މާޒީގައި ލިބުނު ފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކުރުމަށްފަހު، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ކުރިމަތިލާ ކޮންމެ މީހެއްގެ ކުށުގެ ރެކޯޑު، ރައްޔިތުން އަމިއްލައަށް ބެލުމަށްފަހުގައިމެނުވީ އެއިން އެއްވެސް މީހަކަށް "ވޯޓު" ދިނުމަކީ ޤައުމަށް ހެވެއްއެދޭ އެއްވެސް ދިވެހި ދަރިޔަކު ކޮށްގެންވާނޭ ކަމެއްނޫނެވެ. މިގޮތުން، ކުށެއް ކުރިކަން ސާބިތުވެފައިވުން ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިފައިވުމަކީވެސް ކުށުގެ ރެކޯޑެއް އޮތުންކަމުގައި ބެލެވޭނެއެވެ. ސަބަބަކީ ޤައުމެއްގެ އެންމެމަތީ ވެރިޔާ ޢައްޔަނުކުރުމާއި ޤައުމުގެ ކަންކަން ހިންގުމަށްޓަކައި ތަފާތު މަޤާމުތައް ކަނޑައަޅައި ރައްޔިތުންގެ ވޯޓަކުން އެމަޤާމުތަކަށް ވަކީލުން ޢައްޔަނު ކުރުމަކީ ކުޅޭކުޅޭ ކަމެއްނޫނެވެ. އެހެންކަމުން ކުށާއި ކުށުގެ ތުހުމަތުތަކުން ކަޅިވެފައިވާ މީހަކަށް ނުވަތަ ބަޔަށް އެފަދަ މަޤާމުތައް ދިނުމުގެ ކުރީން ވިސްނައިލުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.
އިންތިޚާބުތަކުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ބެލުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ "އަމިއްލަ ސިކުނޑިން" ވިސްނާލާށެވެ! އެހެންމީހެއްގެ ސިކުނޑިން ނުވަތަ ތިމާ ސަޕޯޓުކުރާ "ޕާޓީ" ގެ ސިކުނޑިން ވިސްނުމަކީ ޖާހިލުންގެ ކަމެކެވެ. މާތްﷲ އިންސާނާއަށް ޚާއްޞަކުރައްވައި ދަރުމަ ކުރައްވާފައިވާ އެންމެ އަގު ބޮޑު ޖައުހަރު ކަމަށްވާ "ބުއްދީގެ ނިޢުމަތަށް" ކުރެވޭ މަލާމާތެކެވެ.
އިންތިޚާބެއްގައި ކުރިމަތިލާ މީހަކު ތިމާގެ ކުރިމައްޗަށް ހުއްޓިއްޖެނަމަ ފުރަތަމަވެސް މިބަޔާންކުރާ ސުވާލުތައް އަމިއްލަ ނަފްސާކުރާށެވެ! ޖަވާބު ލިބުން ދަތިވާނަމަ ކުރިމަތީގައި ހުންނަ މީހާޔާ އެ ސުވާލެއް ކޮށްލެވިދާނެއެވެ.
ކުރިމަތީގައި ހުރިމީހާ އެއީ މުސްލިމެއްހެއްޔެވެ؟ މުސްލިމުން ނުކުރާ ޒާތުގެ (ނުވަތަ ޣައިރު މުސްލިމުން ކުރާ ޒާތުގެ) ކަންތައްތައް ކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައި ވޭހެއްޔެވެ؟ ނުވަތަ އެކަހަލަ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވިފައިވޭ ހެއްޔެވެ؟ މިސާލަކަށް އޭނާއަކީ ބަނގުރާ ބޯކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއް ހެއްޔެވެ؟ ނޫނީ އޭނާއަކީ މުޅިރާއްޖެއަށް ބަނގުރާ ޢާއްމުކުރުމަށް މަސައްކަތް ކުރި މީހެއް ހެއްޔެވެ؟ ނުވަތަ އޭނާއަކީ (ބަނގުރަލާއި މަސްތުވާތަކެތި) ބޯންޖެހޭނެ ކަމަށާއި ބޮވެންޖެހޭނެކަމަށް އެއްވެސް އިރެއްގައި ވަކާލާތު ކުރި މީހެއް ހެއްޔެވެ؟ އޭނާއަކީ މުޅިރާއްޖޭގައި ހަށިވިއްކާ ތަންތަން ޢާއްމުކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއް ހެއްޔެވެ؟ ހަށިވިއްކާ ތަންތަން ބަންދުކުރުމުގެ ބާރު ލިބިފައި އޮއްވައި ރައްޔިތުން އެކަމަށް އެދުމުންވެސް އެ އަޑު ނާހައި ރައްޔިތުންނަށް ޖެއްސުންކުރި މީހުންގެތެރޭގައި އޭނާ ހިމެނޭ ހެއްޔެވެ؟ ރާއްޖެއަށް އެހެން ދީންތައް ފަތުރައި ފައްޅި އެޅުމަށް މަސައްކަތް ކުރުމާއި، ޣައިރުމުސްލިމުން އަޅުކަންކުރާ ބުދު ބެހެއްޓުމާއި، ނަޞާރާއިންނާއި ޔަހޫދީންނާ ގާތް ގުޅުމެއް އުފައްދަން މަސައްކަތްކުރުމާއި، ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން މަސައްކަތް ކުރުމާއި، ދީނީ ޢިލްމުވެރީންގެ އަގުވައްޓާލަން މަސައްކަތް ކުރުމާއި، ދީނުގެ މިނިވަންކަމަށް ގޮވާލާ މީހުންނަށް ހިތްވަރުދިނުމުގެ އެއްވެސް ތުހުމަތެއް އޭނާގެ މައްޗަށް ކުރެވިފައި ވޭހެއްޔެވެ؟
އިސްލާމްދީނުގައި ކަނޑައެޅި ސާބިތުވެފައިވާ ޙުކުމްފުޅުތަކަށް އިންކާރުކޮށް އެކަންކަމަށް މަލާމާތާއި ފުރައްސާރަކުރުމާއި ބޭރުގެ ކާފަރުން ގެނެސްގެން އެފަދަ ވާހަކަތައް ދެއްކުވުމުގެ އެއްވެސް ރެކޯޑެއް އޭނާގެ އޮވޭހެއްޔެވެ؟ އޭނާ ނުވަތަ އޭނާގެ ގާތުގައި އުޅޭ މީހަކުނަމަވެސް ޤުރުއާނުގެ އާޔަތެއްކަމަށް ބުނެ ހަދަހަދައިގެން އެއްޗެއް ކިޔައި ޤުރުއާނަށް މަލާމާތްކޮށްފައި ވޭހެއްޔެވެ؟
މީހުންގެ ނަފްސަށާއި މުދަލަށް ގެއްލުންތައްދީ ތަންތާ ހުޅުޖަހައި ސަރުކާރާއި ޢާއްމުންގެ މުދާތައް ސުންނާފަތިކޮށް މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވޭހެއްޔެވެ؟ ނުވަތަ އޭނާއަކީ މިހާރުވެސް އެފަދަ ޢަމަލުތައް ކުރުމާއި ކުރުވުމުގައި އިސްވެއުޅޭ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހެއް ހެއްޔެވެ؟ ރައްޔިތުންގެ މުދަލެއް ރައްޔިތުންގެ ނުޤަބޫލުގައި، އެއްވެސް އިރެއްގައި ބަޔަކަށް ވިއްކާލުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ ތިމާ ހިތުހުރި ގޮތަކަށް އެއާމެދު ޢަމަލުކޮށް ރައްޔިތުންނަށް އަނިޔާވެރިވުމުގެ ޢަމަލެއް އޭނާ ކޮށްފައިވޭހެއްޔެވެ؟ ނުވަތަ އެފަދައިން ކަންކުރި މީހަކާއެކު އޭނާ ޙަރަކާތްތެރިވި ހެއްޔެވެ؟
މުނާފިޤުކަމުގެ ސިފަތައްކަމުގައިވާ ދޮގުހެދުމާއި، ވަޢުދާ ޚިލާފުވުމާއި، ވާހަކަ ދައްކާއިރު ހަޑިހުތުރު ބަސްތައް ބޭނުންކުރުން ފަދަ ސިފަތައް އޭނާގެ ކިބައިގައި ވޭހެއްޔެވެ؟ މީހުންނަށް މަލާމާތްކުރުމާއި މީހުންގެ އަބުރު ނަގާލުމާއި، ނޭނގޭ ވާހަކަތައް ދެއްކުމާއި، ފޮނިކެނޑުމާއި އެއްވާހަކައެއް ދެފަހަރު އެއްގޮތަކަށް ނުބުނުންފަދަ ނޭއްގާނީ އަޚްލާޤު އޭނާގެ ކިބައިގައި ހުންނަކަން ފާހަގަ ކުރެވޭހެއްޔެވެ؟
ޤާނޫނާއި ޤަވާޢިދަށް ޙުރުމަތެއް ނުބަހައްޓައި ޝަރުޢީ ނިޒާމަށް ގޮންޖަހައި މަގުމަތީ ކޯޓު ހެދުމާއި ކޯޓުތަކުގައި ތަޅު އެޅުވުމާއި، ޣައިރުޤާނޫނީ އަމުރުތައް ކުރުމާއި، ކަރަޕްޝަން އާލާކުރުމާއި ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުމުގެ ހުތުރު ޢަމަލު ކުރުންފަދަ ކަންކަމުގެ ރެކޯޑު އޭނާގެ އޮވޭހެއްޔެވެ؟
ކުށްކުރުމަށް ހިތްވަރު ދިނުމާއި ކުށްވެރީންނަށް އެމީހުން ބޭނުންގޮތަކަށް އުޅުމުގެ މިނިވަންކަން ހޯދައިދިނުމާއި ޒާތީ ސަބަބުތަކަށްޓަކައި، ކުށެއްނެތް މީހުންގެ މައްޗަށް ދޮގު ދަޢުވާތައް ކުރުމާއި، ބާރެއް ލިބިފައިވި ދުވަހުގައި، ކިޔަވައިގެން ތިބި މީހުން ބާކީކޮށް ނުކިޔަވައި ތިބި މީހުންނަށް ބޮޑެތި ވަޒީފާތައް ދިނުމާއި ޤައުމުގެ ބައިތުލްމާލު ބޭނުން ބަޔަކަށް ބަހާލައި ޤައުމު ދަރަނިވެރިކޮށްލުންފަދަ ޖަރީމާތައް ހިންގުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭހެއްޔެވެ؟ ނުވަތަ އޭނާއަކީ އެފަދައިން ކަންތައްކުރި މީހުންގެތެރޭގައި ހިމެނޭ މީހެއް ހެއްޔެވެ؟
އޭނާއަކީ އެއްވެސް އިރެއްގައި ރާއްޖޭގެ އިސްމަޤާމެއްގައި ހުރެ ރައްޔިތުން ބޭނުންނުވާ ކަންތައްތަކެއްކޮށް، އަދި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ނުކުރުމުގެ ސަބަބުން، ރައްޔިތުންގެ ނުރުހުން އަމާޒުވެ ސަލާމަތީ ބާރުތަކުގެ އިތުބާރު އޭނާގެ މައްޗަށް ގެއްލި މަޤާމުން ދުރުވެފައިވާ މީހެއް ހެއްޔެވެ؟ ނޫނީ އޭނާ ހިމެނެނީ އެފަދައިން ކަންތައް ކުރި މީހެއްގެ ބައިވެރީންގެ ތެރެއިން ހެއްޔެވެ؟
ވޯޓު ހޯދަން އައިސްހުރި މީހާއާމެދު އިސްވެދިޔަ ސުވާލުތައްކޮށް އެ ސުވާލުތަކުގެ ފުރިހަމަ ޖަވާބު ލިބިއްޖައުމަށްދާންދެން އެމީހާއާމެދު ގޮތެއް ކަނޑަނާޅާށެވެ! އެގޮތުން އޭނާއާމެދު ސާބިތުވެފައިވާ ނުވަތަ ތުހުމަތުކުރެވޭ އިސްވެދިޔަފަދަ ކުށެއްނެތްނަމަ އޭނާއަށް ވޯޓު ދެވިދާނެއެވެ. އެހެންނޫންކަމުގައިވާނަމަ އެފަދަ މީހާއަށް ވޯޓު ދިނުމަކީ ކަނޑައެޅި އެނގިގެން ހުރެ ޤައުމަށް ހަރާންކޯރުވުމެވެ. ތިމާގެ އަމިއްލަ އަތުން ތިމާގެ ނަފްސާއި ތިމާގެ އަނބިދަރީންނާއި މުޅި ޤައުމުގެ އެންމެން ހަލާކުގެތެރެއަށް އެއްލައިލުމެވެ. ހަނދާންކުރާށެވެ! އެއްވެސް ބާވަތެއްގެ ހަލާކެއްގެ ތެރެއަށް ތިމާގެ އަމިއްލަ އަތުން ތިމާގެ ނަފްސު އެއްލައިނުލުމަށް ﷲ ތަޢާލާވަނީ އަމުރުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ((وَلاَ تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ))(އަލްބަޤަރާ: 195: މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެތެރެއަށް އެއްލައިނުލާށެވެ!"

















advertisment
ވަރަށް ރަނގަޅުވާހަކައެއް!!!.. ގަޢުމަށް ހެޔޮއެދޭ އެކަކުވެސް މޑޕ އޭ ކިޔާ ޓަރެރިސްޓުން ހިމެނޭ ޕާޓީއަށް ވޯޓުނުދެއްވުން އެދެން!!…..