ރާއްޖޭގެ ޚަބަރު

ކެންދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ގާބިލު ނޫން ބަޔަކާއި: ވަޒީރު ޑރ. ޝަހީމް

ބ. ކެންދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި މި މަޝްރޫޢު ފެށީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކަމަށާއި، މަސައްކަތް ހަވާލުކުރި ކުންފުންޏަށް މިދިޔަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު 2.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ ސައިޓުގައި އިންޖިނިއަރެއް ނެތި ކަމަށާއި، އޭގެ ސަބަބުން ކުރެހުމާ ޚިލާފަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ސައިޓުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ވުޒާރާގެ ޓީމުތައް އެކި ފަހަރުމަތިން ވަނީ ކެންދޫއަށް ޒިޔާރަތްކޮށްފައި. މި ދަތުރުތަކުގައި ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ކޮންޓްރެކްޓަރަށް އެކި ފަހަރުމަތިން ވާނީ އަންގާފައި،" ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށާއި، މަޝްރޫޢުގެ ކޮންޓްރެކްޓް ބާތިލުކޮށް، އައު ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިހާރު މި މަޝްރޫޢު ޓަރމިނޭޓް ކުރުމުގެ ޤާނޫނީ އިޖުރާއަތްތައް ވަނީ ފަށާފައެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް 15.4 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަސައްކަތް ވީހާވެސް އަވަހަށް ހައްލުކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *