ޝަޚުސިއްޔަތު

ނުސައިބާ ބިންތި ކަޢުބު (1)

ކައިވެނިކުރެއްވުން

ނުސައިބާ އެކަމަނާގެ ދާނުގައި މަޑުމަޑުން އޮށޯވެވަޑައިގެންފިއެވެ. ހުވަފެނީ ޖައްވެއްގައި އުދުހޭ ޙާލެއްގައެވެ. އޭރު އެކަމަނާގެ ޚިޔާލީ ލޯފުޅަށް ފެންނަނީ އަލިކަން ގަދަވެގެންވާ އުފާވެރި މާދަމާއެކެވެ. އެހެންނުވާންވީ ކީއްވެތޯއެވެ. ޒައިދު ބުނު ޢާޞިމަކީ ޔަސްރިބުގައި ވަރަށް މައްޗަށް ނަންހިނގާފައިވާ ޒުވާނެކެވެ. އެޒައިދު މީގެ ކުޑަދުވަސްކޮޅެއްކުރީގައި އޮތީ އެކަމަނާއާއި ކައިވެނީގެ ގޮތުން ގުޅިވަޑައިގަތުން އެދިވަޑައިގެން އެކަން ނިންމަވާފައެވެ. މާދަމާ ރެޔަކީ މިއުފާވެރި ކައިވެނި މުޅިން ނިމި ގޮށްޖެހޭ ރެއެވެ. މިހާރު އެކަމަނާގެ ހިމަހޯދި އިނގިލިތަކުން ބޮލުގެ ހުޅިގަނޑާ ކުޅުއްވަން ފަށްޓަވައިފިއެވެ. އޭގެފަހުގައި އެކަމަނާގެ މުޅިހަށިކޮޅުގެ ބޭރުފުށުގައި އަތްތިލަ އުނގުލުއްވާލައްވައިފިއެވެ. އެވަގުތު ޚިޔާލަށް އައިސްފައިވަނީ ޗާލު އަދި ދަޅަހުންނަ ކައިވެނިމަތީގެ ހެދުމެވެ.

މިހާރު ރޭގަނޑުގެ ދަންތަކުގެ ތެރެއިން އެއްދަން ހުސްވެއްޖެއެވެ. އެކަމަނާވަނީ ހުވަފެނީ ޖައްވެއްގައި ގެއްލިވަޑައިގެންފައެވެ. ހީވަނީ އުފާވެރިކަން އައިސް އެކަމަނާގެ ޝުޢޫރުތައް ހަލުވާ ހެންނެވެ. މިގޮތުގައި ވަގުތުތައް ހޭދަވަމުން އައިސް އެންމެފަހުން ހިތްޕުޅު ހަމަޖެހިވަޑައިގެން އަވަހާރަފުޅު ލައްޕަވައިފިއެވެ.

އޭގެ އަނެއްދުވަހު ގޭގެއެންމެން ފަތިހާ ހޭލައިގެން ތެދުވެއްޖެއެވެ. އެއީ އެދުވަހުގެ ގިނަގުނަ މަސައްކަތްތައް ރަނގަޅަށް ނިންމައިގެން ތިބުމަށެވެ. އެންމެ ފުރަތަމައިން، ހޭފުޅު ލައްވައިގެން ތަންމަތީން ތެދުވެވަޑައިގަތީ ނުސައިބާއެވެ. އެދުވަހުގެ ހަވީރުގެ ވަގުތު އައުމުން މުޅި އެގެ މެހެމާނުންނާއިގެން ފުރިއްޖެއެވެ. އަންހެނުން ރީތި ރާގުތައް ނެރެމުން ތާރަޖެހުންފަދަ ކަންތައް ކުރަނީއެވެ. ފިރިހެނުން ބާވަތްބަވަތުގެ ކުޅިވަރު ދައްކަމުން ފަހުލަވާނުގެ ހަރަކާތްތައް ހިންގަނީއެވެ. ކައިވެނީގެ ހުރިހާ ރަސްމީ ކަންތައްތައް ނިމިގެން ދިޔުމުން ޒައިދުގެ ގަނޑުވަރަށް ނުސައިވާ ވަޑައިގެންފިއެވެ. ދެންވިދިގެން އައި ދުވަސްވަރުގައި އޭގެ ޒުވާން ދެމަފިރިކަނބަލުން ލޯބީގެ އާރުތަކުން އެންމެ ތާޒާ ޝަރުބަތު ހިއްޕަވަމުން ގެންދެވިއެވެ. މާގިނަ މުއްދަތެއް ފާއިތު ނުވަނީސް ނުސައިބާއަށް އަބްދުﷲ އާއި ޙަބީބާ ދެފިރިހެން ބޭފުޅުން ލިބިވަޑައިގެންފިއެވެ. މިދެބޭފުޅުން ލިބިވަޑައިގަތުމުގެ ފަހުގައި އެއްކަލަ ދެކަނބަލުންގެ އުފާވެރިކަމާއި ބާއްޖަވެރިކަން ބޮޑުވާނޭކަމީ ވަންހަނާ ކަމަކަށް ނުވާނެއެވެ.

ޒައިދާއި ނުސައިބާ އިސްލާމްވެވަޑައިގަތުން

މިއުފާވެރި ދުވަސްކޮޅުގެ ތެރޭގައި އެއްދުވަހަކު ވަރަށް އުފާވެރި މޫނަކައިގެން ޒައިދު ވަޑައިގެން ގަނޑުވަރަށް ވަޑައިގެންފިއެވެ. އޭނާގެ ތުންފަތްޕުޅުގައި ކޮންމެވެސް ވާހަކަތަކެއްގެ އަސަރުވެސް ހުއްޓެވެ. ޒައިދު އިށީނދެވަޑައިގެން ހަމަޖެހުމުގެ ފަހުގައި އޭނާގެ އަނބިކަނބަލުންނާ ވާހަކަ ދައްކަވަން ފަށްޓަވައިފިއެވެ. މިވާހަކައިގެ ތެރޭގައި އެކަމަނާގެ ހިތްވެސް ވަރަށް ހަމަޖެހޭކަހަލަ ޚަބަރެއްގެ ވާހަކައިންވެސް ކުރިއަށް ގެންދެވިއެވެ.

ޒައިދު ވިދާޅުވިއެވެ. އޭ އުއްމު އަބްދުﷲ އެވެ. މިރޭ އިއްޒަތްތެރި، މަތީ ބަޔަކު އެއްތަންވެ ވާހަކަދައްކައި އުޅުނު މަޖްލީހަކަށް ދެވިއްޖެއެވެ. އެތަނުގައި އެއްވެފައިވަނީ ޔަސްރިބުގެ އަހުލުވެރިންނެވެ. މިމަޖްލިސްގައި އެންމެމަތީ ފަރުދަކުކަމުގައި ނެގޭނީ މުޞްޢަބު ބުނު އުމައިރުއެވެ. އެއީ މައްކާއިން محمد بن عبدالله بن عبدالمطلب ގެ އަރިހުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. محمد އަންގަވަނީ އެއީ މާތްﷲ އެންމެހައި މީސްތަކުންގެ ގާތަށް ފޮނުއްވި ރަސޫލު ބޭކަލަކު ކަމުގައެވެ. އެއީ މީސްތަކުން ޖާހިލިއްޔާތުގެ އަނދިރި ދިރިއުޅުމުގެ ހަމަ ނުޖެހޭ ގޮތްތަކުން ނެރުއްވައި މަޢުރިފާވެރިކަމާއި، ނިޒާމުގެ ތެރެއަށް ވެއްދެވުމަށެވެ. އަދި އަނިޔާވެރިންނައި މުނާފިޤުންނަށް އާޚިރަތުގެ ޢަޛާބު ހުރިކަން އަންގަވައި އިންޒާރު ދެއްވުމަށެވެ.

ނުސައިބާ ވިދާޅުވިއެވެ. ވަހަބުގެ ދަރިކަނބަލުން އާމިނާއަކީ محمدގެފާނުގެ މާންމާފުޅެއްނޫންތޯއެވެ؟

ޒައިދު ވިދާޅުވިއެވެ. އެކަމަނާއަކީ محمدގެފާނުގެ މާންމާފުޅެވެ.

ނުސައިބާ ވިދާޅުވިއެވެ. އެހެންކަމުގައި ވަނީނަމަ ތިޔަ محمدގެފާނައި އަހަރުމެންނާއި މެދުގައި ތިމާގެކަމާއި ނަސަބުގެ ގުޅުން ހިނގާފައިވާނެއެވެ. އަޅުގަނޑުމެންގެ ދެފަރާތް އެކައްޗަކަށްވާނީ ބަނިއްނައްޖާރު ވަންހައާއި ހަމައިންނެވެ.

ޒައިދު ވިދާޅުވިއެވެ. ތިޔަ ވިދާޅުވީ ތެދުވާހަކައެވެ.

ނުސައިބާ ވިދާޅުވިއެވެ. ތިޔަ މައްސަލައާއި ބެހޭގޮތުން ޤުރައިޝުން ޢަމަލުކުޅައީ ކޮންގޮތަކަށްތޯއެވެ؟ އަބޫ އަބްދުﷲ ވިދާޅުވެ ބައްލަވާށެވެ.

ޒައިދު ވިދާޅުވިއެވެ. އަޅުގަނޑު ވާހަކަދައްކަން ގަސްތުކޮށްގެން އައީ ތިޔަ ދެމައްސަލައާއި މެދުގައެވެ. ޤުރައިޝްވަންހައިގެ މީހުންގެ ހިތަށް ބޮޑާކަން ވަދެގެން އެއުރެންގެ ނުފޫޒަށް ގެއްލުމެއް ލިބިދާނެއޭހީވެ އެމީހުންގެ މަޤާމަށް ދަށްވުމެއް އަތުވެދާނޭކަމަށް ބިރުވެތިވީއެވެ. އެއީ محمدގެފާނު އެމީހުން ގެންގުޅޭ ބުދުތަކަށް ނިކަމެތިބަސް ވިދާޅުވެ އިލާހުންތަކަށް އައިބު ވިދާޅުވާތީއެވެ. މިހެންވެ އެމީހުން ވަރަށް މަތީ ދަރަޖައަކަށް އެކަލޭގެފާނަށް ގޯނާ ފޯރުވައި، އެކަލޭގެފާނުގެ އެމާތް ދަޢުވަތާއި މެދުގައި ދޮގު ފުލޯކުވާހަކަތައް ފަތުރައި ބުހުތާން ދޮގުތަށް ފަތުރައި ކެހިވެރިކަމުގެ މަޅިތައް ޖަހާ ހަދަނީއެވެ. ނަމަވެސް އެކަމަކުން އެކަލޭގެފާނުގެ ދަޢުވަތަކަށް ބަލިކަށިކަމެއް ނާދެއެވެ. މާތްﷲ ހަވާލުކުރެއްވި ރަސޫލުކަމުގެ މަސްއޫލިއްޔަތަކުން ކުޑަވެސް އެއްކިބާވެ ވަޑައިގަތުމެއް ނުގެންނަވައެވެ.

ނުސައިބާ ވިދާޅުވިއެވެ. އެކަލޭގެފާނު އެކުރައްވާ ދަޢުވަތާމެދު އަބޫ އަބްދުﷲއަށް ފެނިވަޑައިގަންނަވަނީ ކޮންފަދައަކުންތޯއެވެ؟

ޒައިދު ވިދާޅުވިއެވެ. ޤުރައިޝް ވަންހައިގެ ފަރާތުން ގިނަ މުދަލާއި އަދި މުޠުލަޤު ވެރިކަންވެސް އެކަލޭގެފާނަށް ހުށަހަޅައިފިއެވެ. އެއީ އެކުރައްވާ ދަޢުވާއިން ވަކިވެވަޑައިގަތުމުގެ ބަދަލުގައެވެ. ނަމަވެސް އެކަމަކުން އެކަލޭގެފާނަށް ބަދަލެއް ނާދެއެވެ. ވީމާ، އެނގެނީ އެކަލޭގެފާނަކީ ދުނިޔެ އެދިވަޑައިގެން އުޅުއްވާ ބޭކަލަކު ކަމުގައިވާނަމަ އެއުރެންގެ ހުށަހެޅުން ޤަބޫލުކުރައްވާނެ ކަމެވެ. ނަމަވެސް އެކަލޭގެފާނަކީ ކުރައްވަ ދަޢުވާގައި ތެދުވެރިއެއްކަމުގައި ވާތީ އެއުރެންނާ އެއްބަސްވެވަޑައެއް ނުގަތެވެ. އެކުރައްވާ ދަޢުވާ ހައްތަހާ ގެންދަވަނީ ކުރިޔަށެވެ.

ނުސައިބާ ވިދާޅުވިއެވެ. އަބޫ އަބްދުﷲ ތިޔަ ދައްކަވާ ވާހަކައިން ކަލާ އެދަޢުވާއާއި މެދުގައްޔާއި ދަޢުވާކުރައްވާ ފަރާތާމެދުގައި ވަރަށް ޤަބޫލުފުޅުވެފައި ހުންނެވިކަމުގައި ފެނެއެވެ.

ޒައިދު ވިދާޅުވިއެވެ. ހަމަ ތެދަށް ދަންނަވާނަމަ ތިޔަ ކަންތަކުގައި އަޅުގަނޑު ހަމައެކަނި ޤަބޫލުވެ ފިކުރަ ހަމަވެފައިހުރީޔަކީ ވެސް ނޫނެވެ. އަދި ކީއްތޯއެވެ. އަޅުގަނޑު އީމާންވެ މާތްﷲ ފިޔަވައި ހައްޤުވެގެން އަޅުކަން ކުރެވޭނޭ ފަރާތެއް ނެތްކަމަށާއި محمدގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވެސް ވެއްޖައީމެވެ. محمدގެފާނާއި އެކަލޭގެފާނު އެކުރައްވާ ދަޢުވާއާމެދު މުޞްޢަބުގެ ވާހަކަތައް ކަމަނާއަށްވެސް އިވިވަޑައިގަތްނަމަ މިގޮތަށް ހެކިނުދެއްވާ ކަމަނާއަކަށްވެސް ފަރުޖެހި ވަޑައެއް ނުގަތީހެވެ. ފަހެ މުޞްޢަބުގެ އެވާހަކަތައް ފޮނި މާމުޔަށްވުރެވެސް ރަހަ މީރެވެ. އޭނާގެ އަނގަފުޅުން ފިސާރި އަސަރާއެކުގައި އޮހެމުންދެއެވެ. އަޑުއިވޭމީހުންގެ ފުރާނަތައް ގޮވައިގެން ޖައްވުގެ އުދަރެހުގައި އުދުހޭ ކަހަލައެވެ. ހީވަނީ ފުރާނަ ގެންގޮސް ރީތި ބަގީޗާއަކަށް ވައްދާހެންނެވެ. އޭ ނުސައިބާއެވެ. އެރަސޫލުކަމާއި އޭގެ ނިޒަމު އެނގުނީމާ ކޮންމެ އިންސާނަކަށްމެ އެދީނުގައި ހުރި އިންސާނީ ވަންތަކަމާއި ކަރާމާތް ރަނގަޅަށް އިހްސާސްކުރެވޭނެއެވެ.

މިހިސާބަށް ޒައިދުގެ ވާހަކަފުޅު ދިޔައިރު ނުސައިބާގެ ލޯފުޅުން އަލިމަސްތަކެއްހެން ކޯތާފަތްޕުޅު މައްޗަށް ކަރުނަ އޮހޮރެން ފަށައިފިއެވެ. އަދި އަޒުމް ކަނޑައެޅުއްވިއްޖެކަން ވިސްނޭއަޑަކުން ވިދާޅުވިއެވެ. ސާހިބުވަންތަ ކަލާނގެއަކީ މާތްﷲ ކަމަށާއި محمدގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިދީ އީމާންވެއްޖައީމެވެ.

ދެން އެދެކަނބަލުން އެކަކު އަނެކަކުގައި ބޮސްދެއްވާފައި ދެންއަންނަ ޙައްޖު މޫސުމުގައި ބައިޢަތުހިފަންދާ މީހުންނާ ބައިވެރިވެ ވަޑައިގެން މައްކާއަށް ވަޑައިގަތުމަށް އަހުދު ހިއްޕަވައި ޤަރާރު ނިންމަވައިފިއެވެ.

ބައިޢަތު ހިއްޕެވުން

އެއަހަރުގެ އެންމެ ބޮޑު މޫސުމުގައި ޙައްޖުގެ ދުވަސްވަރުގައި މައްކާގެ ބާޒާރުތައް ފުރި އުތުރިއަރާހައި ގިނަ މީހުންތައް އެއްތަންވިއެވެ. އައީ ޙިޖާޒުކަރައިގެ އެންމެހައި ދިމާލަކުން އައިސް މައްކާގެ ހުރިހާ މަގުތަކަކަށް ދާންދެން ފުރާލާފައިވަ މީހުންނެވެ.

މިދުވަސްވަރު މާތް ރަސޫލާ صلى الله عليه وسلم އާއި ސަލާމް ކުރެއްވުމަށް މުޞްއަބު މަދީނާއިން ވަޑައިގަންނަވައި ބައްދަލުކުރެއްވިއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ރަސޫލާގެ ކަންފަތްޕުޅަށް އުފާވެރި ޚަބަރު އުފުއްލެވިއެވެ.

ރަސޫލާގެ އަރިހުގައި މުޞްޢަބު ދެންނެވިގޮތުން ރަސޫލާގެ ދަޢުވަތު ޤަބޫލުކުރާން ޔަސްރިބުން ލައްކަދަރީންތިބީ ރުހި ޤަބޫލުވެގެންނެވެ. އެދަޢުވަތަކީ ބަރަކާތްތެރި މަޤާމެއް އެއުރެންގެ ހިތްތަކުގައި ފުރައިދިން ދައުވަތެއްކަމުގައިވަނީ ވެފައެވެ. އެއުރެންގެ އެތައްބަޔަކު މިފަހަރު ބައިއަތުހިފައި އަހްދު ކަށަވަރު ކުރުމަށް މައްކާއަށް އައިސްވެސް އެބަތިއްބެވެ.

މިޚަބަރުތައް ލިބިވަޑައިގަތުމުން މާތް ނަބިއްޔާ ހިނިމޫނުފުޅު ކުރައްވައި، ބައިއަތު ހިފާން އައިމީހުންނަށް އެކަމުގެ ވަގުތާއިތަން އަންގަވައިފިއެވެ.

މައްކާގެ މައްޗަށް ހަނުހިމޭންކަން ވެރިވެ މަޖްލިސްތައް ރޫޅި ބައިބައިވެއްޖެއެވެ. ދެކޮޅު މައްޗަށް ހިނގާ މީހުންނާއި ވާހަކަދައްކާން ތިބޭ މީހުންވެސް މަދުވަމުންގޮސް ނެތި ހިނގައްޖެއެވެ. މިހިސާބަށް ދިޔައިރު ވަރަށް މަދުމީހަކުނޫނީ އެމީހަކުގެ ގެއަށް އެމީހަކު ހިނގައްޖެއެވެ. ވުމާ އެކުގައިވެސް ބައެއް މީހުން ހޭލައި ފަރުވާތެރިވެގެން ޝައުޤުވެރިކަމާއެކު ހޭލާ ތިއްބެވެ. އެމީހުން ދުވަސްކޮޅެއްގެ ކުރިން ފެށިގެން ތިބީ މިފަދަ ބައްދަލުވުމަކަށް އެދި ފެން ބޮވައިގެންފައެވެ. އެމީހުންނަކީ ޔަސްރިބުން އައިސްތިބި މީހުންކޮޅެކެވެ. މިދަންނަވާ މީހުން މިހާރު ތިބީ މައްކާގެ ޚާއްސަ ޝިޢުބެއްގައި އަޑެއް ބަޑެއް ނުއިއްވާ، ހަނު ހިމޭން ވެގެންނެވެ. އެޝިޢުބެއްގެ ވެލިތައްވެސް އެންމެ ތެދުވެރި އަހުދެއް އަދި އެންމެ މަތިވެރި ވަފާތެރިކަމެއް ދެކޭނޭކަން ހަމަ މުޅީންމެ ޔަޤީނެވެ.

އެރޭ ބައިއަތު ހިއްޕަވާން ސަލާމާއި ޞަލަވާތްލެއްވި މާތްނަބިއްޔާ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އައްބާސް ގެންދެވިއެވެ. އޭރު އެރޭގެ ތިންބައިކުޅަ އެއްބައި ފާއިތުވެއްޖެއެވެ. މުޅި ދުނިޔެވަނީ ހިމޭންވެފައެވެ. މުޅި ޖައްވުވަނީ އަޑުފަށްތަކުންވެސް އެއްކިބާވެފައެވެ. ބައިއަތުހިފާ އެކަންވެސް މިހާރު ނިމިއްޖެއެވެ. އެއީ ކަނޑިތަކުގެ ހިޔަނީގެ ދަށުގައިވިޔަސް އިސްލަމްވެގެން އެހެން ގޮތަކަށް ނުއެނބުރި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ މައްޗަށެވެ. ނުސައިބާއާއި އެކަމަނާގެ ފިރިކަލުންނާ ދެކަނބަލުން ހިމެނިގެންދިޔައީ ބައިއަތުގެ ބައިވެރިވި ތެދުވެރީންގެ ތެރެއިންނެވެ.

މަދީނާގައި އިސްތިޤްބަލުކުރެއްވުން

ޖަމާޢަތުގެ އެންމެން ޔަސްރިބަށް އިޢާދަވެއްޖެއެވެ. އެޖަމާޢަތުގައި ނުސައިބާވެސް އިޢާދަވެވަޑައިގަތެވެ. ނަމަވެސް އެއީ މުޅިން އައު އިޢާދަވުމެކެވެ. އައުހިތެކެވެ. އައު ފުރާނައެކެވެ. ހަރުލާފައިވަ ވަރުގަދަ އީމާންތެރިކަމުގެ ތެރެއިން ބޮޑު ބައެކެވެ.

ސަލާމާއި ސަލަވާތްލެއްވި محمدގެފާނުގެ ހިތްޕުޅުގެ ތެރެއިން މީސްތަކުންގެ ހިތްތަކަށް ހިނގައިގޮސް ވަދެ ހަރުލީ އައު ރޫހާނީ ބާރެކެވެ. އިއްޒަތާއި ޕަވަރުން ހިތްތައް ފުރާލައިފި ހެންނެވެ. ވުމާއެކު އުއްމުއައްމަރާގެ އެންމެ ބޮޑު މަސައްކަތްޕުޅަކީ މާތްﷲގެ ކިބަފުޅަސާއި ރަސޫލާގެ ފަރާތްޕުޅަށް ގޮވާލެއްވުމެވެ. ދެން ގޭތެރެ ބެލެހެއްޓެވުމާއި އިސްލާމްދީނުގައިވަ ގޮތުގެ މައްޗަށް ބޭފުޅުން ތަރުބިއްޔަތު ކުރެއްވުމެވެ. محمدގެފާނުގެ މައްޗަށް ބާވައިލެއްވި ރިސާލަތުގެ ރޫހާނީބާރު މުޅި އެކަމަނާގެ ޖާނާއި ފުރާނައާއި އަދި މުޅި ވުޖޫދުވެސް މިލްކުކޮށްފައިވާ ކަހަލައެވެ. ކީރިތި ރަސޫލާގެ ދެފައިވަފުޅު ޔަސްރިބުގެ ބިމުގައި ބީހިގެން ދިއުމާއެކުގައި މީސްތަކުންގެ ހިތްތަކަށް އުފާވެރިކަމާއި ބާއްޖަވެރިކަމުގެ ރާޅުބާނިތައް ވެރިވެގެން ހިނގައްޖެއެވެ. މާތް ރަސޫލަގެ ދަޢުވާ ޤަރާރުކުރައްވަވައި ރަސޫލުކަމުގެ ސިއްރުތައް ސަބިތުވާނޭ ތަނެއްކަމުގައި މުޅި ހިޖާޒްކަރައިގެ ބިމުން މަދީނާ ވެފައި އޮތުން މާތް ނަބިއްޔާ ޚިޔާރުކުރެއްވީއެވެ. އަދި ޖިހަދުކުރެއްވުން ފެށޭނޭ ތަނަކަށްވެސް އެމާތް ފަސްގަނޑު ވެގެންދިޔައެވެ. މިއީ މަދީނާއަށް ލިބިގެންދިޔަ މަތިވެރި ޝަރަފެއްކަން ޔަޤީނެވެ. ވުމާއެކު ރަސޫލަގެ މިޚިޔާރުކުރެއްވުމަށް އެރަށުގެ ވަޒަންވެރީންނީ އެކަށީގެންވާ ބަޔަކުކަމުގައި ހެދުމަށް މަދީނާގެ އަހުލުވެރިން އަޒުމްކަނޑައަޅައި އަތްކުރި އޮޅާލައިފޫއެވެ. (ނުނިމޭ)

 

*މިއީ ފަތްތޫރައިގެ 176 ވަނަ އަދަދަށް ޢުމަރު އީސާ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *