ޝަޚުސިއްޔަތު

ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު

އަޅުގަނޑުމެންގެ މިފަހަރުގެ ބަޠަލަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަޞްޙާބުންގެ ތެރޭގައި މަތިވެރި ދަރަޖައެއް ލިބިވަޑައިގެންފައިވާ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުނު ޙުޛާފާ (އައްސަހުމީ) ރަޟިޔަﷲ ޢަންހު އެވެ. އެހެނިހެން އެތަކެއް ހާސް އިންސާނުންނެކޭ އެއްފަދައިން އެކަލޭގެފާނާއި ބެހޭގޮތުން ވެސް، އެއްވެސް އެއްޗެއް ބަޔާންނުކޮށް މާޒީގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލުމުގެ ފުރުޞަތު ތާރީޚަށް ލިބިފައި އޮތެވެ. އެހެން ނަމަވެސް އިސްލާމީ އިންޤިލާބުގެ ސަބަބުން އެދުވަސްވަރުގެ އެންމެ ބޮޑު ދެބާރުގެ ވެރީންކަމުގައިވި ރޫމުކަރައިގެ ވެރި ޤައިޞަރާއި ފާރިސްކަރައިގެ ވެރި ކިސްރާ އާއި ބައްދަލުކުރެއްވުމުގެ ފުރުޞަތު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އަދި އެބައްދަލުވުންތަކުގައި އެކަލޭގެފާނު ދެއްކެވި ހަރުދަނާ މަތިވެރި އީމާންކަމުގެ ވާހަކަ ތާރީޚުގެ ޞަފްޙާތަކުގައި އަބަދަށްޓަކައި ރައްކާތެރިކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

ޢަބްދުﷲ ބުނު ޙުޛަފާ ރަޟިޔަﷲ ޢަންހު އަށް ފާރިސްކަރައިގެ ރަސްގެފާނު ކިސްރާ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ ހިޖުރައިން ހަވަނަ އަހަރުއެވެ. އެއީ ޢަރަބިކަރައިގެ ވަށައިގެންވާ ޤައުމުތަކުގެ ވެރީންނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ގަސްތުކުރައްވައި ތަފާތު ޤައުމުތަކަށް ޞަޙާބީންގެ ވަފުދުތައް ފޮނުއްވުމުގެ ތެރޭގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކުރީއްސުރެވެސް މިކަމުގެ ބޭނުންތެރިކަމާއި މުހިއްމުކަން ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެހެނީ މި ޤާޞިދުންނަކީ ނުހަނު ދުރު ޤައުމުތަކަށް ދަތުރުކުރަންޖެހޭ ބައެކެވެ. އެޤައުމުތަކާއި ބެހޭގޮތުން މާބޮޑު ޢިލްމަކާއި ތަޖްރިބާއެއް އެބޭކަލުންނަށް ލިބިވަޑައިގެންފައެއް ނުވެއެވެ. އެޤައުމުތަކުގެ ބަސްތަކެއް އެބޭކަލުން ދެނެވަޑައެއްނުގަންނަވައެވެ. އަދި ރަސްކަމުގެ އަދަބުތަކާއި ރަސްރަސްކަލުންގެ އަބުއި، ޝާހީ މިޒާޖަކަށްވެސް އެބޭކަލުން މާ ފަރިތައެއްނޫނެވެ. އަދި މިހުރިހާ ކަމަކަށްވުރެ ބޮޑަށް އެބޭކަލުން ގެންދަވާ ދަޢުވަތުގެ މަޤްޞަދަކީ ރަސްރަސްކަލުން އިޚުތިޔާރުކޮށްގެން ތިބި ދީން ދޫކޮށް އިސްލާމްދީން ޤަބޫލުކުރުމަށް އެބައިމީހުން ރުއްސުމެވެ.

މިކަމަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި މިޝަނެކެވެ. އޭގެ މާނައަކީ މިކަމަށް ނުކުންނަ މީހާ ފުރާނައިން އަތްދޮވެލުމަށްވެސް ތައްޔާރުވެގެން ނުކުތުމެވެ. އަދި ސަލާމަތުން އެނބުރި އާދެވިއްޖެނަމަ އަލުން ދުނިޔެއަށް އާދެވުނީކަމުގައި ހީކުރުމެވެ. އެހެންކަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އަޞްޙާބުން ޖަމާކުރެއްވިއެވެ. ދެން ﷲ ތަޢާލާ އަށް ޙަމްދު ޘަނާ ދެންނެވުމަށްފަހު ޙަދީޘްކުރެއްވިއެވެ. [ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ ޢަޖަމީންގެ ރަސްރަސްކަލުންނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށްޓަކައި އެބައިމީހުންގެ ކައިރިއަށް ތިޔަބޭކަލުންގެ ތެރެއިން ބައެއް ބޭފުޅުން ފޮނުއްވުމަށެވެ. ދަންނާށެވެ!  ބަނޫ އިސްރާއީލުގެ މީހުން، ޢީސާ ޢަލައިހިއްސަލާމް އާއި ޚިލާފުވެގަތް ފަދައިން މިކަމުގައި ތިޔަބައިމީހުން ޚިލާފުވެނުގަންނަހުށިކަމެވެ.]

އޭގެ ޖަވާބުގައި އެބޭކަލުން އެއްއަޑަކުން ދެންނެވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން ކަލޭގެފާނުގެ އަމުރުފުޅަށް ކޮންމެ ޙާލެއްގައިވެސް ކިޔަމަންތެރިވާހުށީމެވެ. އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ ގޮތަކަށް މި ޒިންމާ އަދާކުރާހުށީމެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ ތަނަކަށް އަޅުގަނޑުމެން ފޮނުއްވާށެވެ.]

ދެން މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމް، އިސްލާމީ ދަޢުވަތުގެ ފަތްކޮޅުތައް ހިއްޕަވައިގެން ޢަރަބީންނާއި ޢަޖަމީންގެ ރަސްރަސްކަލުންގެ އަރިހަށް ވަޑައިގަތުމަށްޓަކައި އޭގެ ތެރެއިން ހަ ބޭކަލުން އިޚްތިޔާރު ކުރެއްވިއެވެ. އެ ހަ ބޭކަލުންގެ ތެރޭގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު ވެސް ހިމެނިވަޑައިގަންނަވައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ ބަރަކާތްތެރި ފަތްކޮޅު ހިތްޕަވައިގެން އެކަލޭގެފާނު ވަޑައިގަތީ ފާރިސްކަރައިގެ ރަސްގެފާނު ކިސްރާގެ އަރިހަށެވެ.

ޢަބްދުﷲ ބިން ޚުޛާފާ އެކަލޭގެފާނުގެ ސަވާރީ ތައްޔާރުކުރެއްވިއެވެ. އަނބިދަރީންނަށް އަލްވަދާޢު ވިދާޅުވުމަށްފަހު އެކަނިމާ އެކަނި ޞަޙަރާތަކާއި ވާދީތައް ހުރަސްކުރައްވައި ފާރިސްކަރައަށް ވަޑައިގެން، ރަސްގެފާނާއި ބައްދަލުކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައިވާ ފަތްކޮޅުގެ މުހިއްމުކަން ދަރުބާރީންނަށް ވިސްނައިދެއްވިއެވެ. އެކަލޭގެފާނު ވަޑައިގެން ހުންނެވިކަން ރަސްގެފާނަށް އެނގުމާއެކު ރަސްކަމުގެ ދަރުބާރު ޒީނަތްތެރިކުރުމަށް އަމުރުކުރެއްވިއެވެ. އަދި ވަރަށް ޚާއްޞަ ޖަލްސާއެއް ބާއްވަވައި ފާރިސްކަރައިގެ ޒަޢީމުންނަށް އެޖަލްސާގައި ބައިވެރިވުމަށް ދަޢުވަތުދެއްވިއެވެ. މިހުރިހާ ކަމަކަށްފަހު ދަރުބާރަށް ވަނުމުގެ ހުއްދަ އެކަލޭގެފާނަށް ދެއްވިއެވެ.

ޢަބްދުﷲ ބިން ޚުޛާފާ ކިސްރާގެ ދަރުބާރަށް ވަދެވަޑައިގެންނެވިއިރު އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ވަރަށް އާދައިގެ ހެދުންކޮޅެކެވެ. އެކަލޭގެފާނަށް ބަލައިލައިފި މީހަކަށް ޢަރަބީންގެ ސާދާކަން ވަރަށް ސާފުކޮށް ފެންނާނެއެވެ. އިސްލާމްދީނުގެ ޢިއްޒަތާއި މަތިވެރިކަމުގެ ޖަޒުބާތު އެކަލޭގެފާނުގެ ހިތްޕުޅުގައި އުތުރިއަރަމުން ދިޔައެވެ. ކިސްރާއަށް އެކަލޭގެފާނު އޭނާ އާއި ދިމާއަށް ވަޑައިގަންނަވާ މަންޒަރު ފެނުމުން އެކަލޭގެފާނުގެ އަތްޕުޅުގައިވާ ފަތްކޮޅުގައި ހިފުމަށް އޭނާގެ ދަރުބާރީންނަށް އިޝާރާތްކުރިއެވެ. ދަރުބާރީންގެ ތެރެއިން އެކަކު ކުރިއަށް ނުކުމެ އެކަލޭގެފާނުގެ އަތްޕުޅުން ފަތްކޮޅު އަތުލުމަށް މަސައްކަތް ކުރުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [ތިޔަ ކަމެއް ނުވާނެއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އަހުރެންނަށް އަމުރުކުރައްވާފައި ވަނީ ސީދާ އަހުރެންގެ އަތުން ކިސްރާގެ އަތްޕުޅަށް މި ފަތްކޮޅު އެރުވުމަށެވެ. އެކަލޭގެފާނުގެ އަމުރުފުޅާއި ޚިލާފުވެގަންނާކަށް ހަމަހިލާ އަހުރެންނަކަށް ނުކެރޭނެއެވެ.]

މި މަންޒަރު ފެނުމުން ކިސްރާ އަމުރުކުރިއެވެ. [އޭނާ ދޫކޮށްލާށެވެ! އަހަރެންގެ ކައިރިއަށް އަޔަދޭށެވެ!]  އެކަލޭގެފާނު ކުރިއަށްޖެހިވަޑައިގެން މާތް ނަބިއްޔާ ޞައްލަﷲ އަލައި ވަސައްލަމަގެ ފަތްކޮޅު ކިސްރާގެ އަތަށް އެރުވިއެވެ. އެހިނދު ޙީރަތުގެ އަހުލުވެރިންގެ ޢަރަބި ތަރުޖަމާނަށް ކިސްރާ އަމުރުކުރިއެވެ. [މިސިޓީ ހުޅުވައި މީގައި ލިޔެފައިވާ އެއްޗެއް އަހުރެންނަށް ކިޔައިދޭށެވެ.]

އެފަތްކޮޅު ފެށިފައި ވަނީ އަންނަނިވި ޢިބާރަތްތަކުންނެވެ:

بسم الله الرّحمن الرّحيم ،      من محمّد رسول الله إلي كسرى عظيم فارس سلام علي من التبع الهدى  ………. 

(ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ފާރިސްކަރައިގެ ވެރި ކިސްރާއަށް ބުނެ އަންގަމެވެ. ތެދުމަގަށް ތަބަޢަވެއްޖެ މީހަކަށް ސަލާމަތްކަން ހުއްޓެވެ…..)

ދެންފަހެ ކިސްރާއަށް ފަތްކޮޅުގެ ފެށުމުގެ ބަސްތައް އަޑުއިވުމާއެކު އޭނާގެ ހިތުގައި ރުޅިވެރިކަމާއި ޙަސަދައިގެ އަލިފާން އުތުރި އަރައިގަތެވެ. ރުޅީގެ ސަބަބުން މޫނު ރަތްވެ، ކަރުގެ ނާރުތައް ފުފިގެންދިޔައެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެފަތްކޮޅުގައި އެންމެ ފުރަތަމަ ލިޔުއްވާފައި ވަނީ އެކަލޭގެފާނުގެ ނަންފުޅެވެ. ކިސްރާގެ ނަން ލިޔުއްވާފައި ވަނީ އެކަލޭގެފާނުގެ ނަންފުޅުގެ ފަހަތުގައެވެ. ދެންފަހެ ކިސްރާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. [އަހަރެންގެ އަޅަކަށްވެ ހުރެ މިފަދަ ގޮތަކަށް އަހަރެންނާ މުޚާޠަބުކުރަން އޭނާ އަށް ހިތްވަރު ލިބުނީ ކިހިނަކުން ހެއްޔެވެ!؟] އަދި އެފަތްކޮޅުގައި ޙަޤީޤަތުގައި ލިޔުއްވާފައި ވަނީ ކޮން ވާހަކައެއްތޯވެސް ބަލައިލުމެއްނެތި ތަރުޖަމާނުގެ އަތުން ފަތްކޮޅު ޖަހައިގަނެ، ވީދައި ކުދިކުދި ކޮށްލިއެވެ. އަދި އެދަރުބާރުން ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު ނެރެ ބޭރުކޮށްލިއެވެ.

ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ އަންހު، ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ހިންގަވައިގެންނެވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދެން ހަދާނެގޮތެއް އެނގިވަޑައިގެންނުވާ ޙާލުކޮޅެއްގައެވެ. އެމީހުން އެކަލޭގެފާނު ޤަތުލުކޮށްލާނެކަމެއް ނުވަތަ އެނބުރި ދިއުމަށް ދޫކޮށްލާނެކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަތްކޮޅު ފޯރުކޮށްދިނުމަށްފަހު އެބައިމީހުން އަހުރެންނާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.]  ދެން ޖަމަލުކޮޅަށް ސަވާރުވެވަޑައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ.

ދެންފަހެ ކިސްރާގެ ގާތަށް އައިސްފައިވާ ރުޅިގަނޑު މައިތިރިވުމުން އޭނާގެ ކުރިމައްޗަށް ޢަބްދުﷲ ބިން ޚުޛާފާ ދެވަނަ ފަހަރަށް ޙާޟިރު ކުރުމަށް ދަރުބާރީންނަށް އަމުރުކުރިއެވެ. އެބައިމީހުން އެކަލޭގެފާނު ފެނޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފެންނަ ގޮތެއް ނުވިއެވެ. އެންމެފަހުން އެބައިމީހުންނަށް އެނގުނީ ފާރިސްކަރައިގެ ސަރަޙައްދު ދޫކުރައްވައި މާދުރަށް އެކަލޭގެފާނު ވަޑައިގެންފިކަމެވެ.

ޢަބްދުﷲ ބުނު ޙުޛަފާ މަދީނާ އަށް އެނބުރިވަޑައިގެން މާތް ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ޙާޟިރުވެ ޚަބަރުދެއްވިއެވެ. [އޭނާ، ކަލޭގެފާނުގެ ފަތްކޮޅު ވީދައި ކުދިކުދިކޮށް ބިންމައްޗަށް އެއްލައިލައިފިއެވެ.]  އެހިނދު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަދީޘް ކުރެއްވިއެވެ. [ﷲ ތަޢާލާ، އޭނާގެ ވެރިކަން ފަޅިފަޅި ކުރައްވާށިއެވެ!]

އަނެއްކޮޅުން ޔަމަނުގައި ހުންނަ ފާރިސީންގެ ގަވަރުނަރު ބާޒާނަށް ކިސްރާ އެންގިއެވެ. [ޙިޖާޒުކަރައިގައި ނަބީކަމަށް ދަޢުވާކޮށްގެން އެއުޅޭ މީހާ، ހައްޔަރުކޮށްގެން އަހަރެންގެ ކައިރިއަށް ގެނައުމަށް ހަމަ މިހާރު ދެމީހުން ފޮނުވާށެވެ!]

މި އަމުރުލިބުމާއެކު ބާޒާނު އޭނާގެ ބާރުގަދަ ދެކޮމާންޑަރުންގެ އަތަށް ސިޓީއެއް ދިނުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ހައްޔަރުކުރުމަށްޓަކައި މަދީނާ އަށް ފުރުވައިލިއެވެ. އެސިޓީގައި ލިޔެފައިވެއެވެ. [މިސިޓީ ލިބުމާއެކު އެއްވެސް ފަސްކުރުމެއް ނެތި މި ދެ މީހުންނާ އެކު ކިސްރާގެ ދަރުބާރަށް ދާށެވެ!]

އަދި މާތް ނަބިއްޔާ އާއި ބެހޭގޮތުން ރަގަޅަށް މަޢުލޫމާތު ސާފުކޮށް ބަލައި ތަޙުޤީޤު ކުރުމަށްވެސް އެދެމީހުންނަށް ބަޒާނު އަންގާފައިވެއެވެ.

ބާޒާނުގެ ދެ ކޮމާންޑަރުން ބާރު ދުވެލީގައި ދަތުރުކޮށްފައި އައިސް އެންމެ ފުރަތަމަ އެރީ ޠާއިފަށެވެ. އެރަށުން ޤުރައިޝުންގެ ބައެއް ވިޔަފާރިވެރީންނާއި އެ ދެމީހުންނަށް ބައްދަލުވިއެވެ. އެމީހުން، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބެހޭގޮތުން ޤުރައިޝުންގެ މީހުންނާ ސުވާލުކުރިއެވެ. މާތް ނަބިއްޔާ  ދިރިއުޅުއްވަނީ މަދީނާގައި ކަމަށް ޤުރައިޝުން އެބައިމީހުން ޚަބަރު ދިނެވެ. ޤުރައިޝުންގެ މީހުންނަށް އެ ދެމީހުންނަކީ، ރަސޫލުﷲ ގެފާނު ހައްޔަރުކުރުމަށްޓަކައި ދަތުރުކުރާ ބައެއްކަން އެނގުމުން އަވަސް އަވަހަށް މައްކާއަށް ދަތުރުކޮށް މައްކާގެ މީހުންނަށް މި ”އުފާވެރި“ ޚަބަރު ދިނެވެ. [އޭ ޤުރައިޝުންނޭވެ! އުފާކޮށް ހިތްހަމަޖައްސާށެވެ! މިހާރު ފާރިސީންގެ ވެރި ކިސްރާ، މުޙައްމަދުު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އާ ކުރިމަތި ލައިފިއެވެ. އަދި އެކަލޭގެފަނު ހައްޔަރުކުރުމަށްޓަކައި އޭނާގެ މީހުން ފޮނުވައިފިއެވެ. މިހާރު ދެން އެކަލޭގެފަނުގެ ”އުނދަގުލުން“ ކަލޭމެން ސަލާމަތްވީއެވެ.

ބާޒާނުގެ ދެ ކޮމާންޑަރުން ޠާއިފުން މިޞްރާބު ޖެހީ މަދީނާއަށެވެ. އެ ދެމީހުންނަށް މަދީނާ އަށް އައުދެވުމާ އެކު، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޙާޟިރުވެ ބާޒާނުގެ ސިޓީ އެކަލޭގެފާނުގެ އަތްޕުޅަށް އެރުވިއެވެ. އަދި ދެންނެވިއެވެ. [ރަސްރަސްކަލުންގެ ވެރި ކިސްރާ، އަޅުގަނޑުމެންގެ ރަސްގެފާނަށް އަމުރުކުރައްވާފައި ވަނީ ކަލޭގެފާނު ހައްޔަރު ކޮށްގެން އޭނާގެ ދަރުބާރަށް ގެންދިއުމަށެވެ. އަޅުގަނޑުމެން ދެމީހުން ފޮނުވިފައި މިވަނީ އެކަމަށްޓަކައެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ބަސް ޤަބޫލުކުރައްވައިފި ނަމަ އެގޮތް ކަލޭގެފާނަށް ހެޔޮކަން ބޮޑެވެ. އަދި ކަލޭގެފާނު އަޅުގަނޑުމެންނާ އެކު ވަޑައިގަތުމަށް އިންކާރު ކުރައްވައިފިނަމަ، ރަގަޅަށް ދެނެވަޑައިގަންނަވާށެވެ! ކިސްރާގެ މަތިވެރިކަމާއި، އާރާއި ބާރު ނުހަނު ގަދަފަދަވެގެން ވެއެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ ޤައުމު ސުންނާފަތިކޮށް ނައްތައިލުމުގެ ފުރިހަމަ ކުޅަދާނަކަން އޭނާ އަށް ލިބިގެންވެއެވެ!

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް، އެމީހުންގެ މި ބޭކާރު ބަސްތައް އަޑުއެއްސެވުމަށްފަހު ހިނިވަރުނަކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. [މިއަދު އަދި ކަލޭމެން އެނބުރި ގޮސް އަރާމުކުރާށެވެ! މާދަމާ ވާގޮތެއް ބަލާނިއެވެ.]  ދެވަނަ ދުވަހަށް އިރު އެރުމުން އޭގެ ދެމީހުން މާތް ނަބިއްޔާާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ޙާޟިރުވެ ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ ހުންނެވީ ކިސްރާގެ ދަރުބާރަށް ވަޑައިގަތުމަށް ތައްޔާރަށްތޯއެވެ؟]  ޖަވާބުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. [ތިޔަ ދައްކަނީ ކޮން ކިސްރާއެއްގެ ވާހަކަ ހެއްޔެވެ؟ ރަގަޅަށް އަޑުއަހާށެވެ! މިއަދަށް ފަހު ކަލޭމެންނަކަށް އޭނާގެ މޫނެއް ނުފެންނަހުއްޓެވެ! ﷲ ތަޢާލާ، އޭނާ ހަލާކު ކުރައްވައި ނެތިކުރައްވައިފިއެވެ. އޭނާގެ ދަރިފުޅު އޭނާ ޤަތުލުކުރުމަށްފަހު ވެރިކަން އަތުލައިގެންފިއެވެ.]

މިޚަބަރު އަޑުއިވުމާއެކު އެ ދެމީހުން ޙައިރާންވެ އަންތަރީސްވެއްޖެއެވެ. އަދި ބިރުވެރިކަމާއި ޙައިރާންކަން އެކުލެވިފައިވާ ޖަޒުބާތެއްގައި ތިބެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ދިމާއަށް ބަލަމުން ގެންދިޔައެވެ. އަދި ދެންނެވިއެވެ. [ކަލޭގެފާނު ތިޔަހެން ތިޔަ ވިދާޅުވަނީ ފުރިހަމަ އަށް ޔަޤީކަން ލިބިވަޑައިގެންތޯއެވެ؟ އަޅުގަނޑުމެން މިޚަބަރު ބާޒާނުގެ އަރިހަށް ގެންދަންތޯއެވެ؟] މާތް ރަސޫލާ  ޖަވާބުގައި ވިދާޅުވިއެވެ. [އާނއެކެވެ! މިއީ ތެދެކެވެ. އަދި ބާޒާނަށް މިހެންވެސް ދަންނަވާށެވެ! ހަމަކަށަވަރުން އިސްލާމްދީނުގެ ވެރިކަން، ކިސްރާގެ ރަސްކަމުގެ  ސަރަޙައްދުގައިވެސް ފެތުރިގެން ދާހުއްޓެވެ. ތިބާ އިސްލާމް ދީން ޤަބޫލުކުރައްވައިފި ނަމަ ތިބާގެ އަތްޕުޅުގައި މިހާރު ހުރި ހުރިހާ އެއްޗެއް އަހަރަމެން ތިބާ އާއި ޙަވާލުކުރާހުށީމެވެ. އޭރުން ތިބާގެ ވެރިކަން ތިބާގެ ޤައުމުގައި ކުރިއެކޭވެސް އެއްފަދައިން ދެމި އޮންނާނެއެވެ.]

ބާޒާނުގެ ދެ ސަފީރުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަލްވަދާޢު ދެންނެވުމަށްފަހު ޔަމަނުކަރައަށް މިޞްރާބުޖެހިއެވެ. އެ ދެމީހުންނަށް ބާޒާނުގެ އަރިހަށް ދެވުމާއެކު ކިސްރާ އާއި ބެހޭގޮތުން ރަސޫލު ﷲ  ގެފާނު ދެއްވި ޚަބަރު، ބާޒާނަށް ދެންނެވިއެވެ. އެ ދެމީހުންގެ ވާހަކަ އަޑު އެއްސެވުމަށްފަހު ބާޒާނު ވިދާޅުވިއެވެ. [މުޙައްމަދު (ޞައްލަﷲ ޢަލައި ވަސައްލަމަ) ގެ ތިޔަ ބަސްފުޅު ތެދެއްކަމުގައި ޘާބިތުވެއްޖެ ނަމަ، އެކަލޭގެފާނުގެ ނަބީކަމާއި މެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ. ނަމަވެސް ތިޔަ ޚަބަރަކީ ތެދެއްކަމުގައި ނުވެއްޖެނަމަ، އެކަލޭގެފާނާ މެދު އަހަރަމެން ދެން ކަންތައް ކުރާ ގޮތް ކަލޭމެންނަށް ވެސް ފެންނާނެއެވެ.]

މި ޙާދިޘާއަށް މާގިނަ ދުވަސްތަކެއް ފާއިތުވެގެން ނުދަނީސް ކިސްރާގެ ދަރިފުޅު ޝޭރުވިއްޔާގެ ސިޓީއެއް ބާޒާނަށް ލިބިއްޖެއެވެ. އޭގައި ވަނީ އަންނަނިވި ޢިބާރަތްތަކެވެ. [އަހަރެން، ކިސްރާ ޤަތުލު ކޮށްފީމެވެ. ސަބަބަކީ އޭނާގެ ކިބައިން އަހަރެންގެ ޤައުމުގެ ބަދަލު ހިފުމަށްޓަކައެވެ. އޭނާ ވަނީ އޭނާގެ ވެރިކަމުގެ ދުވަސްވަރު އަހަރެންގެ ޤައުމުގެ އެތައްބަޔަކު އެއްވެސް ޙައްޤަކާނުލައި މަރައިފައެވެ. އަދި ވަރަށް ގިނަ އަންހެނުންގެ ޙުރުމަތްކަނޑައިފައެވެ. އަދި އެތައް ބަޔެއްގެ މުދާތައް ފޭރިގެންފައެވެ. އަހުރެންގެ މިސިޓީ ލިބުމާއެކު ތިބާ، އަހަރެންނަށް ކިޔަމަންތެރިވާށެވެ!] ޝޭރުވިއްޔާގެ ސިޓީ ކިޔުމަށްފަހު ބާޒާނު އެސިޓީ އެއްލައިލިއެވެ. އަދި އިސްލާމް ދީން ޤަބޫލުކުރިއެވެ. އަދި އޭނާއާ އެކު ޔަމަނުގެ ބިމުގައި ތިބި ފާރިސީ ނަސްލުގެ ހުރިހާ އެންމެން އިސްލާމްދީން ޤަބޫލުކުރިއެވެ.

މި ބަޔާންކުރެވުނީ ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު، ފާރިސްކަރައިގެ ވެރި ކިސްރާ އާއި ބައްދަލުކުރެއްވި ވާހަކައެވެ.

ދެންއޮތީ ރޫމުގެ ޤައިސަރުގެ ދަރުބާރަށް އެކަލޭގެފާނު ވަޑައިގަންނަވަން ޖެހުނު ގޮތުގެ ވާހަކައެވެ. މިޙާދިޘާ ހިނގާފައިވަނީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ.

ހިޖުރައިން ނަވާރަ ވަނަ އަހަރު އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު، އިސްލާމީ މުޖާހިދުންގެ ލަޝްކަރެއް ރޫމީންނާއި ހަނގުރާމަކުރެއްވުމަށްޓަކައި މަދީނާއިން ފުރުވައިލެއްވިއެވެ. މި ލަޝްކަރުގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ލަޝްކަރުގެ ހުރިހާ ޚަބަރުތަކެއް ރޫމުގެ ރަސްގެފާނަށް ބަރާބަރަށް ލިބެމުން ދިޔައެވެ. މުސްލިމު މުޖާހިދުންގެ ހިތްވަރުގަދަކަމާއި، ތެދުވެރިކަމާއި، ﷲ ގެ މަގުގައި އެމީހުންގެ ޖާނުން ޤުރުބާންވާން ތައްޔާރަށް ތިބޭ މިންވަރުވެސް އޭނާ ރަގަޅަށް ވަޒަންކުރެވުނެވެ. ޤައިސަރު އޭނާގެ ސިފައިންނަށް އަންގާފައި ވަނީ މުސްލިމުންގެ ލަޝްކަރުން މީހަކު ހައްޔަރުކުރެވިއްޖެނަމަ އެމީހަކު ޤަތުލުނުކޮށް އޭނާގެ ކުރިމައްޗަށް ގެނައުމަށެވެ. މިކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގައިތީ އަބްދުﷲ ބުނު ޙުޛާފާ އަށެވެ. ރޫމީ ލަޝްކަރުގެ ސިފައިން އެކަލޭގެފާނު ހައްޔަރުކޮށްގެން ޤައިސަރުގެ ކުރިމައްޗަށް ޙާޟިރުކުރިއެވެ. އަދި ދެންނެވުނެވެ. [އަޅުގަނޑުމެން މަނިކުފާނުގެ ކުރިމައްޗަށް މިގެނައި މީހަކީ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އެކުވެރީންގެ ތެރެއިންވާ މީހެކެވެ. އެކަލޭގެފާނުގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަ ދިން މީހުންގެ ތެރެއިން އެކަކެވެ.

ދެންފަހެ ޢަބްދުﷲ ބުނު ޙުޛާފާ،  ޤައިސަރުގެ ކުރިމައްޗަށް ޙާޟިރުކުރެވުނު ހިނދު ވަރަށް ފުންނަޒަރަކުން  ރަސްގެފާނު، އެކަލޭގެފާނަށް  ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ތިބާގެ ކިބައިން އަހަރެން އެދޭ އެދުމެއް އެބައޮތެވެ.]

ޢަބްދުﷲ ވިދާޅުވިއެވެ. [އެއީ ކޮންކަމެއްތޯއެވެ؟]

ރަސްގެފާނު ވިދާޅުވިއެވެ. [އަހަރެންގެ އެދުމަކީ ތިބާ ނަޞާރާދީން ޤަބޫލު ކުރެއްވުމެވެ. ތިބާ، އަހަރެންގެ މި ހުށައެޅުން ޤަބޫލުކޮށްފިނަމަ އަހަރެން، ތިބާ މިނިވަންކޮށް ދޫކޮށްލާނަމެވެ. އަދި ތިބާއަށް ޢިއްޒަތާއި ޤަދަރު ދޭހުށީމެވެ.]

ޢަބްދުﷲ ބުނު ޙުޛާފާ، ހިތްވަރާއި ކެރުންތެރިކަން ފާޅުކުރައްވައި ވިދާޅުވިއެވެ. [ތިޔައީ ފަހަރެއްގައިވެސް ވާނެކަމެއް ނޫނެވެ. ތިބާ އެކަމަކަށް އަހަރެންނަށް ތިޔަ ދަޢުވަތު ދޭ ކަންތަކަށްވުރެ މަރުވުންވެސް އެތައްހާސް ގުނައެއް ހެޔޮވެގެންވެއެވެ.]

ޤައިސަރު ވިދާޅުވިއެވެ. [ތިބާއަކީ ވަރަށް ހިތްވަރުގަދަ މީހެއްކަމަށް އަހަރެންނަށް ލަފާކުރެވެއެވެ. ތިބާ، އަހަރެންގެ ހުށައެޅުން ޤަބޫލުކޮށްފިނަމަ އަހަރެންގެ ރަސްކަމުގައި ތިބާ ބައިވެރިކުރުމަށްވެސް އަހަރެން މިހުރީ ތައްޔާރަށެވެ.]

ދަގަނޑު ހިލިހިލާތަކުން ކަސްތޮޅު އެޅިފައި ހުންނެވި ޤައިދީ ޖަވާބު ދެއްވިއެވެ. [ﷲ ގަންދީ ބުނަމެވެ! ތިބާ، އަހަރެންނަށް ތިބާގެ ރަސްކަމާއި މުޅި ޢަރަބިކަރައިގެ ވެރިކަން ދިން ނަމަވެސް އެންމެ ސިކުންތަކަށްވެސް މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ދީނަށް އަހަރެން، ފުރަގަސްދީފާނެކަމަށް އުންމީދު ނުކުރާށެވެ!]

ރަސްގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. [އެހެންކަމަށްވާނަމަ އަހަރެން، ތިބާ ޤަތުލު ކުރާހުށީމެވެ!]

ވިދާޅުވިއެވެ. [ތިބާ ބޭނުން ކަމެއް ކޮށްބަލާށެވެ.]

ދެން އެކަލޭގެފާނު ދަންޖެއްސުމަށް އަމުރުކުރެވުނެވެ.  ރަސްގެފާނުގެ އަމުރަކަށްވީ އެކަލޭގެފާނު ދަންޖައްސާ ފިލާގަނޑު މައްޗަށް އަރުވައި، ފައިންޕުޅުގައި ހިލިހިލާ ޖަހައި ހައްޔަރުކުރުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުގެ ކައިރިއަށް، އަތްޕުޅު ޒަޚަމްވާ ވަރަށް އަމާޒުކޮށް ދުނިޖެހުމަށެވެ. ރަސްގެފާނުގެ އަމުރަށް ކިޔަމަންތެރިވެ ތީރުވެރިޔަކު އޭނާގެ ދުނި އަމާޒުކޮށް ދޫކޮށްލިއެވެ. މިފަދަ ނާޒުކު ނުރައްކާތެރި ވަގުތުގައި ނަޞާރާދީން ޤަބޫލުކުރުމަށް ރަސްގެފާނު، އެކަލޭގެފާނަށް ތިންވަނަ ފަހަރަށްވެސް ދަޢުވަތު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ސާފު ބަހުން އިންކާރު ކުރެއްވިއެވެ. ދެން ޤައިޞަރު އަމުރުކުރީ އެކަލޭގެފާނުގެ ފައިންޕުޅުގެ ކައިރިއަށް އަމާޒުކޮށް ތީރު ޖެހުމަށެވެ. މިފަހަރުވެސް އިސްލާމް ދީން ދޫކޮށް ނަޞާރާދީން ޤަބޫލުކުރުމަށް ދަޢުވަތު ދެއްވިއެވެ. ނަމަވެސް އެފަދައިން ޢަމަލުކުރުމަށް އެކަލޭގެފާނު ވަރުގަދަޔަށް ދެކޮޅު ހެއްދެވިއެވެ. އެންމެފަހުން އެކަލޭގެފާނު ދަންޖައްސާ ފިލާގަނޑުން ބޭލުމަށް ޤައިޞަރު އަމުރުކުރެއްވިއެވެ. އެއަށް ފަހު ތެޔޮ އަޅާފައި ހުރި ވަރަށް ބޮޑު ތެއްޔެއް ގެނެސް އޭގެ ދަށުގައި އަލިފާން ރޯކޮށްލެވުނެވެ. ދެން ތެޔޮތައް ކެކެން ފެށުމުން ރޫމީންގެ އަތްދަށުގައި ހައްޔަރުވެފައި ތިބި މުސްލިމު އަސީރުންގެ ތެރެއިން ދެ މީހުން ގެނައުމަށް ރަސްގެފާނު އަމުރުކުރެއްވިއެވެ. ދެ އަސީރުން ޙާޟިރުކުރެވުމުން އޭގެ ތެރެއިން އެކަކު، ކެކިކެކި ހުރި ތެޔޮ އެއްޗަށް ވައްޓައިލުމަށް އަމުރުކުރެއްވިއެވެ. ހޫނު ތެޔޮ އެއްޗަށް ވެއްޓުމާއެކު އޭނާގެ މަސްތަކާއި ހަންތައް ރޯފިލިއެވެ. އަދި ބަލަބަލައި ތިއްބައި އޭނާގެ ހަންގަނޑު ކަށިގަނޑާއި ވަކިވެއްޖެއެވެ.

ދެން އަނެއްކާވެސް ޢަބްދުﷲ ބުނު ޙުޛާފާ އާއި ދިމާއަށް ކުރިމަތިލައްވައި ވިދާޅުވިއެވެ. [އަދިވެސް ވަގުތު އެބައޮތެވެ. ނަޞާރާދީން ޤަބޫލުކުރާށެވެ!]

އެކަމަކު ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު، ކުރިއަށްވުރެ ވެސް ވަރުގަދަޔަށް އެކަމަށް އިންކާރު ކުރެއްވިއެވެ. އެންމެފަހުން އެކަލޭގެފާނުގެ މަތީން ޤައިޞަރު މާޔޫސްވިއެވެ. އަދި އެކަލޭގެފާނުވެސް ހޫނު ތެޔޮ އެއްޗަށް ވައްޓައިލުމަށް އަމުރުކުރިއެެވެ. އެކަލޭގެފާނު ތެޔޮ އެތީގެ ކައިރިއަށް ގެނެވުނު ހިނދު އެކަލޭގެފާނުގެ ލޯފުޅުން ބޭއިޚުތިޔާރުގައި ކަރުނަފޮދު އައެވެ. ޤައިޞަރުގެ އެކުވެރީންނަށް އެ މަންޒަރު ފެނުމުން އެމީހުން ޤައިޞަރަށް ދެންނެވިއެވެ. [ސާހިބާއެވެ! އޭނާ ހަމަ ޙަޤީޤަތުގައިވެސް ރޮނީއެވެ.]

ޤައިޞަރު ހީކުރީ އެކަލޭގެފާނު ބިރުގަތީ ކަމަށެވެ. އެހެންކަމުން އޭނާގެ ކައިރިއަށް އެކަލޭގެފާނު ގެނައުމަށް އަމުރުކުރިއެވެ. އެކަލޭގެފާނު، އޭނާގެ ކުރިމައްޗަށް ޙާޟިރުކުރެވުމުން އަނެއްކާވެސް ނަޞާރާދީން ޤަބޫލުކުރުމަށް ދަޢުވަތު ދިނެވެ. މިފަހަރުވެސް އެކަލޭގެފާނު ކުރެއްވީ އިންކާރެވެ.]

ރަސްގެފާނު ޢަޖައިބުވެގެން ސުވާލުކުރިއެވެ. [ އެހެންކަމަށް ވާނަމަ ކަލޭ ތިޔަ ރޮނީ ކީއްވެ ހެއްޔެވެ؟]

އެކަލޭގެފާނު ޖަވާބުދެއްވިއެވެ. [އަހަރެން ރުއިމުގެ ސަބަބަކީ އެ މަންޒަރު ފެނުމުން އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންނަށް ލިބިގެން ވަނީ އެންމެ ފުރާނައެކެވެ. އަހަރެންނަށް ހާސް ފުރާނަ ލިބި އެއިން ކޮންމެ ފުރާނައެއް މި ކެކިކެކި ހުރި ތެޔޮ އެއްޗަށް ވެއްޓި ﷲ ގެ މަގުގައި ޤުރުބާންކުރެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟]

އެ އަނިޔާވެރިޔާ އަށް އެކަލޭގެފާނުގެ މި ބަސްތައް އަޑުއިވުނު ހިނދު ޙައިރާންވެ އަންތަރީސް ވިއެވެ. އަދި ބުންޏެވެ. [މިހާރު ތިބާ، އަހަރެންގެ ބޮލުގައި ބޮސްދޭށެވެ. އޭރުން އަހުރެން، ތިބާ މިނިވަންކޮށް ދޫކޮށްލާނަމެވެ.]

ޢަބްދުﷲ ސުވާލު ކުރެއްވިއެވެ. [އަހަރެންނާ އެކު އެހެނިހެން މުސްލިމު ޤައިދީންވެސް ދޫކޮށްލާނަން ހެއްޔެވެ؟]

ރަސްގެފާނު ޖަވާބުދިނެވެ. [އާނއެކެވެ! އަހަރެން އެހުރިހާ އެންމެން ދޫކޮށްލާނަމެވެ.]

ޢަބްދުﷲ ބުނު ޙުޛާފާ، ވިދާޅުވެފައިވެއެވެ. [އެހިނދު އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މި އަނިޔާވެރިޔާގެ ބޮލަށް އެންމެ ބޮހެއްދީގެން މިތިބަ ހުރިހާ މުސްލިމު ޤައިދީން މިނިވަން ކުރުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟]

ދެން އެކަލޭގެފާނު ޤައިޞަރުގެ ކައިރިއަށް ވަޑައިގެން އޭނާގެ ބޮލަށް ބޮސްދެއްވިއެވެ. ޤައިޞަރު އޭނާގެ ވަޢުދާ އެއްގޮތަށް ހުރިހާ މުސްލިމު އަސީރުން ޢަބްދުﷲ ބިން ޚުޛާފާ އާއި ޙަވާލުކުރުމަށް އަމުރުކުރިއެވެ.

މިނިވަންކަން ލިބިވަޑައިގަތުމާއެކު ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު، ސީދާ ވަޑައިގަތީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިހަށް މަދީނާއަށެވެ. އަދި ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ޢުމަރުގެފާނަށް ކިޔައިދެއްވިއެވެ. އެކަލޭގެފާނުގެ ވަހާކަ އަޑުއެއްސެވުމަށް ފަހު އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހު، ނުހަނު އުފާފުޅުން ހުންނަވައި ވިދާޅުވިއެވެ. [ޢަބްދުﷲ ބުނު ޙުޛާފާގެ އިސްތަށިފުޅުގައި ބޮސްދިނުން ކޮންމެ މުސްލިމަކަށް ލާޒިމުވެއްޖެއެވެ. އަދި އެންމެ ފުރަތަމަ އަހަރެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ބޮސްދެމެވެ.] ދެން ތެދުވެވަޑައިގެން ޢަބްދުﷲ ބުނު ޙުޛާފާގެ އިސްތަށިފުޅުގައި ޢުމަރު ރަޟިޔަﷲ ޢަންހު، ބޮސްދެއްވިއެވެ. (ނިމުނީ)

(مراجع:  الإصابة في تميز الصّحابة ، السيرة النّبويّة  لإبن هشام ، حياة الصّحابة  لمحمد يوسف كا ندهلوي ، تهذيب التهذيب ، امتاع الإسماع ،حسن الصحاب ، المحبّر ،  تاريخ الإسلام  علاّمة ذهبي )

___________________________________________

މަޞްދަރު: ޙަޔާތެ ޞަޙާބާ ކޭ ދަރަޚްޝާން ޕެހްލޫ / ޝައިޚް މަޙްމޫދު އަޙުމަދު ޣަޟަންފަރު، ރަޙިމަހުﷲ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *