1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ އަތް ދަށުން އަޅުގަނޑުމެންނަށް ލިބުނު މިނިވަންކަން މަތީ އޮންނަތާ މިވީ ފުރިހަމަ 54 އަހަރެވެ. އައްސުލްތާން މުޙަންމަދު ފަރީދު ދީދީ ގެ ފަރާތްޕުޅުން ކުރީގެ ރައީސް، އާދެ އިބަރާހީމް ނާސިރް ރަންނަބަނޑޭރި ކިލޭގެފާން، ކޮޅުންބުގައި ސޮއެ ކުރެވުނު އެއްބަސް ވުމާއެކު، މިނިވަން ކަމުގެ ޝަރަފުން ދިވެހި ޖައްވު އުޖާލާވެގެ ދިޔައެވެ. ދިވެހި ދައުލަތުގެ ނިޝާން ޖެހިލުންވުމެއް ނެތި ދިވެހި ްޖައްވުތެރޭ ވިހުރުވެން ފެށިއެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މިއަދު އަޅުގަނޑުމެން ދިވެހިންނަށް މި ވަނީ މިނިވަން ކަމުގެ ހަޤީޤީ މާނަ އޮޅިފައި ކަމެވެ.
ދިވެހިން ދެކެމުން އައި މިނިވަންކަން މިއަދު މިވަނީ މުޅިން ބަދަލުވެފައެވެ. މިނިވަން ކަމުގެ ނަމުގައި ތިބެގެން އަޅުވެތިކަމާއި ގައިގޯޅިވަމުން ދާއިރު އެކަން އިހްސާސް ކުރެވެނީ ކިތައް ދިވެހިންނަށް ބާވައެވެ؟ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި މިނިވަންކަން ނަހަމަ ގޮތުގައި ބޭނުން ކުރަނީ ކިތައް ދިވެހިން ބާވައެވެ؟ މިނިވަން ކަމުގެ ނަމުގައި، އަޅުގަނޑުމެންގެ އިސްލާމީ ރިވެތި އުސޫލުތަކަށް ފާޅުގައި ގޮންޖަހަމުންދާ ދިވެހި ޒުވާނުން މިދަނީ އިތުރު ވަމުންނެވެ. މިނިވަންކަން ގެއްލި މާއްދިއްޔަތަށް އަޅުވެތި ވެވޭއިރު އެކަން ވަޒަން ކުރެވެނީ މަދު ބަޔަކަށެވެ. އަޅުގަނޑުމެން މުސްލިމުންނަށް ވީހިނދު ލިބިގެންވަނީ ވަކި ހައްދެއްގެ ތަރޭގައިވާ މިނިވަންކަމެވެ. މި އިމުން ބޭރުވެއްޖެ ނަމަ އެ ވެވެނީ އަނިޔާވެރި ނޫންހެއްޔެވެ؟ އަރައިގަނެވެނީ އެހެން މީހުންގެ ހައްޤުތަކާއި މިނިވަން ކަމަށް ނޫންތޯއެވެ؟
އަޅުގަނޑުމެންގެ މިނިވަންކަން މަޑުމަޑުން ބީވަމުން ދާކަމުގެ ނިޝާންތައް ފެންނަން ފެށީ މީގެ އަހަރެއް ދެއަހަރެއް ކުރިއަކުން ނޫނެވެ. އެތިކޮޅަކަށް ފަހު އެތިކޮޅެއް، މަޑުމަޑުން ލަސްލަހުން އޮވެ އަޅުގަނޑުމެންގެ އަތުން ދޫވެ ދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެގޮތުން ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރު، އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޖީ.އެމް.އާރ އަށް 25 އަހަރަށް ކުއްޔަށްދިނުން ވެގެންދިޔައީ ދިވެހިންގެ މިނިވަން ހަޔާތުގައި އައި ކަޅު އަނދިރި ނާމާން ދުވަސްތަކަކަށްށެވެ. 2011 ވަނަ އަހަރު ހިނގި މި އިޤްތިސާދީ ޖަރީމާއިން ފައިދާ ކުރީ ހަމައެކަނި އޭރުގެ ސަރުކާރުގައި އިސްކޮށްއުޅުނު ދެތިން ފަރުދަކަށްށެވެ. ދިވެހި ރައްޔިތުންނަށް ވީގެއްލުމެވެ. އެގޮތުން، "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" އަލުން އަނބުރާ ހޯދުމަށް ޖީ.އެމް.އާރ ކުންފުންޔަށް 271 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހުނެވެ. ޖީ.އެމް.އާރގެ އަތުން އެއާޕޯޓް ހޯދުމަށް ފަހުގައިވެސް، އިތުރަށް އެއާޕޯޓް ތަރައްޤީ ކުރުމަށް ޗައިނާއިން ބޮޑު ލޯނެއް ނަގާ، އަނެއްކާވެސް އިޤްތިސާދީ އަޅުވެތިކަމާ ދިމާލަށް ދިވެހިންގެ މިނިވަންކަން ދިޔަކަން ހިތާމަޔާއެކު ފާހަޤަކުރަމެވެ.
ފަހުގެ ތާރީހުގައި ދިވެހިންގެ މިނިވަންކަމަށް އެންމެ ނުރައްކާތެރިވި އެއް ކަމަކީ 2014 ވަނަ އަހަރު "ސްޕެޝަލް އިކޮނޮމިކް ޒޯން" ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމެވެ. ކުރިގެ ސަރުކާރަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުއޮވެގެން ފާސްކުރި މި ބިލްގެ ސަބަބުން، ބޭރުގެ އިންވެސްތަރުންނަށް ދިވެހިރާއްޖެއިން ބިން މިލްކުކުރެވޭނެއެވެ. ޝައްކެއްނެތެވެ. މި ބިލްގެ ސަބަބުން އެތައް މިލިއަން ޑޮލަރެއް ރާއްޖޭގައި ބޭރު އިންވެސްތަރުން އިންވެސްޓް ކުރާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މިނިވަން ކަމަކީ މީޒާނަކުން ކިރާ އަގުކުރެވޭނެ އެއްޗެއް ނޫންކަން ޔަގީނެވެ. ކޮންމެ ދިވެހި ވެލިފުކަކީ ހުރިހާ ދިވެހިންގެ އަމާނާތެކެވެ. ބޭރުގެ އެއްވެސް ފަރާތަކަށް މި މިލްކީޔާތަކުން ހައްޤެއްނެތެވެ. މި ބިލްވަނީ ހަމަ 18 ވަނަ މަޖިލީހުން އުވާލާފަކަން އުފަލާއެކު ފާހަގަކުރެމެވެ. ނަމަވެސް މި ބިލް އުވާލެވުނު ދުވަހަކީ ދިވެހިރާއްޖޭގައި އިންޑިޔާގެ ރާޑަރ ސިސްޓަމެއް އެޅުމަށް ހުއްދަދިން ދުވަސްވެސްމެއެވެ.
19 ދިވެހިންގެ ލެއިން އެމީހެއްގެ އަތް، ފޯވެފައިވާ ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ސިލޯނަށް ފޮނުވާލާ، ފިއްލުވާލުމަށްފަހު، 2019 ވަނަ އަހަރު އޭޕްރީލް މަހުގެ 20 ވަނަދުވަހު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީ އަށް "އަމާން" ދިންކަން ދިވެހިނަށް ދިވެހިރާއްޖޭގެ ސަރުކާރުން ސިއްރުކުރީ ކީއްވެބާއެވެ. ލުތުފީފަދަ ޤައުމަށް ޣައްދާރުވެފައިވާ ހާއިނެއް އެންބަސީގައި ފޮރުވައިގެން ގެންގުލުނީ ކީއްވެބާވައެވެ. އެންބެސެޑަރު ނިދުމަށް ހަމަޖެހިފައިވާ ކޮޓަރިގައި ނިދާލައިގެން ސަރުކާރުގެ ޑިޕްލޮމެޓިކް ކާރު ބޭނުންކުރީ ކީއްވެހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ މިނިވަންކަމަށް ހުރި ނުރައްކަލެއް ނޫންތޯ؟ ދިވެހި ސަރުކާރުން، މިފަދަ މީހުން ހިމާޔަތް ކުރަންވި ކީއްވެތޯ؟ ސަރުކާރަށް ރައްޔިތުން ބާރުއެޅުމުގެ ސަބަބުން ލުތުފީ ގެނަސްފައި ހުރިނަމަވެސް، ލުތުފިއަށް ސަރުކާރުން ލަގްޒަރީ ދިރިއުޅުމެއް ދިވެހިންގެ ޓެކްސް ފަސާއިން ނުދޭކަމަށް ވާނެތޯ؟
ދިވެހިރާއްޖެ މިހާރު ތަސައްވަރު ކުރަމުން މިދަނީ ބިރުވެރި ނާމާން ވަގުތުތަކެކެވެ. ދިވެހި ކަނޑުއޮޅިތައް ގިރާކުރުމަށްފަހު އެތެރެވަރިއަށް ދެމިގަތީ މިވެށި ދުވަހަކު ތަޖުރިބާނުކުރާ ވަރުގެ އޮއެވަރުތަކެކެވެ. މި އޮއެވަރުތަކުގައި ޖެހި ދިވެހިރާއްޖޭގެ މިނިވަންކަމުގެ އޮޑީގެ މިސްރާބުވެސް މިވަނީ ގެއްލިފައެވެ. ބޯމަތިވަމުން އަންނަ މި އިގްތިސާދީ ތޫފާނުގެ ވިލާގަނޑުން، އަޅުގަނޑުމެންގެ ނަލަނަލަ މި ދިވަހިރާއްޖޭގެ އުދަރެސް މިވަނީ ބަނަވެފައެވެ. ދައްކަން މި އުޅެނީ އިންޑިއާގެ ވާހަކައެވެ. "ހިލޭ" އެހީގެ ނަމުގައި އަޅުގަނޑުމެންނަ މިލިއަނުން ވެދުން ކުރަނީ ހަމަ އެދުމެއް ނެތިބާވައެވެ؟ މީގެ އިތުރުން ކޯރަކުން ފެން އޮހޮރިގެން ދާފަދައިން ކުރެޑިޓް ލައިންތަކާއި، ބިލިއަނުން ލޯނުތައް ހުޅުވާލާފައި އެވަނީ ސަބަބެއް ނެތިބާވައެވެ. އިންޑިއާއިން އަޅުގަނޑުމެންނަށް "ހިލޭ" ދީފައިވާ ދެ ހެލިކޮޕްޓަރު ދުއްވުމަށް ދިވެހިރާއްޖެ ފޮނުވާފައިތިބީ ކިތައް ހަތިޔާރު އެޅި އިންޑިޔާ ސިފައިންކަން އެނގެނީ ކިތައް ދިވެހިންނަށް ބާވައެވެ؟ މި އަދަދު ދުވަހެއް ދުވަހަކަށް އިތުރުވާކަން ނޭނގޭ ދިވެހިން އުޅޭބާވައެވެ. 140 ގައިކުރާ އަދަދަކަށް ތިބި އިންޑިޔާ ސިފައިން، މިދިވެހި ފަސްގަނޑުގައި ތިބީ ކޮންބޭނުމަކުތޯއެވެ؟ އެމީހުން ނުފޮނުވާލެވިގެން އެ އުޅެނީ ކީއްވެގެން ބާވައެވެ؟
ދިވެހިރާއްޖޭގެ ހަޤީޤީ މިނިވަންކަމަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ޤައުމީ މަސްލަހަތައްވުރެއް އަމިއްލަ އެދުން އިސްކޮށްގެން ތިބި ސިޔާސީ ފަރާތްތަކެވެ. ޤައުމު ހިނގަންތިބި ވެރިންނެވެ. އަދި މިނިވަން ކަމުގެ މާނަ އޮލުވާލައިގެން ތިބި، ހުޅަނގަށް އަޅުދާސް ވެފައިވާ ދިވެހި ޒުވާނުންނެވެ. ދިވެހި ފަސްގަނޑު ބޭރުގެ އަދުއްވުންނާއި، ޤައުމަށް ގައްދާރުވާ މީހުންގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރަށްވާ، މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރައްވާށިއެވެ. އާމީން.
ޚިޔާލު