ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމަށްފަހު ދެން އަޅުގަނޑުމެންނާ ބައްދަލުމިކުރަނީ، އިސްލާމީ އިޤްތިޞާދުގެ އެންމެ މުހިއްމު ބައިކަމުގައިވާ ޒަކާތް ދިނުމުގެ އަޅުކަމެވެ. ފިޠުރުޒަކާތާއި މުދަލުޒަކާތަކީ އިސްލާމީ އިޤްތިޞާދުގެ އެންމެ މުހިއްމު ބަހާތައް ކަމުގައި ވީހިނދު، ފިޠުރު ޒަކާތާއި މުދަލު ޒަކާތުގެ މަޤްޞަދުވެސް ޙާޞިލްވާނީ ޒަކާތް ނެރުން ވާޖިބުވާ ހުރިހާ އެންމެ ޒަކާތް ނެރެ އަދި ޒަކާތް ލިބިގަންނަ ފަރާތްތަކަކީ އޭގެ ޙައްޤުވެރިން ކަމުގައި ވެގެންނެވެ. އެހެންނޫންނަމަ މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައި އޮންނަ ފަރަޤު ހަނިވެގެނެއް ނުދާނެއެވެ.
ޒަކާތް ޙައްޤު ނޫން ފަރާތްތަކުން ޒަކާތް ލިބިގަތުމުން ވާ ގޮތަކީ، ފަޤީރުންތަކަކަށް ލިބެންޖެހޭ އެއްޗެއް އެބައިމީހުންނަށް ނުލިބެނީއެވެ. އެހެންކަމުން، ފަޤީރުން ފަޤީރު ގޮތުގައި ތިބުމަށް މީގެ ސަބަބުން މަގުފަހިވެގެން އެބަދެއެވެ. ޒަކާތް ޙައްޤުވާ މީހުންނަކީ ފަޤީރުންނަށް ވީ ހިނދު، އަދި ޒަކާތް ބެހެވެނީ ފަޤީރުންނަށާއި މިސްކީނުންނަށާއި ޒަކާތް ބެހުމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އަންގަވާފައިވާ 8 ބައިގެ މެދުގައި ކަމަށް ވާއިރު، މި 8 ބައިގެ ތެރޭގައި ނުހިމެނޭ މީހުން ޒަކާތް ލިބިގަތުމުން، އެބައިމީހުންނަށް ލިބެންވާ ވަރަށް ބޮޑު ޙައްޤެއް އެބައިމީހުންގެ ކިބައިން ނިގުޅައިގަނެވުނީއެވެ.
އަޅުގަނޑުމެން މުޖްތަމަޢުގައިވެސް ޒަކާތް ޙައްޤު ނޫން މީހުން ޒަކާތް ލިބިގަންނަކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި އެއީ ޒަކާތް ލިބިގަންނަ މީހުންނަށް ނުހަނު ބިރުވެރިކަން ހުރި ކަމެކެވެ. ޒަކާތަކީ މުޖްތަމަޢުގެ ލާބައާއި ފައިދާއަށްޓަކައި، އަދި މުޖްތަމަޢުގެ އިޤްތިޞާދީ ދުޅަހެޔޮކަމަށްޓަކައި ﷲ ސުބުޙާނަހު ވަތަޢާލާ، އެބަހަންވީ ފަރާތްތައްވެސް ތަފްޞީލްގޮތެއްގައި ކީރިތި ޤުރުއާނުގައި އަންގަވާފައިވާ، އަދި އެހާމެ މުހިއްމުކަމެއް މިކަމަށް ދޭންވީ ކަމެއްކަމުގައި ވީހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެ ނިންމެވުމާ ދެކޮޅު ހެދުމުގެ ބާރު އަހަރެމެން އިންސާނުންނަށް ލިބިގެންވަނީ ކޮންފަދައަކުންތޯއެވެ؟
އެހެންކަމުން، ޒަކާތް ޙައްޤުނޫން މީހަކު ނުވަތަ ބަޔަކު ޒަކާތް ލިބިގަތުމުގެ ކުރިން މިކަމާމެދު ފުންކޮށް ވިސްނެވުން ހުއްޓެވެ. ތިމާއަކީ ފަޤީރެއްތޯ ނުވަތަ މިސްކީނެއްތޯ ނުވަތަ ތިމާއަކީ ތިމާއަށް ލިބޭ އެއްޗަކުން ދެކޮޅު ޖެހި، ހަމަޖެހޭ ދިރިއުޅުމެއް އުޅޭ މީހެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން ހުއްޓެވެ.
ޒަކާތް ޙައްޤުނޫން މީހުން ޒަކާތް ލިބިގަންނަ ނަމަ އެފަދަ މީހުންނަށް ވިސްނާދިނުމަކީ އަޅުގަނޑުމެންގެވެސް ޒިންމާއެކެވެ. އެފަދަ މީހުންގެ އެޢަމަލުގެ ސަބަބުން މުޖްތަމަޢުގެ އިޤްތިޞާދީ ނިޒާމަށް އަރާ ލޮޅުމުގެ އަސަރު އެބައިމީހުންނަށް އަންގައިދޭން އެބަޖެހެއެވެ. އިސްލާމީ އިޤްތިޞާދީ ނިޒާމުގެ ފުރިހަމަ ފައިދާ ޙާޞިލްވެވި ހަމަޖެހޭ ތާހިރު ދިރިއުޅުމެއް ލިބޭނީ އޭރުންނެވެ.
ޚިޔާލު