ސަރުކާރުގެ ޚަރަދުގައި ފަޤީރުން ޙައްޖަށް ފޮނުވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާއިރު، މި ވަޢުދުފުޅުގެ ދަށުން މިދިޔަ އަހަރާއި މިއަހަރު ޖުމްލަ 100 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ވަނީ ދެއްވާފައެވެ. "ކޮންމެ އަހަރަކު 50 ފަޤީރުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދެވިފައި،" އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1000 ޙައްޖު ކޯޓާގެ ތެރެއިން މި ފުރުޞަތު ދެމުން ގެންދަނީ ޙައްޖު ކޯޕަރޭޝަނުގެ އިންތިޒާމުގެ ދަށުންނެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދިޔުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި، 65 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަ އިންސައްތައެއް ކަނޑައެޅުމާއި، 75 އަހަރުން މަތީގެ ފަރާތްތަކަށް އެހީތެރިންގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.
އައު އުސޫލުގެ ދަށުން، ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް އަލުން ފުރުޞަތު ދެވޭނީ އެންމެ ފަހުން ޙައްޖަށް ގޮސްފައިވާތާ ހިޖުރީ ސަނަތުން 5 އަހަރު ފުރިހަމަވުމުންނެވެ. މި ބަދަލުތަކަކީ ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލުތަކެކެވެ.
ޚިޔާލު