ގއ ކަނޑުހުޅުދޫ ޝިމްލާ ޢަބްދުއްލަތީފާއި ނ ހެނބަދޫ މުޙައްމަދު ރަޝީދުގެ ހަތަރު ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު ރިފްދާ މުޙައްމަދު ރަޝީދަކި މިހާރު މެލޭޝިއާގައި ހުންނަ އަލް މަދީނާ ޔުނިވަރސިޓީގައި އިސްލާމިކް ސައިންސް ގެ ދާއިރާއިން ބެޗްލަރޒް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. 21އަހަރުގެ މިޒުވާނާއަކީ 2014ވަނަ އަހަރު ހާފިޒްކަމުގެ ސަނަދު ހޯދައިފައިވާ، އަދި މުތަވާތިރް ދިހަ ރިވާޔަތުގެ ތެރެއިން އެއް ރިވާޔަތް ދަސްކޮށް އެރިވާޔަތުން އިޖާޒާ ހޯދައިފައިވާ ޒުވާނެކެވެ.
އެންމެ ތުއްތު އިރުއްސުރެ ފެށިގެންވެސް ރިފްދާގެ މަންމައާއި ބައްޕަ ރިފްދާއަށް ޤުރުއާން ހިތުދަސް ކޮށްދޭން މަސައްކަތް ކޮށްދިން ކަމަށް ރިފްދާ ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ ޤުރުއާން މުބާރާތް ތަކުގައި ބައިވެރި ކުރުވާ މުބާރާތް ތަކަށް ދަސްކުރަންޖެހޭ މުޤައްރަރުތަށް ދަސްކުރުވައި މުބާރާތް ތަކަށް ތައްޔާރު ކޮށްދިން ކަމަށް ރިފްދާ ބުނެއެވެ.
ޕްރީސްކޫލްގައި ކިޔެވިއިރު މުބާރާތް ތަކަށް ޢަންމަ ފޮތް ހިތުދަސް ކުރިއެވެ. އެގޮތަށް މަޑު މަޑުން ސޫރަތަކަށް ފަހު ސޫރަތެއް ދަސްކުރަމުން ދިޔައެވެ. 2008ގައި ޤުރުއާން އާއި ބެހޭ މަރުކަޒުގައި ދަރިވަރެއްގެ ގޮތުގައި ރެޖިސްޓަރ ވެ ކިޔައިދެމުން 2010ވަނަ އަހަރު ކިޔައިދީ ނިންމާލިއެވެ.
ޤުރުއާން ހިތުދަސް ކުރުމަށް ޝައުޤުވެރިކަން އުފެދިގެން ދިޔައީ ރިފްދާގެ މައިންބަފައިން އެކަމަށް ދެއްވާ އަހައްމިޔަތުގެ ބޮޑުކަމުން ކަމަށް ރިފްދާބުނެއެވެ. އެގޮތުން އެންމެ ކުޑައިރުއްސުރެ ކީރިތި ޤުރުއާން ހިތުދަސްކުރުވުމަށް މައިންބަފައިން ވަރަށް ބޮޑަށް އިސްކަންދެއްވައިފައިވެއެވެ. އަދި ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ ކިހާ މާތް މަތިވެރި ކަމެއްކަން އެނގުނު ހިސާބުން ހާފިޒަކަށް ވުމަށް އިތުރު ހިތްވަރު ލިބި ޝައުޤުވެރިކަމެއް އުފެދިގެން ދިޔަ ކަމަށް ރިފްދާ ބުނެއެވެ.
ތުއްތު އިރުއްސުރެ ޤުރުއާން ހިތު ދަސް ކުރަމުން ދިޔުމުގެ ނަތީޖާ އަކީ ޤުރުއާނާ ބެހޭ މަރުކަޒަށް ޤުރުއާން ހިތުދަސްކުރާ ދަރިވަރެއްގެ ގޮތުގައި ގުޅުންތާ 2އަހަރާއި އެއްމަސް ދުވަސް ތެރޭގައި ހިފްޒުކޮށް ނިންމާލެވުމެވެ.
ރިފްދާ އަކީ ސްކޫލް ދައުރުގައި ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތް ތަކުގައި ވެސް ޙަރަކާތް ތެރިކަމާއި އެކު ބައިވެރިވެފައިވާ ދަރިވަރެކެވެ. ރިފްދާ ބުނިގޮތުގައި ސްކޫލުގައި ބުރަކޮށް އުޅެމުން ހިތުދަސް ކުރަން ޖެހުމުން ދަތިތަކެއް ދިމާވެދާނެ ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް ﷲގެ ރަޙްމަތުން ހިފްޒު ކުރަން ފެށުމުން ސްކޫލުގެ ކިޔެވުން ވެސް ފަސޭހަވެގެން ދިޔައެވެ. އަދި މައިން ބަފައިންނާއި މުދައްރިސުންގެ އެއްބާރުލުން އަބަދުވެސް ލިބެމުން ދިއުމުން ދަތިކަމެއް ކުރިމަތި ނުވެ ފަސޭހަ ކަމާއިއެކު ހިފްޒުކޮށް ނިންމާލެވުނެވެ.
2017ވަނަ އަހަރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ޘާނަވިއްޔާ ޙާސިލް ކޮށްފައިވާއިރު ރިފްދާ 2017ވަނަ އަހަރު އެމަދްރަސާގެ ކެޕްޓަން ކަންވެސް ކޮށްފައިވެއެވެ. ތަޢުލީމީ ގޮތުން މަތީ ވަނަ ތަކެއް ޙާސިލް ކޮށްފައިވާ ރިފްދާ އަކީ އިތުރު ޙަރަކާތް ތަކުންވެސް ރަންވަނަތަށް ޙާސިލް ކުރި ދަރިވަރެކެވެ.
ހާފިޒަކަށް ވުމުގައި އެންމެ ބޮޑު އެހީތެރި ކަމެއް ލިބި އެންމެ ބޮޑަށް ހިތްވަރުދީފައިވަނީ މަންމަ އާއި ބައްޕަކަމަށް ރިފްދާ ބުނެއެވެ. އަބަދުވެސް ފަތިސްގަޑީގަޔާއި ދެނަމާދު ދޭތެރޭ ޤުރުއާން ކިޔެވުމަށް ބާރުއަޅުއްވާ ކަމަށާއި ހިތްވަރު އެލުވާ ނުލައި ދަސްކުރުން ކުރިއަށް ގެންދިއުމަށް ބުނެދެއެވެ. އަދި ކުލާހުގައި ބަރާބަރަށް ކޮންމެ ދުވަހަކު ފިލާވަޅު ކިޔައިދޭތީ މުދައްރިސުންވެސް އަބަދުވެސް ހިތްވަރު ދެއްވިކަމަށް ރިފްދާ ބުނެއެވެ.
މުސްތަޤްބަލަށް ކުރާ އުންމީދު ތަކާއި ދެކޭ ހުވަފެންތަށްގުޅިފައިވަނީ މިދާއިރާއާއި ކަމަށް ރިފްދާ ބުނެއެވެ. އަދި ދިހަ ޤިރާއަތް ދަސްކޮށް އިޖާޒާ ހޯދުމަކީ ރިފްދާގެ ވަރަށް ބޮޑު އުންމިދެއް ކަމަށް ރިފްދާ ބުނެއެވެ. އަދި ތަޖްވީދް ޢިލްމާއި ޤިރާއަތް ތަކާއިބެހޭ ޢިލްމުގެ ފޮތްތަށް ދިވެހި ބަހަށް ތަރުޖަމާ ކުރުމަކީ ދެކޭ ހުވަފެނެއް ކަމަށް ރިފްދާ ބުނެއެވެ. އަދި ޤުރުއާނުގެ ޢިލްމުގެ ދާއިރާއިން މުޖުތަމަޢަށް ރިފްދާގެ ފަރާތުން ފައިދާތަކެއް ކޮށްދިނުމުގެ ތައުފީޤު ދެއެވުން އެދި އަބަދުވެސް ދުޢާ ކުރާކަމަށް ރިފްދާ ބުންޏެވެ.
މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ރިފްދާ ފެނިގެންދާނީ މުފައްސިރެއްގެ ގޮތުގައެވެ. ތަފްސީރު ޢިލްމާއި އަދި ޤުރުއާނާއި ގުޅުންހުރި ޢިލްމުތަށް އުގެނި އެދާއިރާއިން މުޖުތަމަޢަށް ޚިދްމަތް ކޮށްދިނުމަކީ ރިފްދާ މުސްތަޤްބަލަށް ކުރާ އުންމީދެކެވެ.
ހާފިޒަކަށް ވެވުމަކީ ދީނީ ޢިލްމު އުގުނެމަށް ހުޅިވިގެން ދިޔަ ދޮރެއްކަމަށް ރިފްދާ ޤަބޫލު ކުރެއެވެ. އަދި ދީނީ ޢިލްމުގެ ފޮނިކަން ޙާސިލް ކުރެވޭނީ ﷲގެ ކަލާމް ފުޅު ދަސްކޮށް އެފޮތަށް އަޙުލު ވެރިވެގެން ކަމަށް ރިފްދާ ޤަބޫލު ކުރެއެވެ.
ޤުރުއާން ހިތުދަސް ކުރަން ބޭނުންވާ ކުދިންނަށް ރިފްދާ ބުނެލީ ވަރަށް އަގުހުރި ބަސްކޮޅެކެވެ. ޤުރުއާން ހިތުދަސް ކުރުމަކީ މަތިވެރި ނިޢުމަތެކެވެ. އަދި ﷲދެއްވާ މަތިވެރި ޝަރަފެކެވެ. އެކަލާންގެ ކަލާމްފުޅު ޙިމާޔަތް ކުރުމުގެ ޝަރަފް ލިބުމަކީ ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފެވެ. އެހެންވީމާ ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ޘަވާބާއި މަތިވެރިކަން ހަނދާން ބަހައްޓަން ވާނެ ކަމަށެވެ. ހެޔޮ ނިޔަތާއި އެކު ހިތްވަރުކޮށްގެން ކުރާ ހިތުން ހިފްޒުކުރާށެވެ. އަދި އަބަދުވެސް މުރާޖަޢާ ކުރުން މަތީ ދެމި ހުންނަން ވާނެ އެވެ.
އަޅުގަނޑުމެންގެ ދުޢާ އަކީ ރިފްދާ މުސްތަޤްބަލަށް ކުރާ އުންމީދުތަށް ޙާސިލް ވެގެން ދިއުމެވެ. އަދި ރިފްދާއަށް ކާމިޔާބާއި ފާގަތި ކަމަށް އެދެމެވެ.
ޚިޔާލު