މާލޭގައި އަލަށް ހަދާ ވަޤުފު ޢިމާރަތްކަމަށްވާ "ދާރުލްއަރްޤަމް" ގެ މަސައްކަތް ކުރުމަށް ރަޝީދު ކާޕެންތަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވިއިރު، އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ރަޚީމްއެވެ.
މި މަޝްރޫޢަކީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރްސީސީއާ ހަވާލުކުރި މަޝްރޫޢުއެކެވެ. މި މަޝްރޫޢުއަށް ޖުމްލަ 39.4 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުއަށް ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.
12 ފަންގިފިލާއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. ދެވަނަ ފަންގިފިލީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، އެހެން ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕް އޯޕަން ޓެރަސްއެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމްވެސް ވަނީ ޤާއިމްކޮށްފައެވެ.
މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މަޝްރޫޢު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ އިސްލާމީ ދާއިރާއަށް އޭގެ މަންފާ ލިބެން ފެށުމަކީ ކުރެވޭ އުންމީދެއް ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، އެ އިމާރާތުން ލިބޭ ނަފާގެ ވަކި އިންސައްތައެއް އިސްލާމީ ކަންތައްތަކާ ބެހޭ ވަޤުފު ފަންޑަށާއި ޒަކާތު ފަންޑަށްވެސް ޚާއްސަކޮށްފައިވާ ކަމަށެވެ. "މި މަޝްރޫޢުއަކީ ވަޤުފު ފަންޑާއި ޒަކާތު ފަންޑު ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް. ކުރިއަށް އޮތް ދުވަސްތަކުގައި ސިޓީތަކުގައިވެސް މިފަދަ މަޝްރޫޢޫތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައި."
ޑރ. ޝަހީމް ވިދާޅުވީ، މިސްކިތްތަކާ ގުޅޭ ކަންކަމާއި ޤުރުއާން ކްލާސްތައް ކުރިއަށްގެންދިޔުމުގައިވެސް ޚަރަދުތައް ބޭނުންވާ ކަމަށާއި، މިހުރިހާ ޚަރަދެއް ދަޢުލަތުގެ ބަޖެޓަށް އެކަނި ބާރޯސާ ނުވެ އެހެނިހެން ވަޞީލަތްތަކުން ޚަރަދުތައް ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ވަޤުފާއި ބެހޭ ޤާނޫނެއް ވުޖޫދު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި ޤާނޫނު ފަރުމާ ކުރެވިގެންދާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަޤުފް އިމާރާތްތައް ބިނާ ކުރެވޭނެ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދާރުލްއަރްޤަމް" މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...