ކޮލަމިސްޓް

ގެނުވިއޭ ހިތްތަކަށް ހަމަޖެހުން! ... ވަޅުޖެހިފައިވާ ސުންނަތެއް ދިރުވުމުން!

އައްޑޫ ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ފިޠުރު ޢީދުގެ ޖަމާޢަތް - މިއީ އައްޑޫގައި ފަހުގެ ތާރީޚެއްގައި ހާމަމައިދާނެއްގައި ޢީދު ނަމާދު ކުރެވުނު ފުރަތަމަ ފަހަރު - ފޮޓޯ : ޝިމްލާ އަޙްމަދު

އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާ އެންމެހާ ކަންތަކަކީ މުޅި މުޖުތަމަޢަށް އޭގެ މަންފާހުރި ކަންތައްކަން ކަށަވަރެވެ. ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމް އަޅުގަނޑުމެންނަށް ޢިރުޝާދު ދެއްވާފައިވާ ކަންތަކަށް ޢަމަލުކުރުމުން އޭގެ ފައިދާ ކުރަނީ ހަމަ އަޅުގަނޑުމެންނަށެވެ. ހަމަޖެހުމާއި އުފާ ގެނުވަނީ ހަމަ އަޅުގަނޑުމެންގެ ހިތްތަކަށެވެ.

މުސްލިމުން އުފާ ފާޅުކުރުމަށް ޝަރުޢީ ގޮތުން ޚާއްޞަވެފައިވާ ދެ ދުވަހަކީ އަޟުޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ. ދީނީ ޢިލްމުވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، މި ދެ ދުވަހު ޢީދު ނަމާދު ޖަމާޢަތުގައި ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ.  ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރާއްޖޭގައި ޢަމަލުކުރަމުން އައިގޮތަކީ މިސްކިތުގައި ޢީދު ނަމާދުކުރުން ކަމުގައިވިޔަސް، އެއީ ސުންނަތާ ދުރުގޮތެއްކަމާއި، ސުންނަތް ގޮތަކީ ޢީދު ނަމާދު ހާމަމައިދާނެއްގައި ކުރުންކަން ދީނީ ޢިލްމުވެރިން ދަނީ ބަޔާންކުރައްވަމުންނެވެ.

ޢިލްމުވެރިން މިގޮތަށް ބަޔާންކުރައްވަމުންދާތާ އަހަރުތަކެއް ވަނީ ފާއިތުވެގެން ގޮސްފަ އެވެ. ހަނދާންވާ ގޮތުން، 2008 ވަނަ އަހަރެއްހާ ހިސާބުގައި، ޝައިޚް މުޙައްމަދު ނަޝީދު އާދަމް މާލޭގެ މިސްކިތެއްގައި ދެއްވި ދަރުސެއްގައި ޢީދުގެ ޙުކުމްތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވަރަށް ފުރިހަމައަށް ތަފްޞީލާއެކު މިމައްސަލައަށް ބައްލަވާލެއްވި އެވެ. މިކަންއޮންނަ ގޮތް ފުރަތަމަ ފަހަރަށް އަޅުގަނޑަށް ސާފުވެގެން ދިޔައީ އެދަރުސުންނެވެ. ޢީދު ނަމާދުކުރުން ސުންނަތް ގޮތަކީ ހާމަމައިދާނެއްގައި ކުރުން ކަމަށާއި، ރާއްޖޭގައިވެސް ސްޓޭޑިއަމް ފަދަ ތަންތަން ހުންނައިރު އެފަދަ ހާމަތަންތަނުގައި އެނަމާދުގެ ޖަމާޢަތް ހެދުން ބޮޑަށް ރަނގަޅުވެގެންވާ ކަމަށް ޝައިޚް ނަޝީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާފައިވެ އެވެ.

ދީނީ ޢިލްމުވެރިން ތަކުރާރުކޮށް ދެއްވާ ދަރުސްތަކާއި ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުވިވަރަކަށް، އެކަމުގެ ހެޔޮ އަސަރު މުޖުތަމަޢުން މިއަދު ދަނީ ފެންނަމުންނެވެ. އެގޮތުން ޢީދު ނަމާދު ހާމަމައިދާނެއްގައި ކުރުމުގެ ސުންނަތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ޢަމަލުކުރެވެމުންދާކަމަކީ އުފާވެރި ކަމެކެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހާމަމައިދާނެއްގައި އިންތިޒާމުކުރެވިގެން ޢީދު ނަމާދު ކުރެވުނީ މިދިޔަ 1433 ވަނަ އަހަރެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އަޟްޙާ ޢީދާއި އިއްޔެ ފާހަގަ ކުރެވުނު ފިޠުރު ޢީދު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހާމަމައިދާނުގައި ވަނީ ކޮށްފަ އެވެ. ފިޠުރު ޢީދުގެ ޖަމާޢަތް ހާމަމައިދާނުގައި އިއްޔެ ބާއްވާފައިވާ ރަށްރަށުގެ ތެރޭގައި މާލެއާއި، އައްޑޫ ހިތަދޫއާއި، ޅ. ނައިފަރާއި، ހދ. ހަނިމާދޫ އާއި، ފ. ދަރަނބޫދޫގެ އިތުރުން ބައެއް ރަށްރަށް ހިމެނެ އެވެ.

ރާއްޖޭގެ ރަށްރަށުގައި ހާމަމައިދާންތަކުގައި ޢީދު ނަމާދުކުރުން އާކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއަދު ފެނުނަސް، މުސްލިމުން އުޅޭ އެހެން ގައުމުތަކުގައި އާންމު ގޮތެއްގައި ޢީދު ނަމާދު ކުރެވެމުން ދަނީ ހާމަމައިދާންތަކުގަ އެވެ.

މިގޮތަށް ހާމަމައިދާނުގައި ގިނަ ބަޔަކު އެއްވެ ޢީދު ނަމާދު ޖަމާޢަތުގައި ބައިވެރިވުމަކީ މުސްލިމުންގެ އެއްބަޔަކު އަނެއް ބަޔަކާ އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވެ އެއްބައިވަންތަކަން އިތުރުވުމާއެކު މުސްލިމުންގެ ހިތްތަކަށް ވަރަށް ބޮޑަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ފަހުގެ ތާރީޚެއްގައި އައްޑޫ ހިތަދޫގައި ހާމަމައިދާނެއްގައި އިއްޔެ ކުރެވުނު ފިޠުރު ޢީދު ނަމާދުގެ ޖަމާޢަތަށް މައިދާން ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އިސްކޮށް ހަރަކާތްތެރިވި ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވި ގޮތުގައި، އިއްޔެއަކީ އޭނާގެ ޙަޔާތުގައި އެންމެ ބޮޑު ކާމިޔާބީއެއް ޙާޞިލްކުރެވުނު ދުވަހެވެ. ސަބަބަކީ، ހާމަމައިދާނެއްގައި ސުންނަތާއެއްގޮތަށް ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތެއްގައި ކުރެވޭނެ އިންތިޒާމްކުރެވި، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތް ދިރިގެން ދިޔަ މަންޒަރު ފެނުމެވެ. ދެހާހެއްހާ މީހުންނާއެކު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް ޢީދު ނަމާދު ކުރެވުނީ ހަމައެކަނި ﷲ ގެ ރަޙްމަތުން ކަމުގައި ޝައިޚް އަނީލް ވިދާޅުވި އެވެ.

އަންނަ އަޟްޙާ ޢީދުން ފެށިގެން ކޮންމެ ޢީދެއްގައިވެސް މޫސުން ތަންދޭނަމަ، ހާމަމައިދާނުގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރާއްޖޭގެ ހުރިހާ ރަށްރަށަކުންވެސް މިހާރުއްސުރެ އަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތްކުރަންވެއްޖެ އެވެ. އެގޮތުން ރަށްރަށުގެ އާންމުންގެ މެދުގައި ފުރަތަމަ މިކަމާމެދު ހޭލުންތެރިކަން އިތުރުކުރަންޖެހެ އެވެ. ކަންއޮންނަ ގޮތް ސާފުކޮށް ބަޔާންކޮށްދޭން ޖެހެ އެވެ.

ދީނީ ޢިލްމުވެރިން ޙަދީޘްގެ އަލީގައި ބަޔާންކުރައްވާ ގޮތުގައި،  ސުންނަތެއް މަރުވަމުން ދަނިކޮށް އެކަމެއް ދިރުވައިފިމީހަކަށް އެކަމެއް ކުރި މީހުންގެ ދަރުމައިން އެންމެ ތަންކޮޅެއްވެސް އުނިނުވެ އެމީހަކަށް ދަރުމަ އާއި ޘަވާބު ލިބޭނެ އެވެ. ޝައްކެއްނެތް ގޮތުގައި، ޙަޤީޤީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި، ހިތްހަމަޖެހުން ވަނީ ޤުރުއާނާއި ސުންނަތަށް ތަބާވުމުންނެވެ.

ލިޔުމާ ގުޅޭ ލިންކުތައް :

އަޅުގަނޑުމެންގެ ޢުމުރުން މިވީހާ ދުވަހަކު ޢީދު ނަމާދު ކުރަމުން އައީ މިސްކިތުގައި….؟؟؟

ހާމަ މައިދާނެއްގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޑރ. މަޖީދު މަސައްކަތް ކުރެއްވި: ޝައިޚް ޢިޔާޟު

ޢީދު ނަމާދު - ފޭސްބުކް ޕޭޖް

ޅ. ނައިފަރުގައި އިއްޔެ ބޭއްވުނު ފިޠުރު ޢީދުގެ ޖަމާޢަތް - ފޮޓޯ : މުޙައްމަދު ޝާހިދު

ޅ. ނައިފަރުގައި ހާމަމައިދާނެއްގައި އިއްޔެ ބޭއްވުނު ފިޠުރު ޢީދުގެ ޖަމާޢަތް - ފޮޓޯ : މުޙައްމަދު ޝާހިދު

އިއްޔެ މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޭއްވުނު ފިޠރު ޢީދު ނަމާދުގެ ޖަމާޢަތް - ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

އިއްޔެ މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޭއްވުނު ފިޠރު ޢީދު ނަމާދުގެ ޖަމާޢަތް - ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

 

ގުޅުންހުރި

2 ޚިޔާލު

  1. ރާއްޖޭގެ އެކި ކަންކޮޅު ތަކުން މި ފެންނަނީ، ސައްތައިން ސައްތަ އިސްލާމީ ދިވެހި ބޮޑު އުއްމަތް. ހިތާމަޔަކީ، ފާޑުފާޑުގެ ޕްރޮޕަރ ގެންޑާގެ ތެރެއިން މި މަތިވެރި ދީނުން މި ޤައުމު އެކަހެރި ކުރުމަށް، ޤައުމުގެ މަތިފަޑީގައި އުޅޭބަޔަކު، މަސައްކަތް ކުރަމުންދާކަން. މި ފޮޓޯ ތަކުންވެސް ޢިބްރަތެއް ޙާޞިލްކޮށް، އިސްލާމް ދީން ނޫން އެހެންދީންތަކަށް މި ޤައުމުން ފުރުޞަތުދޭން މަސައްކަތް ކުރާމީހުން އެކަން ހުއްޓާލާ، އިސްލާމީ އުއްމަތަށް ނަޞްރު ދިނުމަށް ތެދުވުމަށް. ހެޔޮލަފާ ޞާލިޙް އަޅެއްގެ އެންމެ ދުޢާ އަކުންވެސް، ތިޔަބައި މީހުންގެ މަސައްކަތްތައް ނާކާމިޔާބު މަސައްކަތްތަކަށް ވެދާނެ.

  2. ާާާހާދަހާ އުފަލެއްވެ އޭ މި މަންޒަރު ފެނުމުން…. މާޝާﷲ

Your email address will not be published. Required fields are marked *