ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކުގައި އަލަށް ބިނާކުރާ 15 މިސްކިތެއް ހުޅުވުމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން އަމާޒު ހިފައިފިއެވެ.
މި މަޝްރޫއުތަކަކީ ރޯދަ މަހު ނަމާދުކުރާ މީހުންނަށް ޖާގައިގެ ފަސޭހަކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާތަނަށް ހަ މިސްކިތެއްގެ މަސައްކަތް މުޅިން ނިންމާލައި، ބޭނުންކުރަން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ހދ. ދިއްދޫ، ށ. ފޯކައިދޫ، ނ. މަނަދޫ، ހުޅުމާލޭ ދެވަނަ ފިޔަވަހި އަދި އައްޑޫ ސިޓީ މަރަދޫގައި ބިނާކުރި މިސްކިތްތަކެވެ. މީގެ އިތުރުން ބާކީ ހުރި 9 މިސްކިތުގެ މަސައްކަތް ރޯދަ މަހުގެ ކުރިން ނިންމުމަށް މިހާރު ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.
މިސްކިތް ބިނާކުރުމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ކުރިއަށްދާ މި މަސައްކަތްތަކުގެ ތެރެއިން 15 އެއްހާ މިސްކިތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކޮށް، ދީނީ ހިދާޔަތާއި ސަގާފަތް ފެތުރުމެވެ.
މި އާ މިސްކިތްތަކާއެކު، ރަމަޟާން މަހުގެ ތެރޭގައި މިސްކިތްތަކަށް ބާރުބޮޑުވާ ވަގުތުތަކުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

















ޚިޔާލު