ރިޕޯޓް

ލޯބިވެރިޔާ ކާމިޔާބުކުރާ ފަންޑިތަ

 ސިޙްރުލް މަޙައްބަ، ނުވަތަ ލޯބިޖައްސާ ސިޙްރު/އިސްތިރި އަކީ ދެމީހެއްގެ މެދުގައި ލޯބިޖެއްސުމަށް ނުވަތަ ހިތް ޖެއްސުމަށް ހަދާ ސިޙުރެވެ. އަނބިމީހާ ފިރިމީހާގެ ލޯބި ހޯދާ އަނބިމީހާ ހިތްއެދޭހާ ކަމެއްގައި ފިރިމީހާ މަސްތުކުރުވުމަށް ނުވަތަ ފިރިމީހާ އަނބިމީހާގެ ލޯބި ހޯދައި، އާދަޔާ ޚިލާފަށް ބޭޤަރާރުކުރުވުމަށް މިސިޙްރު ހަދާއުޅެއެވެ. އަދި ވަކިމީހަކާއި އިނުމަށް ނުވަތަ ޖިންސީ އެދުމެއް ފުއްދުމަށްވެސް ބައެއްމީހުން މިސިޙްރުގެ ބޭނުންކުރެއެވެ. ދިވެހިން މިފަދަ ސިޙުރަށް ކިޔާ އުޅޭނީ އިސްތިރި އެވެ.

އިސްތިރިއަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ޢާއްމު އެއްޗެކެވެ. މިހާރަކަށް އައިސް ޚާއްޞަކޮށް ޒުވާންކުދިން މިކަމުގެ އަވައިގައި ވަނީ ޖެހިފައެވެ. ޒުވާން ޖޯޝުގައި ޢިޝްޤީ ލޯބިވެރިން އިޚްތިޔާރުކޮށް ތިމާގެ ލޯބިވެރިޔާއާއި މެދު މަރުދަން ޖެހޭ ހިސާބަށްވެސް ދެއެވެ. ތިމާ ބޭނުންވާ ކުއްޖާ ޙާޞިލްކުރުމަށް ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ތައްޔާރުވެއެވެ. އެކަމަކީ ކިހާވަރެއްގެ ކަމެއްތޯވެސް ބަލައިލުމެއް ނެތިއެވެ. މިފަދަ ކަންކަމުގައި ދިވެހިންނަކީ ފަންޑިތަވެރިކަމާއި ވަރަށްވެސް ދޯޅު ބައެކެވެ.

މިގޮތުން، ތިމާ ހިތާވާ ކުއްޖާ ގެއްލިއްޖެ ނަމަ، ނުވަތަ ތިމާގެ ޙަޔާތުން ދުރުވެއްޖެނަމަ، އެގޮތް މިގޮތުންވެސް އަލުން އެކަން ޙާޞިލްކުރުމަށް މަސައްކަތް ކުރެއެވެ. ތިމާ ފަންޑިތަ ގަބޫލުނުކުރިޔަސް މިފަދަ ކަމެއް ވެއްޖެނަމަ ފަންޑިތަވެރިއަކާ ދިމާއަށް ދުއްވައިގަނެއެވެ. އަދި ފަންޑިތަވެރިޔާ ނުވަތަ ސިޙުރުވެރިޔާގެ ވާހަކަތަކަށް ހެއްލި އެމީހުން ބުނިހާ ކަމެއް ކުރެއެވެ. އެއީ ބުއްދީގެ ގޮތުން ވިސްނާއިރު ކިތައްމެ މޮޔަ ކަމެއް ކަމުގައި ވީނަމަވެސް މެއެވެ.

ނަތީޖާ ތޯއެވެ. މިފަދަ ކަންކަމާއި މެދު ވަރަށްގިނަ ދިރާސާ އަޅުގަނޑަށް ވަނީ ކުރެވިފައެވެ. ރާއްޖޭގައި މިފަދަ ކަންކަމަށް ފަންޑިތަ ހަދާ އުޅޭމީހުންގެ ބަސްމަގާއި، ކަންކުރާ ގޮތާއި، ފޮތްފޮށި ވަނީ ފެނިފައެވެ. މިގޮތުން މި ނުބައި ސިޙުރުވެރިން މީހުން ވާވައްދައި، މޮޔަހައްދާ އުޅޭ ގޮތާއި،  ކުރާ ޚުރާފާތާއި ޝިރުކުގެ ނުބައި ޢަމަލުތަކުން ބައެއް ކަންކަން ޙިއްސާ ކޮށްލާނަމެވެ.

ސިޙުރުވެރިޔާ މިފަދަ ސިޙުރެއް ނުވަތަ ފަންޑިތައެއް ހަދުވަން ދާ ޒުވާން ކުދިންގެ ނާޖާއިޒް ބޭނުން ހިފައެވެ. އޭގައި ދެބޭނުމެއް އޮވެއެވެ. އެއްބޭނުމަކީ ޒުވާން ރީތި އަންހެން ކުދިންގެ ބޭނުން ހިފައި، ޖިންސީ އެދުން ފުއްދުމެވެ. އަނެއް ބޭނުމަކީ ސިޙުރުގެ ޢަމަލު ކުރުމަށްޓަކައި ޝައިޠާނާ ރުއްސުމުގެ ގޮތުން ޒިނޭގެ ފާޙިޝްޢަމަލް ހިންގުމެވެ. އެހެނީ ސިޙުރުގެ ބާރު ގަދަވަނީ ﷲ އަށް އުރެދި ނުބައިކަންތައް ގިނަކޮށް ޝައިޠާނާ ރުއްސި ވަރަކަށެވެ. ބައެއް ސިޙުރުވެރިން އިސްތިރި ހެދުމަށްޓަކައި އެކަން ކުރުވަން ދާ މީހާ ނުވަތަ ކުއްޖާއާ އެކު ޒިނޭ ކުރެއެވެ. އެމީހުން ބުނަނީ، “މިކަން ވާނީ ތިމަންނަގެ ގުނަވަނުގަ ލިޔެގެން މިވެނި ގޮތަކަށް މިކަން ކުރީމ” ނުވަތަ “ތިކަން ކުރަން ކަލޭގެ ހަށީ ފެން ބޭނުން ވާނެ” މިފަދަ ގޮތަކަށެވެ. އަދި އެއަށްފަހު ޝައިޠާނާ ރުއްސުމަށް ނުވަތަ އޭނާގެ އަމިއްލަ ބޭނުން ފުއްދުމަށް މިކަމަށް އަރައިގަނެއެވެ. ހިތާމައަކީ މިކަން ކުރުވަންދާ މީހުން މިފަދަ ޙާލަތުގައި ބުއްދީގެ ބޭނުން ނުކުރާކަމެވެ.

Isthiri budhu sihuru

މިއީ ދެމީހުން ހިތާކުރުވުމަށްޓަކައި ހަދާފައިވާ ސިޙުރެކެވެ. މިއީ މާލޭގައި ، ބާއިންޖީނުގެ ސަރަޙައްދުގައި ހުރި ޕާރކުތެރޭގައި މީހަކު އެއްޗެއް ވަޅުލަނިކޮށް ފެނުމުން، އެމީހުން އެވަޅުލާފައި ދިއުމުން އަޅުގަނޑު ދަންނަ މީހަކު އެކޮނެގެން ނެގުމަށްފަހު ނަގާފައިވާ ފޮޓޯއެކެވެ. މީގައިމިވަނީ “އުށް” ވިރުވައިގެން ހަދާފައިވާ އަންހެން އަދި ފިރިހެން ބަރަހަނާ ދެސޫރަ ނުވަތަ ބުދެވެ. ނެގި އިރު މިސިޙުރު އޮތީ ދެހަށި ޖައްސާ ކަފުންކޮށްފައެވެ.  އަދި ދެބުދުގައިވެސް ވަނީ ލިޔެފައެވެ.

 ގިނަފަހަރަށް އަންހެންކުއްޖާއަށް ޗޮކްލެޓްފަދަ ފޮނި ކާއެއްޗެއް ކިޔަވާ ފުމެލުމަށްފަހު ދިނުމަށް ބުނެއެވެ. މިސާލަކަށް ފިރިމީހާގެ ލޯބި ހޯދުމަށް ފަންޑިތަ ހަދައިދޭށޭ ބުނުމުން، ފިރިމީހާއަށް މީތި ބޯންދޭށޭ ނުވަތަ ކާންދޭށޭ ބުނެ ކާއެއްޗެއްސާއި ބޯއެއްޗެތި ދީއުޅެއެވެ. ނުވަތަ ތަންތަނުގައި އެއްޗެހި ވަޅުލުމަށް ބުނެއެވެ. ޤަބުރުސްތާނުން ވެލި ގެނައުމަށް ބުނެއެވެ. ނުވަތަ ކަނޑަށް ހިރި ފަދަ ތަކެތި ފެއްތުމަށް ބުނެއެވެ. މިފަދަ އެތައް ގޮތަކަށް މި ސިޙުރު ހަދާ އުޅެއެވެ. ތަވީދު އަޅައިގެން އަންހެން ކުއްޖާ ކުރިމައްޗަށް ދިއުމަށާއި، ވުލޫ ކޮށްގެން ވަކި އެއްޗެއް ކިޔަވަމުން ގޮސް އެމީހެއްގެ ގައިގައި ހަންހުރަހަކާއި ނުލާ ޖެހުމަށާއި، ކޮންމެވެސް ނުބައި ކަމެއް ކުރުމަށް ބުނެއެވެ. ކޮންމެއަކަސް މިއިން ކޮންމެ ގޮތަކަށް ހެދިކަމުގައިވީނަމަވެސް މިކަން ހުއްދަވެގެން ނުވެއެވެ. އަދި ހަނދާން ބަހައްޓަންވީ އެންމެ މުހިއްމުކަމަކީ، އިސްތިރި ނުވަތަ ލޯބިހޯދުމަށް ހަދާ ފަންޑިތަ އަކީ އެންމެ ފަސޭހައިން އެކަން އެކުރި މީހަކަށް (ސިޙުރުވެރިޔާ ނުވަތަ އެކަން ފަންޑިތައިގެ ބޭނުން ހިފާމީހާ) އަށް އަނބުރާ ޖެހޭ ވައްތަރެވެ. އަދި މިފަދަ އެތައް ހާދިސާއެއް ދިވެހިރާއްޖޭގައިވެސް ހިނގާފައި އެބަހުއްޓެވެ. އަންހެން ކުދިންގެ ލޯބި ކާމިޔާބުކުރުމަށް ނުވަތަ ފިރިހެނެއްގެ ލޯބި ހޯދުމަށް ފަންޑިތަ ހެދުމުން އެ ލޯބި ހާސިލް ވުމުގެ ބަދަލުގައި ތިމާ އިސްތިރި މޮޔަވެފައި އެބަހުއްޓެވެ. މިއީ ޙަޤީޤަތެވެ.

 ކޮންމެއަކަސް އިސްތިރި ނުވަތަ ލޯބި ޖައްސަން ހަދައި ސިޙުރަކީ ޝިރުކުގެ ތެރެއިން ހިމެނޭ އެއްޗެއްކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުން ސާބިތުވެއެވެ. عبد الله بن مسعود رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ )) أبو داود (3883) وابن ماجه (3530 ) السلسلة الصحيحة (331) މާނައަކީ: “ހަމަކަށަވަރުން މެތުރުމާއި (ޝިރުކު އެކުލެވޭ ރުޤްޔާތައް) ތަވީދާއި އިސްތިރި (ލޯބި ޖެއްސުމަށްޓަކައި ހެދޭ ސިޙްރު ނުވަތަ ފަންޑިތަ) އަކީ ޝިރުކެކެވެ.”މި ހަދީޘް ގައި ވާ ” الرُّقَى ” މި ކަލިމައިގެ މާނައަކީ ކިޔެވެއްޔާއި މެތުރުމެވެ. މިތަނުގައި ޝިރްކުގެ  ޢަމަލެއްކަމުގައި އަންގަވާފައި އެވަނީ ޣައިރު ﷲ ގެ ކިބައިން، ޖިންނި ޝައިޠާނުންގެ ކިބައިން މަދަދާއި އެހީއަށް އެދުން ފަދަ ކިޔެވެލި ކިޔެވުމާއި ސިހުރު ހާހޫރައިގެ ތެރޭގައި ހިމެނޭ ފަދަ މާނަ ނޭނގޭ ނުވަތަ ޝިރްކު އެކުލެވިގެންވާ ފަދަ މެތުރުންތަކެވެ.
އަދި ހަދީޘްގައި ވާ ” التَّمَائِمَ ” އަކީ ” تميمة ” ގެ ޖަމްޢުއެވެ. އެއީ ހަށިރައްކަލަށްޓަކައި އެޅޭ ތަވީދާއި ބަޑިއާއި އުޅައާއި ރޮދިފަދަ އެއްމެހައި ތަކެއްޗެވެ.

     ކަމަކީ މިފަދަ ބޮޑު ނުބައިކަމެއްކަމުގައި ވީއިރު އަޅުގަނޑުމެން ﷲ އަށް ބިރުވެތިވާން ޖެހެއެވެ. ޒުވާން ދުވަސްވަރު ހިތާވެ، ރައްޓެހިވެގެން ފާޙިޝް ކަންކަމަށް އަރައިގަތުމުގެ ބަދަލުގައި، އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާ މަގުން ކައިވެނީގެ މާތްކަން ޙާޞިލްކުރަން ޖެހެއެވެ. އެކަމަށް ނުކުޅެދޭނަމަ ސުންނަތް ރޯދަ ހިފުމާއި އަޅުކަން ގިނަކޮށް ތިމާގެ އެދުންތަކުގެ މައްޗަށް ގަދަވެގަންނަން ޖެހެއެވެ. ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ލޯބި ކާމިޔާބުކުރުމަށްޓަކައި ، ނުވަތަ ތިމާ ހިތް އެދޫ އަންހެންކުއްޖާ ނުވަތަ ފިރިހެން ކުއްޖާގެ ލޯބި ހޯދުމަށްޓަކައި ދީނުން ބޭރުވެ، ޝިރުކާއި ސިޙުރުގެ ޢަމަލްތައް ކުރުމުން ޙަޤީޤަތުގައި ﷲ އަށްވުރެ ބޮޑަށް އިންސާނެއް ދެކެ ލޯބިވެވުނީއެވެ. އަދި އެއީ މުސްލިމަކަށް ހުއްދަ ކަމެއް ނޫނެވެ. އެންމެ ބޮޑަށް ލޯބިވާން ޖެހެނީ ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެއެވެ. ކާމިޔާބުވާނީ އޭރުންނެވެ. ލޯބި ކާމިޔާބުކުރުމަށްޓަކައި ﷲގެ ޙަޒުރަތުގައި ނަމާދުކޮށް ގިނައިން ދުޢާކުރާށެވެ. ތިމާ ހިތްއެދޭ ކުއްޖާ ނުވަތަ މީހާއާއި ހެޔޮގޮތުގައި ކައިވެނި ކުރެވޭނެގޮތް މިންވަރުކުރައްވާތޯ ދުޢާކުރާށެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ވަފާތަރިއަކު ކަމުގައި ލައްވައި ލޯބި ގަދަކުރައްވާތޯ ދުޢާކުރައްވާށެވެ. ﷲއީ ދުޢާ އިޖާބަކުރައްވާ ރަޙްމާންވަންތަ އިލާހެވެ.

 އިސްތިރި/ލޯބި ޖައްސާ ސިޙްރުގެ ޢަލާމާތްތައް :

ލޯބި ޖައްސާ ސިޙުރު ނުވަތަ އިސްތިރި ހެދުމުން ޙަޤީޤީ ލޯބިވަނީއެއް ނޫނެވެ. ސިޙުރުގެ ސަބަބުން ޖިންނިއެއް އައިސް އެމީހާއަށް އަނެއްމީހާ ވަރަށް ރީތިކަމުގައި ނުވަތަ ރަނގަޅުކަމުގައި ވަސްވާސްވައްދައި، އޮޅުވާލަނީއެވެ. ގިނަފަހަރަށް މިގޮތަށް ކާމިޔާބުކުރާ ލޯބި ބީވެގެން ދަނީ ވޭންދެނިވި ނުވަތަ ހިތްދަތި ގޮތަކަށެވެ. އިސްތިރި ޖެހުމުން މައިގަނޑުގޮތެއްގައި އިސްތިރި ޖެހޭ މީހާގެ ކިބައިން ފެންނަ ޢަލާމާތްތަކަކީ،

1-    އާދަޔާ ޚިލާފަށް މާބޮޑަށް ލޯބިވެ އެކަމުގައި ހައްދުފަހަނަ އެޅުން

2-    އާދަޔާ ޚިލާފަށް ގިނައިން ޖިންސީ ގުޅުން ހިންގާހިތްވުން.

3-    ޖިންސީ އެދުން ނުފުއްދާ އެންމެ އިރުކޮޅަކުވެސް ހުރުމަށް އުނދަގޫވެ އަބަދުހެން އެފަދަ ޚިޔާލެއްގައި ހުރުން.

4-    ހައްދުފަހަނަ އަޅާފައިވާފަދަ އިޙުސާސެއް އެމީހާ ފެނުމުން ވެވުމާއި ޖިންސީ ގުޅުން ހިންގާއިރު ޙަޤީގަތުގައި ނުވާވަރަށް، ލައްޒަތު ލިބޭކަމުގެ އިޙުސާސުވުން. (މިކަން މާނަކުރެވިފައި މިވަނީ ދެމަފިރިން އެކަކު އަނެކެއްގެ ލޯބި ހޯދުމަށް ހަދާ ސިޙުރުން ދިމާވަ ކަމެއްގެ ގޮތުގައެވެ)

5-    އަބަދު އެމީހާ ކައިރިއަށް ދާހިތްވެ އަބަދުވެސް ކައިރީ ހުންނަހިތްވުން.

6-    ހުވަފެނުގައި އެމީހަކު ގިނައިން ފެނި އެމީހާއަށް ހިތްކިޔާވަރުން ނުނިދޭގޮތްވެ އެމީހާ ކައިރިއަށް ދާން ބޭނުން ވުން.

7-    ކޮންމެ ފަދަ ކަމެއް ކޮށްގެން ނަމަވެސް، އަދި ކޮންމެ ޙާލެއްގައިވެސް އެމީހާ ބޭނުންވުން.

8-    ކިތަންމެ ނުބައި ކަމެއް ނުވަތަ ތިމާ ކިތައްމެ ނުރުހޭ ކަމެއް އެމީހާ ކުރިކަމުގައިވިޔަސް އެކަމާ ނުރުހުން ނުވުމާއި އޭނާގެ ކިބައިން ތިމާއަށް ރަނގަޅުކަމެއް ނޫނީ ނުފެނުން. އަދި އެމީހަކު ކޮށްފިނަމަ ތިމާއަށް އެކަން މައްސަލައަކަށް ނުވުން.

9-    އާދަޔާ ޚިލާފަށް މެއަށް ނުވަތަ ހިތަށް ތަދުވުން

10-                       ރޭގަނޑު ނިދަން އުނދަގޫވުން، ގިނައިން މިކަން ދިމާވާ ގޮތަކީ، ނިދި ޖެހިލާއިރަށް އެމީހަކު ހުވަފެނުން ފެނިގެން ހޭލެވެނީއެވެ. އަދި ހޭލެވުމުން އެމީހާ ދެކޭހިތްވަނީއެވެ. އަދި މިފަދަ ހުވަފެނުގައި ގިނައިން ފެންނާނީ އެމީހަކާއެކު ޖިންސީ ގުޅުން ހިންގާތަނެވެ.

އިސްތިރި/ލޯބިޖައްސާ ސިޙްރު ދެނެގަންނާނެގޮތް:

އިސްތިރި ވެސް ދެނެގަންނާނީ ޢަލާމާތްތަކާއި މެދު ސުވާލު ކޮށްގެންނާއި ރުޤުޔާ ކިޔަވައިގެންނެވެ. މިގޮތުން ޢާއްމުކޮށް ތަޖުރިބާކުރެވިފައިވާ އެއްގޮތް ބަޔާންކޮށްދޭނަމެވެ. މިއީ އެއްވެސް ޙާލެއްގައި ޙަދީޘަކުން ސާބިތުވާތީ ލާޒިމްކުރާ ކަމެއްނޫނެވެ. ނަމަވެސް ކަމުގެ ތަޖުރިބާތަކަށް ބަލައި ކަމުގެ އަހުލުވެރިން ތަޖުރިބާކުރާ ކަމެކެވެ. މިގޮތަށް ކުރެވޭ ރުޤްޔާ ލާޒިމް ކުރުމެއް ނެތި ކުރުން ހުއްދަވެގެންވެއެވެ. އެހެނީ އެރުޤްޔާއެއްގައި ޝިރުކު ނުހިމެނޭނަމަ ހުއްދަކަމުގައ ޙަދީޘުން ސާބިތުވާތީއެވެ. އަދި މިގޮތުން ބަޔާންކުރާ ތަޖުރިބާ ތަކަކީ އަނެކާއަށް ލާޒިމްކުރާކަމެއް ނޫނެވެ. ސޫރަތުއް ތަޣާބުން ގެ 14 ވަނަ އާޔަތުން 16 ވަނަ އާޔަތަށް ތަކުރާރުކޮށް ކިޔަވާލާށެވެ. މިގޮތަށް ކިޔަވާއިރު މެއަށްތަދުވުމާއި ބޮލަށް ބަރުވުން ފަދަ ކަމެއްވޭތޯ ބަލާށެވެ. ނުވަތަ ހަށިގަނޑު ތުރުތުރު އެޅުންފަދަ ކަމެއް ދިމާވޭތޯ ބަލާށެވެ. މިފަދަ ޢަލާމާތެއް ފެނިއްޖެނަމަ ސިޙުރު ޖެހިފައި ހުރި ކަމުގައި ބެލެވިދާނެއެވެ. އެއާއެކު އިސްތިރި ޖެހުނުކަމުގެ އެހެން ޢަލާމާތްތައްވެސް ހުރިތޯ ޔަޤީން ކުރަންވާނެއެވެ. މަތީގައި ބުނެވުނު އާޔަތްތަކަކީ:

يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ ۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿١٤﴾ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّهُ عِندَهُ أَجْرٌ عَظِيمٌ ﴿١٥﴾ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٦﴾

ފަރުވާ : މިކަމުގެ ބައެއް ފަރުވާތައް މިލިންކްގައި ވާ ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައިވާނެއެވެ. .

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް