ޝަޚުސިއްޔަތު

އިބްނު ނަފީސް: އިންސާނާގެ ހަށިގަނޑުގައި ލޭހިނގާގޮތް ހޯއްދެވި ޑޮކްޓަރ

މިއީ 12 ޖުލައި 2011 ގައި ދިއިސްލާމްގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

ޢަލާއުއްދީން އަލިއްޔު ބުން އަބުލް ހަޒުމްބިން ނަވީސިލް ޤުރައިޝިއްޔާ އުފަންވެ ވަޑައިގަތީ މިލާދީން 1210 ވަނައަހަރު ސީރީޔާގެ ރަށެއްކަމުގައިވާ ޤުރައިޝިއްޔާއަށެވެ. ސީރިޔާގެ ހިމްސުން ކިޔަވާ ވިދާޅުވެގެން އޭނާގެ އުފަން ރަށް ޤުރައިޝިއްޔާއަށް ވަޑައިގެންނެވިއެވެ. ތަހައްރަޖުވެ ވަޑައިގަތީ ފިޤުޙް ޢިލްމާއި ޙަދީޡް ޢިލުމް އަދި ޢަރަބި ބަހުންވެ.

ޢަލީ ކިޔަވާ ވިދާޅުވެގެން ރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންނާއި އޭނާގެ މައިންބަފައިން ވަރަށް ހޫނު މަރުޙަބާއެއް ކިޔުއްވިއެވެ. ޤުރައިޝިއްޔާގެ ރައްޔިތުންނާއި އޭނާގެ މައިންބަފައިން އުއްމީދުކޮށްގެންތިބީ ޤުރައިޝިއްޔާގެ ދިނީ ޢިލްމުވެރިއަކަށް ވެވަޑައިގަންނަވާނެކަމަށެވެ.

ނަމަވެސް ޢަލާޢުއްދީން ގަޞްތުކުރެއްވީ ދިމިޝްގުގެ ބޮޑު ހަސްފަތާލަށް ބޭސްވެރިކަން ކިޔެވުމަށްޓަކައި ވަޑައިގަންނަވާށެވެ. މިކަމާ ޢަލާއުއްދީންގެ ބައްޕާފުޅު އަބުލް ހަޒުމް ހައިރާންވެ ވަޑައިގެން އެކަމާ ދެކޮޅުހެއްދެވިއެވެ. ޢަލާއުއްދީން އޭނާގެ ބައްޕާފުޅު އަބުލް ހަޒުމަށް ވިދާޅުވިއެވެ. މިދުވަސްވަރަކީ ފިޤުޙް ޢިލްމުވެރިންނާއި ބަހުގެ ޢިލުމުވެރިން ވަރަށް ގިނަ ޒަމާނެކެވެ. ނަމަވެސް ޤުރައިޝިއްޔާގައި ޑަކްޓަރުން އަދިވެސް ވަރަށް މަދެވެ. އެހެންކަމުން ޢަލާއުއްދީން ޑަކްޓަރީކަން ދަސްކުރާހިއްވާ ވާހަކަ ވިދާޅުވިއެވެ.

މާތް ﷲ އިންސާނާގެ ހަށިގަނޑުގެ ލައްވާފައިވާ އެކަލާންގެ ކުޅަދުންވަންތަކަމުގެ ހެކިތައް އުނގެނުމަށްޓަކައި އަބުލް ހަޒުމު އޭނާގެ ދަރިފުޅަށް ފައިސާގެ ތަނަވަސްކަން ހާޞިލްކޮށް ދެއްވިއެވެ. ޢަލާޢުއްދީނަށް އަލްވަދާޢު ވިދާޅުވުމަށްޓަކައި ޤުރައިޝިއްޔާގެ އެންމެން ނިކުތެވެ. ޢަލާޢުއްދީން ދިމިސްގަށް ވަޑައިގަންނަވަން ދަތުރުފުޅު ފެއްޓެވިއެވެ. އޭރު ޢަލާޢުއްދީންގެ އުމުރުފުޅުން އެންމެ 16 އަހަރު ފުޅެވެ.

އެދުވަސްވަރު ދިމިޝްގުގެ ވާލީއެއްގެ ގޮތުގައި ހުންނެވީ ނޫރައްދީން ޒަންކީއެވެ. އޭނާ އެރަށުގައި އެތައް ހާސް ފޮތެއް އެކުލެވޭ ވަރަށް ބޮޑު ކުތުބުހާނާއަކާއި ބަލިމީހުންނަށް ފަރުވާ ދެއްވުމަށްޓަކައި ވަރަށް ބޮޑު ހަސްފަތާލެއް ބިނާ ކުރައްވާފައިވެއެވެ. އެހަސްފަތާލުގެ ނަމަކީ "ބިމާރިސްތާނުއް ނޫރީ"އެވެ. ޢަލާޢުއްދީން އެހަސްފަތާލަށް ވަޑައިގެން އެހަސްފަތާލުގެ ޑިރެކްޓަރ ކަމުގައިވާ މުހައްޛިބުއްދީން ޢަބުދު ރަހީމުއާއި ބައްދަލު ކުރެއްވިއެވެ. މުހައްޛިބުއްދީނަކީ ލޮލުގެ މަޝްހޫރު ފުންނާބު އުސް ޑަކުޓަރެކެވެ.

އަނެއްދުވަހު މުހައްޛިބުއްދީން އޭނާގެ ދަރިވަރު ޢަލާޢުއްދީން ގޮވައިގެން ބިމާރިސްތާނުއް ނޫރީގެ ޑަކްޓަރުންގެ މަޖިލީހަށް ވަޑައިގެންނެވެއެވެ. އެމަޖިލީހުގައި މަޝްހޫރު ޑަކްޓަރެއް ކަމުގައިވާ އިމްރާނުލް އިސްރާއީލީ ހުންނެވިއެވެ. އުމުރުން 60 އަހަރުފުޅުވީ މަޝްހޫރު ޢިމުރާނަކީ ގިނަދުވަސްވެފައިވާ ބަލިތަކަށް ނުވަތަ ކްރޮނިކަލް ޑިޒީޒަސް ފަރުވާދެއްވުމުގައި ފުންނާބުއުސް ޑަކްޓަރެކެވެ.

ދިމިޝްޤުގައި 10 އަހަރު ހޭދަކުރެއްވުމަށްފަހު ޢަލާއުއްދީން ވެވަޑައިގެންފައިވަނީ އޭނާގެ އުސްތާޒުންނާއި ހަމަހަމަ އުސްތާޒެއް ކަމުގައެވެ. ޑަކްޓަރީ ޢިލުމުގެ ރޮނގުން ޝާމްކަރަޔާއި އަދި އޭނާ އުފަން ރަށްކަމުގައިވާ ޤުރައިޝިއްޔާގައި ފިޤްޙް ޢިލުމް ހޯއްދެއްވި ހިމްސްގައިވެސް، އޭނާގެ އަޑު މަޝްހޫރުވެގެންދިޔައެވެ. އަދި ޝާމްކަރައިގައި އޭނާ މަޝްހޫރުވެފައިވަނީ 'އިބުނުއް ނަފީސް'ގެ ނަމުންނެވެ.

އެއްދުވަހަކު މުހައްޛިބުއް ދީން އިބުނިއް ނަފީސްގެ އިސްތަށި ފުޅުގައި ފިރުމާލައްވާފައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ. އެއްދުވަހަކުން ދަރިފުޅު ޑަކްޓަރީކަމުގެ ދުނިޔޭގައި ބޮޑު ޢާލިމަކަށް ވާނެއެވެ. ކަލޭގެ ސަބަބުން ބޭސްވެރިކަމަށް ކުރިއެރުމެއް ލިބުމަށް އެދެމެވެ. "ޖާލީ ނޫސް"އާއި "އަބީ ޤްރާތު" އާއި އިބުނު ސިނާ ލިޔުއްވާފައިވާ އެއްޗިއްސައް އެއްޗެއް އިތުރުކުރެވޭތޯ ބަލާށެވެ. މީހުންނަށް ބޭސްފަރުވާކުރުމުގައި ހުރިހާ ވަގުތެއް ހޭދަނުކުރާށެވެ. ދަރިފުޅާއެވެ ހަދާންކުރާށެވެ. ޑަކްޓަރީކަމުގެ މައިދާނުގައި އަބަދުވެސް ކެލެއަކީ ދަރިވަރެކެވެ. ތަޖުރިބާކާރެއްް ނޫނެވެ. އިބުނުއް ނަފީސް އޭނާގެ އުސްތާޛު މުހައްޛިއްބުދީން ދެއްވި ނަޞީހަތް ވަރަށް ރަނގަޅަށް ބަލައިގަތެވެ. އެގޮތުން އެގޮތުން "ޖާލީނޫސް"އާއި "އަބީ ޤުރާތު" ވަރަށް ރަނގަޅަށް ދިރާސާކުރެއްވިއެވެ. އަދި އެފޮތްތަކާއިމެދު ޢިލްމީގޮތުން ފާޑުވިދާޅުވާން ފެއްޓެވިއެވެ.

އެދުވަސްވަރު މިޞްރުގައި ވެރިކަންކުރަމުންގެންދިޔާއީ އައްޔޫބީންނެވެ. އެދަޢުލަތުގެ ވެެރިޔަކީ އަލް ކާމިލް މުޙައްމަދެވެ. ކާމިލް ދިމިޝްޤުގައި ހުންނަ "ބިމާރިސްތާނުއް ނޫރީ"ގެ ޑިރެކްޓަރ ޖެނަރަލް މުހައްޛިބުއްދީންއަށް ސިޓީފުޅެއް ފޮނުއްވިއެވެ. މިސިޓީގައިވަނީ "ބިމާރިސްތާނުއް ނޫރީ"ގައި މަސައްކަތްކުރަމުންގެންދާ އެންމެ ފެންވަރު ރަނގަޅު ޑަކްޓަރުންގެ ތެރެއިން ޑަކްޓަރުންގެ ޓީމެއް ފޮނުއްވައިދެއްވަމަށެވެ.

ގާހިރާ އަށް ފޮނުއްވުމަށްޓަކައި މުހައްޛިބުދީން ޑަކްޓަރުންގެ ލިސްޓެއް އެކުލަވައިލެއްވިއެވެ. މިލިސްޓްގައި އެންމެ ފުރަތަމަވެސް ޖެއްސެވި އިބުނުއް ނަފީސްގެ ނަންފުޅެވެ.

އިބުނުއް ނަފީސް ގަހިރާއަށް ވަޑައިގެންނެވިއެވެ. އަދި އެނޭގެ ގެ ނީލަކޯރުގެ އައްސޭރީގައި ބިނާކުރެއްވިއެވެ. އަދި އޭނާގެ ގޭގައި ބޮޑު ލައިބްރަރީއަކާއި ބޭސްވެރިކަމުގެ ޢިލްމްކިޔަވާދެއްވާ ހޯލެއް ގެއާއެކު ބިނާކުރެއްވިއެވެ.

އިބުނުން ނަފީސް ގާހިރާގައި ހުންނަ އޭނާގެ ގޭގައި ބޭސްވެރިކަމުގެ ޢިލްމުގެ އިތުރުން ޙަދީޡް އިލްމާއި ފިޤުޙް ޢިލްމު ކިޔަވައިދެއްވާ ދިރާސާތައް ހެއްދެވިއެވެ. އޭނާގެ އެންމެ މުޙިއްމު ދިރަސާޔަކީ އިންސާނާގެ ހަށިގަނޑުގައި ލޭ ހިނގުމާއިބެހޭ ގޮތުން ކުރައްވާފައިވާ ދިރާސާއެވެ.ގުރީކްގެ ބޭސްވެރިއެއް އެކުލަވާލައްވާފައިވާ "ޖާލީނޫސް" ގައި ބަޔާންކުރައްވާފައިވަނީ ހަށިގަނޑުގެ ބައިތަކަށް ލޭބެހެނީ ދިޔަވަރު ބޮޑުވުމަކާއި ދިޔަވަރު ހިކުމުގެ ޚަރަކާތަކުންނެވެ. ނަމަވެސް ޑަކްޓަރުންގެ ބައްޕަ އިބުނު ސީނާގެ އެނޮޓަމީ ފޮތް ދިރާސާކުރައްވަމުން އިބުނުއް ނަފީސް ވިދާޅުވަނީ ހިތުގައި ދެވަތް ގަތްގަނޑު ހުންނަކަމަށެވެ. އެނާ ވިދާޅުވިގޮތުގައި ލޭ ދައުރުކުރަނީ ކަނާތްފަރާތު ވަތްގަނޑުންނެވެ. ހަށިގަނޑަށް ލޭ ބަހައިދެނީ މިވަތްގަނޑުންނެވެ. އިބުނުއް ނަފީސްގެ މިދިރާސާގައި ހިތާއި ފުއްޕާމެޔާއި ހުރި ގުޅުން ބަޔާންކޮށްދެވިއެވެ.

މިސްރުގައި ހޭދަކުރެއްވި ދުވަސްތަކުގައި އިބުނު ނަފީސް އެތައް ފޮތްތަކެއް ލިޔުއްވިއެވެ. އެގޮތުން ފާހަނގަކޮށްލެވުނު ފޮތްތަކުގެ ތެރޭގައި 'ޝަރުޙްއް ތަޝްރީޙް' ގެނަމުގައި 90 ވޮލިޔަމް ހިމެނޭ ބޭސްވެރިކަމުގެ ފޮތެއް އެކުލަވާލައްވައި ތަސްނީފް ކުރެއްވިއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. އިސްލާމީދީނުގެ ދިގު ތާރީޚްގައި މުސްލިމުންވަނީ އިލްމީ ބިޔަ ކަނޑުތަކުގައި، ޢިލްމު ހޯއްދެވުމަށާއި، ދިރާސާ ކުރެއްވުމަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާކަން މިލިޔުމުން އެނގޭ. ނަމަވެސް މިހާރު މުސްލިމުންގެ ނަމުގައި ތަޢުލީމީ އިދާރާތަކުގެ މަސްޢޫލު އުފުލަންތިބި ފަރާތްތަކުގެ މިސްރާބު ހުރީ ދިވެހިންގެ ތަޢުލީމު، މާއްދީޔަތުގެ ޢުސޫލުތަކަށް ތަބާވާއަލްމާނީ ފިކުރުތަކުގެ ކަނޑުތަކަށް ޤަރަޤުކުރަމުންނެވެ. ދިވެހިންގެ މތަޢުލީމީ ނައު ދިވެހިންގެ ބާރުދަށަށް ގެނެވެން އޮތީ ތަޢުޅީމީ ދާއިރާގެ ހުންގާނބާއި އިސްލާމީ ފިކުރުގެ މީހަކު ހަވާލުވި ދުވަހަކުންނެވެ.

  2. ހާދަ ފައްކާ ލިޔުމެކޭ!
    ލިޔުންތެރިޔާއަށް ސާބިތުކަންދެއަްވށި!

  3. އިސްލާމީ ޢިލްމުވެރިން ޢިލްމީރޮނގުގައި ކުރައްވާފައިވާ ބުރަމަސައްކަތްތައް ދިވެހި މުސްލިމު ދަރިންނަށް އަންގައި ދެއްވުމަށްޓަކައި މިފަދަ ގިނަގުނަ ލިޔުންތައް މިނޫހުގެ ޒަރީޢާއިން އެއްވެސް ފޫރުވުމެއްނެތި އަމާނާތްތެރި ކަމާއެކު ގެނެސް ދެއްވުމަކީ ކިޔުންތެރިއެއްގެ ޙައިސިއްޔަތުން އެދެމެވެ.

Your email address will not be published. Required fields are marked *