އަރަބިދުނިޔެދުނިޔެޝަޚުސިއްޔަތު

ފަލަސްޠިނުގެ އެކްޓިވިސްޓު، ރިފްޤާ އަލްކުރްދު 103 އަހަރުފުޅުގައި އަވަހާރަވެއްޖެ

Falatheenuge Activist Rifka El Kurd 103 Aharufulhuga Avahaara Vejje

މިދިޔަ އަންގާރަ ދުވަހުގެ ވަޤުތެއްގައި، ފަލަސްޠީނުގެ އެކްޓިވިސްޓެއްކަމަށްވާ ރިފްޤާ އަލްކުރްދު، 103 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.

އުއްމު ނަބީލްގެ ނަމުން މަޝްހޫރުވެފައިވާ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރައްވާ އެކްޓިވިސްޓު ރިފްޤާ އަލްކުރްދަކީ އައްސޭރިފަށުގެ ރަށެއްކަމަށްވާ ހައިފާއަށް އުފަން ބޭކަނބަލެކެވެ. އެހެނަސް ފަލަސްޠީނުގެ އެތައް ބަޔަކު، އެބައިމީހުންގެ ރަށްތަކުންނާއި ގެތަކުން ނެރެލެވި، އިސްރާއީލުންގެ ސަރަޙައްދެއް ބިނާކުރެވުނު 1948 ގެ އައްނަކްބާގެ ދުވަހުން ފެށީގެން އޭނާ ދިރިއުޅެމުންދަނީ އިރުމަތީ ޤުދުސްގައެވެ.

މީގެ ފަހުން 1956 ވަނަ އަހަރު، މިސަރަޙައްދު އުރްދުންގެ ވެރިކަމުގެ ދަށުގައި އޮތްއިރު، އެބައިމީހުންވަނީ އދ އާއި ވާރކްސް އޭޖެންސީ އޮފް ޕެލަސްޓައިނާއި ގުޅިގެން ޝައިޚް ޖައްރާޙްގެ އަވަށުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ގެދޮރު ބިނާކޮށްދެއްވާފައެވެ. ރިފްޤާގެ ޢާއިލާއަށް، ގެދޮރުނެތި 3 އަހަރުދުވަހު އުޅުއްވުމަށްފަހު، ބޯހިޔާވަހިކަން ލިބިލެއްވީ މިހާ ހިސާބުންނެވެ.

އެހެނަސް، 1967 ގައި ހިނގި މެދުއިރުމަތީގެ ހަނގުރާމަތަކަށްފަހު، އިރުމަތީ ޤުދުސް އިސްރާއީލުގެ އަތްދަށަށް ދިޔައެވެ. އެހިސާބުން 1972 ވަނަ އަހަރު، އެސަރަޙައްދުގައި ވަޒަންވެރިވި އިސްރާއީލުގެ ރައްޔިތުން، ރިފްޤާ ދިރިއުޅުއްވި ޝައިޚް ޖައްރާޙްގެ ކަރަމުލް ޖާޢޫނީ ސަަރަޙައްދުގެ ބިންތަކަކީ އެބައިމީހުންގެ ބިންތައްކަމަށް ދަޢުވާ ކޮށް، ކޯޓަށް އެމައްސަލަ ލިއެވެ.

1970 ގެ އަހަރުތަކުގައި އިސްރާއީލު ސަރުކާރުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން، ކުރީ ޒަމާނުގެ މިލްކުވެރިކަން ޘާބިތުކުރާ ލިޔުންތައް ބޭނުންކޮށްގެން އިސްރާއީލުގެ ރައްޔިތުންނަށް، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް "އަނބުރާ" ހޯދިދާނެއެވެ. މިޤާނޫނުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންނަށް، ކުރިން ހައްދާފައިވާ މިލްކުވެރިކަން ޘާބިތުކުރާ ލިޔުންތައް ބޭނުންކޮށްގެން، އެބައިމީހުންގެ ބިން، އަނބުރާ ހޯދުމުގެ ޙައްޤު ހޯދާދީފައެއް ނުވެއެވެ. މިޤާނޫނުގެ ދަށުން އިސްރާއީލުގެ ރައްޔިތުންވަނީ، ޢުޘްމާނީ ޚިލާފާތުގެ ދަށުގައި 1885 ގައި އެބައިމީހުން ގަނެފައިވާ ބިންކަމަށް ބުނެ މިސަރަޙައްދުގެ 4.7 އޭކަރުގެ ބިން ފަލަސްޠިނުގެ ރައްޔިތުން އަތުން އަތުލަން ދަޢުވާކޮށްފައެވެ.

15 ޖުލައި 2008 ވަނަ އަހަރު، އިސްރާއީލުގެ ސުޕްރީމު ކޯޓުން، ފަލަސްޠިނުގެ ބައެއް ޢާއިލާތައް އެބައިމީހުންގެ ގެއިން ނިކުތުމަށް އެންގިއެވެ. މިއެންގުމުގެ ސަބަބުން އިޙްތިލާލީ ވަޒަންވެރިންވަނީ އެގޭގެ އެއް ބަޔަކީ އެބައިމީހުންގެ ބިމުގައި ހަދާފައިވާ ބިމެއްކަމަށް ދަޢުވާކޮށް އެގެއާއި ގޯތިން ބައެއް ގަދަބާރުން އަތުލާފައެވެ. މިހެންކަމުން އެނާއާއި، އޭނާގެ ފިރިމީހާއާއި، 5 ދަރިންނާއި، އެ 5 ދަރިންގެ ޢާއިލާއަށް މަޖުބޫރުވީ ގޭގެ ވަކިތަންކޮޅަކަށް ދިރިއުޅުން ބަދަލުކޮށް، ޔަހޫދީންނަށް އޭނާގެ ގޭގެ އެއްބައިދޭށެވެ. ރިފްޤާ ދިރިއުޅެމުންދާ ބަޔާއި ޔަހޫދީން އުޅޭ ވަކިވެފައިވަނީ ހަމައެކަނި ފާރަކުންނެވެ. އަދި ގޯތިތެރޭގގައި ދެބައި ވަކިކުރެވުމަށް އަޅުވާލެވިފައިވަނީ ފޮތިގަނޑެކެވެ. ޔަހޫދީން އޭނާގެ ގެ އަތުލާފައިވަނީ ދިރިއުޅުމަކަށްނޫނެވެ. ރިފްޤާ ވިދާޅުވާ ގޮތުގައި، ގޭގެ އެބަޔަށް ޔަހޫދީން ވަންނަނީ ޖަމާޢަތް ޖަމާޢަތަށެވެ. ވަދެ ނަށާ، ދުޢާކޮށް، ރިފްޤާގެ ޢާއިލާއަށް ލަޢުނަތްދީ ހަދާ، އެބައިމީހުން ދިޔުމުން، ދުވަސްކޮޅަކަށްފަހު އެހެން ޖަމާޢަތެއްގެ ބަޔަކު އާދެއެވެ.

ޔަހޫދީން، އޭނާގެ ގޭގެ ބާކީ ބައި އަތުލުމަށް ގިނަ މަސައްކަތްތަކެއް ކުރި މަސައްކަތުގައި ރިފްޤާއަށާއި، އޭނާގެ އާއިލާގެ މީހުންނަށް އަނިޔާކޮށް، މުދަލަށް ގެއްލުންދީ ހެދިއެވެ. ރިފްޤާގެ 50 އަހަރުގެ އަންހެން ދަރިފުޅު ފަރުވާކުރަން 4 ފަހަރު ހަސްފަތާލަށް ގެންދަން ޖެހުނީ އެބައިމީހުންގެ އަނިޔާގެ ސަބަބުންނެވެ. އެދަރިފުޅަކީ ހިތުގެ މައްސަލަ ހުންނަ ބޭފުޅެއްކަމުން، އެބައިމީހުން އަނިޔާކުރާއިރު، ހިތުގެ ކައިރީގައި ޖެހޭތޯ، ޔަހޫދީން މަސައްކަތްކުރާ ކަމަށް ރިފްޤާ ވިދާޅުވެފައިވެއެވެ. އެއްފަހަރު، އެދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވުނީ އަވައްޓެރި ޑޮކްޓަރެއް އޭނާއަށް އެހީތެރިވުމަށް އަވަސްވެގަތުމުން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމަށް ރިފްޤާގެ ރައްދު ފިޢުލަކަށްވީ، އޭގޭގެ ގޯތީގައި ޚައިމާ ހަދާ، އެއީ އިންސާނީ ޙައްޤުތަކަށް، އަދި ފަލަސްޠިނުގެ ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަގަހައަކަށް ހެދުމެވެ. އެނާގެ ގެކޮޅު ބަދަލުވެގެން ދިޔައީ، ފަލަސްޠިނުން އިސްރާއީލުގެ ރައްޔިތުން ކުރާ އަނިޔާއާއި ދެކޮޅަށް ތެދުވުމުގެ ރަމްޒަކަށެވެ.

ޤުދުސްގެ އަހްލުވެރިން ރިފްޤާ ޞިފަ ކުރައްވަމުން ގެންދަވަނީ އޭނާއަކީ އިޙްތިލާލީ ބާރުތަކުގެ ކުރިމަތީގައި ޘާބިތުކަން ދައްކާލި އައިޤޫނާއެއްގެ ގޮތުގައެވެ. އޭނާ އަވަހާރަވުމާއި އެކު، ފަލަސްޠިނާއި ޢަރަބި ދުނިޔޭގެ ސޯޝަލް މީޑިޔާގައިވަނީ އޭނާއަށް ވަދާޢު ކޮށްފައެވެ. އަދި އޭނާގެ މަރަކީ ޤުދުސްގެ "ހިލަތަކަށް ދަންދެން ރޮއްވާލި" ކަމެއްގެ ގޮތުގައި ދަނީ ޞިފަކުރެވެމުންނެވެ.

ރިފްޤާ އަލްކުރްދަކީ އަކީ ފަލަސްޠީނުގެ އަންހެން ކަނބަލުންނަށް، އަދި އެންމެހާ މުސްލިމު ކަނބަލުންނަށްވާ މިސާލެކެވެ. އަދި އެނާއަކީ ފަލަސްޠީނުގެ ރައްޔިތުންގެ މުޤާވަމާގެ ރަމްޒެކެވެ. މާތް ﷲ އޭނާއަށް ރަޙްމަތް ލައްވާ، އޭނާގެ ވަރުގަދަ ޖިހާދަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *