ވާހަކަ

ޢިލްމްވެރިކަމާއި މަތިވެރިކަން ލިބުންވަނީ ހަމައެކަނި ﷲ ދެއްވުމުންކަން ހަނދާންކުރާށެވެ.

ތިމަން ރަސްކަލާންގެ އާޔަތްތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތްމީހާގެ ޚަބަރު ކަލޭގެފާނު އެއުރެނަށް ކިޔައިދެއްވާށެވެ! ދެން ޝައިޠާނާއާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. (ސޫރަތުލް އަޢްރާފް: 175)

ޝައިޚް ޞާލިޙުލް ފައުޒާން:

މިމީހަކީ ބަނީ އިސްރާއީލްގެ ދަރިކޮޅުގެ މީހެކެވެ. ޢިލްމްވެރި މީހެކެވެ".ތިމަން ރަސްކަލާންގެ އާޔަތްތައް އެމީހާއަށް އުނގަންނަވައިދެއްވީމެވެ". އެއީ އެމީހެއްގެ ދުޢާ ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަގުތުން އިޖާބަކުރައްވި މީހެކެވެ. އެހެނީ އޭނާއަށް ﷲ ޠަޢާލާގެ އެންމެ މަތިވެރި އިސްމުފުޅު އިނގެއެވެ. އެއިސްމު ފުޅަކުން ދުޢާކުރެވިއްޖެނަމަ ﷲ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ މަތިވެރި އިސްމުފުޅެވެ. އޭނާގެ ނަމަކީ ބުޢުލާމް އެވެ. ބުޢުލާމް އިބްން ބާޢޫރާއެވެ.

ﷲގެ ރަސޫލާ މޫސާ ޢަލަހިއްސަލާމް އާއި ބަނީ އިސްރާއީލުންނާއި ދެމެދު ބައިތުލް މަޤްދިޞް ކަންޢާނީންނާއި އަމާލިކުންފަދަ ދަރިކޮޅުތައްފަދަ ބުދުތަކަށް އަޅުކަންކޮށްއުޅުނު މީސްތަކުންގެ އަތްތަކުން ޙިމާޔަތްކުރެއްވުމަށް ހިނގި ވަރުގަދަ ހަނގުރާމައިގައި އެމީހުން މުސްލިމުންނާއި މޫސަގެފާނުންދެކި ބިރުގަނެ ސިހި، ޖެހިލުންވެ އެކަމާއިމެދު މި ބުލްޢާމް ގެ ގާތަށް އެމީހުންނަށް ނަޞްރު ދެއްވަތްތޯ ދުޢާކޮށްދެއްވާތޯ އައެވެ. އެހެނަސް ފުރަތަމަ ފަހަރު އޭނާ އެކަމާއި ދެކޮޅު ހެދިއެވެ. ފަހުން އެބައިމީހުން އޭނާގެ ބޮލަށްއެރި ވިސްނައިދިނުމުން އެމީހުންނާއި އެއްކޮޅަށް ﷲ ގެ ރަސޫލާއާއި ދެކޮޅަށް ދުޢާކުރިއެވެ. ﷲ ތަޢާލާ އެކަމާއި ކޯފާ އިސްކުރައްވާ އޭނާގެ އެބަރަކާތްތެރިކަމުން އޭނާ ބަރީޢަކުރެއްވިއެވެ.

ތިމަން ރަސްކަލާންގެ އާޔަތްތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތްމީހާގެ ޚަބަރު ކަލޭގެފާނު އެއުރެނަށް ކިޔައިދެއްވާށެވެ! ދެން ޝައިޠާނާއާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. (ސޫރަތުލް އަޢްރާފް: 175)

وَلَكِنَّهُ أَخْلَدَ إِلَى الْأَرْضِ

އެމީހާ ވެގެންވީ ބިމަށް ލެބިގެންވީ މީހަކަށެވެ. (އެބަހީ އޭނާ އިސްކުރި މިދުނިޔެއިން ލިބިދާނޭ އެއްޗަކަށެވެ.)

ﷲގެ ޙަޟްރަތުން މަތިވެރިކަމަކަށް އޭނާ ބޭނުމެއް ނުވިއެވެ.

أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ

އެމީހާ ވެގެންވީ ބިމަށް ލެބިގެންވީ މީހަކަށެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް އޭނާ ތަބާވިއެވެ.

فَمَثَلُهُ كَمَثَلِ الْكَلْبِ إِنْ تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثْ

ފަހެ އޭނާގެ މިސާލު ކުއްތާގެ މިސާލުފަދައެވެ. އެއަށް ޙަމަލާދިނަސް ދޫނެރެގެންއޮވެ މާނޭވާލައެވެ. ނުވަތަ އެއަށް ކަމެއްނުކޮށް ދޫކޮށްލިޔަސް ދޫނެރެގެންއޮވެ މާނޭވާލައެވެ.

ކުއްތާއަކީ އަބަދުވެސް ދޫ ނެރެގެން އޮންނައެއްޗެކެވެ. ހިޔަލުގައިވިޔަސް ނުވަތަ އަވީގައިވިޔަސްވެއެވެ. ދުވަމުން ދިޔަސް ނުވަތަ ހުއްޓި އޮތަސްމެއެވެ. އެހެންކަމުން ﷲ އޭނާއާއި ކުއްތާއަކާއި އެއްފަދަ ކުރެއްވީއެވެ.

އޭނާއަކީ ޢިލްމުވެރި މީހެއްކަމުގައިވިޔަސް، ﷲ ޠަޢާލާގެ އާޔަތްތަށް އޭނާ އެއްލާލީހިނދުﷲ އޭނާގެކިބައިން އެކަން ނެންގެވީއެވެ. އޭނާ ﷲގެ އާޔަތްތައް އުކާލާ ﷲ ތަޢާލާގެ އަޚާ އާއިމެދު އިހާނެތިކޮށް ދުޢާކުރުމުން ﷲ އޭނާއަށް އަދަބުދެއްވީއެވެ.

މިއީ މުއުމިނަކު ދޫކޮށް އީމާން ނުވާމީހުންނަށް ކިޔަމަންތެރިވެ އެޙީއާއި މަދަދުދޭ މީހުންނަކީ ބުލްޢާމް ފަދަ މީހުންނެވެ. ބުލްޢާމް ބިން ބާޢޫރާ ފަދަ މީހުންނެވެ. އެމީހުންނަކީ ﷲ ގެ އާޔަތްތައް އެއްލާލީ މީހުންނެވެ.

ދިވެހިންނޭވެއެވެ! ޕާޓީތަކަށް ނިސްބަތްވެގެން އެކަމުގައި މަޝްޢޫލުވެގެން އުޅޭ މީސްމީހުންނޭވެއެވެ. ކޮންމެ ޕާޓީއެއްކަމުގައިވިޔަސް ﷲ ތަޢާލާގެ ބަސްފުޅުތަކާއި ދެކޮޅުވާއިރު ބިރުވެތިވާކަށް ނުޖެހޭހެއްޔެވެ؟ ތިމާ މިއުޅެނީ ކާކެއްގެ އެހީތެރިކަމެއްހޯދަންތޯ ބަލާއިރު ތިމާއަށް ދުނިޔޭގައި ހެލިފެލިވެ މިއުޅެވެނީ ﷲ ތިމާއަށް ދޫކޮށްދެއްވީތީކަން ހަނދުމަކުރާށެވެ. އެކަލާންގެ އެދިލައްވާނަމަ ވަގުތުން މަރު ހިއްޕަވާއިރު ޕާޓީ ވަންނާނީ ކޮންތާކަށްތޯ ވިސްނާލައްވާށެވެ. މިޔަދު ހަތަރު ފަސް އަހަރެއްގެ ވެރިކަމުގެ ބޭނުމުގައި ކެމްޕެއިން ކޮއްދޭއިރު މާދަމާ .... އެއީ އެއިގެ އަނެއްދުވަހެއް ނުވެސްނެތް ދުވަހެވެ. ދާޢިމަށް ދެމިތިބޭނޭ ޢާލަމެވެ. އެޢާލަމްގައި ހެވެއް އެދޭނަމަ މިއަދު ކުރަން އެންމެ ރަނގަޅީ ކޮންކަމެއްތޯ ނުވިސްނާ ތިހެންއުޅުން ހެޔޮނުވާނެއެވެ. ދިވެހި އުއްމަތް ވެއްޓިގެން މިދަނީ ހާދަހާ އަނދިރި ވަޅުގަނޑަކަށެވެ.

ﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށި! އާމީން.

ރެފަރެންސް: 

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް އިބުރަތްތެރި ވާހަކައެއް

Your email address will not be published. Required fields are marked *

More in ވާހަކަ