"ނޫރުލް އަޛާން 1447" ބަންގި ގޮވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ މުޖުތަމަޢުގެ އެންމެހާ އަފްރާދުންގެ މެދުގައި އިސްލާމީ ޢަޤީދާއަށް އޮންނަ ލޯބި އިތުރުކުރުމެވެ. މީގެ އިތުރުން ބަންގި ގޮވުމުގެ ފަންނާއި، އެކަމާ ގުޅޭ ޢިލްމާއި ހުނަރުގެ އަގުވަޒަންކުރުމަކީވެސް މި މުބާރާތުގެ މުހިންމު މަޤްސަދެކެވެ.
މިދިޔަ އަހަރު މާލޭގައި ބޭއްވި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ، މިއަހަރުގެ މުބާރާތް ވަނީ ހުރިހާ އަތޮޅުތަކަށް ހުޅުވާލާފައެވެ. އަތޮޅުތަކުގައި އޮޑިޝަންތައް ބޭއްވުމަށްފަހު ހޮވޭ ބައިވެރިންނާއެކު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުގައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 40 ބައިވެރިން ބައިވެރިވެފައިވެއެވެ.
މި މުބާރާތް ބަހާލާފައިވަނީ ޖުމްލަ ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި ބައިވެރިން ބަންގި ގޮވަންވާނީ އެމީހަކު އަމިއްލައަށް އިޚްތިޔާރުކުރާ ރާގަކަށެވެ. މި ބުރުގައި މާކްސް ދިނުމުގައި ބަލާނީ ތަޖުވީދާއި، ރާގާއި، އަޑާއި އަކުރުތައް އަދާކުރުމުގެ ސާފުކަމުގެ އިތުރުން، ސުންނަތަށް ތަބާވާ މިންވަރަށެވެ. ދެވަނަ ބުރަށް ހޮވޭނީ އެންމެ މަތިން މާކްސް ހޯދާ 7 ބައިވެރިންނެވެ. ދެވަނަ ބުރުގައި ބައިވެރިން ބަންގި ގޮވަން ޖެހޭނީ ފަނޑިޔާރުން ކަނޑައަޅާ ވަކި މަޤާމަކަށެވެ.
ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤައުމީ ޤުރުއާން މުބާރާތުގެ އިނާމުތައް ބޮޑުކުރުމާއި، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ދޭ އެލަވަންސް އިތުރުކުރުމުގެ އިތުރުން، ޒުވާން ޚަޠީބުން އުފެއްދުމުގެ މަޝްރޫޢެއްވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

















ޚިޔާލު