ދީންސުވާލާއި ޖަވާބު

އަޅުގަޑުމެންގެ ޢުމުރުން މިވީހާ ދުވަހަކު ޢީދު ނަމާދު ކުރަމުން އައީ މިސްކިތުގަ....؟؟؟

ސުވާލު:

އަޅުގަޑުމެންގެ ޢުމުރުން މިވީހާ ދުވަހަކު ޢީދު ނަމާދު ކުރަމުން އައީ މިސްކިތުގައެވެ. ނަމަވެސް، ދާދި ފަހުން ރާއްޖެ އިސްލާމް އިން ފެނުނު ފަތުވާ އެއްގައި ވާ ގޮތުން މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދުޢަ އެކެވެ. މިޔޮށް ހުރިހާ ދުވަހު އަޅުގަޑުމެން ކޮށްފައިވާ ޢީދު ނަމާދުތައް ފެނަށް ދިޔައީތޯއެވެ؟ މީގެ ކުރިން މިވާހަކަތައް މިގޮތަށް ބަޔާން ނުކުރެވި ލަސްވެފައި ވަނީ ކީއްވެގެންތޯއެވެ؟ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ޢީދު ނަމާދު ކުރާ މިސްކިތްތައް ވެސް ވަނީ ގިނަކޮށްފައެވެ. ވީމާ، އެމިސްކިތްތައް ފަޅު ފިލުވުމުގެ ގޮތުންނަމަވެސް، މައިދާނަށް ނުގޮސް މިސްކިތުގައި ނަމާދު ކޮށްފިނަމަ ވާނީ ކިހިނަކުންތޯއެވެ؟ ވަރަށް ތަފްޞީލުކޮށް ޖަވާބު ދެއްވާނެ ކަމަށް އުއްމީދު ކުރަމެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ސުވާލުގައި ތަފާތު ކަންތައް ތަކެއް ފާހަގަ ކުރައްވާފައިވެއެވެ. ވީމާ، ﷲ ގެ ވާގި ފުޅާއި އެކު ނުކުތާ އަކުން ނުކުތާ އަކުން ޖަވާބު އެރުވޭތޯ ބަލާނަމެވެ. ޝުޢައިބު ޢަލައިހިއްސަލާމް ވިދާޅުވި ފަދައިން އަޅުގަޑު ބުނަމެވެ. (إِنْ أُرِ‌يدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّـهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ) މާނައަކީ: " އަހުރެންނަށް ކުޅަދާނަވީވަރަކަށް، إصلاح ކުރުން މެނުވީ، އަހުރެން ބޭނުމެއް ނުވެތެވެ. އަދި اللَّه ގެحضرة ން މެނުވީ، އަހުރެންނަށް توفيق ލިބުމެއްނުވެތެވެ. އަހުރެން وكيل ކުރަނީ، އެކަލާނގެއަށެވެ. އަދި توبة ވަނީވެސް، އެކަލާނގެ حضرة އަށެވެ."

ފުރަތަމަ މައްސަލަ: ޢީދު ނަމާދު ކުރުން ސުންނަތް ވެގެން ވަނީ ކޮން ތަނެއްގައިތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދު ކުރައްވަނީހާމަތަނެއްގައެވެ. އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ޢީދު ނަމާދު ކުރެއްވި ކަމެއް ޘާބިތުވާކަށް ނެތެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى فَأَوَّلُ شَيْءٍ يَبْدَأُ بِهِ الصَّلاةُ ثُمَّ يَنْصَرِفُ ، فَيَقُومُ مُقَابِلَ النَّاسِ وَالنَّاسُ جُلُوسٌ عَلَى صُفُوفِهِم ،ْ فَيَعِظُهُمْ وَيُوصِيهِمْ وَيَأْمُرُهُمْ ، فَإِنْ كَانَ يُرِيدُ أَنْ يَقْطَعَ بَعْثًا قَطَعَهُ أَوْ يَأْمُرَ بِشَيْءٍ أَمَرَ بِه ،ِ ثُمَّ يَنْصَرِفُ . قَالَ أَبُو سَعِيدٍ فَلَمْ يَزَلْ النَّاسُ عَلَى ذَلِكَ حَتَّى خَرَجْتُ مَعَ مَرْوَانَ وَهُوَ أَمِيرُ الْمَدِينَةِ فِي أَضْحًى أَوْ فِطْرٍ فَلَمَّا أَتَيْنَا الْمُصَلَّى إِذَا مِنْبَرٌ بَنَاهُ كَثِيرُ بْنُ الصَّلْتِ فَإِذَا مَرْوَانُ يُرِيدُ أَنْ يَرْتَقِيَهُ قَبْلَ أَنْ يُصَلِّيَ فَجَبَذْتُ بِثَوْبِهِ فَجَبَذَنِي فَارْتَفَعَ فَخَطَبَ قَبْلَ الصَّلاةِ فَقُلْتُ لَهُ غَيَّرْتُمْ وَاللَّهِ فَقَالَ أَبَا سَعِيدٍ قَدْ ذَهَبَ مَا تَعْلَمُ فَقُلْتُ مَا أَعْلَمُ وَاللَّهِ خَيْرٌ مِمَّا لا أَعْلَمُ فَقَالَ إِنَّ النَّاسَ لَمْ يَكُونُوا يَجْلِسُونَ لَنَا بَعْدَ الصَّلَاةِ فَجَعَلْتُهَا قَبْلَ الصَّلاةِ)– رواه البخاري 956 ومسلم 88، މާނައަކީ: “ފިޠުރު ޢީދު ދުވަހުގައްޔާއި އަޟްޙާ ޢީދު ދުވަހުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޞައްލާ އަށް ނިކުމެ ވަޑައިގަންނަވައެވެ. އެންމެ ފުރަތަމަ ކުރައްވާ ކަމަކީ ނަމާދެވެ. އެއަށްފަހު ތެދުވެ ވަޑައިގެން މީސްތަކުންނާއި ކުރިމަތި ލައްވައެވެ. މީސްތަކުން އެބައިމީހުންގެ ޞަފުތަކުގައި އިށީނދެ ތިބެއެވެ. ދެން އެކަލޭގެފާނު ވަޢްޡުނަޞޭޙަތް ދެއްވާ، ވަޞިއްޔަތް ކުރައްވާ، ހެޔޮކަންތަކަށް އަމުރު ކުރައްވައެވެ. އަދި އެކަލޭގެފާނު ލަޝްކަރެއް ތަނަކަށް ފޮނުއްވަން ގަޞްދު ކުރައްވާނަމަ އެކަން ކުރައްވައެވެ. ނުވަތަ މީސްތަކުންނަށް ކަމަކަށް އަމުރު ކުރައްވަން ގަޞްދު ކުރައްވާނަމަ އެކަމެއް ކުރައްވައެވެ. އެއަށްފަހު މުޞައްލާ އިން ނިކުމެ ވަޑައިގަންނަވައެވެ.” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އެއްފަހަރެއްގެ ފިޠުރު ޢީދުގައި ނުވަތަ އަޟްޙާ ޢީދުގައި މަދީނާގެ އަމީރު މަރުވާނާއި އެކުގައި ތިމަންކަލޭގެފާނު ނިކުތުމަށް ދާންދެން މީސްތަކުން މިގޮތުގައި ދެމިތިއްބެވެ. އަހަރުމެން މުޞައްލާ އަށް ނިކުތް އިރު ކަޘީރު ބިން އައްޞަލްތު ބިނާ ކުރައްވާފައި ހުރި މެމްބަރެއް ހުއްޓެވެ. ނަމާދުގެ ކުރިން މެމްބަރަށް އަރައިވަޑައިގަތުމަށް އަބޫސަޢީދު މަސައްކަތް ކުރެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިފާ ތިމަންކަލޭގެފާނު ދަމައިގަތީމެވެ. އެކަލޭގެފާނު ތިމަންނާ ކޮއްޕާލުމަށްހު މެމްބަރަށް އަރައިވަޑައިގަތެވެ. އަދި ނަމާދުގެ ކުރިން ޚުޠުބާ ދެއްވިއެވެ.ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ އަބޫސަޢީދެވެ. މާތް ﷲ ގަންދީ ބުނަމެވެ.ކަލޭގެފާނު ބަދަލު ކުރައްވައިފިއެވެ.” އަބޫސަޢީދު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވާ ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ.” އެހިނދު ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “މާތް ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަށް އެނގިވަޑައިގަންފައިވާ ގޮތަށް ވުރެ މޮޅު ގޮތެއް ތިމަންކަލޭގެފާނަށް އެނގިފައެއް ނެތެވެ.” އަބޫސަޢީދު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ނަމާދުގެ ފަހުން ޚުޠުބާ އަޑުއެހުމަށް މީސްތަކުން މަޑެއް ނުކުރާނެއެވެ. އެހެންވެ، ނަމާދުގެ ކުރިޔަށް ޚުޠުބާ ދިނީއެވެ.”

މި ޙަދީޘްގެ ޝަރަޙާގައި އިމާމް ޢައިނީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “މި ޙަދީޘް އިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި ޢީދު ނަމާދު ކުރުމަށް މައިދާނަކަށް ނިކުތުން ހިމެނެއެވެ. ޟަރޫރީ ޙާލަތެއްގައި މެނުވީ މިސްކިތުގައި ޢީދު ނަމާދު ނުކުރުން ހުއްޓެވެ.” އިމާމް މާލިކުގެ ކިބައިން އިބްނު ޒިޔާދު ރިވާ ކުރެއްވިއެވެ. “މައްކާގެ އަހްލުވެރިން ފިޔަވާ އެހެން މީހުން ޢީދު ނަމާދު ކުރުން ސުންނަތް ވެގެންވަނީ މައިދާނެއްގައެވެ. މައްކާގެ އަހްލުވެރިންނަށް ސުންނަތް ވެގެންވާ ގޮތަކީ މިސްކިތުގައިކުރުމެވެ.”

ފަތާވާ އަލްހިންދިއްޔާގެ އެއްވަނަ ބައިގެ 118 ވަނަ ޞަފްޙާ ގައި އައިސްފައިވެއެވެ. “ޢީދު ނަމާދު ކުރުމަށް ސުންނަތް ވެގެންވަނީ މައިދާނަކަށް ނިކުތުމެވެ. އެކަމަށް މިސްކިތް ތަނަވަސްވެގެން ވިޔަސްއެވެ. މިއީ ގިނަ ޝައިޚުންގެ ރައުޔެވެ. އަދި ރަގަޅު ގޮތަކީވެސް މިއީ އެވެ.”

އިބްނު ގުދާމާ އަލްޙަންބަލީ އެކަލޭގެފާނުގެ “މުޣްނީ”ގެ (2/229-230) ގައި ލިޔުއްވާފައިވެއެވެ. “ސުންނަތް ގޮތަކީ ޢީދު ނަމާދު މުޞައްލާ(މައިދާނެއް) ގައި ކުރުމެވެ. އެކަމަށް ޢަލީ ރަޟިޔަﷲ ޢަންހު އަމުރު ކުރައްވާފައިވެއެވެ. އަދި އެއީ އެދެވިގެންވާ ގޮތްކަމުގައި އަލްއައުޒާޢީ އާއި އަޞްޙާބުއްރައުޔު ވިދާޅުވެފައިވެއެވެ. މިއީ އިބްނުލް މުންޛިރުގެ ވެސް ރައުޔެވެ.

އަދިވެސް އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “އަހަރުމެންގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތް ދޫކުރެއްވުމަށް ފަހުގައި ޢީދު ނަމާދަށް މައިދާނަށް ނިކުމެވަޑައިގަތުމެވެ. އަދި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ވެސް ކަންތައް ކުރެއްވީ ހަމަ އެގޮތަށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ މަތިވެރި ގޮތް ދޫކޮށެއް ނުލައްވާނެއެވެ. އަދި އެންމެ މަތިވެރި ގޮތް އުއްމަތަށް ތަޝްރީޢު ނުކުރައްވާ ދުލެއްވެސް ނުކުރައްވާނެއެވެ. ސަބަބަކީ އަހަރުމެންނަށް އަމުރުވެވިގެން ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމޫނާ އެއް ކަމުގައި ބަލައިގަތުމަށެވެ. އަހަރުމެންނަށް އަމުރުވެވިގެންވާ ގޮތަކީ އުނިގޮތް ކަމުގައިވެފައި، މަނާ ކުރެވިގެންވާ ގޮތަކީ ފުރިހަމަ ގޮތް ކަމުގައި ވުމަކީއެކަށީގެންވާ ކަމެއް ނޫނެވެ. ޢުޛުރެއް މެދުވެރިވެގެން މެނުވީ ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ޢީދު ނަމާދު ކުރެއްވި ކަމެއް ޘާބިތުވާކަށް ނެތެވެ. މިކަމަށް މުޅި އުއްމަތް އިޖްމާޢުވެއެވެ. މިސްކިތުގައި ޖާގަ ހުއްޓަސްވެސް އަދި ނެތަސް ވެސް ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން ޢީދު ނަމާދު ކުރުމަށް މައިދާނަކަށް ނިކުމެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތް ކޮޅުގެ ޝަރަފާއި އެކުގައިވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރެއްވުމަށް ނިކުމެވަޑައިގަންނަވަނީ މައިދާނަށެވެ.”

އިމާމް ޝާފިޢީ ރަޙިމަހުﷲ އެކަލޭގެފާނުގެ “އަލްއުއްމު” އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދު ކުރައްވަން ވެއްޖެނަމަ މަދިނާގެ ހާމަކަން ބޮޑު ސަރަޙައްދަކަށް ނިކުމެވަޑައިގެން ނަމާދު ކުރައްވާ ކަމަށް އައިސްފައިވެއެވެ. އެކަލޭގެފާނުގެ ފަހުން ޞަޙާބީންވެސް ކަންތައް ކުރެއްވީ ހަމައެފަދައިންނެވެ. ވާރޭ ވެހޭތީ ނުވަތަ އެނޫންވެސް ޢުޛުރެއް މެދުވެރިވެގެން ނޫނީ މިސްކިތުގައި އެބޭފުޅުން ޢީދު ނަމާދު ނުކުރައްވައެވެ. މިއީ މައްކާ ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް ސަލަފުން ކަންތައް ކުރެއްވި ގޮތެވެ. ސަލަފުންގެ ތެރެއިންއެއްވެސް ބޭފުޅަކު މައްކާގައި މިސްކިތުގައި ފިޔަވާ އެހެން ތަނެއްގައި ޢީދު ނަމާދު ކުރެއްވި ކަމެއް އެނގޭކަށް ނެތެވެ. އެގޮތަކީ މަސްޖިދުލް ޙަރާމަކީ ދުނިޔޭގައިވާ އެންމެ މާތް ބިންކޮޅުކަމުގައި ވުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން، މަސްޖިދުލް ޙަރާމް ފިޔަވާ އެހެން ތަނެއްގައި ނަމާދު ނުކުރެއްވުމަށް އެބޭފުޅުން ގަޞްދު ކުރެއްވީއެވެ.”

އަދިވެސް އިމާމް ޝާފިޢީގެ ކިބައިން ރިވާވެގެން ވެއެވެ. “ޖާގައިގެ ގޮތުން މިސްކިތް ތަނަވަސް ވެގެންވާ ނަމަ މިސްކިތުގައި ޢީދު ނަމާދު ކުރުން ބޮޑަށް ރަގަޅެވެ. ސަބަބަކީ އެއީ އެންމެ ޞާފުޠާހިރު ބިމެވެ. އެހެންކަމުން މައްކާގެ އަހްލުވެރިން ނަމާދު ކުރުން ބޮޑަށް އެދެވިގެން ވަނީ މިސްކިތުގައެވެ.

އަލްޢައްލާމާ އިބްނުލް ޙާއްޖި އެކަލޭގެފާނުގެ “އަލްމަދްޚަލު” ގެ (2/283) ގައި ލިޔުއްވާފައިވެއެވެ. “ޢީދު ނަމާދުގައި ސުންނަތްވެގެންވާ ގޮތަކީ މައިދާނުގައި ކުރުމެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (صلاة في مسجدي هذا أفضل من ألف صلاة فيما سواه إلا المسجد الحرام) البخاري 1190 ومسلم 1394، މާނައަކީ: “ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރެވޭ އެންމެ ނަމާދަކީ މަސްޖިދުލް ޙަރާމް ފިޔަވާ އެހެން މިސްކިތެއްގައި ކުރެވޭ އެއްހާސް ނަމާދަށް ވުރެހެޔޮކަން ބޮޑު ނަމާދެކެވެ.” މިމަތިވެރި މާތް ކަމާއި އެކުގައިވެސް ޢީދު ނަމާދު ކުރެއްވުމަށް ޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތް ދޫކުރައްވާ މައިދާނަށް ނިކުމެވަޑައިގަތީއެވެ. މިއިން ދޭހަކޮށްދެނީ ޢީދު ނަމާދަށް މައިދާނަށް ނިކުތުމުގެ މަތިވެރި ކަމެވެ. ސުންނަތް ގޮތަކީވެސް އެއީ އެވެ. އިމާމް މާލިކް- ރަޙިމަހުﷲ- ގެ މަޛްހަބުގައި ޟަރޫރަތެއް މެދުވެރި ވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދުޢަ އެކެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސް ބޭކަލަކު ޟަރޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ނުކުރައްވައެވެ. ޙައިޟުވެރި އަންހެނުންނަށްވެސް ޢީދު ނަމާދު ކުރެވޭ މައިދާނަށް ނިކުތުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރު ކުރައްވާފައެވެ. އެއީ އިސްލާމީ ޝިޢާރު ފާޅު ކުރުމަށް ޓަކައެވެ. އަދި ޢީދުގެ އުފާ ހުރިހާ މުސްލިމުންނަށް ހޯއްދަވައި ދެއްވުމަށް ޓަކައެވެ.”

ޞައްޙަ ޙަދީޘް ތަކުގެ އަލީގައި ޢީދު ނަމާދު ކުރުން ސުންނަތް ވެގެން ވަނީ މައިދާނެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސް ބޭފުޅަކު ޟަރޫރަތެއް އޮވެގެން މެނުވީ ޢީދު ނަމާދު މިސްކިތުގައި ނުކުރައްވައެވެ. އިމާމް ޝާފިޢި ފިޔަވާ އަނެއް ތިން މަޛްހަބުގެ އިމާމުންގެ ރައުޔަކީވެސް މިއީ އެވެ. އިމާމް ޝާފިޢީގެ ރައުޔަކީ ރަށުގައި ހުރި މިސްކިތަކީ އެންމެންނަށް ނަމާދު ކުރުމަށް ފުދޭވަރުގެ މިސްކިތެއް ކަމުގައި ވަނީނަމަ ޢީދު ނަމާދު މިސްކިތުގައި ކުރުމެވެ. މިއާއި އެކުވެސް މައިދާނަށްނިކުމެ ޢީދު ނަމާދު ކުރުމަކީ މައްސަލަ އެއް އޮތް ކަމަކަށް އިމާމް ޝާފިޢީ ވެސް ވިދާޅުވެފައެއް ނުވެއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ ރަށުގައި ހުރި މިސްކިތަކީ އެންމެންނަށް ފުދޭވަރުގެ މިސްކިތަކަށް ނުވަނީނަމަ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ.”

އިސްވެ ބަޔާން ކުރެވުނު ޙަދީޘް ތަކުންނާއި، ޚަލީފާ އިންގެ ޢަމަލުފުޅުތަކުން، އަދި ޢިލްމުވެރިންގެ ވާހަކަތަކުން އެނގެނީ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދްޢަ އެއް ކަމަށެވެ. އިމާމް ޝާފިޢީގެ ބަސްފުޅަށް ބެލިކަމުގައި ވީނަމަވެސް، އެރަށެއްގެ ހުރިހާ އަހްލުވެރިން އެރޭނެވަރުގެ މިސްކިތެއް ނެތްނަމަ ސުންނަތް ވެގެންވާ ގޮތަކީ މައިދާނަކަށް ނިކުމެ ޢީދު ނަމާދު ކުރުމެވެ. މިޒަމާނުގައި މަދު ރަށެއްގައި މެނުވީ ރަށުގެ ހުރިހާ ރަޢްޔިތުންނަށް އެރޭވަރުގެ މިސްކިތެއް ނުހުރެއެވެ.  އަނެއްކަމަކީމައިދާނުގައި ނަމާދު ކުރާއިރުގައި ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން އެއްތަނަކަށް އެއްވެ، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކޮށް، ﷲ ގެ ޙަޟްރަތަށް ދުޢާ ކޮށް، ﷲ އެބައިމީހުންނަށް ދެއްވި ބޮޑު ނިޢްމަތުގެ މައްޗަށް އުފާކޮށް، ހެދުމުން ޢީދު ޢީދަކަށް ވެގެން ދެއެވެ.

ޢީދު ނަމާދަށް އަންހެނުންވެސް ނިކުތުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރު ކުރައްވާފައެވެ. މީގެ ތެރެއިން އެއްވެސް ބަޔަކު އިސްތިޘްނާ ކުރައްވާފައެއް ނުވެއެވެ. އެމީހެއްގެ އަތުގައި ޢީދު ނަމާދަށް ނިކުތުމަށް ލާނެ ހެދުމެއް ނެތްނަމަ އެހެން މީހެއްގެ އަތުން ހެދުމެއް ހޯދައިގެން ނަމަވެސް ޢީދު ނަމާދަށް ނިކުތުމަށް އަމުރު ކުރައްވާފައިވެއެވެ. ނަމާދު ކުރުމަށް ޢުޛުރުވެރިވާ މީހުންވެސް ޢީދުނަމާދުގެ މައިދާނަށް ނިކުތުމަށް އަމުރު ކުރައްވާފައިވެއެވެ. އެއީ މުސްލިމުންގެ ދުޢާ އާއި އުފަލުގައި ބައިވެރިވުމަށެވެ.

 

ދެވަނަ މައްސަލަ: ބިދުޢަ އަކީ ކޮބާ؟ ބިދުޢައިގެ ވައްތަރު ތަކަކީ ކޮބާ؟ ބިދުޢައިގެ ޙުކުމަކީ ކޮބާ؟

ޢަރަބި ބަހުގައި "ބިދްޢަ" އޭ ބުނުމުން އޭގެ މާނައަކީ: ކުރިން ނެތް ކަމެއް ފެށުން ނުވަތަ އުފެދުމެވެ. ސޫރަތުލް ބަގަރާގެ 117 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (بديع السماوات والأرض) މާނައަކީ: "އެކަލާނގެއީ އިސްވެދިޔަ މިޘާލަކާއިނުލައި އުޑުތަކާއި ބިން ހެއްދެވި އިލާހެވެ".

ޝަރްޢީ އިޞްޠިލާޙުގައި ބިދްޢައިގެ މާނައަކީ: ދީނުގައި އަޞްލެއް ނެތް ކަމެއް، އޭގެތެރެއަށް ވެއްދުމެވެ. މިޘާލަކަށް ﷲ ޛިކްރުކުރުމުގެ ގޮތުންނޭ ބުނެ (ﷲ ﷲ ﷲ) މިހެން ކިޔާ ޅެންބައިތެއްހެން ޛިކުރުކުރުން. މިއީ ޝަރީޢަތުގައި އަޞްލެއް ނުވަތަ ނައްޞެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. ޛިކްރު ކުރުމުގެ ގޮތުން ކުރަންވާނީ އެޛިކްރަކާއި ބެހޭގޮތުން ނައްޞެއް އައިސްފައިވާ ޛިކްރުތަކެވެ.

ބިދުޢައިގެ ވައްތަރުތައް:

ދީނުގެ ތެރެއަށް ބިދުޢަވެރި ކަމެއް ވެއްދުމުގައި ދެގޮތެއް ވެއެވެ. އެއީ:

ފުރަތަމަ: ޢަގަދީ ގޮތުން ބިދުޢަ އަކަށް ވުން: މިޘާލަކަށް މަގުފުރެދިފައިވާ ޖަހްމީންނާއި މުޢްތަޒިލީން ފަދަ ފިރްގާ ތަކުގެ ޢަގީދާ ތައް.

ދެވަނަ: އަޅުކަމުގެ ތެރެއަށް ބިދުޢަ ވެއްދުން. މިޘާލަކަށް ﷲ ޝަރްޢު ކުރައްވާފައި ނުވާ ފަދަ އަޅުކަމެއް ކުރުން. މިފަދަ ބިދުޢަ އެތައް ބަޔަކަށް ބެހިގެން ވެއެވެ. އެއީ:

  1. އަޅުކަމުގެ އަޞްލުގެ ތެރެއަށް ކަމެއް ވެއްދުން. ޝަރީޢަތުގައި އަޞްލެއް ނުވާ ކަމެއް އަޅުކަމުގެ ތެރެއަށް ވެއްދުން. މިޘާލަކަށް ޝަރްޢުގައި ނެތް ނަމާދެއް ނުވަތަ ރޯދަ އެއް ޝަރްޢު ކުރުން. ނުވަތަ ޝަރްޢުގައި ފާހަގަ ކުރަން ނުޖެހޭ ޢީދެއް ފާހަގަ ކުރުން، މިޘާލަކަށް އުފަން ދުވަސް ފާހަގަ ކުރުން.
  2. ޝަރްޢު ކުރެވިފައިވާ އަޅުކަމެއްގެ ތެރެއަށް ކަމެއް އިތުރު ކުރުން. މިޘާލަކަށް މެންދުރު ނުވަތަ ޢަޞްރު ނަމާދުގައި ފަސްވަނަ ރަކްޢަތެއް ކުރުން.
  3. ޝަރްޢު ކުރެވިފައިވާ އަޅުކަމެއް ކުރާ ގޮތުގެ ތެރެއަށް ބިދުޢަ ވެއްދުން، މިޘާލަކަށް ނަމާދުގެ ފަހުން ޛިކްރު ތަސްބީޙަ ކިޔުމުގައި އެންމެން އެއް އަޑަކުން ރާގު ލައްވާފައި ކިޔުން.
  4. ޝަރީޢަތުގައި ކަނޑައެޅިފައިވާ އަޅުކަމެއް އެކަން ކުރުމަށް އޮންނަ ވަގުތު ނޫން އެހެން ވަގުތެއްގައި ކުރުން އެއީ މަޝްރޫޢު ކަމެއް ކަމުގައި ދެކުން، މިޘާލަކަށް: ޝަޢްބާން މަހުގެ ފަނަރަ ވަނަ ދުވަހު ރޯދަ ހިފުމާއި އެރޭ އަޅުކަން ކުރުން. އަޅުކަން ކުރުމާއި ރޯދަ ހިފުމަކީ ދީނުގައި މަޝްރޫޢު ދެކަންތަކެވެ. ނަމަވެސް، ޝަޢްބާން މަހުގެ ފަނަރަ ވަނަ ދުވަސް ޚާއްޞަކޮށްގެން ރޯދަ ހިފާ އަޅުކަން ކުރާ ކަމަށް ވަނީނަމަ އެކަމަށް ދަލިލެއް ބޭނުން ވާނެއެވެ.

ބިދްޢައިގެ ޙުކުމް:

ދީނުގެ ތެރެއަށް އަލަށް ކަމެއް ވެއްދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إياكم ومحدثات الأمور، فإن كل محدثة بدعة، وكل بدعة ضلالة، وكل ضلالة في النار) މާނައަކީ: "ދީނުގެ ތެރެއަށް އަލަށް ކަމެއް ވެއްދުމުން ތިޔަބައިމީހުން ރައްކާތެރިވެ ސަލާމަތްވާށެވެ. ހަމަކަށަވަރުން އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދްޢަ އެކެވެ. ކޮންމެ ބިދްޢަ އަކީ ގެއްލުންތެރި ކަމެކެވެ. ކޮންމެ ގެއްލުންތެރި ކަމަކީ ނަރަކާގައިވާ ކަމެކެވެ".

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (من أحدث في أمرنا هذا ما ليس منه فهو رد) މާނައަކީ: "މި ދީނުގެ ތެރެއަށް އަލަށް ކަމެއްވައްދައިފިމީހާ ދަންނާށެވެ. އެކަމެއް ވަނީ އެމީހަކަށް ރައްދު ކުރެވިގެންނެވެ".

އިސްވެދިޔަ ދަލީލުތަކުން ދޭހަވަނީ އަޅުކަމާއި ޢަގީދާގެ ތެރެއަށް ބިދްޢަ ވެއްދުމަކީ ޙަރާމްވެގެންވާ ކަމެއް ކަމެވެ. އެހެންނަމަވެސް ބިދްޢައިގެ ވައްތަރުން އޭގެ ޙަރާމްކަމުގެ ބޮޑު ކުޑަމިން ކަނޑައަޅއެވެ.

ބިދްޢައިގެ ތެރޭގައި ކުފުރުވާ ފަދަ ބިދްޢަވެސް ހިމެނެއެވެ. މިޘާލަކަށް ގަބުރުތައްވަށާ ޠަވާފުކުރުން، ޒިޔާރަތަށް ނަދުރުބުނެ ގުރްބާންކުރުން، މަރުވެފައިވާ މީހުންގެ ފަރާތުން އެހީ އަށް އެދުން ފަދަ ކަންތައް ހިމެނެއެވެ.

ބިދްޢައިގެ ތެރޭގައި ފާފައަކަށްވެދާ ފަދަ ކަންތައްވެސް ހިމެނިފައިވެއެވެ. މިޘާލަކަށް: ޝަހްވާނީ އެދުންވެރިކަން ދަށްކުރުމުގެ ގޮތުން ހޯޖާ ކުރުން، އިރުމެދުގައި ކޮޅަށް ހުރެ ރޯދަ ހިފުން ފަދަ ކަންތައް ހިމެނިގެންވެއެވެ.

ބައެއް ޢިލްމުވެރިން ބިދްޢައިގެ ވައްތަރުތަކުގެ ތެރޭގައި މަކްރޫހަ ބިދްޢަ، މިޘަލަކަށް މިސްކިތްތައް ޒީނަތްތެރިކުރުން، އެކި ޑިޒައިންތަކަށް މުޞްޙަފް ތައްޔާރުކުރުން ފަދަ ކަންތައް ހިމަނުއްވައެވެ. އަދި ބިދްޢަ މުބާޙް، މިޘާލަކަށް ކާބޯތަކެތީގެ ބާވަތްތަކާއި ލައިއުޅޭ އަންނައުނު އިތުރުކުރުން ހިމަނުއްވައެވެ.

އިމާމް ޝާޠިބީ- ރަޙިމަހުﷲ- އެކަލޭގެފާނުގެ "އަލްއިޢްތިޞާމް" އޭ ކިޔުނު ފޮތުގައި ބިދްޢަވެރިންގެ ދަރަޖަތައް ބަޔާން ކުރައްވަމުން ލިޔުއްވާފައިވެއެވެ.

  1. އެމީހެއްގެ ބިދްޢަވެރިކަން ސިއްރުކުރުމާއި އިޢުލާންކުރުމުގެ ގޮތުން ތަފާތުވެދެއެވެ. މިގޮތުން ސިއްރުކުރާ މީހާ، އޭނާގެ ނުބައިކަން އޮންނާނީ ހަމައެކަނި އޭނާގެ މައްޗަށެވެ. އެހެންމީހަކަށް އޭގެ އަޘަރެއް ނުކުރާނެއެވެ. ނަމަވެސް އޭނާގެ ބިދްޢަވެރިކަން އިޢްލާންކޮށް، އެކަމަށް މީސްތަކުންނަށް ގޮވާނުލި ކަމުގައިވީނަމަވެސް އޭނާ އެހެންމީހުންނަށް އެގޮތުގައި ހިފުމަށް ދަޢްވަތު ދިނުން ފަދައެވެ.
  2. އެމީހެއްގެ ބިދްޢަ އަށް އެހެން މީހުންނަށް ދަޢްވަތުދޭމީހާ އާއި ދަޢްވަތު ނުދޭމީހާވެސް ތަފާތުވެއެވެ. ސަބަބަކީ ދަޢްވަތު ނުދޭމީހާގެ ބިދްޢަވެރިކަން ކޮޕީކުރާނެ މީހުން މަދުވާނެއެވެ. ނަމަވެސް އެކަމަށް މީސްތަކުންނަށް ދަޢުވަތުދީ ގޮވާލާ ކަމަށްވެއްޖެނަމަ، އޭނާ ކޮޕީ ކުރާނެ މީހުންގިނަވެ، އެކަމުގެ ނުރައްކާތެރިކަން މުޖްތަމަޢުގައި ބޮޑުވެގެންދާނެއެވެ.
  3. އެމީހެއްގެ ބިދްޢަ އަކީ ކުފްރެއްކަމަށް ވުމާއި ނުވުމުގެ ތަފާތަކީ، ކުފްރުވެރި ބިދްޢަ އެއްނަމަ ﷲ ގެ ޢަޛާބުގައި އެމީހަކު ދެމިހުންނާނެއެވެ. އަދި އޭނާ އިސްލާމްދީނުން ބޭރުވެގެންދާނެއެވެ. ނަމަވެސް ކުފްރުވެރި ބިދްޢަ އަކަށް ނުވެއްޖެނަމަ އެމީހަކު ދީނުން ބޭރުވެގެންނެއް ނުދާނެއެވެ.

 

ތިންވަނަ މައްސަލަ: މިސްކިތުގައި ޢީދު ނަމާދު ކުރުން ވަންނާނީ ކޮންކަހަލަ ބިދުޢަ އެއްގެ ތެރެއަށްތޯ؟

ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ވާރޭ ވެހުން ފަދަ ޢުޛުރެއް މެދުވެރި ނުވާހާ ހިނދަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް އަދި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިންނެއްވެސް މިސްކިތުގައި ޢީދު ނަމާދު ކުރައްވާފައެއް ނުވެއެވެ. އަދިކިއެއްތަ، އެބޭފުޅުން ޢީދު ނަމާދު ކުރައްވަން ވެއްޖެނަމަ ނިކުމެވަޑައިގަންނަވަނީ ހާމަ ތަނަކަށެވެ. ނުވަތަ މައިދާނަކަށެވެ. ބޭނުމަކީ ޢީދުގެ އުފަލުގައި އެންމެން ބައިވެރި ކުރުމެވެ. އަދި އިމާމާގެ ޚުޠުބާ އާއި ދުޢާ ގައި އެއްވެސް އިސްތިޘްނާ އެއް ނެތި އެންމެން ބައިވެރި ވުމެވެ. މިސްކިތުގައި ނަމަ ވަކި ކަހަލަ ޢުޛުރުތަކެއް މެދުވެރިވެފައިވާ މީހުންނަށް ޙާޟިރެއް ނުވެވޭނެއެވެ. ނަމަވެސް މައިދާނުގައި ވީމާ، އެޖަމާޢަތަކަށް ޙާޟިރުވުމުގައި އެއްވެސް މުސްލިމަކަށް އެއްވެސް ހުރަހެއް ނެތެވެ.

އެހެންކަމުން، މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ފަހުން އުފެދިގެން އައި ކަމެކެވެ. ފަހުން އުފެދޭ ކަންތަކަށް ކިޔެނީ "ބިދުޢަ" އެވެ. މިފަދަ ކަންތަކަށް އެހެންނަމެއް ކިޔާ ކަމެއް އަޅުގަޑު ހޯދި ހޯދުން ތަކުން ފެންނަން ނެތަތީވެ، "ޢުޛުރަކާ ނުލާ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދުޢަ" އެކޭ ބުނީއެވެ. އަދިވެސް ބުނަން އޮތީ ހަމައެހެންނެވެ. މާނަ އަކީ މިކަމަކީ އަލަށް އުފެދިގެން އުޅޭ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޚަލިފާ އިންގެ ސުންނަތުން އެކަން ފެންނަން ނެތީމައެވެ.

ޢުޛުރެއްނެތިވެސް، މިސްކިތުގައި ޢީދުނަމާދު ކޮށްފިކަމަށް ވަނީނަމަ، އެބަޔެއްގެ ނަމާދު ޞައްޙަވާނެއެވެ. ނަމަވެސް، އެންމެ މޮޅު ގޮތް ދޫކޮށްލެވުނީއެވެ. މީގެ މިޘާލަކީ ފޭރިގެންފައިވާ ގަމީހެއް ލައިގެން ނުވަތަ ފޭރިގެންފައިވާ ބިމެއްގައި ނަމާދު ކުރުމެވެ. މިފަދަ ހެދުމެއް ލައިގެން ނުވަތަ މިފަދަ ބިމެއްގައި ނަމާދު ކުރިނަމަވެސް ނަމާދު އޭގެ ޛާތުގައި ޞައްޙަވާނެއެވެ. ނަމަވެސް، ގަމީސް ފޭރި ގަތުމާއި ބިން ފޭރި ގަތުން އެއީ ގޯހެކެވެ. އެގޮތުން، ޢީދު ނަމާދު މިސްކިތުގައި ކުރުމުންވެސް، ނަމާދު ޞައްޙަވާނެއެވެ. ނަމަވެސް ނަމާދު ކުރި ތަނަކީ އެންމެ އެދެވިގެންވާ ތަނެއް ނޫނެވެ.

ހަތަރުވަނަ މައްސަލަ: ޢީދު ނަމާދު މައިދާނުގައި ކުރުމުގެ ވާހަކަ ކުރިން ނުދެކެވުނީ ކީއްވެގެންތޯ؟

ދަންނައެވެ. ކިތަންމެ ބޮޑު ޢިލްމުވެރިޔަކަށް ވިޔަސްވެސް އެމީހަކަށް ދީނުގެ ހުރިހާ ކަމެއް ނޭނގި ހިނގައިދާނެއެވެ. އެނގުނަސް އެކަމަށް ސަމާލުކަމެއް ނުދެވިވެސް އޮވެދާނެއެވެ. ވާރުތަ މުދަލުން މާމަ އަށް ހަބައިކުޅަ އެއްބައި ލިބޭ ކަން އަބޫބަކުރު ރަޟިޔަﷲ ޢަންހަށް އެނގިވަޑައިގަތީ ކީރިތި ރަސޫލަ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެން ފަހުންނެވެ. ނަމަވެސް، އެނގިވަޑައިގަތުމާއި އެކު އަވަހަށް އެކަން ގަބޫލު ކުރެއްވިއެވެ. ކުރިން އެނގިފައި ނެތް ކަމަކަށް ވާތީވެ ބޮލައިލަ ޖެއްސެވީކީ ނޫނެވެ. އަޅުގަޑުމެން މުސްލިމުންގެ ގޮތަކީ ހެޔޮ ބަހެއް އަޑު އިވުމުން އަވަހަށް އެގޮތަކަށް ޢަމަލުތައް ސީދާ ކުރެވޭތޯ ބެލުމެވެ. ސޫރަތުއް ނޫރުގެ 51 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَ‌سُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ) މާނައަކީ: "އެއުރެންގެ މެދުގައި، حكم ކުރެއްވުމަށް اللَّه އާއި، އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، مؤمن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ."

މުޝްރިކުން ބުނި ފަދައިން ބުނެގެން ނުވާނެއެވެ. މުޝްރިކުންގެ ގާތަށް މާތް ﷲ ގެ ޙައްގު ދީން އައުމުން އެބައިމީހުން ބުނީ މިފަދައިންނެވެ. (إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِ‌هِم مُّقْتَدُونَ) ސޫރަތު ޒުޚްރުފްގެ 23 ވަނަ އާޔަތް، މާނައަކީ: " ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން تبع ވެގެން ހިނގަމުއޭ."

ވީމާ، ތަޢައްޞުބުގެ ގޮތް ދޫކޮށްލައްވާށެވެ. ޒަމާނުއްސުރެއް ކަންތައް ކުރަމުން އައި ގޮތަށް ވީތީވެ، ޙައްގު ފެނުމުން ފުރަގަސް ނުދޭށެވެ. ޙައްގަށް ރުޖޫޢަވާށެވެ.

ފަސްވަނަ މައްސަލަ: މަރުވަމުން ދާ ސުންނަތެއް ދިރުވުމުގެ މާތްކަން:

ކީރިތި ރަސޫލާގެ ސުންނަތެއް މަރުވަމުން ދަނިކޮށް އެކަން ދިރުވާ އާލާ ކުރުމަކީ ނުހަނު ބޮޑު ދަރުމަ އާއި ޘަބާވު ލިބޭނެ ކަމެކެވެ. عَنْ عَمْرُو بنِ عَوْفٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ عَلَيْهِ الصَّلاةُ وَالسَّلامُ قَالَ لِبِلالِ بنِ الْحَارِثِ يَومَاً : « إِعْلَمْ يَا بِلالُ » ، قَالَ : مَا أَعْلَمُ يَا رَسُولَ اللهِ ؟ قَالَ : « إِعْلَمْ أَنَّ مَنْ أَحْيَا سُنَّةً مِنْ سُنَّتِي أُمِيتَتْ بَعْدِي كَانَ لَهُ مِنَ الأَجْرِ مِثْلُ مَنْ عَمِلَ بِهَا مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ ، وَمَن ابْتَدَعَ بِدْعَةَ ضَلالَةٍ لا يَرْضَاهَا اللهُ وَرَسُولُهُ كَانَ عَلَيْهِ مِثْلُ آثَامِ مَنْ عَمِلَ بِهَا لا يُنْقِصُ ذلِكَ مِنْ أَوْزَارِ النَّاسِ شَيْءٌ » . أخرجه الترمذي وابن ماجه މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަމްރު ބިން ޢައުފްގެ ކިބައިން ރިވާވެގެން ވެއެވެ. އެއްދުވަހަކު ބިލާލް ބިން ޙާރިޘާ އާއި މުޚާޠަބު ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ބިލާލެވެ. ދަންނާށެވެ." ބިލާލް ދެންނެވިއެވެ. "ﷲ ގެ ރަސޫލާ އެވެ. ކޮންކަމެއްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ ފަހުން ސުންނަތެއް މަރުވަމުން ދަނިކޮށް އެކަމެއް ދިރުވައިފިމީހަކަށް އެކަމެއް ކުރި މީހުންގެ ދަރުމައިން އެންމެ ތަންކޮޅެއްވެސް އުނި ނުވެ އެމީހަކަށް ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. އަދި ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުހިވޮޑިގެން ނުވާ ކަމެއް މީސްތަކުންގެ ތެރެއަށް އީޖާދުކޮށްފިނަމަ، އެނުބައިކަމެއް ކުރި މީހުންނެކޭ އެއްފަދައިން އެމީހަކަށްވެސް އެކަމުގެ ފާފަ ލިބޭނެއެވެ."

އަދިވެސް ރިވާވެގެން ވެއެވެ. « مَنْ تَمَسَّكَ بِسُنَّتِي عِنْدَ فَسَادِ أُمَّتِي فَلَهُ أَجْرُ مِائَة شَهِيدٍ »أخرجه البيهقي މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތް ފަސާދަވަމުން ދާ ވަގުތެއްގައި ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިފި މީހަކަށް ސަތޭކަ ޝަހީދުންގެ ދަރުމަ ލިބޭނެއެވެ."

ވީމަ، އެންމެހައި ދިވެހި ލޮބުވެތި މުވާޠިނުންނޭވެ. މި ސުންނަތް ދިރުވުމަށް އެހީތެރި ވެދެއްވާށެވެ. މިކަމަށް ހުރަސް އަޅުއްވާ ޖެއްސުން ކުރައްވަން ނުހައްދަވާށެވެ. މިކަމުގެ ހެވާއި ލާބަ ލިބި ގަތުމުގެ ފުރުޞަތު ތިބާ އަށްވެސް ވަނީ ހުޅުވިއެވެ. އެގޮތަކީ ތިބާ އާއި ޢާއިލަ ގޮވައިގެން މައިދާނަށް ޢީދު ނަމާދަށް ވަޑައިގަންނަވާށެވެ. އޭރުން މިސުންނަތް ދިރުވި މީހުންގެ ތެރޭގައި އިންޝާ ﷲ ތިބާވެސް ހިމެނިގެންދާނެ އެވެ. ދީނުގެ ކަންތައް ތަކުގައި ފުރައްސާރަ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސޫރަތުއް ތައުބާގެ 65 އަދި 66 ގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (قُلْ أَبِاللَّـهِ وَآيَاتِهِ وَرَ‌سُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُ‌وا قَدْ كَفَرْ‌تُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِ‌مِينَ ﴿٦٦﴾) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آيةތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެންކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ." والله أعلم

 

ގުޅުންހުރި

2 ޚިޔާލު

  1. މާޝާ ﷲ.. ވަރަށް ފުރިހަމަޔަށް މައްސަލަ ތަފްޞީލް ކޮށްދެއްވައިފި.. އިންޝާﷲ މިސުންނަތް ރާއްޖޭގައި ދިރިގެންދާނެ.. ޝެއިޙަށް ހެޔޮޖަޒާދެއްވާށި..

  2. އަބޫ ސަޢީދުލް ޚުދްރި ރަޟިޔަﷲ ޢަންހުގެ ޙަދީޘްފުޅުގެ ފަހު ބައިގެ ތަރުޖަމާ އަދި އެއްފަހަރު ބައްލަވާލަދެއްވުން އެދެން. ކޮެންޓެއްގެ ގޮތުގައި ޝާއިޢުނުކުރައްވާ.

Your email address will not be published. Required fields are marked *

More in ދީން