ޝަޚުސިއްޔަތު

އަބޫ އުބައިދާ - އުއްމަތުގެ އަމާނާތްތެރިޔާ

އެއީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ ހުކުރުދުވަހެވެ. ބަދުރުގެ މައިދާނުގައި ހަނގުރާމައިގެ ހޫނުކަން އެންމެ ގަދަވެގެން ދިޔަ ވަގުތެވެ. މައްކާގެ މުޝްރިކުން ޖެހުލުންވި ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގައިވިއެވެ. މިފަހުލަވާނާއި ކުރިމަތިލުމަށް ކެރޭކަން ދައްކާ މުޝްރިކުންގެ ލަޝްކަރުން މީހަކު ނިކުތެވެ. އެހެންނަމަވެސް އެމީހަކާއި ކުރިމަތި ނުލުމަށް މިފަހުލަވާނު އެހެންދިމާއަކަށް މޫނު އަނބުރާލިއެވެ. އެނބުރުނު ކޮންމެ ދިމާއަކުން މިފަހުލަވާނަށް ކުރި ބައްދާ އޭނާއާއި ކުރިމަތިލުން ނޫންގޮތެއް ނެތްކަމަށް އެމީހަކު ޢަމަލުން ދައްކަމުން ދިޔައެވެ. އޮތް ހަމައެކަނި ގޮތަކީ އޭނާއަށް ހަމަލާދިނުން ކަމަށްވުމުން މިބިރުކުޑަ ހިތްވަރުގަދަ ފަހުލަވާނު އެމީހާގެ ބޮލަށް ހަމަލާދިނެވެ. އަދި އެމީހާ މަރުވެގެން ބަދުރުގެ މައިދާނަށް ވެއްޓުނެވެ.

ބިރުކުޑަ މިފަހުލަވާނަކީ މިއުއްމަތުގެ އަމާނާތްތެރިޔާ އަބޫ އުބައިދާއެވެ. ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މާތް ނަބިއްޔާގެ މަތިވެރި ޞަހާބީއެކެވެ. މަރުވެގެން ބަދުރުގެ މައިދާނަށް ވެއްޓުނީ އެކަލޭގެފާނުގެ ބައްޕަ އަބްދުﷲ ބިން ޖައްރާހުއެވެ. އެކަލޭގެފާނުގެ ބައްޕަ އެކަލޭގެފާނު ޤަތުލުކުރުމަށް ނިންމި ހިނދު ﷲ ގެ ނިޔާ ކަނޑައެޅިގެންދިޔައީ އެއާއި މުޅިން އިދިކޮޅަށެވެ.

ނަޞަބުފުޅާއި އިސްލާމްވެ ވަޑައިގަތުން

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އާމިރު ބިން އަބްދުﷲ ބިން އަލްޖައްރާހު ބިން ހިލާލްބިން އުހައިބު ބިން ދައްބާހް ބިން އަލް ހާރިޘް ބިން ފިހުރު ބިން މާލިކެވެ. އެކަލޭގެފާނުގެ ނަޞަބުފުޅު ރަސޫލާ صلى الله عليه وسلم އާއި ގުޅެނީ އެކަލޭގެފާނުގެ ހަވަނަ ކާފާފުޅު ފިހުރާއި ހަމައިންނެވެ. އެކަލޭގެފާނުގެ ކުންޔާއަކީ އަބޫ އުބައިދާއެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ޤުރައިޝްވަންހައަށެވެ.

އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގަތް މަދު މީސްކޮޅުގެ ތެރޭގައި އަބޫ އުބައިދާ ހިމެނިވަޑައިގަތްނަވައެވެ. އަބޫބަކުރުގެފާނާއި ގާތް ގުޅުމެއް އޮންނަ އަބޫ އުބައިދާ، އަބޫބަކުރުގެފަނުގެ ދަޢުވަތަށް އިޖާބަދެއްވާ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތް އިސްލާމްވެ ވަޑައިގަތެވެ. އެކަލޭގެފާނާއެކު އަލްއަރުޤަމް ބިން އަބިލް އަރުޤަމާއި އަބްދުއްރަހްމާން ބިން އައުފް އާއި އުސްމާން ބިން މައުޟޫން އިސްލާމްދީން ޤަބޫލުކުރެއްވިއެވެ.

އިސްލާމްދީން ޤަބޫލުކުރެއްވި ބޭކަލުންނަށް މައްކާގެ މުޝްރިކުން ކުރަމުންދިޔަ ދުއްތުރާތައް އަބޫ އުބައިދާވެސް ތަހައްމަލްކުރެއްވިއެވެ. އަދި އެއުނދަގޫ ދަތި ވަގުތުގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސާބިތުވެ ހުންނެވިއެވެ. މުޝްރިކުންގެ ދުއްތުރާތަކުން މިންޖުވުމަށް މުސްލިމުންނަށް ހަބަޝާއަށް ހިޖުރަކުރުމުގެ ހުއްދަ ލިބުނު ހިނދު އެކަލޭގެފާނު ނިންމެވީ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި މައްކާގައި މަޑުކުރެއްވުމަށެވެ.

އިސްލާމްވުމަށްފަހުގައި ހަޔާތްޕުޅު

އަބޫ އުބައިދާވަނީ އިސްލާމްވުމަށްފަހުގައި އިސްލާމްދީން މަތިވެރިކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އިސްލާމްދީނާއި މުސްލިމުންގެ ދިފާޢުގައި މައްކާގެ މުޝްރިކުންނާއި ދެކޮޅަށް ކުރެވުނު ހުރިހާ ހަނގުރާމައެއްގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އެކަލޭގެފާނުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެގޮތުން ބަދުރު ހަނގުރާމައިގައި މުޝްރިކުން މުސްލިމުންނާއި ކުރިމަތިލީ ހިނދު އެކަލޭގެފާނަށް މަޖުބޫރުވީ އެކަލޭގެފާނު ޤަޠުލުކުރުމަށް ނިޔަތްގެނެގެންހުރި އެކަލޭގެފާނުގެ ބައްޕަ ޤަޠުލުކޮށްލުމަށެވެ. އެކަމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން ނުލިބިވަޑައިގެންފާނެ ކަމަށްޓަކައި އެކަލޭގެފާނުވަނީ ހިތާމަކުރައްވާފައެވެ. ނަމަވެސް މިހިތާމައަށް ފިނިކަމެއް ލިބިގެންދިޔައީ ﷲ ސުބްހާނަހޫ ވަތަޢާލާ މުޖާދިލާ ސޫރަތުގެ 22 ވަނަ ޢާޔަތް ބާވައިލެއްވުމުންނެވެ.

އުހުދު ހަނގުރާމައިގައިވެސް އަބޫ އުބައިދާ ރަޞޫލާ صلى الله عليه وسلم ގެ އަރިހުގައި އެކަލޭގެފާނުގެ ދިފާޢުގައި ހަނގުރާމަކުރެއްވުމުގައި ހުންނެވިއެވެ. ފަރުބަދަމަތީގައި ތިބި ރުމާތުން އެތަން ދޫކޮށްދިޔަތަން ފެނި މުޝްރިކުންގެ ލަޝްކަރުން އެނބުރިއައިސް މުސްލިމުންނަށް ހަމަލާދޭން ފެށުމުން މައިދާނުގައި ސާބިތުވެ ހުންނަވާ އަބޫ އުބައިދާވަނީ މުޝްރިކުންނާއި ހަނގުރާމަކުރައްވާފައެވެ. އަދި މުޝްރިކުންގެ ހަމަލާއެއްގައި ލޮބުވެތި ނަބިއްޔާގެ މޫނުފުޅުން ލޭފޮދު އޮހޮރިގެންދިޔަތަން ފެނިވަޑައިގެން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތް އެކަލޭގެފާނު ދިފާޢުކުރެއްވުމުގައި ދެމިހުންނެވިއެވެ. ރަސޫލާ صلى الله عليه وسلم ގެ ހިމާޔަތުގައި ދެއްވި ހަމަލާތަކުގެ ތެރެއިން އަބޫ އުބައިދާގެ ދެދަތްޕުޅު އެދުވަހު ބިންދައިގެން ދިޔައެވެ.

ޤުޟާއަތު ވަންހައިގެ މީހުންނާއި ރޯމަނުން ގުޅިގެން މުސްލިމުންނަށް ހަމަލަދޭން އުޅޭކަމުގެ ޚަބަރާއެކު ރަސޫލާ صلى الله عليه وسلم ޢަމްރު ބިން ޢާސްގެ ކޮމާންޑަރުކަމުގެ ދަށުގައި އެމީހުންނާއި ހަނގުރާމަކުރުމަށް ލަޝްކަރެއް ފޮނުއްވެވިއެވެ. އަދި މިލަޝްކަރަށް އިތުރު އެހީތެރިކަން ބޭނުންވާކަމަށް މަދީނާއަށް އެންގުމުން އަބޫ އުބައިދާ އިސްކުރައްވާ އިތުރު ލަޝްކަރެއް ރަސޫލާ صلى الله عليه وسلم ފޮނުއްވެވިއެވެ.

އަބޫ އުބައިދާގެ އަމާނަތްތެރިކަން އުއްމަތަށް އެނގިގެންދިޔައީ ނަޖްރާން ޤަބީލާގެ މީހުންގެ ހާދިސާއިންނެވެ. އެގޮތުން މުސްލިމުން ބާރުވެރިވެގެން ދިޔަ ހިނދު އެކި ޤަބީލާތަކުން މުސްލިމުންގެ ހިމާޔަތަށް އެދިގެން އައެވެ. މިތަނުން އެއްބަޔަކީ ނަޖްރާން ޤަބީލާގެ މީހުންނެވެ. މިމީހުން މުސްލިމުންގެ ހިމާޔަތް ޤަބޫލުކޮށް ޖިޒިޔަ ދިނުމަށް އެއްބަސްވިއެވެ. އަދި އެމީހުންނަށް ޤުރުއާނާއި އިސްލާމްދީން އުނގަންނައިދީ އެބައިމީހުންގެ ކަންކަން ބެލެހެއްޓުމަށް އަމާނާތްތެރިއަކު ފޮނުވައިދިނުމަށް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެދިވަޑައިގަތެވެ. އެބައިމީހުން އެދުނުގޮތަށް އަމާނާތްތެރިޔަކު ފޮނުއްވަވާނެކަމަށް ރަސޫލާ صلى الله عليه وسلم އެބައިމީހުންނަށް ވަޢުދުވެޑައިގަތެވެ. މިޚަބަރު ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންނަށް ލިބުމާއެކު އެޝަރަފު ލިބިގަތުމަށް އެދި އެބޭކަލުން އިންތިޒާރުކުރަމުން ގެންދިޔައެވެ.

މިމަތިވެރި ޝަރަފު ލިބިވަޑައިގަތް ބޭފުޅަކީ އަބޫ އުބައިދާއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. "ކޮންމެ އުއްމަތަކަށް އަމާނާތްތެރިއަކު ވެއެވެ. މިއުއްމަތުގެ އަމާނާތްތެރިއަކީ އަބޫ އުބައިދާއެވެ."

ރަސޫލާ صلى الله عليه وسلم އަވަހާރަވުމުގެ ޚަބަރާއެކު ވެރިވި ހިތާމައިގެ ވަގުތުގައި އިތުރު ހާސްކަމެއް ލިބިގެންދިޔައީ އަންޞާރުންގެ ތެރެއިން ވެރިޔަކު އައްޔަންކުރައްވަން އުޅުއްވާ ޚަބަރުންނެވެ. މިޚަބަރު ލިބިވަޑައިގަތުމާއެކު އެކަމުގައިހުރި ކަންބޮޑުވުންތައް ވިސްނިވަޑައިގެން އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އަދި އަބޫ އުބައިދާ އެކަމާއި ގުޅޭގޮތުން އަންޞާރުންނާއި ބަޙުޘްކުރެއްވިއެވެ. އަދި އެބަޙުޘްގެ ތެރެއިން އަބޫބަކުރުގެފާނު އުމަރުގެފާނާއި އަބޫ އުބައިދާގެ އަތްޕުޅު ނަންގަވާ އެދެބޭކަލުންގެ ތެރެއިން ބޭކަލަކު މުސްލިމުންގެ ޚަލީފާގެ ގޮތުގައި އައްޔަންކުރުމަށް ހުށަހެޅުއްވިއެވެ. އެހިނދު އެކަމަށް އިންކާރުކުރައްވާ އަބޫބަކުރުގެފާނު ހުންނަވަނިކޮށް މުސްލިމުންގެ ވެރިއަކަށް ވަޑައިގަތުމަށް ލަދުވެތިވެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ޢުމަރުގެފާނާއެކު އަބޫ އުބައިދާ މުސްލިމުންގެ ޚަލީފާއަކަށް އަބޫބަކުރުގެފާނު އިސްކުރުމަށް ބައިއަތު ހިއްޕެވިއެވެ.

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ރޫމީންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ލަޝްކަރެއް ތައްޔާރުކުރައްވާ ކޮމާންޑަރުގެ ގޮތުގައި އަބޫ އުބައިދާ އައްޔަންކުރައްވާ ފޮނުއްވެވިއެވެ. އަދި ޝާމްކަރައަށާއި ރޫމީންނާއި ދެކޮޅަށް ފޮނުވުމަށް އިތުރު ތިން ލަޝްކަރު ތައްޔާރުކުރައްވާ މިހަތަރު ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި އަބޫ އުބައިދާ ހަމަޖެއްސެވިއެވެ. އެހެން ނަމަވެސް ރޫމީންގެ ބިޔަ ލަޝްކަރާ ހަނގުރާމަކުރުމަށް އިތުރު އެހީތެރިކަމަށް އެދި މަދީނާއަށް އެންގެވުމުން އެވަގުތު ފާރިސީންނާއި ހަނގުރާމަކުރުމަށް ޚާލިދު ބިން ވަލީދުގެ ކޮމާންޑަރުކަމުގެ ދަށުގައި ފޮނުއްވެވި ލަޝްކަރު ރޫމީންނާއި ހަނގުރާމަކުރުމަށް ފޮނުއްވަވާ ކޮމާންޑަރަކަށް ޚާލިދު ބިން ވަލީދު އައްޔަން ކުރެއްވިކަން އަބޫ އުބައިދާއަށް އެންގެވިއެވެ. އެޚަބަރު ލިބުމާއެކު އަބޫ އުބައިދާ ލަޝްކަރުގެ ކޮމާންޑަރުކަން ޚާލިދު ބިން ވަލީދުއާއި ހަވާލުކުރައްވާ ލަޝްކަރުގެ އާއްމު ހަނގުރާމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވިއެވެ. މިކަމުންވެސް އެކަލޭގެފާނުގެ ހިތްތިރިކަމުގެ ރިވެތި ނަމޫނާ ފެނިގެންދިޔައެވެ.

އަބޫބަކުރުގެފާނު އަވަހާރަވެ އައު ޚަލީފާއަކަށް ޢުމަރުގެފާނު އައްޔަންކުރެވުމާއެކު މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރުކަން އަބޫ އުބައިދާއާއި ހަވަލުކުރެއްވެވިއެވެ. އެހެން ނަމަވެސް ހަނގުރާމަ ނިމެންދެން އެކަލޭގެފާނު އެކަން ސިއްރުކުރެއްވެވިއެވެ. އަދި ހަނގުރާމަ ނިމި މުސްލިމުންނަށް ނަޞްރު ލިބުމަށްފަހުގައި ޚަލީފާގެ ސިޓީފުޅު ޚާލިދު ބިން ވަލީދަށް ހުށަހެޅުއްވިއެވެ. އަދި އެކަން އެދުވަހާއި ހަމައަސް ސިއްރުކުރައްވާފައި އޮންނެވުމާއި ގުޅޭގޮތުން ޚާލިދު ބިން ވަލީދު ސުވާލު ދެންނެވުމުން އަބޫ އުބައިދާ ވިދާޅުވިއެވެ. "ކަލޭގެފާނަށް އޮޅުން އަރާފަދަ ކަމެއް ކުރައްވަން ތިމަންކަލޭގެފާނު ބޭނުންފުޅެއް ނޫނެވެ. ކަލޭގެފާނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެން އެންމެންނީ އަޚުންތަކެކެވެ. އަދި އަޅުގަނޑުމެންނީ ދުނިޔަވީ ކަންތައްތައް ބޭނުންވާ ބައެއް ނޫނެވެ."

އަބޫ އުބައިދާގެ ކޮމާންޑަރުކަމުގެ ދަށުގައި މުޅި ޝާމްކަރަ މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި އެތަނުގެ ގަވަރުނަރަކަށް އުމަރުގެފާނު އަބޫ އުބައިދާ ހަމަޖެއްސެވިއެވެ.

ގަވަރުނަރެއްގެ ގޮތުގައިވެސް އެކަލޭގެފާނު ފެނިގެންދިޔައީ ހިތްތިރި ރައްޔިތުންނަށް އަޅާލާ ރައްޔިތުންގެ މުހުތާދުތައް އަޑުއެއްސެވި ވެރިއެއްގެ ގޮތުގައެވެ. އެގޮތުން ޢުމަރުގެފާނު އެއްފަހަރަކު ޝާމް ކަރައަށް ވަޑައިގަތް އަބޫ އުބައިދާ ދިރިއުޅުއްވާ ގެކޮޅުން ފެނިވަޑައިގަތީ އެކަލޭގެފާނު ވަރަށް އާދައިގެ ނިކަމެތި ދިރިއުޅުއްވުމެއް އެކަލޭގެފާނު އުޅުއްވާތަނެވެ. ގެކޮޅު ހުސްކޮށް އޮތްއިރު އެތަނުގައި ހުރީ ހަނގުރާމައަށް ބޭނުންވަ ދަހަނާއަކާއި އެކަލޭގެފާނު އަރަން ގެންގުޅުއްވާ ފައިވާނެވެ. އެކަމާއި މެދު އުމަރުގެފާނު ސުވާލުކުރެއްވުމުން އެތަކެތިން އެކަލޭގެފާނަށް ފުދޭ ކަމަށް އަބޫ އުބައިދާ ވިދާޅުވިއެވެ. ގަވަރުނަރެއްގެ ގޮތުގައި އެކަލޭގެފާނަށް ލިބިލައްވާ މުސާރަ ނިކަމެތިންނަށް ބައްސަވާ ހެއްދެވިއެވެ.

ޝާމްކަރައިގައި ފެތުރިގެންދިޔަ ޠާޢޫން ބައްޔާއެކު ލިބިވަޑައިގަންނަވަމުންދިޔަ ހިތާމަވެރި ޚަބަރުތަކާއެކު އުމަރުގެފާނު އެތަނުން އަބޫ އުބައިދާ ނެރުއްވާ އެކަލޭގެފާނު ސަލާމަތްކުރެއްވޭތޯ ފޮނުއްވެވި ސިޓީފުޅެއްގެ ޖަވާބުގައި އަބޫ އުބައިދާ ލިޔުއްވިއެވެ.

"އަމީރުލް މުއުމިނީން އެވެ. ކަލޭގެފާނުގެ މަޤުޞަދު އަޅުގަނޑަށް ވަރަށް ސާފެވެ. ނަމަވެސް މުސްލިމުންގެ އެތައް ހާސް ބަޔަކާއި ޝާމްކަރައިގައި އޮތް އިސްލާމީ ލަޝްކަރު ދޫކޮށް އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރުމަށް އަޅުގަނޑު މިތަނުން ނުކުންނަށް ޤަސްތު ނުކުރަމެވެ. ހެޔޮ ދުޢާކޮށްދެއްވާށެވެ."

އަބޫ އުބައިދާގެ ފަރާތްޕުޅުން ފެނިގެން މިދިޔައި ކޮންފަދަ މަތިވެރި އަމާނާތްތެރިކަމެއްތޯއެވެ.

އަވަހާރަވުން

އޭގެ ދުވަސްކޮޅެއްފަހުން ޠާއޫން ބަލީގެ އާލާސްކަންފުޅު ޖެހިވަޑައިގެން އެބަލީގެ ޝިކާރައަކަށްވެ މިއުއްމަތު އަމީން އަބޫ އުބައިދާ ދުނިޔެ ދޫކުރައްވައިފި އެވެ. މިކަން ވެގެން ދިޔައީ މުސްލިމުންގެ ހިތްތައް ޒަޚަމްކޮށްލި ލޯތައް ކަރުނުން ފުރިގެންދިޔަ ހިތާމަވެރި ހާދިސާއަކަށެވެ. އެކަލޭގެފާނު އަވަހާރަވީ ޚަބަރު ލިބިވަޑައިގަތުމުން، ޢުމަރުގެފާނު ވަރަށް ބޮޑަށް ކީރިތި ކުރެއްވި އެވެ.

މުސްލިމުންގެ ލަޝްކަރުގެ އެންމެމަތީ ކޮމާންޑަރު އަބޫ އުބައިދާ އަވަހާރަވީ އުމުރުފުޅުން 58 އަހަރުގައެވެ. އެކަލޭގެފާނުގެ މައްޗަށް އިމާމްވެ ކަށުނަމާދު ކުރެއްވީ މުއާޒު ބިން ޖަބަލެވެ. އަބޫ އުބައިދާ އަވަހާރަވުމުން މުއާޒު ބިން ޖަބަލު ވިދާޅުވިއެވެ. "ﷲ ގެ އަޅުތަކުންގެ ތެރެއިން އަބޫ އުބައިދާއަށްވުރެ ހިތްސާފު، ބޭކާރުވާހަކަ މަދު، ނަސޭހަތްތެރިވުމަށް ލޯބިކުރާ ދެވަނަ އަޅަކު ނުދެކެމެވެ. ﷲ ގެ ރަޙުމަތަށްއެދި އެއަޅާއަށް ދުޢާ ކުރާށެވެ."

ޢުމަރުގެފާނަށް ދެވުނު ޙަމަލާގައި ޒަޚަމްވެވަޑައިގެންފައި ވަނިކޮށް، ޝަހީދުވެވަޑައިގަތުމުގެ ކުރިން ވިދާޅުވި އެވެ.

"އަބޫ ޢުބައިދާ ދުނިޔޭގައި ހުންނެވިނަމަ ތިމަންކަލޭގެފާނަށްފަހު އުންމަތުގެ ވެރިކަން ޙަވާލު ކުރައްވާނީ އަބޫ ޢުބައިދާއާ އެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *