ކޮލަމިސްޓް

ޙާފިޡުންގެ ބަގީޗާއިން އަލްޙާފިޡާ މަރިޔަމް މިކްޔަސް ސަލްމާން

ގދ ތިނަދުއަށް އުފަން ޢުމުރުން 21 އަހަރުގެ މަރިޔަމް މިކްޔާސް ސަލްމާން އަކީ 2015ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2ވަނަ ދުވަހު ޤުރުއާން ހިތުދަސް ކުރަން ފަށައި، އެއް އަހަރާއި ހަތް މަސް ދުވަހުން ކީރިތި ޤުރުއާން ހިތުދަސް ކޮށް ނިންމާފައިވާ ޒުވާން ޙާފިޡާއެކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ރަޙްމަތްފުޅުން ކީރިތި ޤުރުއާން ހިތުދަސް ކުރުމަށް މަގުދައްކަވައި، މަންމައާއި ބައްޕަ ކީރިތި ޤުރުއާން ހިތުދަސް ކުރުމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރެއްވި މަސައްކަތުން އެކަމަށް ޝައުޤުވެރިކަން އުފެދި އެމަސައްކަތް ފެށި މިކްޔަސް ބުނަނީ މިމާތް މަސައްކަތަށް ޝައުޤުވެރިކަން އުފެއްދެވުމުގައި މިކްޔަސްގެ ލޮބުވެތި ބައްޕަ ގއ ގެމަނަފުށީ އަޅިފަށުވިގޭ ސަލްމާން ފަހުމީ ވަރަށް ބޮޑު ދައުރެއް އަދާކޮށްދެއްވައިފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް މަގުފަހުވެގެން ދިޔަގޮތް މިކްޔަސް ކިޔައިދެމުން ބުންޏެވެ.
" އަޅުގަނޑުގެ އުމުރުން  14 އަހަރުގަ ބައްޕަ  އަޅުގަނޑާ  އަޅުގަނޑުގެ ކޮއްކޮ ކައިރީގަ ބުނުއްވީ واقعة ސޫރަތާ رحمان ސޫރަތް  ދަސްކުރާ ކުއްޖަކަށް އިނާމެއް ދޭނެ ކަމަށް. އެހެންވެ އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮ ދަސްކުރަން ފެށީ އެކަކު އަނެކަކަށް ވާދަޔަށް."

އަދި އެއީ يس ސޫރަތް ދަސްކުރުމަށްފަހު އޭގެ ފަހުން ދަސްކުރި އެންމެ ބޮޑު ދެސޫރަތް ކަމަށްވެސް މިކްޔަސް ބުންޏެވެ.
އޭގެ ފަހުން އެ އަހަރު ފަހުކޮޅު ސްކޫލް ބަންދު ދުވަސްވަރު ބައްޕަ ވިދާޅުވެގެން ފުރަތަމަ ފޮތް ޗުއްޓީ ނިމުމުގެ ކުރިން ދަސްކުރަން މަސައްކަތް ކުރުމަށް ކަމަށާއި، އެހެންވެ މިކްޔަސް އާއި މިކްޔަސްގެ ކޮއްކޮ، ޗުއްޓީ ތެރޭގަ އެ ފޮތް ދަސް ކުރަން މަސައްކަތްކޮށް އެ ދުވަސްކޮޅު ތެރޭގަ ފުރަތަމަ ފޮތް ދަސްކުރި ކަމަށް މިކްޔަސް ބުންޏެވެ.

ޗުއްޓީ ނިންމާފަ އާއަހަރުފެށުމުން ޤާރީ ކޯސް ހަދަން ފެށި ކަމަށާއި، އެދުވަސްވަރު މަންމަ ގދ ތިނަދޫ ވަދޫރާ ހަފްސާ ހިލްމީ، ހާފިޡުންނާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ގަތުމުން އެފޮތުގައި ޙާފިޡުންނަށް ދުނިޔެއާ އާޚިރަތުގައި ހުރި ޚާއްސަ ކަންތައް ފެނި އެކަންތައް ދުނިޔެއާއި އާޚިރަތުގައި އެކަންކަން ޙާސިލް ކުރުމަށް އެދެވުނީ ކަމަށް އަލްޙާފިޡާ މިކްޔަސް ބުނެއެވެ.

"އޭގެ ފަހުން ޤާރީ ލެވެލް 2 ނިމިގެން ޓެސްޓް ހަދަމުން  ދިޔައިރު ، އަޅުގަނޑުގެ ކްލާސް ކުއްޖެއް މަރުކަޒުގެ ޙިފްޒު ކްލާހުގެ ވާހަކަ ދެއްކުމުން އެކްލާސްގައި ބައިވެރިވާ ހިތްވެ ފޯމްލީ" މިކްޔަސް ބުންޏެވެ.

ކުޑައިރު ކިޔަވާއިރުގަ އަބަދު ކިޔާ ކުޑަ ސޫރަތްތައްވެސް ބައެއް ފަހަރު އޮޅޭތީ، އަޅުގަނޑު ކުރިން ދެކުނީ ޤުރްއާން ހިތު ދަސްކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމުގަ އަދި ޚާއްސަ ކޮށް ޤުރްއާން ހަދާން ނައްތާނުލާ ހިތުގަ ބެހެއްޓިދާނެ ކަމުގެ ޔަޤީންކަމެއް ކުރިން ނެތް ކަމަށް މިކްޔަސް ބުންޏެވެ.

އެހެންނަމަވެސް ބައްޕަގެ އެދުމުގެ މަތިން ސޫރަތްތައް ދަސް ކުރަން ފެށުމުން ޤުރުއާން ދަސްކުރަން ހިތުގަ ޝައުގުވެރިކަން އުފެދި އެކަން ކުރެވިދާނެކަމަށް އަމިއްލަ ނަފްސަށް އިތުބާރު ކުރެވުނު ކަމަށް މިކްޔަސް ބުނެއެވެ.

ޙާފިޡަކަށް ވެވުމަކީ މިހާތަނަށްވެސް އަދި ކުރިޔަށް އޮތްތާގަވެސް މިކްޔަސްގެ ޙަޔާތުގަ ކުރެވުނު އަދި ކުރެވޭނެ އެންމެ ރަނގަޅު ކަންތައް

ޙިފްޡު ކުރަމުން ދިޔައިރު ދިމާވި އެންމެ ބޮޑު ދައްޗަކީ ދަސް ކުރިބައި ހަދާނުގަ ބެހެއްޓަން އުދަގޫވުން ކަމަށް މިކްޔަސް ބުންޏެވެ. ނަމަވެސް އުސްތާޒުން ދެއްވި އިރުޝާދަށް ތަބާވެ، ރަނގަޅަށް މުރާޖަޢާ ކުރަން ގަދައަޅާ މަސައްކަތް ކޮށް ހިތްވަރު އެލުވާނުލާ އެކަން ހާސިލު ކުރަން މަސައްކަތް ކޮށްގެން މިކްޔަސް މިވަނީ މިބުރަ އެހެން ނަމަވެސް މާތް މަސައްކަތް ކާމިޔާބުކޮށްފައެވެ.

2019 ވަނަ އަހަރު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ޙާފިޡްކަމުގެ ސަނަދު ޙާސިލް ކޮށްފައިވާ މިކްޔަސް ދެކޭ ގޮތުގައި ޙާފިޡަކަށް ވެވުމަކީ މިހާތަނަށްވެސް އަދި ކުރިޔަށް އޮތްތާގަވެސް މިކްޔަސްގެ ޙަޔާތުގަ ކުރެވުނު އަދި ކުރެވޭނެ އެންމެ ރަނގަޅު ކަން  ކަމުގައެވެ. އަދި އެކަން ޙާސިލް ކުރެވުނީތީ ވަރަށް އުފާވާކަމަށް މިކްޔަސް ބުނެއެވެ.

ކީރިތި ޤުރުއާނުގެ ޤިރާއަތާއި ޢަރަބި ބަސް އުނގެނެވެން އޮތް އެންމެ މައްޗަކަށް އުގެނެން ބޭނުންވާ މިކްޔަސް މުސްތަޤްބަލުގައި ﷲގެ ރަޙްމަތް ފުޅުން ފެންނާނީ ޤުރުއާން ޙިފްޡު ކުރާ ދަރިވަރުންގެ މުދައްރިސެއްގެ ގޮތުގައެވެ.

ޤުރުއާން ހިތުދަސް ކުރާ ކުދިންނަށް މިކްޔަސް ބުނެލަން ބޭނުންވަނީ ޤުރްއާން ހިތުދަސް ކުރުމަށް ތިކުދިން ތި ފަށައިފައިވާ މަސައްކަތަކީ ވަރަށް މާތް މަތިވެރި މަސައްކަތެކަށް ވާއިރު، ހިތްވަރާއެކު ތިކުދިން ފެށި މަސައްކަތް ނިންމަން މަސައްކަތް ކުރުމަށެވެ. ﷲގެ ރަޙްމަތުން އޭރުން ކާމިޔާބު ލިބޭނެއެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *