އަނެއްކޮޅުން ހިކުމަތްތެރިން ޤަބޫލުކުރާގޮތުގައި މިޒާޖުގައިވާ މިފަދަ ސިފަތަކަކީ ތިމާގެ ހެދުން ބަދަލުކުރާހާ ފަސޭހައިން ބަދަލުކޮށްލެވިދާނެކަމެއްކަމުގައެވެ. އަހަރެމެންގެ މިޒާޖަކީ ބަންޑުންވެ އޮހިގެންދާ ކިރުފޮދެއްފަދައިން އަލުން އަލުން ނުނެގޭނޭ އެއްޗެއްނޫނެވެ. އޭގެ ބަދަލުގައި އަހަރެމެންގެ މިޒާޖާއި ވިސްނުމަކީ އަބަދުވެސް އެ މައްޗަށް އަހަރެމެންނަށް ބާރުފޯރުވޭނޭ އެއްޗެކެވެ. އެކަންކަން ބަދަލުކުރެވޭނޭ އުޞޫލުތަކަކާއި ގޮތްތަކެއްވެއެވެ.
އިބްނު ހަޒްމު އެކަލޭގެފާނު ލިޔުއްވި ސްޕެއިންގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ވާހަކައެއްކަމުގައިވާ ތަވްޤް އަލް ހަމާމާގައި ލިޔުއްވާފައިވެއެވެ.
މި ދެންނެވުނު ވިޔަފާރިވެރިޔާއާއި އިތުރު އެހެން ހަތަރު ވިޔަފާރިވެރިއެއްގެ މެދުގައި ވާދަވެރިކަމެއް އުފެދުނެވެ. ނަތީޖާއެއްގެގޮތުން މި ހަތަރުމީހުން އޭނާއާއި ގަޔާނުވާގޮތްވިއެވެ. އެއްދުވަހަކު ހެނދުނު ވިޔަފާރިވެރިޔާ އޭނާ މަސައްކަތްކުރާތަނަށް ދިއުމަށް އޭނާގެ ގެއިން ނުކުތެވެ. އޭނާ ލައިގެންހުރީ ހުދު ގަމީހެކެވެ. އަދި ބޮލުގައި ހުދު ފަގުޑިއެއް އޮޅާލާފައިހުއްޓެވެ. ކުރިން ދެންނެވުނު ހަތަރު ވިޔަފާރިވެރިންގެ ތެރެއިން އެކަކު އޭނާއާއި ބައްދަލުވިއެވެ. އޭނާ ސްޕޭންގެ މި ވިޔަފާރިވެރިޔާއާއި ބައްދަލުކޮށް އޭނާއާ ސަލާމްކޮށް އޭނާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ. "ތިޔައީ ހާދަ ރީތި ރީންދޫ ފަގުޑިއެކެވެ."
ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. "ކަލޭ އަނދިރިހެއްޔެވެ؟ މިއީ ހުދު ފަގުޑިއެކެވެ!"
އޭނާ ޖަވާބުދިނެވެ. "ނޫން ތިޔައީ ރީންދޫ ފަގުޑިއެކެވެ! ހަމަ ޔަޤީނުންވެސް ތިއީ ރީންދޫ ކުލައެވެ. އެކަމަކު ތި ފަގުޑި ވަރަށް ރީއްޗެވެ."
ވިޔަފާރިވެރިޔާ އޭނާ ދޫކޮށް ހިނގަންފެށިއެވެ. ތަންކޮޅަކަށްދެވުނުތަނުން އޭނާއާއި ވާދަވެރި ދެވަނަ ވިޔަފާރިވެރިޔާއާއި ބައްދަލުވިއެވެ. އޭނާވެސް މި ސަލާމްކޮށްލުމަށްފަހު ވިޔަފާރިވެރިޔާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ. "މިއަދު ތިބާ ހާދަ ނަލައެވެ. ތިޔައީ ވަރަށް ޗާލު ހެދުމެކެވެ. އަދި ޚާއްޞަކޮށް ފެހިކުލައިގެ ތި ފަގުޑި ވަރަށް ނަލައެވެ!"
ވިޔަފާރިވެރިޔާ ބުންޏެވެ. "އެކަމަކު މިއީ ހުދުކުލައިގެ ފަގުޑިއެކެވެ."
"ނޫން ތިޔައީ ފެހިކުލައިގެ ފަގުޑިއެއް" އޭނާ ދުލެއްނުކުރިއެވެ.
ވިޔަފާރިވެރިޔާ ހަޅޭއްލަވައިގަތެވެ. "މިއީ ހުދު ފަގުޑިއެއް. އަހަރެންކައިރިން ދުރައްދޭ!"
ވިޔަފާރިވެރިޔާ ކުދިކިޔަމުން ހިނގަމުން ދިޔައެވެ. އަދި އިރު އިރުކޮޅުން އޭނާގެ ފަގުޑިން ތިރިޔަށް ފެންނަންއޮތްބަޔަށް ބަލާލާ އެއީ ހުދުކުލަތޯ ޔަޤީން ކޮށްލައެވެ. އޭނާއޭނާގެ ފިހާރައާއި ހަމައަށް އާދެވުމުން ފިހާރައިގެ ދޮރުގެ ތަންޑު ހުޅުވާލިއެވެ. އެހިނދު އޭނާގެ ވާދަވެރި ހަތަރު ފިޔަފާރިވެރިންގެ ތެރެއިން ތިންވަނަ މީހާ އެތަނަށް އައިސް އޭނާއާއި ސަލާމްކުރިއެވެ. އަދި ބުންޏެވެ. "މިއީ ކިހާ ރީތި ހެނދުނެއްހެއްޔެވެ. ޚާއްޞަކޮށް ތިބާގެ ތި ހެދުން ހާދަ ނަލައެވެ. އަދި ތިބާގެ ތި ރީތިކަން އިތުރުކޮށްދެނީ ތިޔަރީތި ނޫކުލައިގެ ފަގުޑިންނެވެ."
ވިޔަފާރިވެރިޔާ އޭނާގެ ބޮލުގައިވާ ފޮށާ ނެގުމަށް ފަހު އެއަށް ރަނގަޅަށް ބަލައިލިއެވެ. އަދި ލޯ އުނގުޅާލުމަށްފަހު އެއީ ހުދު ކުލަތޯ ޔަޤީންކޮށްލިއެވެ. "އޭ އަޚާ! އަހަރެންގެ މި ފަގުޑިއަކީ ހުދު ކުލައިގެ ފޮށައެއް!"
އަނެކަކު ޔަޤީންކަމާއެކު ބުންޏެވެ. "ނޫން ތިޔައީ ނޫ ފަގުޑިއެއް. އެކަމަކު މުހިންމުކަމަކީ ތިޔައީ ވަރަށް ރީތި ފަގުޑިއެއް އެހެންވީމާ ތީގެ ކުލަޔާމެދު އަޅާނުލާ!" މިހެން ބުނެފާ އޭނާ އެތަނުން ދިއުމަށް ހިނގައިގަތެވެ. ވިޔަފާރިވެރިޔާ އޭނާގެ ފަގުޑިއަށް ބަލަމުން ހަޅޭއްލަވަން ފެށިއެވެ. "މިއީ ހުދު ފަގުޑިއެއް!"
އޭނާ ފިހާރައިގައި އިށީންދެ އިނެވެ. އެންމެ އިރުކޮޅަކަށްވެސް އޭނާގެ ހުދު ފަގުޑިއަށް ބަލާނުލައެއް އޭނައަކަށް ނުހުރެވެއެވެ. އެހެން އިންދާ "ހަތަރުވަނަ މީހާ އޭނާގެ ގާތައް އައެވެ. އަދި ސަލާމްކުރުމަށްފަހު ބުންޏެވެ. "ތިޔަ ރަތް ފަގުޑި ގަތީ ކޮންތާކުން؟"
ސްޕޭންގެ ވިޔަފާރިވެރިޔާއަށް ކެތެއްނުކުރެވުނެވެ. އަދި އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގެންފައި ބުންޏެވެ. "އަހަރެންގެ މި ފަގުޑި އަކީ ނޫކުލައިގެ ފަގުޑިއެއް!"
އޭނާ ބުންޏެވެ. "ނޫން ތިޔައީ ރަތް ފަގުޑިއެއް."
ވިޔަފާރިވެރިޔާ ބުންޏެވެ. "ނޫން މިއީ ފެހި ކުލައިގެ ފަގުޑިއެއް... ނޫން އަސްލު މީ ހުދު ފަގުޑިއެއް! ނޫން މިއީ އަސްލު ނޫ ކުލައިގެ ފަގުޑީއެއް.... މިއީ ކަޅުކުލައިގެ ފަގުޑިއެއް...!" ދެން އޭނާ އަޑުގެ ކޮޅަށް ހޭންފެށިއެވެ. އަދި ހަޅޭއްލަވަމުން ރޮމުން ފުމެންފެށިއެވެ.
އިބްނު ހަޒްމު ވިދާޅުވިއެވެ. 'އޭގެފަހު އަހަރެންނަށް އޭނާ ސްޕެއިންގެ މަގުތައްމަތިން ފެނެއެވެ. އޭނާވަނީ ދުނިޔޭން މޮޔަވެފައެވެ. ކުޑަކުދިންތައް އޭނާއާއި ދިމާއަށް ގާއުކާހަދައެވެ.'
އޭނާގެ ވާދަވެރި ހަތަރު މީހުންނަށް އެމީހުނަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން އޭނާގެ މިޒާޖުގެ އިތުރުން އޭނާގެ ސިކުނޑިއަށްބާރުފޯރުވުނުއިރު، އެ ހުނަރުތަކެއް ތަޖުރިބާކުރެވި އެހުނަރުތަކުގެ ކުޅަދާނަކަން އެނގި ޔަޤީންވެފައިވާ އަދި އެހުނަރުތަކަށް ވަޙީގެ ބާރުލިބިފައިވާ ހިނދު އެ ހުނަރުތައް ބޭނުންކޮށްގެން މާތް ﷲ އާއި ކުއްތަންވެ، އިތުރަށް ގާތްވުމަށް އަހަރެމެން މަސައްކަތްނުކުރަނީ ކީއްވެހެއްޔެވެ؟
ތިބާއަށް ލިބިފައިވާ ރަނގަޅު ކޮންމެ ހުނަރެއްވެސް ފުރިހަމަގޮތުގައި ޢަމަލީގޮތުން ބޭނުންކުރާށެވެ. އޭރުން އެކަމާ ތިބާ އުފާކުރާނެއެވެ.
ތިބާ އެކަމެއް ނުވާނެކަމުގައި ބުނެފިނަމަ، އަހަރެން ބުނާނީ އެންމެކުޑަމިނުން އެކަންވޭތޯ މަސައްކަތްކޮށްލާށޭއެވެ.
ތިބާއަށް އެކަން ކުރާކަށް ނޭންގެޔޭ ބުނެފިނަމަ އަހަރެންބުނާނީ ތިބާޔަށް އެނގޭނެކަމުގައެވެ.
މާތް ނަބިއްޔާ މުޙައްމަދު (ޞައްލަﷲ އަލައިހިވަޞައްލަމަ) ހަދީޘްކުރައްވާފައިވެއެވެ. "އިލްމު ހާޞިލްކުރެވޭނީ ކިޔެވުމުގެ ތެރެއިންނެވެ. ހިކުމަތްތެރިވެވޭނީ ސާބިތުވެވިގެންނެވެ."
ވިސްނާލުމަށް...
ބަޠަލުންނަކީ އޭނާއަށް ލިބިވާ ހުނަރެއް ތަރައްޤީކުރުމުގައި އޭނާގެ ގާބިލިއްޔަތު ފަހަނައަޅާދާ މީހުންނެވެ. އެގޮތުން އަމިއްލަ ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން އަނެކުންގެ ހުނަރުތައްވެސް ލިބިގަންނަމީހުންނެވެ.

















advertisment
ވަރަށް ޢިބްރަތްތެރި
ވަރަށް ފުރިހަމަ ލިޔުމެއް. މާޝާﷲ!
މިލިޔުން ވަރަށް ފުރިހަމަ!.. އަޅުގަނޑު މިވާހަކަ ޑރ އައްރާފީގެ “އެންޖޯއި ޔުއަރ ލައިފް” މިފޮތުނުން
މިއަށް ކިޔާނީ އުފެއްދުންތެރި ލިޔުމެކޭ….ވވވވވވ ފުރިހަމަ..