ހަވީރު ނޫހުން ނަގާފައި
ލިޔުނީ: އަހުމަދު އަބުދުﷲ ސައީދު
ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު، ލަވަޔާއި މިޔުޒިކްގެ ދުނިޔެ އަށް އަލްވަދާއު ކިޔުމަށް ފަހު، އުޅެމުން އަންނަނީ ރާއްޖޭގެ މީޑިއާތަކާ ވަރަށް ދުރުގަ އެވެ. ނަމަވެސް ސައޫދީ އަރަބިއްޔާގެ ބްރޯޑްކާސްޓިން ކުންފުންޏެއް ކަމަށްވާ މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރު (އެމްބީސީ) އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން، މިޔުޒިކް ކުޅެ ލަވަކިޔައި އުޅުނު ދުވަސްވަރު އޭނާ އަށް ހުރެވުނީ ސަޕޯޓަރުންގެ އަޅެއްގެ ގޮތުގަ އެވެ.
ނަމަވެސް މިހާރު އެއީ ﷲގެ އަޅެއް ކަމަށާއި އެކަން އިހްސާސްކުރެވުނީ، މިޔުޒިކާއި ލަވައިގެ ދުނިޔެ އިން ނުކުމެ ހަގީގީ ދުނިޔެ އަށް ނޭވާލަން ފެށުމުން ކަމަށް އަލީ ރަމީޒު ބުނެފައި އެވެ. މި މަހުގެ 13 ވަނަ ދުވަހު އެމްބީސީން ފޮނުވި "އަލް ޙަޤީޤާ" ޕްރޮގްރާމްގެ ޕްރެޒެންޓަރު ޝައިޚް ރާޝިދުއް ޒަހްރާނީ ރާއްޖޭގައި ނަގާފައިވާ މި އެޕިސޯޑްގައި އަލީ ރަމީޒާ ކުރައްވާފައިވާ ސުވާލުތަކަށް އަލީ ދީފައިވާ ޖަވާބުތައް ތިރީގައި މިވަނީ އެވެ.
ޒަހްރާނީ: މިޔުޒިކްގެ ދުނިޔޭގައި ކުރެވުނީ ކޮން ކަހަލަ ތަޖުރިބާއެއް؟
އަލީ ރަމީޒު: މިޔުޒިކްގެ ދުނިޔޭގައި އަހަންނަށްކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެއް. އެއީ މަޖާކުރުމާއި ދުނިޔަވީ ޒީނަތްތެރިކަމުން ފުރިގެންވާ ދުނިޔެއެއް. އެއީ އަހަރެމެން މި ދިިރިއުޅޭ ދުނިޔެއާ މުޅިން ތަފާތު ދުނިޔެއެއް. މިޔުޒިކްގެ ދުނިޔޭގައި އޮތީ މުޅިން ވެސް މަޖާކުރުން.
ލަވަކިޔުން ދޫކޮށްފައި ކީރިތި ޤުރްއާނަށް އެނބުރުނީ ކޮން ސަބަބަކާ ހުރެ؟
މިޔުޒިކާއި ލަވަކިޔުން ދޫކޮށްލީ، އެއީ ކަނޑައެޅިގެން ޙަރާމް ކަމެއްކަން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ޔަގީންވީމާ. ހަމައެކަނި އެ ސަބަބާ ހުރެ މިޔުޒިކާއި ލަވަކިޔުން ދޫކޮށްލީ. އޭގެ ކުރިން އަހަރެން ބުނަމުން އައީ، އަހަރެންގެ ޙަޔާތުގެ އެންމެ ފަހު ހިނދުކޮޅާ ހަމައަށް ވެސް ލަވަކިޔުމައިގެން ކުރިއަށް ދާނަމޭ. އެކަމަކު އެއީ ޙަރާމްކަމެއްކަން އެނގުނީމާ އެކަން ދޫކޮށްލީ.
ތި ބޮޑު ބަދަލުވުމަށް މެދުވެރިވި އެއްވެސް ކަމެއް ޙަޔާތުގައި ކުރިމަތިވިތޯ؟
އަހަރެން ހައްޖަށް ދިޔަ ދަތުރުގައި، ޝައިޚް ނަސީމް، މިޔުޒިކާއި ލަވަޔާ ބެހޭ ގޮތުން ބުޚާރީގައި އޮތް ޙަދީސެއް ވިދާޅުވެދެއްވި. އެ ވަގުތުން ފެށިގެން ވެސް އެ ހަދީސް ހުރީ އަހަރެންގެ ސިކުނޑީގައި ހަރުލާފައި. އެކަމަކު ވެސް ހައްޖުން އެނބުރި އައިސް، މިޔުޒިކާއި ލަވައިގެ ކަންތަކުގައި އަހަރެން ދިޔައީ ކުރިއަށް. އޭރު ވެސް ބުޚާރީގައި އޮތް އެ ހަދީސް އަހަރެންގެ ސިކުނޑީގައި ހަރުލާފައި ހުރޭ. ދެން އަހަރެން ﷲ އަށް ދުއާ ދެންނެވީ ހެޔޮ މަގަށް އަހަންނަށް މަގު ދެއްކެވުމަށް. އަދި އެއީ ހަރާމްކަމެއް ކަމުގައިވާ ނަމަ އެ ކަމުން އަހަރެން ދުރުކޮށްދެއްވުމަށް. އޭރު އަހަރެން މިޔުޒިކް ކުޅެމުން އައީ ރިޒްގު ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި. އެކަމަށް އެދި ދުޢާކުރަން ފެށުމުން މިޔުޒިކް މަތިން މަޑުމަޑުން ފޫހިވާން ފެށި. ދެން އަހަރެންގެ ހިތުގައި މިޔުޒިކަށް ދެވިފައިވާ ލޯބި ﷲ ނައްތަވައިލެއްވި.
އަލީގެ ތަޖުރިބާ އަށް ބަލާއިރު، ޒުވާނުންނަށް ދޭނެ މެސެޖަކީ ކޮބާ؟
ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ، ހަމަ އެންމެ ކަމަކާ މެދު ވިސްނައި ފިކުރުކޮށްލާށޭ! އެކަމަކަށްޓަކައި އިންސާނާ ޚަލްޤުކުރެއްވި މަގްސަދާ ދޭތެރޭގައި ވިސްނައި ފިކުރުކުރާށޭ! މި ގޮތަށް ވިސްނައި ފިކުރުކޮށްފިއްޔާ، ޙައްޤާއި ބާޠިލް ވަކިކޮށް ދެނެގަނެވޭނެ.
މަޝްހޫރު ލަވަކިޔުންތެރިއެއްގެ ގޮތުގައި ހުރެ އެކަން ދޫކޮށްލުމުން ވަރަށް ގިނަ ބަޔަކަށް އެކަމުން އަސަރުކުރި ކަމަށް އަޑުއިވޭ. އަލީގެ ލަވަތަކަށް ލޯބިކުރާ މީހުންނާ މިހާރު ބައްދަލުވީމާ، އަލުން އެނބުރި ލަވަކިޔުމުގެ ތެރެއަށް ދިއުމަށް އެމީހުން އެދޭތަ؟
ކުރިން އަހަންނާ އެކީގައި މިޔުޒިކް ކުޅެން ދިޔަ މީހުންނަށް ވެސް އެނގޭ މިޔުޒިކަކީ ޙަރާމް އެއްޗެއް ކަން. ނަމަވެސް ދުނިޔޭގެ އުފާތަކަށް އެމީހުންގެ ހިތުގައިވާ ލޯތްބެއްގެ ސަބަބުން އެކަން ދޫކޮށްނުލެވިގެން އުޅެނީ. އެކަމަކު އޭގެ ތެރެއިން ގިނަ މީހުން، އަހަރެން ލަވަކިޔުން ދޫކޮށްލީމާ އެކަމުގެ އަގު ވަޒަންކޮށް މަރުހަބާ ކިޔާ. ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި މިޔުޒިކް ކުޅުންތެރިން ބުނޭ އަހަރެން އެޅި ވަރަށް ރަނގަޅު ފިޔަވަޅެކޭ.
ކޮންމެ އިންސާނެއްގެ ހަޔާތުގައި ވެސް އަންނާނެ ކަންތައް ބަދަލުކޮށްލާ ކަންތައްތަކެއް. އަލީގެ ޙަޔާތް ބަދަލުކޮށްލުމުގައި އެންމެ ބޮޑު އަސަރެއް ފޯރުވި ކަމަކީ ކޮބައި؟
މިޔުޒިކްކުޅުން ހުއްޓައިލީމާ އެނގުނު ވަރަށް ގިނަ ކަންތަކެއް ހުރި. މިސާލަކަށް، މިޔުޒިކް ކުޅޭ މީހުންނަކީ އެ މީހުންގެ ސަޕޯޓަރުންނަށް އަޅުވެތިވެފައިވާ ބައެއް. އޭނާ ލާން ޖެހޭނީ ވެސް ސަޕޯޓަރުން ބޭނުންވާ ހެދުމެއް. އާންމުން ބޭނުންވާ އެއްޗެއް ކާން ޖެހޭނީ ވެސް. ހީވާ ކަހަލަ ފަންނާނަކީ އޭނާގެ ސަޕޯޓަރުންގެ އަޅެކޭ. އަހަންނަށް އެކަން އިހްސާސްވީ އަހަރެން ވެސް މިޔުޒިކާއި ލަވަކިޔުން ދޫކޮށްލީމާ. ފަންނާނުންނަކީ ﷲގެ އަޅުން ނޫންހެން ހީވާ ކަހަލަ. ސަޕޯޓަރުން ބޭނުންވާ ކަހަލަ އަގު ބޮޑު ހެދުންތައް ލައިގެން އެ މީހުންގެ ކުރިމައްޗަށް ނުކުމެ ހިނިތުންވެލީމާ އެ މީހުންނަށް ގަބޫލުކުރެވޭހެން ހީވަނީ، މި ފަންނަނީ މި ދުނިޔެމަތީގައި ހުރި އެންމެ އުފާވެރި މީހާއޭ. އެކަމަކު ހަގީގަތުގައި އެ ފަންނާނު އެހުންނަނީ އެ ސަޕޯޓަރުންގެ އަޅެއްގެ ގޮތުގައި. މިއީ ހަމަ ކޮންމެ ފަންނާނެއްގެ ހާލަކީ ވެސް. އޭނާގެ ހުރިހާ ވެސް ސަމާލުކަމެއް ދޭނީ އޭނާގެ ސަޕޯޓަރުންގެ ހިތް ރުއްސައިދޭން. އޭނާ ޖެހޭނެ ސަޕޯޓަރުންގެ ހިތްހަމަޖައްސައިދޭން. މި ހުރިހާ ކަމެއް އިހްސާސްކުރެވުނީ މިޔުޒިކް ކުޅުން ހުއްޓައިލީމާ. މިޔުޒިކްކުޅުން ހުއްޓައިލުމަށް ފަހު އަހަރެން ޚާއްސަވީ ﷲ އަށް އަޅުކަންކުރުމަށް.

















އަލީ ރަމީޒުގެ ތިޔަ އިންޓަވިއު އިން ގިނަ ބަޔަކަށް ވަރަށް ފައިދާ ކުރާނެ އިންޝާﷲ. ޝުކުރިއްޔާ ހަވީރަށް
ހަމަގައިމްވެސް 2002 ވަނައަހަރު ފެބްރުއަރީ 24 ވަނަދުވަހުގެ ރޭ އަހަރެންގެ ހިތަށް އެރި އަލީރަމީޒުގެ އަޑުން ބަންގި ގޮވާލާއަޑު އިވޭނެ ނަމަ އޭ ،، ކީރިތި ﷲ ސުބުހާނަހޫވަތައާލާ ގެ ކުޅަދުންވަންތަކަމުން އަލީރަމީޒަށް ތެދުމަގުދައްކަވާ ، އަލީރަމީޒުގެ އަޑުން ބަންގި ، އަދި ކީރިތި ޤުރުއާން ކިޔަވާ އަޑު އަހަރެންނަށް އިވުމަށް މެދުވެރި ކުރެއްވީތީ ﷲ ސުބުހާނަހޫވަތައާލާ އަށް ހަމްދާއި ޝުކުރުކުރަން
ތިއެމްބީސީ ޓީވީ ޗެނަލަކީ މެދުއިރުމަތި ހަލާކުކުރުމުގައި އެންމެ ކުރީގައި އުޅޭ ބައެއް.
ކަމެއްހުޓާލެވިދާނެ އެގޮތުގަ ދެމިހުރުން އުންދަގޫވޭ މަސައްކަތް ކުރަންވީ ތިގޮތުގަ ދެމިހުރުމަށް
މާޝާ ﷲ
ما شاء الله