ފިރިހެން ދަރިންގެ ހިތުގައި މިސްކިތުގައި ނަމާދު ޤާއިމް ކުރުމަށް ލޯބިޖެއްސުމަށްޓަކައި، އެކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދިނުން މުހިންމު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
"ކުޑަކުދިން މިސްކިތައް އަހުލުވެރި ކުރުވުން" މި މަޢުޟޫއަށް މިއަދު އިއްވި ޚުތުބާގައި ވަނީ ކުޑަކުދިން ދީނީ ކަންކަމަށް އަހުލުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޚުތުބާގައި ވިދާޅުވީ، ދަރިން މި މަތިވެރި ވާޖިބަށް ލޯބިޖެއްސުމާއި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އިޚުމާލުވެއްޖެނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އާޚިރަތުގައި ބޮޑުވެގެންވާ ހިތާމަ ނޫނީ ނުލިބޭނެ ކަމަށެވެ. އަދި ދަރިންނަކީ ނަމާދަށް ލޯބިކުރާ ބަޔަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ބިންގަލަކީ، އެ ދަރިންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޙުތިޔާރު ކުރުން ކަމަށްވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ދަރީން ނަމާދަށް ފަރުވާތެރި ބަޔަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަދައްކަވަމުން، ނަމާދު ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕްރޮގްރާމްތައް ރާވައި، ކުދިން އެކަންކަމުގައި މަޝްޢޫލު ކުރުވާކަމީ މިހާރު ޢާންމު ކަމެއް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، ބަންގި ގޮވާއިރު މައިންބަފައިން ދަރިން ގޮވައިގެން މިސްކިތާ ކައިރީގައި ހުންނަ ކުޅިވަރު މައިދާންތަކަށް ދާ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ޖަމާޢަތުގައި ނަމާދުކުރުމުގެ މުހިންމުކަން ހާމަކޮށްދެއްވަމުން ކީރިތި މާތް ނަބިއްޔާގެ ހަދީޡެއް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، "އެކަނިހުރެ ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބާއި ދަރުމަ ހަތާވީސް ގުނަ އިތުރު ވެގެންދެއެވެ" މިފަދައިންނެވެ.
މީގެ އިތުރުން، ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ޚުތުބާގައި އަލިއަޅުއްވާލެއްވިއެވެ. އަދި އަޅަމެންގެ ދަރިންނަކީ ނަމާދަށް ފަރުވާތެރި، މިސްކިތަށް ލޯބި ކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
މިއަދުގެ ހުކުރު ޚުތުބާ ނިންމަވާލެއްވީ މި ހިނގާ ރަޖަބުމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަމުންނެވެ. އެގޮތުން ސަވާބާއި ދަރުމަ ހޯދުމަށްޓަކައި ހެޔޮ ކަންތައްތައް އިތުރުކޮށް، ނުބައި ކަންތަކުން ދުރުވެ ގަތުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ގޮވާލެއްވިއެވެ.

















ޚިޔާލު