ވާހަކަ

ބޯގަންވިލާ (ފަސްވަނަބައި)

'' އަހަރެން އޭރު ގުޅީ ލަމްޔާ ގުޅާފައި ހުރުމުން . އެކަމަކު މިހާރު މިގުޅީ އަހަރެންގެ އަމިއްލަ ބޭނުމެއް އޮވެގެން '' ސަމާސާ ރާގަކަށް ފަރުހާންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

'' މައްސަލައެއް އެބައޮތްތަ ! ''

'' ބުނޭ! އަޑުއަހާނަން1 '' ލަމްޔާގެ އަޑުން އެއްވެސް އަސަރެއް މި ފަހަރަކު ފާހަގަ އެއް ނުކުރެވުނެވެ. އާދައިގެ މަޑުމައިތިރި އަޑެކެވެ . އަހާހިތްވާ ކަހަލަ އޯގާތެރި އަޑެކެވެ. އެއީ އަޑު އިވުނު ފުރަތަމަ ފަހަރުން ފެށިގެން އެ އަޑުގެ ޖާދޫގައި ފަރުހާން ހައްޔަރުވި އަޑެވެ. އެހެންނަމަވެސް ޖޯޝެއް ، އުފާވެރިކަމެއް މިރެއަކު އެ އަޑަކު ނެތެވެ.

'' ވާހަކައެއް އަހަންތަ !.....  ޖާވާބުދޭން ބޭނުމިއްޔާ ދޭނީ ! ....... ނުދިނަސް ރަނގަޅު '' އަހަންބޭނުންވާ ވާހަކަ އަހަން ފަރުހާން ހުއްދަ ހޯދިއެވެ.

'' ޖަވާބުދެވޭކަހަލަ ސުވާލެއް ކަމަށްވަންޏާ ޖަވާބު ލިބޭނެ ! ދޮގެއް ނަހަދާނަން! '' ލަމްޔާގެ ސާދާކަން ފުރަތަމަ ފަހަރަށް ފަރުހާންއަށް ފާހަގަ ކުރެވި ހިތުގައި ގަދަރު ދެވުނެވެ.

'' އިރުކޮޅެއް ކުރިން ރުއިންތަ! '' ފަރުހާން ކުރީ ލަމްޔާ ހިތަށްވެސް ނާރާ ސުވާލެކެވެ. ސުވާލު އަޑުއިވުމުން ލަމްޔާ ސިއްސައިގެން ދިޔަކަން ފަރުހާންއަށް އެނގުނީ ލަމްޔާގެ އަނގައިން ބޭރުވި އާހްގެ އަޑުންނެވެ.

'' ފަރުހާން ! ވަރަށް މުހިންމު ކަމެއް ހަނދާން ނެތި އަހަރެން މިހުންނަނީ ! '' އެއްވެސް އަޑެއް ނީވި ސިކުންތުކޮޅެއް ދިއުމަށްފަހު ލަމްޔާ ވެސް ބުނީ ތަފާތު ވާހަކައެކެވެ. އެހެންކަމުން އެ ސުވާލަށް ލަމްޔާ ޖަވާބުދޭން ބޭނުން ނޫންކަން ފަރުހާން ދެނެގަތެވެ.

'' ކޮންކަމެއް ހަނދާން ނެތުނީ ! މިހާރު ހަނދާން ވީތަ ! ''

ސަމާސާ ރާގަކަށް ފަރުހާން އެހެން ބުނުމުން ސައިކަލް ދިން ދުވަހު ޝުކުރު އަދާ ނުކުރެވި އޮތީމަ އެ ޝުކުރު އަދާ ކޮށްލަން ބޭނުންވެފަ ހުރި ވާހަކަ ލަމްޔާ ބުނުމުން ދެން އިވުނީ ފަރުހާން ހޭން ފެށި އަޑެވެ. ފަރުހާންގެ ހުނުމުގެ އަޑުން ހިތަށް ފިނިކަން ލިބި ލަމްޔާއަށް ވެސް ހެވުނެވެ. ދެމީހުންނަށް ވެސް އެ ވަގުތު ކޮޅުވީ ހިތްހަމަޖެހުން ގެނުވި ވަގުތުކޮޅަކަށެވެ.

ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނުކަމުގެ އިޙުސާސް ވުމުން ލަމްޔާ ބޭނުންވީ ފޯނު ކުރުކޮށްލުމަށެވެ. އެހެންކަމުން ދެން ބާއްވަނީކަމަށް ބުނެފައި އެކޮޅުން ދޭ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނުކަނޑައިލީއެވެ.

ފޯނު ކަނޑާލާފައިވެސް ދެ އަތުގެ އިނގިލި ތަކުން ފޯނުގައި ހިފަހައްޓައިގެން ދެކެވުނު ވާހަކައިގެ ތަންތަންކޮޅު އަލުން ހަނދާނަށް ގެނެވޭތޯ ލަމްޔާ އިންގޮތަށް އިނެވެ. އެހެން މާގިނަ އިރަކު ނީނދެވުނެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓްވާ އަޑު އިވިއްޖެއެވެ. ބަލައިލިއިރު ފަރުހާންއެވެ. އެހެންނަމަވެސް މިފަހަރު އެ ފޯނު ނެގުމުގެ ޚިޔާލެއް ލަމްޔާގެ ނެތެވެ. އެންމެ ފަހުން ފޯނު ކެނޑުމުން އިރުކޮޅަކުން އައީ މެސެޖެކެވެ. ގުޅީ ސާރާ އެހާ ރަނގަޅަށް ބަލައިދިންކަމަށްޓަކައި ޝުކުރު އަދާ ކުރަންކަމަށާއި މަސް ދުވަސްވަންދެން އެ ޝުކުރު ހިފައިގެން ހުންނަން ބޭނުން ނުވާތީ ކަމަށް ލިޔެފައި އޮތެވެ. ދެވަނަ ފަހަރަށް ލަމްޔާގެ މޫނުމަތިން އުފާވެރިކަން ފެނުނީ އެ މެސެޖް ކިޔާލާފައެވެ.

ވިދިވިދިގެން ދެވަނަ މެސެޖެއް ވެސް އައީ ލަމްޔާ އެތާ އެހެން އިންދައެވެ. ލަމްޔާއާ ވާހަކަ ދައްކާލެވުމުން ވަރަށްބޮޑަށް ހިތަށް ހަމަ ޖެހުން ލިބިއްޖެ ކަމަށާއި އެ ވަގުތުކޮޅު ދިނީތީ ވެސް ޝުކުރު އަދާކުރާކަމަށެވެ!

އެއްވެސް މެސެޖެއްގެ ޖަވާބު ލިޔަން ލަމްޔާ ބޭނުން ނުވިޔަސް އެއިން ކޮންމެ މެސެޖަކަށް ދޭނެ ޖަވާބު ލަމްޔާގެ ހިތުގައި ލިޔެ ފޮރުވިއެވެ. ފަރުހާންގެ ފޯނުކޯލުން މިރޭގެ ނިދި ފަސޭހަ ވެއްޖެ ކަމަށާއި އެ ކޮށްދިނީ ވަރަށް ބޮޑުކަމެއް ކަމަށެވެ.

ފާޚާނާއިން ނިމިގެންއައިސް އެނދުގައި އޮށޯވެ ފަރުވާތެރިކަމާއެކު އަނެއްކާ ވެސް އެނދުގެ މެދުގައި ހުރަހަށް ކަހަލަ ގޮތަކަށް ނިދިފައި އޮތް މައުސޫމު ދަރިފުޅަށް ބަލައިލެވުމުން ހުޒާމްއާމެދު ހިތުގައި އުފެދުނީ ފޫއްސެވެ. ނަފުރަތެވެ. ރުޅިވެރިކަމާ ހަސަދައެވެ. ހުޒާމްގެ ވެސް ލެއިން އުފެދިފައިވާ މި ކުޑަކުޑަ ފުރާނަޔަށް އިހުމާލް ވުމުގައި ހުޒާމްއަށް އޮތީ ކޮންހައްގެއް ހެއްޔެވެ؟ އަހަރެންގެ ދަރިއަކަށް ވުން ހެއްޔެވެ؟ ލޯބިވާކަމަށް ތަކުރާރުކޮށް ބުނަމުން ފަހަތުން އެޅި މުގޯއްޔާ އުނގުގައި ބޯއަޅައިގެން އޮވެ ރުއި ރުއިމާ އެއީ ނުވާކަންކަމަށް ހެދިދާނެހެއްޔެވެ؟ ތިއީ މަގޭ ފުރާނައޭ ތިއީ ހަމަ އެކަނި މަގޭ ޙައްގެކޭ ، ތި ހަށިގަނޑުގައި އެހެން ފިރިހެނަކު ބީހިލިކަން އެނގުނަސް އެމީހަކު ކޮށާ ކުދިކުދި ކޮށްލާނަމޭ ބުނީ ހަމަ އެކަނި އެހެން އަންހެނަކު ފެންނަންދެން ހެއްޔެވެ؟

ލަމްޔާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ދެ ތުންފަތް ދޭތެރެއިން މަޑުމަޑުން ވޭނީ އާހްއެއްގެ އަޑު ނިކުތީ އިޚުތިޔާރަކާ ނުލައެވެ.

އެއީ ލަމްޔާގެ އޭލެވެލް ނިމިގެން ރަށަށް ގޮސް އުޅުނު ދުވަސްވަރެވެ. ރައްޓެހި ކުދިންނާއެކު ލަމްޔާވެސް ވޮލީކުޅެން ހިސާބުގަނޑުގެ ކުދިން ކުޅެންދާ ކޯޓަށް ގޮސް އުޅެއެވެ. އެހެންކުދިންހާ މޮޅުނޫނަސް ލަމްޔާ ވެސް އެ ކުދިން ކުޅޭ ފެންވަރަށް ކުޅެވޭތޯ ހިތްވަރުކުރެއެވެ. ރަނގަޅު އިސްކޮޅެއް ހުރުމުން ތައްޔާރުވަމުން އައި މުބާރާތަށް ޓީމް ނެގިއިރު ލަމްޔާވެސް ޓީމުގައި ހިމެނުނެވެ.

ހުޒާމްއަކީ އެހެން އަތޮޅަކުން ރަށުޓީމަށް ޕްރެކްޓިސް ކޮށްދޭން ގެނައި ކޯޗެވެ. ޓީމްގެ ފެންވަރު ބެލުމަށް ހުޒާމް ކުރިއަށްގެންދިޔަ ފުރަތަމަ ޕްރެކްޓިސްއިން ވެސް ލަމްޔާގެ ހުނަރު ފާހަގަ ކުރިއެވެ . މުޅިން އަލަށް ފަށައިގެން އުޅޭ ކުއްޖެއްކަން އެނގުމުން ހުޒާމްގެ ޝައުގު މާބޮޑުވިއެވެ. ލަމްޔާގެ އުޅުމާ ވާހަކަ ދެއްކުމާ ހެދުން އެޅުމުގެ ސްޓައިލް ވެސް ރަށުގެ އެހެންކުދިންނާ ތަފާތެވެ. ތަހުޒީބު ކުއްޖެއްގެ ހުރިހާ ސިފައަކާއެކު ލަމްޔާގެ މަޑުމައިތިރި މިޒާޖު މަދު ދުވަސްކޮޅެއްގެ ތެރޭ ހުޒާމްގެ ސަމާލުކަން އަތުލިއެވެ. އެހެންކަމުން އެހެންކުދިންނަށް ދޭ ސަމާލުކަމަށްވުރެ ބޮޑަށް ލަމްޔާއަށް ހުޒާމް ސަމާލުކަން ދިނެވެ. ނަތީޖާއެއްގެ ގޮތުން ރަށުމީހުންގެ ލޮލުގައި އަޅައިގަތީ ތަރައްގީވެ ކުރިއަރަމުން އައި ލަމްޔާގެ ވޮލީގެ ހުނަރެއްނޫނެވެ. ލަމްޔާއަށް ހުޒާމް ދެމުން އައި ގާތްކަމާ އެދެ ފަރާތުގެ ގުޅުމެވެ.

ރަށުތެރޭ ލަމްޔާއާ ހުޒާމް އަޅުވައި ކިޔަންފެށީ ލަމްޔާއަށް ނުވެސް އެނގިއެވެ. އޭރު ލަމްޔާގެ ހިތަކީ ހުސް ކަރުދާސްކޮޅެއް ފަދަ ހިތެކެވެ. އެއްވެސް ފިރިހެނެއްގެ ސޫރަ ކުރަހައި ނުލެވި އޮތް ކުރަހާފޮތެއްގެ ހުސްގަނޑެކެވެ. ހުޒާމަށްޓަކައި ލަމްޔާގެ ހިތުގައިވަނީ ކޯޗަކަށް ދޭން ޖެހޭ އިޙުތިރާމެވެ. ދުނިޔޭގެ މިފަދަ އެއްވެސް ތަޖުރިބާއެއް ނެތް މި މައުސޫމު އަންހެންކުއްޖާ ހިތުން އެ ދެމެދެގައި ބޭއްވީ އެފަދަ ގުޅުމެކެވެ.

ލަމްޔާއާ ހުޒާމްގެ ގުޅުމުގެ ވާހަކަ ލަމްޔާގެ ކަންފަތާ ހަމައަށް ގެނެސްދިނީ ބޮޑުދައިތައެވެ. އޭރު ލަމްޔާ އުޅެމުންއައީ ބައްޕަގެ އަންހެން ކޮއްކޮގެ ގޭގައެވެ. ފުރަތަމަ އެއަޑު އިވުމުން ލަމްޔާ އެއްވެސް އެއްޗެއް ހިތަކަށް ނޭރިއެވެ. ލަމްޔާގެ ޅަ ސިކުނޑިއަކަށް ރަށުތެރޭ މިފަދަ އަޑެއް އިވުމުން ދެން ނަތީޖާ ނިކުމެދާނެ ގޮތެއް ވިސްނިފަކާ ނެތެވެ. އެހެންކަމުން ކުޅުމަށް ހުރި ޝައުޤުގެ ސަބަބުން ހުޒާމްއާ އޮތް ގުޅުމަކަށް ބަދަލެއް ނުގެނެއެވެ.

ކަންތައް ގޯސްވީ މުބާރާތް ފެށުނު ދުވަހު ކުޅެން ނުދެވޭނެ ވާހަކަ ބައްޕަ ބުނުމުންނެވެ. އެ ސާފުގުޅުމާ ގުޅުވައިގެން ނުހިނގާ އެތައްކަމެއްގެ ވާހަކަ ދެކެވެމުން އައިސް ބައްޕަގެ ކަންފަތަށް ފޯރީއެވެ. ވީދެރައިން ލަމްޔާ ރުޔެވެ. އެއީ ދޮގެއްކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.  އެހެންނަމަވެސް ބައްޕަ ގަބޫލުކުރީ ރަށުތެރޭ ދެކެވެމުން އައި އެ ހުތުރު ވާހަކަތަކެވެ. އެހެންކަމުން ބައްޕަ ހުށަހެޅީ ދެގޮތެކެވެ. އެއްގޮތަކީ ކުޅުން ދޫކޮށްލުމެވެ. ގޭގައި ބޭރަށް ނުނިކުމެ ހުރުމެވެ. ނުވަތަ ދެވަނަ ގޮތަކީ ހުޒާމްއާ ކައިވެނި ކުރުމެވެ. އެއަޑު އިވުމުން ލަމްޔާ ދުވެގޮސް ވަނީ ކޮޓަރިއަށެވެ. އެއީ ފަހަރެއްގައި ވެސް ލަމްޔާ ވިސްނާފައިވާ ކަމެއްނޫނެވެ. އެއްވެސް ފިރިހެނަކާމެދު މިފަދަ ނަޒަރަކުން ނުދެކޭއިރު ކައިވެނީގެ ޚަބަރު އަޑުއެހުން އެއީ ލަމްޔާއަށް ފަސޭހަކަމަކަށް ނުވިއެވެ.

ޓީމް ދަނޑަށް ގޮސް އެންމެން ހަމަވިއިރުވެސް ލަމްޔާ ނައުމުން ވީގޮތެއްބަލަން ހުޒާމް ދިޔައީ ލަމްޔާމެންގެ ގެއަށެވެ. އެއީ ގުޅާގުޅާ ފޯނު ނުނެގުމުންނާއި ފޯނު ނިއްވާލާފައި އޮތުމުންނެވެ.

ހުޒާމް އެގެއަށް ގޮސް ސަލާމް ގޮވައިލުމުން ސަލާމް ބަލައިގަތީ ލަމްޔާގެ ބައްޕައެވެ. ލަމްޔާ ކޮބައިތޯ އަހައިލުމުން އެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ރަޝީދު ބުނީ ރަށުތެރޭ އިވޭ އަޑުތަކުން ލަދުން ކޮޓަރިން ނިކުންނަން ލަމްޔާ ބޭނުން ނުވާކަމަށާ އެހެންވެ ހުޒާމްއާ ކައިވެނިކުރުމަށް މިހާރު ލަމްޔާއަށް އަންގާފައިވާކަމަށެވެ. އަދި ހުޒާމް އެއައީ އެންމެ އެކަށޭނަ ދަނޑިވަޅުގައި ކަމަށާއި އެކަމާ ބުނަނީ ކީކޭތޯ ބަލަން ބޭނުން ކަމަށެވެ.

ހުޒާމްގެ ތުންފަތަށް ވެރިވީ ފަތަޙައިގެ ހިނިތުންވުމެކެވެ. ލަމްޔާ ޤަބޫލިއްޔާ ހުޒާމް ގަބޫލުކަމަށް ބުނީ އިސްދަށަށް ޖަހައިލައިގެން ހުރެއެވެ. މޫނުމަތިން މައުސޫމުކަން ދައްކައިގެން ހުރެއެވެ. އެހެންނަމަވެސް އަދި އެ ވާހަކަ ސިއްރުކޮށްދިނުމަށް ހުޒާމް އެދުނެވެ. ލިބުނު ކާމިޔާބާއެކު ލަމްޔާ ކުޅެން ފޮނުވައިދޭން އެދިފައި ހުޒާމް ނިކުމެގެން ދިޔައީއެވެ.

ހުޒާމް އެހެން ބުނެފައި ދިޔަނަމަވެސް އެދުވަހުގެ މެޗްކުޅެން ދަނޑަށް ދާކަށް ރަޝީދު ލަމްޔާ ގާތަކު ނުބުނެއެވެ. ކުޅެން ދިއަޔަސް މައްސަލައެއް ނެތްކަމަށް ރަޝީދު ބުނީ އެރޭ ކާން ގޮވުމުން ލަމްޔާ ނިކުމެ ކާން އިށީނީމައެވެ. ޙައިރާންވެގެން ލަމްޔާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އެހެންނަމަވެސް އިތުރު އެއްވެސް އެއްޗެއް އޮޅުން ފިލާގޮތެއް ނުވިއެވެ.

އެ މެޗަށްފަހު މުބާރާތުގައި އެޓީމް ކުޅުނު ހުރިހާ މެޗެއްގައި ވެސް ލަމްޔާ ކުޅުނެވެ.  އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވިޔަސް ލަމްޔާވީ ކުރިއެރުން ދެއްކި ހުނަރުވެރި ކުޅުންތެރިއަކަށެވެ.

އަންހެނުންގެ ވޮލީމުބާރާތަށްފަހު ދެން ފެށުނީ ފިރިހެނުންގެ ވޮލީގެ ޕްރެކްޓިސްއެވެ. ކޯޗަކީ ވެސް އަދި މެއިން ސްޕައިކަރަކީ ވެސް ހުޒާމެވެ. ރަށުގެ ހުސްހަށިބައި އަންހެންކުދިންނާ މީހުންގެ އަނބިންގެ ހިތްތައް ވެސް ފަތަޙަ ކުރަމުން ހުޒާމް އެރަށުން ފުރިއިރު ލަމްޔާ ވެސް އޭގެ ތެރޭ ހިމެނުނެވެ.

ހުޒާމްގެ ނަޒަރު އެ އާބާދީ ބޮޑުރަށުން އެންމެ ފުރަތަމަ ވެސް ގޮސް ހުއްޓުނު ފަރާތަކީ ލަމްޔާއެވެ. އެހެންކަމުން ފުރަތަމަ ދުވަހުން ފެށިގެން ވެސް ލަމްޔާ ޙާސިލް ކުރުމުގެ އެދުން ހުޒާމްގެ ހިތުގައި އުފެދިގެން ދިޔައެވެ. ޙަޤީގަތަކީ ރަށުތެރޭގައި ލަމްޔާއާ ހުޒާމްއާ ގުޅުވައިގެން ދެކެވުނު ވާހަކަތަކުގެ އަސްލަކީ ވެސް ހުޒާމްގެ ރޭވުންކަމެވެ. އެކަން ނޭނގި އޮތީ ލަމްޔާއާއި ލަމްޔާގެ ބައްޕައަށެވެ.

ލަމްޔާ ޓީޗިންގ ހަދަން މާލެ ދިޔައިރު ހުޒާމްއަކީ ލަމްޔާގެ ލޯބިވެރިޔާއެވެ. އެކަން ނުދަންނަ އެކަކުވެސް އެރަށަކު ނެތެވެ. ނަމަވެސް އެދެމީހުންގެ ކައިވެންޏަށް ބައްޕަ މާކުރިން އެދިފައިވާކަން އެނގޭ ހަމަ އެކަނި ފަރާތަކީ ހުޒާމްއާ ބައްޕައެވެ.

ހުޒާމްގެ ވެސް ރުހުމާއެކު ލަމްޔާ ޓީޗިންގެ ޑިޕްލޮމާ ނިންމާ ޑިގްރީ ފެށުމާއެކު ހުޒާމް ގެއްލިދާނެކަމުގެ ބިރު ލަމްޔާގެ ހިތުގައި އުފެދެން ފެށިއެވެ. އެއީ ރާއްޖޭގެ އެކި ރަށްރަށަށް ކުޅުމަށާ ކޯޗުކޮށްދޭން ހުޒާމް ކުރާ ދަތުރުތަކުގައި ލަމްޔާ ފަދަ ކިތަންމެ އަންހެން ކުދިންނަކާ ދިމާވާނެކަން އެނގޭތީ އުފެދުނު ނުތަނަވަސްކަމެކެވެ. އެހެންކަމުން ކައިވެނީގެ ވާހަކަ އިސްވެ ދެއްކީ ވެސް ލަމްޔާއެވެ.

ދެމީހުން އެއްބަސްވުމަށްފަހު ކޯސް ނިމެން އެއްއަހަރަށް ވުމުން ކައިވެނި ކުރެވުނެވެ. ލިބުނު އަހަރީ ޗުއްޓީއާ ދިމާވާގޮތަށެވެ . މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. ލަމްޔާ އައިނީއަށް ބަލިވެ އިންނަންދެން ކައިވެނީގައި ހޭދަވި ދޮޅު އަހަރުގެ ކޮންމެ ދުވަހަކީ ، ކޮންމެ ރެއަކީ މާމުއި ހަނދުގެ ދުވަހެކެވެ. ރެއެކެވެ.

ކަންތައްތައް މަޑުމަޑުން ބަދަލުވާންފެށީ ކޯސް ނިންމާފައި ހުޒާމްގެ ރަށުގައި ލަމްޔާ ވަޒީފާ އަދާކުރަމުން ދިޔައިރުއެވެ. އޭރު އައިނީއަށް ލަމްޔާ ބަލިވެ އިނދެ ތިންވަރަކަށް މަހެވެ. ދެމީހުންދޭތެރޭގައި ޚިޔާލު ތަފާތުވުންތަކާ ކުދިކުދި އަރައިރުންތައް ހިނގަމުން ދިޔައެވެ. އުފެދެމުންދާ މައްސަލަ ފުޅާވަމުން ދިއަޔަސް ކޮޓަރިން ބޭރަށް މައްސަލަ ދިޔަ ނުދީ ލައްކަ ދުވަހު ލަމްޔާ ހިފެހެއްޓިއެވެ. ކަންކަން ސިއްރު ކުރެވޭނީވެސް ވަކި ވަރަކަށް ތާއެވެ.

ހުޒާމް ރޭގަނޑު ގެއަށް އަންނަނީ  ލަހުންކަން ހުޒާމްގެ މަންމައަށް އެނގުނުރޭ ވީ ވަރަށް ވިއްސާރަ ރެއަކަށެވެ.

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ