މިއީ އެސްފީނާއާއި ޙަސަދައިގެ އާޔަތްތަކެވެ. މިއީ ރުޤްޔާގެ ގޮތުގައި އެސްފީނާއާއި ޙަސަދައިގެ ސަބަބުންވާ އެންމެހާ ކަންކަމަށް ވަރަށް ފައިދާކުރަނިވި އާޔަތްތަކެކެވެ. މިގޮތުން އެސްފީނާ ޖެހިފައި ހުރިތޯ ދެނެގަތުމަށާއި، އެސްފީނާއާއި ޙަސަދައިގެ ސަބަބުން ދިމާވާ އެކި އެކި ކަންކަމަށް ފަރުވާގެ ގޮތުގައިވެސް މިއާޔަތްތައް ބޭނުންކުރެވޭނެއެވެ.
މިގޮތުން ބަލިމީހާ އަމިއްލައަށް ކިޔެވުމާއި، ބަލިމީހާ ކައިރީ ކިޔެވުމާއި، ބޯފެން، ގަޔަށް އަޅާފެން، އަދި ތެލާއި މާމުޔަށް ކިޔަވައިގެން ބޭނުންކުރުންފަދަ ކަންކަމަށް ބޭނުންކުރެވޭނެއެވެ. އަދި މިއާޔަތްތައް ކިޔަވަމުންދާއިރު، ބޮޑަށް އަސަރުކުރާ ބައިތައް ތަކުރާރުކުރުން މުހިންމެވެ. އަދި މިހުރިހާ އާޔަތްތަކެއް އެއްކޮށް ނުކިޔެވޭނަމަ ބޮޑަށް އަސަރުކުރާ އާޔަތްތައް އެކަނިވެސް ބޭނުންކުރެވިދާނެއެވެ.
” އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކަށް އަމާޒުވެ، އެއްޗަކާ އަޅައިގަނެ، އެނަފްސުގެ ވިހަ އެބަލައިލެވޭ އެއްޗަކަށް ފޯރުވާ ފޯރުވުމެވެ. ”
އިބްނު މަންޒޫރު ވިދާޅުވެފައިވާ ގޮތުގައި އެސްފީނާއަކީ ” ލޮލުގެ ވިހަ އެއްޗަކަށް އަމާޒުވެ، އެ އެއްޗަކަށް ގެއްލުންލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާއާ ދިމާއަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް “ބަލިވެ” އެވެ. ”
އަލްހާފިޒު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. ” އެސްފީނާ އަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލައިލާ ބަލައިލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަސަރު އެއެއްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބޭ ލިބުމެވެ. “.
އެސްފީނާ ޖެހެނީ ހަމައެކަނި އިޚްތިޔާރަކުނޫނެވެ. ގަސްތުގައާއި ބޭއިޚްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. ޙަސަދަވެރިއަކު ޙަސަދަވެގެން ނުވަތަ ގަސްތުގައި އެސްފީނާ އެޅުމުގެ ގޮތުން ބަލާ ބެލުމުންނާއި ނޭނގި ބެލޭ ބެލުމުން ނުވަތަ ބުނެވޭ ބަހުންވެސް އެސްފީނާއެއް ޖެހިދާނެއެވެ.
ޚިޔާލު