މިމަހުގެ 28 ވަނަ ދުވަހު ލިބުނު މިޚަބަރަކީ އެތައް ބައެއްގެ ލޯތައް ކަރުނުން ތެންމާލި ހިތާމަވެރި ޚަބަރެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ދިރިއުޅެމުންދާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ދީލަތި ހިތްތިރި އަލީ ބަނާތު މިދުނިޔެއާއި ވަކިވެގެންދިޔަ ޚަބަރަކީ އެތަކެއް ބަޔަކަށް ހިތްދަތިކަން ގެނުވި ޚަބަރެކެވެ. މިއޯގާތެރިޔާ ތިބާ ދަންނަމު ހެއްޔެވެ؟
އަލީ ބަނާތަކީ ކާކު؟
އަލީ ބަނާތުއަކީ އޮސްޓްރޭލިއާގެ ހުޅަނގު ދެކުނު އަވަށަކަށް ނިސްބަތްވާ މުސްލިމް މިލިއަނަރެކެވެ. އުމުރުން 33 އަހަރުގައި އަމިއްލަ މަސައްކަތުން ކާމިޔާބު ދެ ވިޔަފާރިއެއް ހިންގަމުންއައި ވިޔަފާރިވެެރިއެކެވެ. އަގުބޮޑެތި ކާރު އޭނާގެ މިލްކިއްޔާތުގައި ވިއެވެ. ލާ އުޅުނީ އެންމެ ފެންވަރު ރަނގަޅު އަންނައުނެވެ. އަޅާ އުޅުނީ ބްރޭންޑެޑް އަވިއައިނެވެ. އަރާ އުޅުނީ އަގުބޮޑު ފައިވާނާއި ބޫޓަށެވެ.
ހަޔާތް ބަދަލުކޮށްލީ ކެންސަރު
ދިރިއުޅުމުގައި އެއްވެސް ހާސްކަމެއްނެތި އުޅެމުންއައި މިޒުވާނާގެ މުޅި ޙަޔާތް އެފުށް މިފުށަށް ޖަހާލީ ކެންސަރު ބައްޔެވެ. އެނގުނުއިރު ހުރީ ހަތަރުވަނަ ސްޓޭޖްގައެވެ. ދުވަހެއް ދުވަހަކަށް ލިބެމުންދިޔައީ ބިރުން ފިތްކަނޑައިގެންދާ ފަދަ ޚަބަރުތަކެވެ. ކެންސަރުގެ ވަކިތައް އޭނާގެ ފުއްޕާމެއާއި ކަށިތަކުގައިވެސް ހިތްޕާލައިފި ކަމުގެ ހިތްދަތި ޚަބަރުތަކެވެ. އެހެންނަމަވެސް ބަލީގެ ވޭނުގައި ބަލި އެނދުގައި އޮތުމުގެ ބަދަލުގައި މިޒުވާނާ ޚިޔާރުކުރީ އެހެންމަގެކެވެ. ހަޔާތާމެދު އޭނާދެކުނީ ކެންސަރު ބައްޔަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލުމަށް ލިބުނު ފުރުޞަތެއް ކަމުގައި ދެކި މަސައްކަތް ފެށިއެވެ.
އަލީ ބަނާތު މަޝްހޫރުވެގެންދިޔައީ މީގެ ތިންއަހަރުކުރިން ލިވިންގ މުސްލިމްއިން ގެނެސްދިން :ގިފްޓެޑް ވިތް ކެންސަރ" ވީޑިއޯއިންނެވެ. މިވީޑިއޯގައި އަލީ ބަނާތު އޭނަގެ ހަޔާތުގެ ވާހަކަތައް ހިއްސާކުރިއެވެ.
އެގޮތުން ކެންސަރަކީ ﷲ ސުބްހާނަހޫ ވަތައާލާ އެނާއަށް ދެއްވި ނިޢުމަތެއް ކަމުގައި ބުނެފައިވެއެވެ. އަދި ކެންސަރުފަދަ ނުރައްކާތެރި ބައްޔެއް ޖެހުމުން އެއީ ނިޢުމަތެއް ކަމުގައި ބުނަނީ ކީއްވެތޯ ޝައިޚް މުޙައްމަދު ހޮބްލޮސް ބަނާތުގާތު އެހުމުން ބުނެފައިވެއެވެ.
"އަލްހަމްދުލިﷲ. އެއީ ނިޢުމަތެއް ސަބަބަކީ އެއީ ރަނގަޅު މުސްލިމަކަށްވުމަށް ﷲ އަހަރެންނަށް ދެއްވި ފުރުޞަތެއް. އަހަރެންގެ އުޅުން އިސްލާހުކޮށް ރަނގަޅު މުސްލިމަކަށް ވެވުނީ ކެންސަރުގެ ސަބަބުން" ބަނާތު ބުނެފައިވެއެވެ.
އެގޮތުން ބަނާތު އޭނާގެ ދެވިޔަފާރި ވިއްކާލިއެވެ. އަގު ބޮޑެތި ކާރާއި މުދާތައް ދޫކޮށް ދިރިއުޅެމުންދިޔަ ޝާހީ، ފެންވަރުމަތީ ދިރިއުޅުންވެސް ދޫކޮށްލިއެވެ. ފަޤީރުންނަށްޓަކައި މުޅި މިލްކިއްޔާތު ޞަދަޤާތްކުރިއެވެ. ހަޔާތުގައި ދިރިއުޅެން ބާކީ އޮތްކަމަށް ޑޮކްޓަރުބުނި 7 މަސް ދުވަސް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުސްކުރިއެވެ. އަޅުކަންތައް އަދާކުރުމުގައި ފަރުވާތެރިވިއެވެ.
މުސްލިމްސް އަރައުންޑް ދަ ވޯލްޑް ޕްރޮޖެކްޓް
މިއީ އަލީ ބަނާތު މުސްލިމުންނަށް އެހީތެރިވުމަށް ފެށި މަސައްކަތެވެ. މިމަސައްކަތާއިމެދު އޭނާ ބުނެފައިވެއެވެ.
"ކެންސަރު ބަލީގައި ދުނިޔެދޫކޮށްފައިވާ އަޚެއްގެ މަހާނައަށް އަހަރެން ޒިޔާރަތްކުރިން. އެތަނުގައި އިނދެ އަހަރެންނަށް ވިސްނުނު. ކަށްވަޅުގައި އޮންނަންޖެހޭނީ އެކަނިމާއެކިނި. މަންމައެއް ބައްޕައެއް ބޭބެއެއް ނުވަތަ ދައްތައެއްވެސް އެތާކު ނުހުންނާނެ. އެތަނުގައި އަހަރެންނާއެކުވާނެ އެއްޗަކީ މިދުނިޔޭގަކުރި ހެޔޮޢަމަލެއް ކަމުގައި އަހަރެންނަށް ވިސްނުނު"
2015 ވަނަ އަހަރުގެ އޮކްޓުބަރ މަހުފެށި މިމަސައްކަތަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދެމިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު މިފަންޑުގެ އެހީގައި އެފްރިކާގެ ޓޯގޯގައި ދަތި ހާލުގައި ދިރުއުޅެމުންދާ ރައްޔިތުންނަށް މިޕްރޮޖެކްޓުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ހުވަފަތް ވެފައިވާ އަންހެނުންނަށް 200 ގެއެއް ބިނާކުރުމާއި ޔަތީމް ޚާނާއަކާއި ސިއްޚީ ފަރުވާދޭނެ ތަނަކާއި މިސްކިތާއި ފިހާރަތައްފަދަ އެމުޖުތަމައުއަށް ބޭނުވާ މިފަދަ އެތައްކަމެއް މިހާރުވެސްދަނީ ކުރަމުންނެވެ.
އަދި ލުބްނާނާއި އެހެންވެސް ޤައުމުތަކުގައި މުސްލިމުނަށް ރޯދަ ވީއްުލުމަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އެތައް މަސައްކަތެއް މިޕްރޮޖެކްޓްގެ ފަރާތުން މިހާރުވެސްދަނީ ކުރަމުންނެވެ.
އަލީ ބަނާތުގެ ހަޔާތުން ލިބިގަންނަންވީ ފިލާވަޅުތައް:
1- ﷲ އަށް ޝުކުރުވެރިވެރިވާށެވެ.
ކެންސަރު ބައްޔަކީ އަލީއަށް ދެއްވި ނިއުމަތެއް ކަމާއި އެކަމަށްޓަކައި އޭނާ ﷲ ސުބްހާނަހޫ ވަތައާލާއަށް ޝުކުރުވެރިވާ ކަމަށް ބުނެފައިވެއެވެ. އެއީ ކެންސަރު ބަލި އެނާއަށް ﷲ ސުބްހާނަހޫ ވަތައާލާ ދެއްވި ނިޢުމަތްތަކުގެ މަތިން ހަނދާންކޮށްދިނެވެ. އެންމެ ކުޑަމިނުން ނޭވާލުމަށް ހަށިގަނޑު ތެރެއަށްދަމާލާ ވައި ކޮޅާއި މެދުވެސް ޝުކުރުވެރިވުމަށް އޭނާގެ ލޯ ހުޅުވަދިން ކަމަށް އަލީ ބުންޏެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނެވެ. އަޅުގަނޑު މެންނަކީވެސް ﷲ ސުބްހާނަހޫ ވަތައަލާ ދެއްވި ނިޢުމަތްތަކަށް ޝުރުކުރުވެރިވާ ބައެއްކަމުގައި ވަމާ ހިނގާށެވެ. އެކަލާނގެ ދެއްވި ނިޢުމަތްތައް އެކަލާނގެ ނަހީ ކުރެއްވި ކަންކަމަށް އަރައިގަތުމަށް ބޭނުންކުރާ މީހުންގެ ތެރެއިން އަޅުގަނޑުމެން ނުވަމާ ހިނގާށެވެ.
2- ދިރިއުޅުމުގައި މާޔޫސްވެ އުއްމީދު ކަނޑާ ނުލާށެވެ.
ދިރިއުޅުމުގައި ދަތި ދުވަސްތަކާއި އުނދަގޫ ކަންކަން ކުރިމަތިވާނެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ހަޔާތާއި މެދު މާޔޫސްވެ އުއްމީދު ކަނޑާލުމުގެ ބަދަލުގައި ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށް ދަމާ ހިނގާށެވެ. އިންޝާ ﷲ ވަރަށް އަވަހަށް އަލި މަގެއް ފެންނާނެއެވެ.
3- ދުނިޔޭގެ ހަޔާތަކީ ވަގުތީ އެއްޗެއް
ހަޔާތުގައި ދިރިހުރުމަށް 7 މަސް ދުވަސް އޮތްކަމަށް ބުނުމުން ޒުވާނެއްގެ ހަޔާތް އާޚިރަތަށްޓަކައި ބަދަލުވެގެންދިޔަ ގޮތް ވޭތުވެދިޔަ ތިން އަހަރުތެރޭ އަޅުގަނޑުމެންނަށް މިއޮތީ ފެންނާށެވެ.
މަރު އައިސް ބައްދަލުކުރާނެ ވަގުތެއް އެކަކަށްވެސް ނޭނގޭނެއެވެ. އަޅުގަނޑުމެންގެ ލޯ ކުރިމަތީ ޞިއްޙަތު ރަނގަޅު ހެޔޮ ހާލުގައިތިބި ކިތަންމެ މީހަކު މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. ދެން އޮތީ އަޅުގަނޑު ނޫނީ ތިބާގެ ފަހަރު ކަމަށްވެސް ވެދާނެއެވެ. އާޚިރަތުގެ ހަޔާތް ބާއްޖަވެރިވާނީ މިދުނިޔޭގައި ކުރެވުނު ހެޔޮ ޢަމަލަކުންނެވެ.
4- އެހެން މީހުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ.
އަލީ ބަނާތު އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތަކަކީ އެކަމުގެ ސަބަބުން އެނާއަށް ޘަވާބާއި ދަރުމަ ލިބިގެންދާނެ ޞަދަޤާތަކަށް އިންޝާ ﷲ ވެގެންދާނެއެވެ.
އަޅުގަނޑުމެންވެސް އަޒުމް ކަނޑައަޅަންވީ ދުނިޔެ ދޫކޮށްފައިދާއިރު އެކަމެއްގެ ސަބަބުން އަޅުގަނޑުމެންނަށް ޘަވާބު ލިބިލިބި ހުންނާނެ ކަމެއް ދޫކޮށްފައި ދެވޭތޯއެވެ. ކިތަންމެ ކުޑަ ނަމަހީވެސް މެއެވެ.
5- ބަދަލުވާން އަދި ލަހެއްނުވޭ
އަޅުގަނޑުމެން ޣާފިލްކަމުގެ ނިދިން ހޭލައްވާލާ ވަގުތަކީ ބަލިމަޑުކަމެއް ނުވަތަ މުސީބާތެއް އަޅުގަނޑުމެންނާއި ކުރިމަތިވާ ވަގުތު ކަމުގައި ނުހަދާ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެންނަން މިވަގުތުން ވަގުތަށް މަސައްކަތް ފަށަމާ ހިނގާށެވެ.
އަލީ ބަނާތުގެ ހަޔާތުން ފިލާވަޅު ލިބިގަންނަމާ ހިނގާށެވެ. އެޒުވާނާއަކީ އުއްމަތުގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ މުސްލިމުންގެ ވޭން ތަހައްމަލްކުރި ޒުވާނެކެވެ. ޖާނާއި މާލުން ޤުރުބާންވިއެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ އެއަޚާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

















ޚިޔާލު