އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމެވެ.
މި ކެމްޕަހުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 5 ކްލާސްރޫމާއި، މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެއެވެ. އަދި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ދަރިވަރުންގެ ދަނާލަކާއި، ރެކްރިއޭޝަން ފެސިލިޓީއަކާއި ކެންޓީނެއްވެސް ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނިފައިވާ މަޝްރޫޢެކެވެ. މި ކެމްޕަސް އިމާރާތްކުރުމަށް މާމިގިލީ ކައުންސިލުން ވަނީ 22,000 އަކަފޫޓުގެ ބިމެއް އިސްލާމީ ޔުނިވަރސިޓީއަށް ދޫކޮށްފައެވެ.
އިސްލާމީ ޔުނިވަރސިޓީން މިހާރުވެސް މާމިގިލީގައި ޤުރުއާނާއި ޓީޗަރ ޓްރެއިނިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުން ގެންދެއެވެ. މި ކެމްޕަސް އިމާރާތްކުރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...