ރާއްޖޭގެ ޚަބަރު ﷲ ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލު

ﷲ ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލު

ﷲ ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

“މާތް اللهގެ ވަލިއްޔުން” މި މައުޟޫއަށް އިއްވި ހުކުރު ޚުޠުބާގައި ބުނެފައިވަނީ މާތް اللهގެ ވަލިއްޔުންނަކީ ކޮންބައެއްކަން ދަންނާން ޖެހޭ ކަމަަށާއި އިންސާނާއަށް، އެކަލާނގެ ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނީ ކިހިނަކުންކަން ދަންނާން ޖެހޭކަމަށެވެ. އަދި އެކަލާނގެ ވަލިއްޔުންނަށް ދެއްވަވާ ދަރަޖައާއި ޖަޒާއަކީ ކޮބައިކަން ދެނެގަންނާން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެން ކަމަށާއި ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ދެވަނަ ޝަރުޠަކީ، އެކަލާނގެއަށް ތަޤްވާވެރިވުން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

“މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން. اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލު” ހުކުރު ޚުޠުބާ

މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެއް ކަމަށާއި އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އަދި އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

“އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން. އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެއް. މިވެނިކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރުބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދީން ދޮންކެއު ނުވަތަ ކަންޖާއަޅައި ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައިއުޅުމަކީ މި ރާއްޖޭގައި ވެސް ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކެއް” ހުކުރު ޚުޠުބާ

އަދި ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށާއި، މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެކެވެ. މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެއް ކަމަށްވެެސް ޚުޠުބާގައި ބުނެފައިވެއެވެ.

 

 

 

ޓެގް

ހުކުރު ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.