސް ފޮތެއް ނޭންގެއެވެ.) އަދި ނުވެސް އިނގެއެވެ. އެއިގެ އިހުގެ އުއްމަތްތަކުގެ މީސްތަކުންނަށް ނުކުރެވުނު ކަމެއްކަމުގައިވިޔަސް، އެއުއްމަތެއްގެ މީސްތަކުންނަށް (އެމީހުންނަށް ބާއްވައިލެއްވުނު ފޮތް) ހިތުދަސްކުރުމުގެ ޤާބިލިއްޔަތުކަން ދެއްވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެބައިމީހުންނަކީ އެންމެ އިހަށް ބާއްވައިލެއްވުނު ފޮތާއި އެންމެ ފަހުން ބާއްވައިލެއްވުނު ފޮތަށް އީމާންވާ ބައެކެވެ. އެބައިމީހުންނަކީ ނުބައިމަގުގެ މީސްތަކުންނާއި ހަގުރާމަކުރުމުގައި ދެމިތިބޭ ބައެކެވެ. މިގޮތުގައި އެބައިމީހުން އެއްލޯ (އަވަރު) ބޮޑު ދޮގުވެރިޔާ (ދައްޖާލް) އާއި ހަގުރާމަކުރާކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ދެން މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެބައިމީހުންނަށް ޞަދަޤާތެއްގެ ގޮތުގައި ދެވޭ އެއްޗެހި ކައިއުޅެވެއެވެ. އަދި އެއާއިއެކުވެސް އެބައިމީހުންނަށް ސަވާބު ލިބެއެވެ. އެކަމަކު އެއިގެ ކުރީގެ އުއްމަތްތަކުގައި، މީހަކު ސަދަޤާތެއްގެ ގޮތުގައި އެއްޗެއް ދީފިނަމަ، އަދި އެޤަބޫލުކުރެވުނެވެ، ﷲ ދެން އަލިފާން ފޮނުއްވައި އެކާލާނެއެވެ. އަދި އެއިން ބައެއް ބާކީވެފައި ވާނަމަ، ބިމުގެ ފަނިފަކްސާއާއި ދޫނި ސޫފާސޫފި އެތަކެތި ކައިއުޅެއެވެ. އެމީހުންނަށް އެތަކެއްޗަކީ މުއްސަނދިންގެ އަތުން ފަޤީރުންނަށް ދެވޭ އެއްޗެއްކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެމީހުންގެ ތެރެއިން މީހަކު ހެޔޮކަމެއް ކުރުމަށް ހިތްނިޔަތް ގަނެފައި އަދި އެކަމެއް ނުކުރެވުނު ކަމުގައިވިޔަސް އެމީހުންނަށް ދިހައަކުން ހަތްސަތޭގަ ގުނައަކާއި ދެމެދު ސަވާބު ދެއްވާކަމުގައިވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
މޫސާ ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ ވާހަކަ ދެކިވަޑައިގަތީމެވެ. އެއުއްމަތުގެ މީހުންނަކީ މީސްތަކުންގެ މައްޗަށް ޝަފާޢަތްތެރިވާ ބައެއްކަމުގައިވެއެވެ. އަދި އެބައިމީހުންނަށްޓަކައި ޝަފާޢަތްވެސްވެއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."
ޤަތާދާ (ރަޙިމަހުﷲ) ވިދާޅުވިއެވެ.
ދެން މޫސާގެފާނުން ތައުރާތުގެ ފަތްފުއްތައް އެއްލަވައިލައްވައި ދުޢާދެންނެވިއެވެ: "ޔާ ﷲ! މިއަޅާއަކީ އަޙްމަދުގެފާނުންގެ އުއްމަތުގެ މީހެއްކަމުގައި ލައްވާންދޭވެ!"
ސުބުޙާނަﷲ! ﷲ ތަބާރަކަ ވަތަޢާލާގެ ރަސޫލުންކުރެ ރަސޫލަކު އެބެއިކަލެއް މިއުއްމަތުގެ އާދައިގެ އިންސާނަކަށްވުމަށް ދުޢާ ދަންނަވަނީއެވެ. އެކަލޭގެފާނުންނަށް ހަމަ ގައިމު ދެނެވަޑައިގަންނަވާތީތާއެވެ. އެކަމަކު އެބޮޑު ނިޢުމަތް ލިބިގެންތިބި އަހަރެމެންނަށް މިއުޅެނީ މިއުއްމަތް ކަމުނުގޮސްގެންނެވެ.
ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ "ޤަޞަޞުލް އަންބިޔާ"















advertisment
Alhamdulillah Ya ALLAH
JazakALLAH khayr