ކޮލަމިސްޓްދިއިސްލާމްޝަޚުސިއްޔަތު

ޙާފިޡުންގެ ބަގީޗާއިން ޙަސަން އާހިލް

އުމުރުން 16އަހަރުގެ ޙަސަން އާހިލްއަކީ ތ ގުރައިދޫ އިރުދޭމާގޭ އަޙްމަދު މުޙައްމަދާއި ހަމަ އެރަށު ބާޑީގޭ އައިމިނަތު މަނިކެ ޢަލީގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ޙަސަން އާހިލް އަކީ 2019ވަނަ އަހަރު ޙާފިޡްކަމުގެ ސަނަދު ޙާސިލް ކުރި ކުއްޖެކެވެ.

އާހިލް ކީރިތި ޤުރުއާން ހިތުދަސްކުރަން ފެށީ އުމުރުން 7އަހަރުގައެވެ. އެއީ 2011ވަނަ އަހަރެވެ. ތުއްތުއިރުއްސުރެވެސް ހިތުދަސްކުރަން ފަސޭހަވުމާއި ޤުރުއާން ކިޔަވަން ލޯބިޖެހިފައި ވުމުން، މަންމައާއި ބައްޕަ އަދި މުދައްރިސުން ދެއްވި ހިތްވަރާއި އެކު ޤުރުއާން ހިތުދަސްކުރަން ފެށިއެވެ. ޤުރުއާނަށް ހުރި ޝައުޤުވެރިކަން އާހިލް އަށް ޤުރުއާން ހިތުދަސްކުރުމަށް ދޮރުހުޅުވައިދިނެވެ.

ahil with his family

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 11ގައި މިހާރު ތަޢުލީމު ޙާސިލް ކުރަމުން އަންނަ ޙަސަން އާހިލް ކީރިތި ޤުރުއާން ހިތުދަސް ކޮށް ނިމުނީ 6އަހަރުދުވަހުންނެވެ. މަދަރުސާގައި ކިޔަވަންޖެހޭ މާއްދާތަށް ގިނަ ނަމަވެސް އެމުއްދަތުގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސްކޮށް ނިމުނީ ވަރަށް ހިތްވަރާއި އެކު މަސައްކަތް ކޮށްގެން ކަމަށް ޙަސަން އާހިލް ބުނެއެވެ.

ޤުރުއާން ހިތުދަސް ކުރަމުން ދިޔައިރު މަދަރުސާގެ ފިލާވަޅުތަށް ގިނަވެ އެކަމަށް ވަގުތު ނުދެވުނު ނަމަވެސް ޙަސަން އާހިލްއަކީ ކިޔެވުމުގައިވެސް ފާހަގަ ކުރެވޭ ވަނަތަކެއް ހޯދަމުން އަންނަ ނަމޫނާ ދަރިވަރެކެވެ. ކިޔެވުމަށް ގަދައަޅައި މަސައްކަތް ކުރާ ހިތްވަރުގަދަ ކުއްޖެކެވެ. ބާރަ މާއްދާ ކިޔަވަމުން ޤުރުއާން ހިތުދަސް ކުރަމުން ދިޔައިރުވެސް ހުރިހާ މާއްދާ އަކުން ރަނގަޅު ނަތީޖާ އެއް ހޯދައި މުމްތާޒް ޝަރަފް ހޯދައިފައިވެއެވެ.

ޤުރުއާން ހިތުދަސް ކުރަމުން ދިޔައިރު ކިޔެވުމުގެ ކަންކަމަށް ދަތިކަމެއް ދިމާވަމުން ދިޔަނަމަވެސް ވަގުތުތަށް ބަހާލައިގެން ހިތްވަރާއި އެކު ކުރިމަސައްކަތުގެ ނަތީޖާއަކަށްވީ ފަސޭހަކަމާއި އެކު މަދަރުސާގެ ފިލާވަޅުތަށް ދަސްކޮށް ހަދަންވެސް އިތުރަށް ފަސޭހަވެގެން ދިއުމެވެ. ފަތިސް ނަމާދުގެ ވަގުތުޖެހުމުގެ ކުރިން ހޭލައި ޤުރުއާން ފިލާވަޅުތަށް ދަސްކޮށްހެދިއެވެ.

ޙަޔާތުގައި ހާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ކީރިތި ޤުރުއާން ހިތުދަސްކުރުން ކަމުގައި އާހިލް ޤަބޫލުކުރެއެވެ. އަދި ކާމިޔާބީގައި ޙަސަން އާހިލްއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އޭނާގެ މަންމަ ކަމުގައި އާހިލް ބުނެއެވެ. އެގޮތުން ގޭގައި ފިލާވަޅު ދަސްކުރުމުގައި މަންމަގެ ވަރަށް ބޮޑު ދައުރެއްވާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ. ހިތުދަސްކުރާ ފިލާވަޅު ދަސްވެފައިވޭތޯ ބެލުމާއި، ދަންވަރުގެ ވަގުތުތަކުގައި އެކަމުގައި އާހިލްއާއި އެކު ގިނަ ވަގުތު ތަކެއް މަންމަ ހޭދަ ކޮށްފައިވާނެކަމަށް އާހިލް ބުނެއެވެ. އަދި ބައްޕަގެ އެހީތެރިކަން ލިބިފައިވާ މިންވަރުވެސް ކުޑަނޫންކަމަށް ބުނެއެވެ. ޤުރުއާނާއި ބެހޭ މަރުކަޒަށް ގެންގޮސް ގެނެސްދިނުމުގައި ބައްޕަހޭދަ ކުރި ވަގުތުތަކަށް ޝުކުރުހައްޤެވެ.

ޙަޔާތުގައި ހާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ކީރިތި ޤުރުއާން ހިތުދަސްކުރުން ކަމުގައި އާހިލް ޤަބޫލުކުރޭ

މުސްތަޤްބަލުގައި ޤުރުއާނުގެ ޢިލްމުން އިތުރަށް ޙާސިލް ކުރަން ބޭނުންވަނީ ޤުރުއާނުގެ ތަފްސީރު ޢިލްމެވެ. އަދި ތަފްސީރު އުގެނި އެޢިލްމު މުޖުތަމަޢުއަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރުމަކީ އާހިލް މުސްތަޤްބަލަށް ކުރާ އުންމިދެކެވެ. އެ ޢިލްމުން އެހެން މީހުންނަށް މަންފަޢަ ކޮށްދިނުމެވެ. މުޖުތަމައަށް އެޢިލްމު ފެތުރުމެވެ.

ޤުރުއާން ހިތުދަސް ކުރަން ފަށާއިރު ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް އާހިލް ބުނެއެވެ. ފަހަރުގައި އާހިލްއަށް ދިމާވިކަންކަމަށް ވުރެ ބޮޑެތި ކަންކަންވެސް ކުރިމަތިވެދާނެ ކަމަށް އާހިލްބުނެއެވެ. ނަމަވެސް އެކަމުގައި ހުރި މާތްކަން ރަނގަޅަށް ދަނެ ހުރެ އެކަން ކުރަން ކިތަންމެ ގިނަދުވަހެއް ނެގިނަމަވެސް ހިތްވަރު އެލުވައި ނުލައި ކުރިއަށް ދިއުމަށް ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް އާހިލް ނަސޭހަތްތެރިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *