ފިރުޝާން އާއި އަޒްހަދު އާ ދެމީހުން ތިބީ ޕީ.އެސް ޓޫ ގޭމް ކުޅޭށެވެ. ކުޅެން ތިބެފައި ފިރުޝާން ވާހަކަ ނުދައްކާތީ އަޒްހަދު ފިރުޝާންގެ މޫނަށް ބަލާލިއެވެ. ފިރުޝާން ހުރީ ބަސް ހުއްޓި ހަމަހިމޭން ވެފައެވެ. މާގިނަ އިރެއް ނުވެ އަޒްހަދުގެ އަތްދަނޑި މައްޗަށް ފިރުޝާން ވެއްޓިއްޖެއެވެ.
"ދައްތާ... ފިރުޝާން މިއޮއް ވެއްޓުނީ" އަޒްހަދު ފިރުޝާންގެ މަންމަ ފަޒްނާ އަށް ގޮވިއެވެ.
"ކިހިނެއްތަ ވީ؟" ފަޒްނާ އަވަސް އަވަހަށް ފިރުޝާންގެ ކައިރިއަށް ދިޔައެވެ. "ފިރުޝާން.... ފިރުޝާން....ދަރިފުޅާ...ފިރުޝާން" ފަޒްނާ ދަރިފުޅުގެ ގައިގަ ފިރުމަމުން ގޮވަމުން ދިޔައެވެ.
"ނޭނގެ ދައްތާ. ކުޅެން ތިބެފަ ވާހަކަ ނުދައްކާތީ މަ ބެލިއިރު، ހުއްޓުން އަރާފަ... ދެން ވެއްޓުނީ" އަޒްހަދު ބުންޏެވެ.
ފަޒްނާ އަށާއި އަޒްހަދަށް މިއީ އާ ކަމެއް ނޫނެވެ. ފިރުޝާން އަކީ ވަރަށް ކުޑައިރުއްސުރެ ފިޓުޖެހޭ ކުއްޖެކެވެ. މިހާރު ފިރުޝާނަށް 16 އަހަރެވެ. ފިޓުޖެހޭތީ ޤަވާއިދުން ކެއުމަށް ޑޮކްޓަރުން ދީފައިވާ ބޭސް ކެއުމުގެ ސަބަބުން ފިރުޝާން ވަނީ އާދަޔާ ޚިލާފަށް ފަލަވެފައެވެ. މީގެ ކުރީގައި ފިރުޝާން އެހާ ގިނައިން ފިޓު ނުޖެހެއެވެ. ކުރީގައި ފިޓު ޖެހެނީ ޢާއްމުކޮށް އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އެވެ. ނަމަވެސް މިހާރަކަށް އައިސް މާގިނައިން އަވަސް އަވަހަށް ފިޓު ޖެހެން ފަށައިފިއެވެ.
ފިރުޝާން ފިޓު ޖެހި ހޭނާރާ ގިނައިރު ވާތީ ކޮންމެ ފަހަރަކު ހޮސްޕިޓަލަށް ގެންދަން ޖެހެއެވެ. ފިރުޝާންގެ ބަރުދަން ވަނީ 95 ކިލޯ އަށް ވުރެ މަތިވެފައެވެ. ފިރުޝާންގެ ޢާއިލާ މާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ 7 ވަނަ ފްލޯރގައެވެ. އެގޭގައި ލިފްޓެއް ނުހުރެއެވެ. ޢާއްމުކޮށް ފިރުޝާން ފިޓު ޖެހުމުން ތިރިއަށް ބާލައި ހޮސްޕިޓަލަށް ގެންދަނީ 8 ވަރަކަށް ފުލުހުންގެ އެހީތެރިކަމާއެކު އެވެ.
މިފަހަރުވެސް ފިރުޝާން ހޮސްޕިޓަލަށް ގެންދެވުނެވެ. ކުރިއެކޭ އެއްފަދައިން ފިރުޝާން ހޭއެރީ އިންޖެކްޝަން ޖެހުމުންނެވެ. ޢާއްމުކޮށް ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބަލާފައި ޓެސްޓްތައް ހަދާ އިންޖެކްޝަން ޖަހާ ހަދައެވެ. އެކި ޓެސްޓްތައް ހަދާފައި ޑޮކްޓަރުން ބުނަނީ މައްސަލަ އެއް ނެތް ކަމަށެވެ. މީގެ ކުރިން ފިރުޝާން ވަނީ އެކި ފަހަރުގެ މަތީން އިންޑިޔާ އަށް ގޮސް އެތަނުގެ ޑޮކްޓަރުންނަށް ވެސް ދެއްކިފައެވެ. ނަމަވެސް ޑޮކްޓަރުންގެ ރިޕޯޓްތަކުން ދައްކަނީ މާބޮޑު މައްސަލައެއް ނެތް ކަމަށެވެ.
އަވަސް އަވަހަށް ފިޓު ޖެހޭތީ އައި.ޖީ.އެމް ހޮސްޕިޓަލުގެ ޑޮކްޓަރުން އިރުޝާދު ދިނީ ފިޓު ޖެހުމުން ކާ ބޭހުގެ ޑޯޒް އިތުރު ކުރުމަށެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެއީ 4 ޖޫން 2011 ވީ ހޮނިހިރު ދުވަހުގެ ރެއެވެ. ގަޑިން 22:50 ހާއިރެވެ. ފިރުޝާން ގޭގެ ސިޓިންގ ރޫމްގައި ހުއްޓާ ފަޒްނާ އަށް ފެނުނީ އޭނަ ވެއްޓުނު ތަނެވެ. މިރޭ ފިރުޝާން ވެއްޓިފައި މާގިނައިރެއް ނުވެ ގަޔަށް އާދަޔާ ޚިލާފަށް ބާރުތަކެއް އަރަން ފެށިއެވެ. ފިރުޝާންގެ އަތްފައި ޙަރަކާތް ކުރަމުން ގެންދެއެވެ. ފަޒްނާ އަށާއި ގޭގައި މަންޒަރު ދެކެން ތިބި މީހުންނަށް ފިރުޝާންގެ ހަރަކާތްތަކުން "އެހެން ކަމެއް" އެބައުޅޭ ކަން އެނގުނެވެ.
ގޭގައި ތިބި މީހުންގެ ތެރެއިން ޒިޔާން ފިރުޝާންގެ ކަންފަތް ދަށުގައި ޑިޖިޓަލް ޤުރުއާނުން ޤުރުއާން ޖަހަން ފެށިއެވެ. ޤުރުއާން ޖަހަން ފެށުމާއެކު ފިރުޝާންގެ ގަޔަށް އަރަމުން ދިޔަ ބާރު ކުޑަވިއެވެ.
"ވާ އެއްޗެއް ބަލާލަން ޤުރުއާން ނިއްވާލަބަލަ. އޭރުން އެނގޭނެ އެއްނު ނުބައެއް އެބައުޅޭކަން" އެތަނުގައި ހުރި ވަސީމް ބުންޏެވެ.
ޒިޔާން ޤުރުއާން ނިއްވާލިއެވެ. ހަމައެއާ އެކު ފިރުޝާނަށް ކުރިއެކޭ އެއްގޮތަށް ބާރުއަރަން ފެށިއެވެ. ޒިޔާން އަލުން ޤުރުއާން ޖަހަން ފެށިއެވެ. އެއާއެކު އެނެއްކާވެސް ފިރުޝާން މައިތިރިވިއެވެ. ފިރުޝާނަށް "ނުފެންނަ ބާރަކުން" ބާރުފޯރުވާކަން ޒިޔާނަށް ވެސް ޔަޤީން ވިއެވެ.
"ދައްތާ. އަހަންނަށް އެނގޭ ޝަރުޢީ ރުޤްޔާ ކިޔަވާ މީހަކު. މިގުޅަނީ އޭނަ އަށް" ޒިޔާން ފަޒްނާ ކައިރީގައި ބުންޏެވެ.
"އަވަހަށް ގުޅާ. އަހަރެން ބޭނުން ދަރިފުޅު ރަނގަޅުކުރަން" ކަންބޮޑުވެފައި ހުރި ފަޒްނާ ޖަވާބު ދިނެވެ.
ޒިޔާން އޭނަގެ ރައްޓެހި ރާޤީ އެއް ކަމަށްވާ ޝަހުމް އަށް ގުޅިއެވެ. އަދި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ޝަހުމް ބުނީ އޭނަ ތަނެއްގައި ރުޤްޔާ ކިޔެވުމުގެ ކަންތަކުގައި މަޝްޢޫލުވެ އުޅޭ ކަމަށެވެ. އަދި އެތަން ނިންމާފައި އެގެއަށް ދާނެ ކަމަށް ބުންޏެވެ.
ފަހުން ޤުރުއާން ޖަހާފައި ހުއްޓާވެސް ފިރުޝާން އަށް މާބޮޑަށް ބާރުއަރަން ފެށިއެވެ. އޭނަ މައިތިރިކުރަން ދެއަތާއި ދެފައިގައި ހަތަރު މީހުން ހިފަހައްޓައިގެން ތިއްބެވެ. މިހެން ވަޤުތު ދަނިކޮށް 00:10 ހާއިރު ޝަހުމް އާއި އޭނައާއެކު ރުޤްޔާ ކިޔެވުމުގައި އުޅޭ ދެމީހަކު އަތުވެއްޖެއެވެ.
ޝަހުމް ލަހެއްނުވެ ފިރުޝާންގެ ކައިރީގައި ރުޤްޔާ ކިޔަވަން ފެށިއެވެ. ކިޔެވުމުގައި ވަޤުތުކޮޅެއް ދިއުމަށް ފަހު ފިރުޝާން އާއި ވާހަކަ ދައްކަން ފެށިއެވެ.
"ކޮން ނަމެއް ކިޔަނީ؟" ޝަހުމް ސުވާލުކުރަން ފެށިއެވެ.
"މުއާޒް" ފިރުޝާންގެ އަނގައިން ވާހަކަ ދައްކަނީ ނޭނގޭ ބާރެކެވެ. އޭރުވެސް މައިތިރިއެއް ނުވެއެވެ. ފިރުޝާންގެ ދެއަތާއި ދެފައިގައި ހަތަރު މީހުން ހިފަހައްޓައިގެން ތިއްބެވެ.
"ފުރިހަމަ ނަން ބުނެބަލަ" ޝަހުމް އެހިއެވެ.
"އަޙްމަދު މުއާޒް" އޭތި ބުންޏެވެ.
"އޭ ތެދެއްތަ؟ މީނަ އަށް ކިޔަނީ އެހެންތަ؟" ފިރުޝާން މައިތިރި ކުރަން ހިފަހައްޓައިގެން ތިބި މީހުންނާއި ޝަހުމް ސުވާލުކުރިއެވެ.
"ނޫން. އޭނަ އަށް ކިޔަނީ މުޙައްމަދު ފިރުޝާން. މުއާޒް އަކީ އޭނަގެ ކޮއްކޮ އަށް ކިޔާ ނަން" އެތަނުން މީހަކު ބުންޏެވެ.
"ތެދަށް ވާހަކަ ދައްކާ. ކޮން ރަށެއްތަ؟" ޝަހުމް ބުންޏެވެ.
"ތިނަދޫ" އޭތި ބުންޏެވެ.
ފިރުޝާން ތިނަދޫ އެއް ނޫނެވެ. އޭނަ އެރަށަކަށް ނުވެސް ދެއެވެ.
"ކީއްވެ މީނައާ އަޅައިގަނެގެން ތިއުޅެނީ؟" ޝަހުމް އެހިއެވެ.
"އޭނަ އަހަރެން ގައިގަ ޖެހީ" އޭތި ބުނީ ފިރުޝާން ޖެހީ ކަމަށެވެ.
"ކޮންއިރަކު ކޮންތާކުން ޖެހީ؟" ޝަހުމް އެހިއެވެ.
"ތަންކޮޅެއް ކުރިން، މޫދުން ޖެހީ" އޭތި ބުންޏެވެ.
"ކިހާ ކުރިއަކުން؟" ޝަހުމް އެހިއެވެ.
މިފަހަރު އޭތި އެއްޗެކޭ ނުބުންޏެވެ.
"ވާހަކަ ދައްކަބަލަ. އޭނަ އަށް ކަލޭ ނުފެންނަންޏާ ނޭނގި ޖެހިދާނެ އެއްނު. ދެން އޭނަ އަށް މަޢާފްކޮށްފަ ދޫކުރަންވީނު؟" ޝަހުމް ބުންޏެވެ.
"ދުލެއް ނުކުރާނަން. އޭނަ މަރާލާނަން" އޭތި ބުންޏެވެ.
"ކީއްވެ މަރާލަންވީ؟ ކަލޭ ތީ މަލަކުލްމައުތުތަ؟ ﷲ އުފައްދަވާފައިވާ މަޙްލޫޤެއް މަރާލުމުގެ ޙައްޤެއް ކަލެއަކަށް ނޯންނާނެ." ޝަހުމް ބުންޏެވެ.
"އޭނަ މަރާލާނަން" އޭތި އަނެއްކާވެސް ބުންޏެވެ.
"ކިހިނެއް މަރާލާނީ؟" ޝަހުމް އެހިއެވެ.
"އޭނަ ފާޚާނާ އަށް ވަންނަ އިރު މަރާލާނީ" އޭތި ބުންޏެވެ.
"ކަލެއަކަށް މަރައެއް ނުލެވޭނެ" ޝަހުމް ބުންޏެވެ.
ޝަހުމް އަނެއްކާވެސް ކިޔަވަން ފެށިއެވެ. އިރުކޮޅަކު ކިޔަވާފައި އަނެއްކާވެސް އެސޮރާ ވާހަކަ ދައްކަން ފެށިއެވެ.
"މީނަ އަށް މަޢާފް ކޮށްފަ ދޫކުރަންވީނު" ޝަހުމް ބުންޏެވެ.
"ދުލެއް ނުކުރާނަން. އޭނަ މަރާލާނަން" އޭތި ކުރިންވެސް ބުނިގޮތަށް ބުންޏެވެ.
އޭތި ގޮތް ދޫނުކުރިއެވެ. އެހެން ކަމުން ޝަހުމް އަށް ޖެހުނީ ތަކުރާރުކޮށް ވަރުގަދަ އަށް ކިޔަވާފައި އެސޮރުގެ ގައިގަ ކޮންމެވެސް ވަރަކަށް ޖަހައިގެން އޭތި ފޮނުވާލާށެވެ. ފެނަށް ކިޔަވާފައި އެސޮރުގެ ގަޔަށް ޖެހިއެވެ. ކިޔަވާތާ ގާތްގަނޑަކަށް އެއް ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން އެސޮރު ފިރުޝާން ގެ ގައިން ނުކުމެގެން ގޮސްފިއެވެ. އޭރު ގަޑިން މެންދަމު 01:30 ހާއިރު ވެއްޖެއެވެ.
ފިރުޝާން ހޭ އަރައިފިއެވެ. ފިރުޝާން ކޮޅަށް ނަގަން ކައިރީގައި ތިބި މީހުން މަސައްކަތް ކުރިއިރު ޝަހުމް އަށް ފިރުޝާންގެ އުނަގަނޑުން ތަވީދެއް ފެނުނެވެ. އެތަވީދު ނަގަން ޝަހުމް ބުންޏެވެ. ކައިރީގައި ހުރި މީހަކު އެތަވީދު ކަނޑާލާފައި ނެގިއެވެ. ފިރުޝާން އެތަވީދާ ބެހޭގޮތުން އެހިއެވެ. ފަޒްނާ ބުނީ އެތަވީދަކީ "ހަށިރައްކަލަކަށް" މީހަކު ހަދާދީފައިވާ އެއްޗެއް ކަމަށެވެ. ކުރިން ނަގާފައި އޮވެފައި ފިރުޝާން ފަހަކަށް އައިސް ފިޓުޖެހުން ގިނަވެގެން އޭތި އެޅީ ކަމަށެވެ. ތަވީދު އެޅުމަކީ ޝިރުކެއް ކަމާއި އެއީ ބޮޑު ފާފައެއް ކަން ފަޒްނާ އަށް ޝަހުމް
ބުނެދިނެވެ.
ފިރުޝާން ތެދުވުމުން ޝަހުމް ފިރުޝާން ގާތު ކިޔަނީ ކޮންނަމެއްތޯ އާއި ކޮން ރަށެއްތޯ ސުވާލުކުރިއެވެ. ފިރުޝާން އޭނަގެ އަސްލު ނަމާއި ރަށް ކިޔައިދިނެވެ. ފިރުޝާނަކަށް ކުރީގައި ހިނގި އެއްވެސް ކަމެއް ނޭނގެއެވެ. އޭނަގެ އަނގައިން އޭރު ވާހަކަ ދެއްކީ ޖިންނިއެވެ. ފިރުޝާން އާއި އޭނަގެ މަންމަ ފަޒްނާ ގާތުން ކުރީގައި ކަންތައް ދިމާވެފައިވާ ގޮތް ޝަހުމް އޮޅުންފިލުވިއެވެ.
ފަޒްނާ ކިޔައިދޭން ފެށިއެވެ.
"ފިރުޝާންގެ އުމުރުން އެންމެ 4 އަހަރެވެ. އޭރު އޭނަ އުޅުނީ ރަށުގައެވެ. އެއްދުވަހަކު ޢާއިލާ ކުދިންތަކަކާއެކު ފިރުޝާން މޫދަށް ދިޔައެވެ. ފިރުޝާން މޫދަށް ގާއުކިއެވެ. އޭގެ ފަހުން ފިރުޝާންގެ ލޮލުގެ ކަޅިއަށް ބަދަލު އައިސް އެހެން ފާޑަކަށް އުޅުނެވެ. ފިރުޝާނަށް ފިޓުޖެހެން ފެށީ އޭގެ ފަހުންނެވެ. ފިރުޝާން ވަރަށް ފަހުން މަސްދަތުރެއްގައި ދިޔައެވެ. ގިނަ ގިނައިން "ފިޓު ޖެހެން" ފެށީ އެދަތުރު ގޮސްފައި އައި ފަހުންނެވެ."
މިވާހަކަތައް އަޑުއަހާފައި ޝަހުމް ބުނީ އެޖެހެނީ ފިޓެއް ނޫން ކަމަށެވެ. އެއީ ޖިންނި އެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށެވެ.
ފިރުޝާން ބުނީ އޭނަ އަށް ހުވަފެނުގައި ވެސް އުނދަގޫތަކެއް ވަމުންދާ ކަމަށެވެ. މަސްދަތުރު ގޮސްފައި މޫދަށް އެއްޗެއް އެއްލާ އެކަހަލަ ކަމެއް ނުކުރާ ކަމަށް ފިރުޝާން ބުންޏެވެ.
ޝަހުމް ފިރުޝާން އަށް އިރުޝާދު ދިނީ ބަރާބަރަށް ނަމާދު ކުރުމަށާއި، ޤަވާއިދުން ބަޤަރާ ސޫރަތް އަޑުއެހުމަށާއި، ޔާސީން ސޫރަތާއި ޖިންނި ސޫރަތް ކިޔެވުމަށެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތައް އާދަކޮށް ކިޔެވުމަށާއި ފާޚާނާ އަށް ވަންނަ އިރު ދުޢާ ކިޔާފައި ވާތު ފައި އަޅާފައި ވަނުމަށާއި ނުކުންނައިރުވެސް ދުޢާ ކިއުމަށާއި ކަނާތު ފައި އަޅާފައި ނުކުތުމާއި ނިދާއިރުވެސް ދުޢާތަކާއި ޒިކުރުތައް ކުރުމަށްފަހު ނިދުން ފަދަ ކަންތައްތައް ކުރުމަށެވެ. އަދި މިއުޒިކާއި ލަވަ އަޑު ނޭހުމަށް ވެސް އިރުޝާދު ދިނެވެ. އެރޭ ޝަހުމް އާއި ރުޤްޔާ ކިޔަވާ މީހުން ދިޔައީ މިގޮތަށް ޢަމަލުކުރުމަށް ބުނެފައެވެ.
ފިރުޝާން އަށް މިޖެހެނީ ފިޓެއް ނޫންކަން 12 އަހަރަށް ފަހު ފަޒްނާ އަށް އެނގުނެވެ. އޭގެ ފަހުން ފިރުޝާނަށް ފިޓުޖެހޭތީ ޑޮކްޓަރުން ދީފައިވާ ބޭސް އޭނަ ކެއުން ހުއްޓާލިއެވެ.
ފިރުޝާން ފާޚާނާ އަށް ދުޢާ ކިޔާ ވަދެ ވުޟޫކޮށް އެރޭ ނިދީ ދުޢާތަކާއި ޒިކުރުތައް ކޮށްގެންނެވެ.
ފަތިސް ނަމާދު ކުރަން ޒިޔާން ފިރުޝާނަށް ގޮވިއެވެ. ނަމަވެސް ފިރުޝާން ނުހޭލައެވެ.
ފިރުޝާން އެދުވަހު ހޭލީ 11 ޖެހިފަހުންނެވެ. ތެދުވެ ފާޚާނާ އަށް ދުޢާ ކިޔާފަ ވަދެ ދަތްއުނގުޅާ މޫނު ދޮވެގެން ނުކުތެވެ. އެދުވަހު ފިރުޝާންގެ މޫޑު މުޅިއަކުން ރަނގަޅެއް ނޫނެވެ. މެންދުރު ވެއްޖެއެވެ. ފަޒްނާ ފިރުޝާނަށް ހެނދުނުގެ ސައިދޭން އުޅުމުންވެސް ނުބޮއެވެ. މެންދުރު ނަމާދު ވަޤުތު ވެގެން ނަމާދު ކުރަން ބުނެ ބުނެވެސް ނަމާދަށް ވެސް ނުދެއެވެ. މެންދުރުފަހު 13:00 ހާއިރު އެހެން ހުރެފައި ފިރުޝާން ވެއްޓިއްޖެއެވެ. ވެއްޓިފައި އޮވެފައި ތެދުވެ ކުޑަކަމުދާން ވެގެން ފާޚާނާ އަށް ދާން ބޭނުން ކަމަށް ބުންޏެވެ.
ފަޒްނާ އަށާއި އެގޭގައި ތިބި މީހުންނަށް އެއީ ނުބައެއް ކަން އެނގިގެން ފިރުޝާން ފާޚާނާ އަށް ވަނަނުދީ ހިފިހެއްޓިއެވެ. އެހިސާބުން ކަންތައްތައް ފެށުނީއެވެ. ފިރުޝާން ވަރަށް ރުޅި އައިސްފިއެވެ. ހިފަހައްޓައިގެން ތިބި މީހުންނާއި ދިމާއަށް "ދޫކުރާށޭ"، "ފާޚާނާ އަށް ދާން ބޭނުމޭ" ކިޔާފައި ވަރަށް ބާރު ދައްކަން ފެށިއެވެ. އެއީ ފިރުޝާންގެ އަސްލު ބާރެއް ނޫނެވެ. ފިރުޝާން ހިފަހައްޓަން އުޅުނު މީހުންނާއި ދިމާއަށް "މަރާލާނަމޭ" ކިޔާފައި އެމީހުންގެ ކަރުގައި ހިފަން ވެސް މަސައްކަތްކުރިއެވެ. އަމިއްލަ ކަރުގައި ހިފަންވެސް މަސައްކަތްކުރިއެވެ. އެންމެ ފަހުން ފިރުޝާން މައިތިރި ކުރެވުނީ އޭނަގެ އަތާއި ފައި ބަނަދެގެންނެވެ. އޭރު ގޭގައި ޤުރުއާން ޖަހަމުން ދިޔައެވެ.
ޒިޔާން މިވާހަކަތައް ޝަހުމް އަށް ގުޅާފައި ކިޔާދިނެވެ. ޝަހުމް ބުނީ ރޭގައި ކިޔެވީމަ ޖިންނި ރުޅިއައިސްގެން އުޅެނީ ކަމަށެވެ. އަދި ޤުރުއާން ޖަހާފައި ބެހެއްޓުމަށް ބުންޏެވެ.
އަތާއި ފައި ބަނދެފައި އޮތް ފިރުޝާން ހޭއަރައިފިއެވެ. މިހާރު އޭނަ ރަނގަޅެވެ. ވާހަކަ ދެއްކުން ހުރި ގޮތުން އެކަން އެނގެއެވެ. އޭގެ ފަހުން ގޭގައި އުޅޭ ކުދިންނާއެކު ގޭމް ކުޅެ ހެދިއެވެ. ނަމަވެސް، ބުނެ ބުނެ ނަމާދަކަށް ނާރައެވެ. ފިރުޝާން އެދުވަހު ކެއީ ހަވީރު ވީ ފަހުންނެވެ.
ގަޑިން 17:45 ހާއިރެވެ. ފިރުޝާން ސަކަރާތް ވާން ފަށައިފިއެވެ. ފިރުޝާން ވެއްޓިއްޖެއެވެ. އެހެން އޮވެފައި ކުޑަކަމުދާން ފާޚާނާ އަށް ވަންނަން ބޭނުމޭ ކިޔާފައި ތެދުވެއްޖެއެވެ. ފާޚާނާ އަށް ދާން އުޅުނީމަ ފަޒްނާ ފިރުޝާނަށް ވަނަނުދޭން އުޅުނެވެ. އެގަޑީގައި އެތާ ހުރީ އެންމެ ފިރިހެން ކުއްޖެކެވެ. އޭނަ ބުނީ މިހާރު ފިރުޝާން "އޯކޭ" ކަމަށެވެ. އޭނަ ފިރުޝާން ހިފަހައްޓާކަށް ނޫޅުނެވެ. ފަޒްނާ އަށް އެކަނި ފިރުޝާން ނުހިފެހެއްޓުނެވެ. އަދި ފާޚާނާ އަށް ދުޢާ ކިޔާފައި ވަންނާށޭ ފަޒްނާ ބުނެ ބުނެ ހުއްޓާ، ގަދަހަދާފައި ދުޢާ ވެސް ނުކިޔާ ފިރުޝާން ފާޚާނާ އަށް ވަދެއްޖެއެވެ.
"ތަންޑު ނާޅުވާތި ދަރިފުޅާ" ފިރުޝާން ފާޚާނާ އަށް ވަނުމުން ފަޒްނާ ބުންޏެވެ.
ނަމަވެސް ފިރުޝާން ފާޚާނައިގެ އެތެރެއިން ތަންޑު ވެސް އަޅުވައިފިއެވެ. ފާޚާނާ ދޮރު ކައިރީގައި ފަޒްނާ ކަންބޮޑުވެފައި ހުއްޓެވެ. ފާޚާނާ ތެރެއިން ފްލޭޝްކޮށްލި އަޑު އިވުނެވެ.
"އައްދިއްޔޯއް، އޭތި މިއޮތް އަހަރެން ގައިގައި ޖަހަނީ" ފިރުޝާން ހަޅޭއްލަވައިގަތް އަޑުން ފަޒްނާ ދިޔައީ ސިއްސައިގެންނެވެ.
އަވަސް އަވަހަށް ފަޒްނާ ސިޓިންގ ރޫމްގައި ތިބި ދެ ފިރިހެން ކުދިންނަށް ގޮވިއެވެ. އެތަނުން ފިރިހެން ކުއްޖަކު ގޮސް ދޮރުގައި ޖަހާ އެތެރެއިން އަޅުވާފައި ހުރި ތަންޑު ހަލާކުކޮށް ދޮރު ހުޅުވިއެވެ. އޭރު ފިރުޝާން ފާޚާނާ ތެރެއަށް ވެއްޓެނީއެވެ. އަވަހަށް އެންމެން ވެގެން ފިރުޝާންގެ ގައިގައި ހިފަހައްޓާ ފާޚާނާއިން ބޭރަށް ނެރެ ކޮޓަރީގެ ތަޅުން މަތީގައި ބޭއްވިއެވެ.
އިރުކޮޅެއް ފަހުން ފިރުޝާންގެ ގަޔަށް އާދަޔާއި ޚިލާފަށް ބާރު އަރާ އަތާއި ފައި ހަރަކާތްކުރަން ފަށައިފިއެވެ. ޖިންނީގެ ފޯރި ފެށުނީ އެވެ. "ކަލޭ މަރާލާނަން، އެންމެން މަރާލާނަން" ބަރުއަޑުން އެސޮރު ތަކުރާރުކޮށް ހަޅޭއްލަވަމުން ދިޔައެވެ.
ޒިޔާން ޝަހުމް އަށް ގުޅާފައި ވެގެން އުޅޭގޮތް ކިޔާދީ އެގެއަށް އައިސް ދިނުމަށް އެދުނެވެ. ޝަހުމް ބުނީ އެވަޤުތު މަސައްކަތެއްގައި ވަރަށް ބިޒީ ކަމަށެވެ. އަދި ނިމުމުން އަންނާނެ ކަމަށެވެ.
ފިރުޝާންގެ ކަންފަތް ދޮށުގައި ޤުރުއާން ޖަހަން ފެށުމުން މައިތިރިވިއެވެ.
މަޣްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ. ފިރިހެން ކުދިންގެ ތެރެއިން އެއްބަޔަކު ފިރުޝާން ކައިރީގައި މަޑުކުރުމަށްފަހު ދެންތިބި ކުދިން ނަމާދަށް މިސްކިތަށް ދިޔައެވެ. ފަޒްނާ ވެސް މަޣްރިބް ނަމާދު ކޮށްފިއެވެ.
ފިރުޝާންގެ ގަޔަށް އަނެއްކާވެސް ބާރު އަރަން ފެށިއެވެ. އެގަޑީގައި އެގެއަށް އައި ފިރުޝާންގެ ދެބެންގެ ދަރި ބޭބެ ޝިމާލް އަށް މިމަންޒަރު ފެނިގެން ފިރުޝާންގެ ގައިގައި ހިފަހައްޓަން އޭނަގެ 3 ރައްޓެހިން އެތަނަށް ގެނުވިއެވެ. އެތިން މީހުންނާއި ޝިމާލް ފިރުޝާންގެ ދެއަތާއި ދެފައިގައި ހިފަހައްޓައިގެން ތިއްބެވެ.
"ކަލޭ މަރާލާނަމޭ، އެންމެން މަރާލާނަމޭ، އޭނަ ފާޚާނާ އަށް ވަނީމަ މަރާލާނަމޭ" ކިޔާ އެސޮރު އޭރުވެސް ބަރުއަޑުން ގޮވަމުން ދިޔައެވެ.
ޝިމާލްގެ ރައްޓެހިންގެ ތެރޭގައި ހުރި ބަޝީރުގެ ކޮއްކޮ އަކަށްވެސް ޖިންނި އަވަލުމުގެ ސަބަބުން ވަރަށް ބޮޑު އުނދަގޫތަކެއް މީގެ ކުރިން ކުރިމަތިވިއެވެ. އޭނަ އަށް ފަރުވާކުރުމަށް ރުޤްޔާ ކިޔެވީ ވެސް ޝަހުމް އެވެ. ވުމާއެކު ބަޝީރު ވެސް ގުޅަން ފެށީ ޝަހުމް އަށެވެ. ރޭގައި ފިރުޝާންގެ ކައިރީގައި ޝަހުމް ރުޤްޔާ ކިޔެވި ކަމެއް ބަޝީރަކަށް ނޭނގެއެވެ. ބަޝީރަށް އެކަން އެނގުނީ ޒިޔާން ބުނީމައެވެ. ޒިޔާންވެސް ޝަހުމް އަށް ދެންމެވެސް ގުޅާފައިވާނެ ކަމަށާއި، ޝަހުމް ބިޒީ ކަމަށް ޒިޔާން ބަޝީރު ގާތު ބުންޏެވެ.
އިޝާ ނަމާދަށް ބަންގި ގޮވައިފިއެވެ. ފިރިހެނުންގެ އެއްބަޔަކު ފިރުޝާން ކައިރީގައި މަޑުކުރުމަށްފަހު ދެންތިބި ކުދިން ނަމާދަށް މިސްކިތަށް ދިޔައެވެ. ފަޒްނާ ވެސް އިޝާ ނަމާދު ކޮށްފިއެވެ.
ފިރުޝާން މައިތިރި ނުވެއެވެ. ގަޑިން 20:45 ވެއްޖެއެވެ. ޝަހުމް އަށް ނާދެވި ލަސްވާތީ ބަޝީރު ދަންނަ ރުޤްޔާ ކިޔަވާ މީހެއް ކަމަށްވާ ފާއިޒް ގެނައެވެ. ފާއިޒް ފިރުޝާންގެ ކައިރީގައި ކިޔެވިއެވެ. އަދި ފެނަށް ކިޔަވާފައި ފިރުޝާންގެ ގަޔަށް ޖެހުމުން ފިރުޝާން ހޭއެރިއެވެ.
ފާއިޒް ފިރުޝާން އާއި ހިނގާދިޔަ ކަންތަކާމެދު ސުވާލުކުރިއެވެ. ފިރުޝާން ބުނީ އޭނަ ހަވީރު ފާޚާނާ އަށް ވަދެ ހުއްޓާ "ބޮޑު ކަޅު އެއްޗެއް" ބުރަކަށީގައި ވަރަށް ބާރަށް ޖެހީ ކަމަށެވެ. ދެން އެނބުރުންއަރާފައި ވީގޮތެއް އޭނަ އަށް ނޭނގޭ ކަމަށް ފިރުޝާން ބުންޏެވެ. އެރޭ ފާއިޒް ދިޔައީ ފިރުޝާން ދުޢާ ކިޔާފަ ފާޚާނާއަށް ވަދެ، ވުޟޫ ކޮށްގެން ނުކުތުމުންނެވެ. ފާއިޒް ބުނީ މިއީ މާބޮޑު ކަމެއް ނޫން ކަމަށެވެ. އަދި ޤަވާއިދުން ރަސްމީކޮށް އަނެއް ދުވަހުން ފެށިގެން ކިޔަވަން ފަށާނެ ކަމަށް ބުންޏެވެ.
ޝަހުމް އެރޭ އެގެއަށް އައުމަށްޓަކައި ޒިޔާނަށް ގުޅީ ފާއިޒް އައިސް ކިޔަވަން ފެށި ފަހުންނެވެ. ޒިޔާން ވީގޮތް ކިޔައިދިނެވެ. ފާއިޒް ގެނައީ ފިރުޝާންގެ ދެބެންގެ ދަރި ބޭބެއެއް ޒިޔާނަށް އެނގުމަކާނުލާ ކަމަށް ބުންޏެވެ. ޝަހުމް އެދުނީ އޭނާ އަށް ވެސް ވާނުވާ އަންގަމުން ދިއުމަށެވެ.
ފިރުޝާން އެރޭ ނިދީ އިޝާ ނަމާދުކޮށްގެން ނިދާއިރު ކިޔާ ޒިކުރުތައް ކިޔައިގެންނެވެ. އޭގެ އަނެއް ދުވަހެވެ. ހޯމަ ދުވަހެވެ. ޒިޔާން މިއަދު ވެސް ފިރުޝާނަށް ފަތިސް ނަމާދަށް ގޮވިއެވެ. ނަމަވެސް، ފިރުޝާން ނުހޭލައެވެ.
ފިރުޝާން އެދުވަހުވެސް ހޭލީ 11 ޖަހާ ބޮޑުވި ފަހުންނެވެ. އެދުވަހުވެސް މެންދުރު ފަހު 13:00 ހާއިރު ފިރުޝާން ވެއްޓުނެވެ. އޭރު ވެއްޓިފައި މާގިނައިރެއް ނުވެ ހޭއަރާ ހަމައަކަށް އެޅިއްޖެއެވެ.
ފަޒްނާ ބޭނުންވީ ފާއިޒްގެ ބަދަލުގައި ޝަހުމް ގެނެސްގެން ޤަވާއިދުން ރުޤްޔާކޮށްގެން ފިރުޝާން ރަނގަޅުކުރާށެވެ. ފަޒްނާ އެވާހަކަ ޒިޔާން ގާތު ބުންޏެވެ. ޒިޔާން ފާއިޒް އަށް ގުޅާފައި މިގޮތަށް ކިޔައިދިނެވެ. ފާއިޒް ބުނީ މައްސަލައެއް ނެތް ކަމަށާއި އެގޮތަށް ކުރިއަށް ގެންދިއުމަށެވެ.
ޒިޔާން މިކަން ޝަހުމް އަށް އެންގިއެވެ. ޝަހުމް ބުނީ މިރޭ އިންޝާﷲ އަންނާނެ ކަމަށެވެ.
ފިރުޝާން އިއްޔެ އަށް ވުރެ މިއަދު ރަނަގަޅެވެ. މިއަދު ނަމާދުތައް ކުރިއެވެ. އެ ރެއިން ފެށިގެން 7 ރޭ ވަންދެން ޝަހުމް އާއި އޭނަ އާއެކު ރުޤްޔާ ކިޔެވުމުގައި ޙަރަކާތްތެރިވާ ދެމީހުން ފިރުޝާން އަށް ރުޤްޔާ ކިޔެވިއެވެ.
މިހާރު ﷲ ގެ ރަޙްމަތްފުޅާއެކު ފިރުޝާނަށް ޖިންނީގެ އުނދަގުލެއް ނުފޯރައެވެ. 12 އަހަރަށް ފަހު ފިރުޝާނަށް ޖެހެމުން ދިޔައީ ފިޓެއް ނޫން ކަން އެނގި، އެކަމަށް ﷲ ގެ ރަޙްމަތްފުޅާއެކު ފަރުވާ ލިބުމުން ފަޒްނާގެ ހިތަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. ހުރިހާ ޙަމްދެއް ހުރީ ބަލިތަކަށް ޝިފާ ދެއްވާ ﷲ އަށެވެ.
_______
ނޯޓް : މިއީ ޙަޤީޤީ ޙާދިޘާ އެއްގެ މައްޗަށް ލިޔެވިފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކުރެވިފައިވާ ނަންތަކަކީ އަޞްލު ނަންތަކެއް ނޫނެވެ. ވާހަކައިގައި ބޭނުން ކުރެވިފައިވާ ތާރީޚަކީ އަޞްލު ތާރީޚެވެ. ބައެއް ޑައިލޮގްތަކުގައި ސީދާ އަޞްލު ޙާދިޘާ ހިނގި އިރު ދިމާވި ޑައިލޮގްތަކާއި ކުޑަ ތަފާތެއް ހުރެދާނެއެވެ.
_______
ވާހަކަ އާއި ގުޅޭ ބައެއް ލިންކުތައް :
ރުޤްޔާ ޝަރުޢިއްޔާ ނުވަތަ ޝަރުޢީ ފަންޑިތަ
ސިޙުރާއި ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކިޔަވަންވީ ވިރުދުތައް!
“ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް” ރަޖިސްޓްރީ ނުވީ ކީއްވެބާ؟
މި ޙަޤީޤީ ވާހަކަ ގެނެސްދެއްވި ކަމަށްޓަކައި ޙަސަން ޝިޔާޒަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.
ބަރާބަރަށް ނަމާދުކޮށް، ޤުރުއާން ކިޔަވާ އަދި އެހެނިހެން ޒިކުރުތައް ކިޔާ މީހެއްގެ މައްޗަށް ޖިންނިއަކަށް ބާރުނުފޯރުވޭނެއެވެ. ގިނަ ފަހަރަށް މާތް ﷲ ގެ ޒިކުރުން ޣާފިލުވުމުގެ ސަބަބުން ޖިންނީންނަށް އިންސާނުންގެ މައްޗަށް އެއްވެސް ހުރަހެއް ނެތި ބާރު ފޯރުވޭނެއެވެ.
މާތް ﷲ ގެ ޒިކުރުމަތީގައި އިންނަ މީހަކީ އެއިލާހުގެ ވަރުގަދަ ކިއްލާއަކުން ރައްކައުތެރި ކުރެވިފައިވާ މީހެކެވެ.
މި ވާހަކަ ވވވވވ ސަޅި……. ﷲ މި އާއިލާ މި ކަމުން ސަލާމަތް ކޮއް ދެއްވި ކަމައްޓަކާ ޝުކުރު ކުރަން………..
mifadha vaahakatakun a,ibray haasil kutahvaa
Alhamdulillah Ya ALLAH
Maasha ALLAH warah ibraitheri
JazakALLAH khayr