ލެފްޓިނެންޓް ޖެނެރަލް ޙާމިދު ގުލްއަކީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ޕާކިސްތާނު ސިފައިންގެ ކޮމާންޑަރުކަން ކުރައްވާފައިވާ، އަދި އޭގެފަހުން 1987 ން 1989އަކަށް ޕަކީސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަޤާމް ފުރުއްވާފައިވާ މިލިޓަރީ ގޮތުންނާ ސިޔާސީގޮތުން ފުންނާބު އުސް ތަޖުރިބާކާރެކެވެ. ޙާމިދު ގުލް މަޝްހޫރުވެ ވަޑައިގެން ޢާއްމު ރައްޔިތުންނާ ބައިނަލް އަޤްވާމީ ދުނިޔޭގެ ތާއީދު ލިބިވަޑައިގަންނަވަން ފަށާފައިވަނީ، ރަޝިޔާއިން އަފްޣާނިސްތާނަށް އަރައިގެން އުޅުނު ދުވަސްވަރު ޕާކިސްތާނު-ސަޢޫދީ-އެމެރިކާ ގުޅިގެން އޭރު އަފްޣާނިސްތާގައި ޖިހާދު ކުރި މުޖާހިދުންނަށް ފަންޑު ހޯދައިދީ މާއްދީ އެހީތެރިކަން ފޯރުކޮށްދިން ދުވަސްވަރުގައެވެ. މުޖާހިދުންގެ އަތުން އެތައްހާސް ރަޝިޔާ ސިފައިން މަރުވުމަށްފަހު ބަލިވެގެން ރަޝިޔާގެ ފައުޖުތައްވަނީ އަފްޣާނިސްތާނުން ފައިބައިގެން ގޮސްފައެވެ.
ބުޝް އެމެރިކާގެ ސަރުކާރާ ޙަވާލުވުމަށްފަހު އެމެރިކާ ސަރުކާރުން ޙާމިދު ގުލްވަނީ އދ. ގެ ބައިނަލްއަޤްވާމީ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޗައިނާއިން ވީޓޯ ކުރުމުގެ ސަބަބުން އެކަންވަނީ އެމެރިކާއަށް ކާމިޔާބުވާގޮތް ނުވެފައެވެ.
މިހާރުގެ ޕާކިސްތާނުގެ ރައީސް ޢާޞިފު ޢަލީ ޒަރުދާރީއަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވާ ބޭފުޅަކީ ޙާމިދު ގުލްއެވެ. އޭނާވަނީ ޕާކިސްތާނުގެ ކުރީގެ ގާނޫނުތައް ތަންފީޒުކުރުމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓަށް ގޮވާލައްވާފައެވެ.

















ޚިޔާލު