ރިޕޯޓް

އުމަވީ ދައުލަތް: އިރުމަތީގައި އިސްލާމްދީންފެތުރުމާއި ދައުލަތް ނިމުން

1.      އިރުމަތީގައި އިސްލާމްދީންފެތުރުން
މުޢާވިޔަތު ބުނި އަބީސުފްޔާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވާފައިވަނީ އިސްލާމްދީން ފަތުރުއްވައި އަދި ޢަރަބިބަސް ނުދަންނަ މީހުންނަށް ޢަރަބިބަސް ދަސްކޮށްދެއްވުމަށެވެ.
އަދި ހަމައެފަދައިން ނިކަމެތި ދަނޑުވެރިންނަށްވެސް މިނިވަންކަން ދެއްވައި އެބައިމީހުން ދަނޑުގޮވާން ކުރާނެ ބިން އެބައިމީހުންނާއި ޙަވާލު ކުރެއްވިއެވެ
.
ޢަބްދުލް މަލިކު ބުނި މަރުވާން ޚަލީފާކަމާއި ޙަވާލުވެ ވަޑައިގެންނެވިއިރު ދައުލަތުގެ ކަންތައްވަނީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. ވިމާ ޢަބްދުލް މަލިކުބުނި މަރުވާންއާއި އޭނާގެ ދަރިކަލުން އަލްވަލީދުގެ ދުވަސްވަރުގައި ޢަރަބީންގެ މަޝްހޫރު ޒުވާން ދެ ޤާއިދުން ކަމުގައިވާ މުޙައްމަދު ބުނި ޤާސިމުއްޘަޤަފީއާއި ޤުޠައިބަތު ބުނި މުސްލިމުލްބާހިލީ އާ އިސްލާމްދީން ފެތުރުއްވުމަށްޓަކައި ޙަވާލުކުރެއްވިއެވެ. މިބޭކަލުންގެ ތެރެއިން މުޙައްމަދު ބުނި ޤާސިމުއްޘަޤަފީ ކުރިމަތި ލެއްވީ ސިންދު ކަރައަށެވެ. އެތާނގައިތިބި ބުދުދީނުގެ ރަސްރަސްކަލުންނަށް އިސްލާމްދީނަށް ގޮވައިލައްވައި އަދި އިދިކޮޅުހެދިމީހުންނާއި ހަނގުރާމަކުރައްވައި ބަލިކުރެއްވިއެވެ. އަދި މީނާ އެހިސާބުގަނޑުގައި ޢަރަބި ޘަޤާފަތް ފަތުރުއްވަވައި އިސްލާމީ ދައުލަތުގެ ބައެއްގެ ގޮތުގައި އެބައި ހަމަޖެއްސެވިއެވެ.
ޤުޠައިބަތު ބުނި މުސްލިމުލްބާހިލީ ކުރިމަތި ލެއްވީ ޚުރާސާންގެ ދެކުނުގައިވާ ފަރުބަދައިގެ ހިސާބުގަނޑަށެވެ. މީނާ އެހިސާބުގަނޑުގައި އިސްލާމްދީން ފަތުރުއްވަވައި އިސްލާމީ ދައުލަތުގެ ބައެއްގެ ގޮތުގައި އެބައި ހަމަޖެއްސެވިއެވެ. އެއަށްފަހު ތުރުކިސްތާނާއި ސަމަރުގަންދުން ލާފައި ކުރިއަށް ވަޑައިގެން އޭޝިޔާގެ މެދަކާއި ހަމައަށް އޭނާ ވަޑައިގަތެވެ. މިހިސާބުގަނޑުގެ މީހުން ޤުތައިބަތު ދެކެ ވަރަށް ލޯބިވެއެވެ. އެއީ އެކަލޭގެފާނުގެ ޢަދުލުވެރިކަމާއި ވެރިކަން ހިންގެވުމުގެ ރީތިކަމާއި އެކަލޭގެފާނުގެ މަތިވެރި އަޚްލާޤަށްޓަކައެވެ.

2.     އަންދަލުސްގައި އިސްލާމްދީން
ޢަރަބި އުއްމަތުގައި މިނިވަންކަމާއި ހަމަހަމަ ކަންމަތީގައި އުޅޭތަން ފެނުމުން އަންދަލުސްގެ އަހުލުވެރިން އެހިސާބުގަނޑުގައި ހުންނެވި ޢަރަބީންގެ ޤާއިދު މޫސާ ބުނި ނުޞައިރާ ގުޅައިފިއެވެ. އަދި އެމީހުންގެ ވެރިޔަކަށް ހުރި ލަޒްރީޤު ގެ އަނިޔާވެރިކަމާއި ރައްޔިތުންނަށް ނުބައިކަމުގެ ވާހަކަ ދެންނެވިއެވެ. ދެން މޫސާ ބުނި ނުޞައިރު ޠާރިޤު ބުން ޒިޔާދުގެ ވެރިކަމުގެ ދަށުގައި އިސްލާމީ ލަޝްކަރެއް އަންދަލުސްއަށް ފޮނުއްވިއެވެ. މިލަޝްކަރު ގޮސް ލަޒްރީޤު ބަލިކޮށްފައި އެވާހަކަ ޠާރިޤު ބުނި ޒިޔާދު މޫސާ ބުނި ނުޞައިރަށް އެންގެވުމުން މޫސާބުނި ނުޞައިރު ވަޑައިގެން ޠާރިޤު ބުނި ޒިޔާދާ އެކުގައި މުޅި އަންދަލުސް ފަތަޙަ ކުރެއްވިއެވެ. އެއީ ހިޖުރީގޮތުން 92 ވަނަ އަހަރުގައެވެ. މީލާދީން 711 ވަނަ އަހަރުގައެވެ.

3.     ފިކުރީ އެއްބައިވަންތަކަމާއި ޢަރަބިބަހަށް ރައްކައުތެރިވުން
އިސްލާމީ ދައުލަތް ޢަރަބިބަހަށް ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދިނެވެ. އެއީ ޤުރްއާނުގެ ބަހަކީ ޢަރަބި ބަސްކަމުގައިވެފައި ، ޢަރަބި ޘަޤާފަތް އޮތީ އެބަހުން ކަމުގައިވާތީއެވެ. ރަސޫލާ މީސްތަކުންނަށް ދީން އުގަންނައި ދެއްވަން މަސައްކަތްޕުޅު ކުރެއްވިފަދައިން ޚުލަފާއުއްރާޝިދޫން ވެސް ވަނީ މިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. ހަމައެގޮތަށް އުމަވީ ދައުލަތުގައިވެސް މިކަމަށް އިސްކަމެއް ދެއްވިއެވެ. ޢަބްދުލް މަލިކުބުނި މަރުވާން އުނގެނުމުގެ ދާއިރާ ފުޅާ ކުރައްވައި އަދި ޢަރަބިބަސް ދަމަހައްޓައި ރައްކާތެރި ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ހަމައެފަދައިން ފިކުރީ އެއްބައިވަންތަކަން ދަމަހައްޓަވަން މަސައްކަތްޕުޅު ކުރެއްވިއެވެ.

4.     އުމަވީންގެ ޒަމާނުގައި ކުރެވުނު ފަތަޙަތައް

އުތުރު އެފްރިކާގެ ބައިތައް ފަތަހަ ކުރެއްވުން
އެފްރިކާގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރިގައިވާ ރަށްތަކުގެ ތެރެއިން މިހަނގުރާމައިގައި ފަތަހަ ކުރެއްވި ރަށްތަކަކީ ޓްރިފޮލީ ނުވަތަ "ޠަރާބުލުސް" އާއި "ފަޒާން" އާއި މޮރޮކޯގެ ބައެއް ރަށްތަކެވެ. އެއީ ހިޖުރައިން 50 އާއި 69 އަހަރާއި ދެމެދުގެ ދުވަސްވަރުގައެވެ.

މަމްސް ހަނގުރާމަ
ރޫމީންނާއި ބަރުބަރުންނާއި ދެކޮޅަށް މުސްލިމުން ކުރި މިހަނގުރާމަ ހިނގީ ހިޖުރައިން 69 ވަނަ އަހަރުގައި ޢަބްދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި މަޢުރިބް ނުވަތަ މޮރޮކޯގެ "ޤައިރަވާން" އޭ ކިޔޭ ރަށުގައެވެ. ބަރުބަރުން ރޫމީންނަށް އެހީވެ، މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ފެއްޓިއެވެ. ހަނގުރާމައިގައި ބަރުބަރުންގެ ވެރިއަކަށް ހުންނެވި "ކަސީލާ" ގަތުލުކުރައްވައި ޤައިރަވާން އިން ރޫމީންނާއި ބަރުބަރުން ފައްސައި ބޭރުކޮށްލިއެވެ.

ޖައިޙޫން ކޯރުގެ ފަހަތުގައިވާ ރަށްތައް ފަތަހަ ކުރެއްވުން
ޖައިޙުން ކޯރުގެ ފަހަތުގައިވާ ރަށްތައް ކަމުގައި ބެލެވެނީ "ޠަޚާރިސްތާން"، "ޞަފާނިޔާން"، "ޚަވާރިޒަމް"، "އަޝްރޫ"، "ޝާޝް"، "ޞަޣުދު"، "ސަމަރުގަންދު"، އަދި "ބުޚާރީ" މިރަށް ތަކެވެ. މިއީ އޭރު މިރަށްތަކަށް ވެރިވެގެން ތިބި "ތުރުކު" ންނާއި ދެކޮޅަށް ކުރެވުނު ހަގުރާމަ އެކެވެ. މިހަގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވީ "ޤުޠައިބާ ބިން މުސްލިމް" އެވެ.

ސިންދުގެ ރަށްތައް ފަތަހަ ކުރެއްވުން
ސިންދުގެ ރަށްތަކޭ ކިޔެނީ "ސިންދު ކޯރު"ގެ ވަށައިގެން އޮންނަ ރަށްތަކަށެވެ. މުޙައްމަދު ބިން ޤާސިމް އައްޘަޤަފީ ވެރިއަކަށް ހުންނަވައިގެން ސިންދުގެ ރަށްތަކަށް ވެރިވެގެން ހުރެ "ހަނާދިކާ" އިންނާއި ދެކޮޅަށް ހަނގުރާމަ ކުރިއެވެ.

ސްޕޭން ފަތަހަ ކުރެއްވުން:
އަންދަލުސް ނުވަތަ ސްޕޭން ފަތަހަ ކުރެއްވުމަށް ކުރެއްވުމަށް ކުރެވުނު ހަނގުރާމަ ހިނގީ ސްޕޭންގެ "ވާދީ ލަކަތު" އޭ ކިޔުނު ހިސާބުގައެވެ. މި ހަނގުރާމަ ކުރެވުނީ އޭރު ސްޕޭންގެ ރަށްތަކަށް ވެރިވެގެން ތިބި "ޤޫތު"ންނާއި ދެކޮޅަށެވެ. 7000މީހުންނާއެކު މިހަނގުރާމަ ކުރެވުނީ "ޤޫޠު"ންގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެސް ސްޕޭން ފަތަހަ ކުރެއްވުމަށެވެ.

ބަލާޠު އައްޝުހަދާއު ހަނގުރާމަ
މިހަނގުރާމަ ހިނގީ ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 114 ވަނަ އަހަރުގައި ފްރާންސްގެ ދެކުނުގައި އޮންނަ "ޕުއޭޓިޔޭ" ކިޔާ ރަށެއްގައެވެ. ހަނގުރާމައިގެ މުސްލިމުންގެ ވެރިއަކަށް ހުނަނެވީ ޢަބްދުއް ރަޙުމާން އަލްޣާފިޤީއެވެ. މި ހަނގުރާމައިގައި މުސްލިމުން ބަލިވިއެވެ. ސަބަބަކީ ހަނގުރާމައިގެ މައިދާން ދޫކޮށް ޢަނީމާ މުދާތައް ހޯދުމަށް މުސްލިމުންގެ ތެރެއިން ބަޔަކު ދިއުމުންނެވެ.

5.     ދުނިޔޭގައި އުމަވީ ދައުލަތުގެ މަޤާމު
ދުނިޔޭގެ ތާރީޚު ހެކިދޭގޮތުގައި އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ބޮޑު ތަހުޒީބާއި ތަރައްޤީ އަދި ބާރު އޮތީ އުމަވީ ދައުލަތުގައެވެ. އިސްލާމީ ޤައުމުތަކުގައި އުފައްދާތަކެތި މުޅި ދުނިޔެއަށް އިސްލާމީ ކަނޑުގެ އުސްޠޫލްގެ ޒަރީޢާއިން ގެންދެވެއެވެ. ދުނިޔޭގެ ތަފާތު ބަސްބަހުން ލިޔެފައިވާ ކުރީގެ ޢިލްމުތަކާއި ފަލްސަފާތައް ޢަރަބިބަހަށް ތަރުޖަމާކުރެވުނެވެ. ދުނިޔޭގެ މިއަދުގެ ތަރައްޤީގެ ބިންގާ އެޅި ބަޔަކީ އެދުވަސްވަރުގެ މުސްލިމުންނެވެ.

6.     އުމަވީ ދައުލަތުގެ ނިމުން
އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ބަޔަކު މާބޮޑަށް ކުރިއަރައިގެން ހިގައްޖެނަމަ އަބަދުވެސް އަހުރަމެންނަށް ފެންނަނީ އެބަޔަކު މާއްދިއްޔަތަށް ލެނބޭތަނެވެ. އަދި ރޫޙާނީބައި މުޅިން ހަނދާންނެތިގެން ދާތަނެވެ. މިގޮތަށް އުމަވީ ދައުލަތުގެ ބައެއް ޚަލީފާއިންނަށާއި އިސްބޭފުޅުންނަށް ދައުލަތުގެ މަޞްލަޙަތުގެ ކުރިއަށް އެބޭކަލުންގެ މަޞްލަޙަތު ނެރުއްވުނެވެ. މިކަހަލަ ވަގުތުތަކުގައި ޖަމާޢަތުގެ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ ޖަމާޢަތްތައް ފުރުޞަތުގެ ބޭނުންކޮށް އެބައިމީހުންގެ ރޭވުންތައް ކާމިޔާބުކުރުމަށް މަސައްކަތްފެށިއެވެ. މިގޮތުން ޢަލަވީންނާއި ޚަވާރިޖުންނާއި އަދި ޢައްބާސީންނަށް ތާޢީދުކުރާ އުމަވީ ދައުލަތުގެ ސިފައިންގެ ތެރޭގައި ހިމެނޭ މިހުންގެ މެދުގައި ދެބަސްވުންތައް އުފެދި މަސްއަލަތައްގިނަވެ ޤައުމު ނިކަމެތިވެގެންގޮސް ހިޖުރައިން 132ވަނަ އަހަރުގައި އުމަވީ ދައުލަތްނިމި ޢައްބާސީ ދައުލަތް އުފެދިއްޖެއެވެ. އުމަވީ ދައުލަތުގެ ޚަލީފާކަން 14 ބޭކަލުން ކުރައްވާފައިވެއެވެ

ގުޅުންހުރި

1 ޚިޔާލު

  1. Mikahala thaareekhee mauloomaathu varah muhinmu. Ginain mifadha liyunthah fennaanekamah ummeedhu kuran. Miliun liyuvvi beyfulhaayah shukuriyyaa

Your email address will not be published. Required fields are marked *

More in ރިޕޯޓް