ރިޕޯޓްކޮލަމިސްޓް

ކަރުނަ ފޮހެލާފަ ދެން ހީލަބަލާށެވެ!

"އަހަރެންނަށް އުފަލެއް ނެތީތަ؟ އަހަރެންގެ ކުޑަދުވަހުއްސުރެ ހަމަ އެއްވެސް ވަރަކަށް ހަމަޖެހުމެއް ނުލިބޭ. އަލިފާނެއް ފެނެއް ވަކިނުވާއިރުއްސުރެ ބަލިވެ. ހެޔޮނުބައި ވަކިވާ ހިސާބަށް ދިޔައިރު ލޯބީގެ ކުޅިގަނޑު. އަދިވެސް ރީތި ދިރިއުޅުމެއް ނުފެށޭ. އަހަރެން އުމުރުގެ އެންމެން މީހުންނާއި އިނދެ ދަރިން ލިބިއްޖެ. އެކަމު އަހަރެން މިހުރީ ހަމަ ހުހަށް. މިއަދު އަހަރެން ދެލޯނޭދި ލޯބިވި އަންހެންކުއްޖާވެސް އަހަރެން އަތުން ބީވެއްޖެ. އެހެން ފިރިހެނެއްގެ އަތުތެރޭގައި އޭނާ ވާން ނޭދެން. އަހަރެންގެ ހިތްކުދިކުދިވެއްޖެ ހުވާ. ކީއްވެތަ އަޅެ ﷲ އަހަންނަށް އުފަލެއް ނުދެއްވަނީ؟ މަށަކީވެސް ނަމާދުކޮށް ރަނގަޅަށް އުޅެން މަސައްކަތްކުރާ މުސްލިމެކޭ. ނަމާދުނުކޮށް ކަމުން ބޮމުން ދުވާ ޕާޓޭން ދުވަހަކު ރޯންނުޖެހެ. ބައްޔެއްވެސް ނުވެ. އެކަމަކު ބަލަ އަހަރުމެން. ބުނެބަލަ. އަހަރެންގެ ދުޢާ އާ އިދިކޮޅަށް ކަންތައްވަނީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟ އުފަލެއް ނެތިއްޔާ ކީއްވެ މިހެން ރޯން އަހަރެން ދުނިޔޭގައި މިބަހައްޓަނީ؟ މަސްތުވާއެއްޗިހި ބޭނުންކޮށް އެމަގުންކަންނޭނގެ ދާންވީ؟ އޭރުން މާރީތިކޮށް އުޅެވޭނެއެއްނު؟"

ނަފްސާނީ ބަލިމަޑުކަމެއްކަމެއްގައި ދުނިޔެ އަނދިރި ވެފައިވާ އަހަރެންގެ އެކުވެރިޔަކު އަސަރާއެކު އޭނާގެ ޖަޒުބާތުތައް ކިޔައިގަތެވެ. އެއީ ވަރުގަދަ ފިރިހެނަކަށް ވިޔަސް ކުދިކުދިވެފައިވާ އެ ހިތް އަހަރެންނަށް ފެންނަ ކަހަލައެވެ. އަހަރެން މަޑުމައިތިރި ކަމާއެކު ވިސްނާދޭން މަސައްކަތް ފެށީމެވެ.

"އިނގޭ ވަރަށް ދެރަވެފަކަން ތިހުރީ. ވަރަށް އަސަރުކޮށްފަ ކަން އެނގޭ. އިނގޭތަ؟ މުސްލިމަކަށް މުސީބާތް މެދުވެރިކުރައްވަނީ އެކަލާނގެ އިމްތިޙާންކުރެއްވުމުގެ ގޮތުންނެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާކަމުގެ ހެއްކެކެވެ. އެއްފަހަރުވެސް ވިސްނާލަބަލާށެވެ. ހުރިހާ އުފާތަކާއި ހިތްހަމަޖެހުން، ދަތިކަމަކާއި ހުރަސްތަކަކާއި ނުލާ އުޅެވެމުންދާނަމަ ދުނިޔެ އުފެއްދެވުމުގެ ބޭނުން ނެތުނީނުން ހެއްޔެވެ؟ ސުވަރުގެއާއި ނަރަކަ އުފެއްދެވުމުގެ ހިކްމަތް ނެތުނީނުން ހެއްޔެވެ؟ އިމްތިޙާނަކީ ދުނިޔޭގައި މީސްތަކުން ކުރާ އަމަލުތަކާއި، މީސްތަކުން ކުރާ އީމާންކަމުގެ ދައުވާ ވަޒަންކުރެވޭނެ ހަމަ އެކަނި މިންގަނޑެވެ. ޓެސްޓެއް ނުހަދާ ނާސަރީއިން ގޮސް ގްރޭޑް 10 ނިމޭހެއްޔެވެ؟ ނުނިމެއެއްނުންހެއްޔެވެ؟ އެގޮތަށް ތިމާގެ އީމާންތެރިކަން ހުރި މިންވަރު ބެލުމަށް އެކަލާންގެ ޓެސްޓް ކުރައްވާނެއެވެ.

އެހެންވީމަ މި ޙަޔާތުގައި އުނދަގުލާއި މުޞީބާތްތައް ނުޖެހޭނެ ކަމަށް ދެކުމަކީ އިލާހީ ޤާނޫނާއި ފުށުއަރާކަމެކެވެ. އެއީ އެކަމުން ބަޔަކު އިސްތިސްނާވާނެ ނަމަ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން އެ ދަތިތަކުން އިސްތިސްނާވީހެވެ. އެކަމަކު ﷲ ތައާލާގެ އިމްތިޙާނުތައް އެންމެ ވަރުގަދަވި ބަޔަކީ އެއިލާހު ރަސޫލުކަމާއި ނަބީކަންދެއްވަވާ އިޚްތިޔާރުކުރެއްވެވި އެއިލާހުގެ އެންމަ ތަގުވާވެރި އަޅުންނެވެ.

އެއީ އަހަރުމެންނަށްވުރެ ޚާއްސަކުރެއްވި ބޭކަލުންނެވެ. އެއްފަހަރުވެސް އެބޭކަލުންގެ ޙަޔާތްޕުޅު ތަކަށް ނަޒަރު ހިންގާލަބަލާށެވެ. އިމްތިޙާނާ ކުރިމަތި ނުލައްވާ އެއްވެސް ރަސޫލެއް، ނަބިއްޔެއް، ސަޙާބީއެއްގެ އަޑުއެހީމު ހެއްޔެވެ؟
މޫސާ ޢަލައިހި ސަލާމްއަށް އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ފިރުޢައުނާ ޖެހިވަޑައިގަތް އެކަމުގައި ކިހާ ދަތިތަކެއް ﷲ ތަޢާލާ ޖެއްސެވި ހެއްޔެވެ؟ ޔޫސުފް ޢަލައިހި ސަލާމް ތުއްޕުޅު އިރުގައި ފުންވަޅަކަށް ވައްޓާލެވި، ޒުވާން އުމުރު ފުރާއަށްއެރި ހިނދު މިސްރުގެ ޢަޒީޒުގެ އަނބިކަނބަލުންގެ ފިތުނަވެރި އެދުމެއް ހުށަހެޅި އަދި އެކަމުގައި އެތަކެއް އަހަރެއް ވަންދެން ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ނާއިންސާފާއެކު އިންނަވަން ޖެހުނެވެ. އިބްރާހީމް ޢަލައިހި ސަލާމްއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެކަލޭގެފާނުގެ ބައްޕާފުޅާއި ޤައުމާއި ދެކޮޅަށެވެ. އެމީހުން އަޅުކަންކުރަމުންދިޔަ ބުދުތައް ތަޅާލެއްވީތީ ރޯކުރެވިފައިވާ ބޮޑު އަލިފާންގަނޑަކަށް އެކަލޭގެފާނު އެއްލާލެވުނެއް ނުންހެއްޔެވެ؟ މުސްކުޅިއުމުރަށް ދިޔަފަހުން ލިބިލެއްވި ދަރިކަލުންނާއި ލޯބިވާ އަނބިކަނބަލުން އެކަނިހާލަށް ހަނަފަސް ވާދީއަކަށް ދޫކޮށްލައްވަން ޖެހިވަޑައިގަތެވެ. ނުވިތާކަށް އެދަރިކަލުން ޛަބަޙަ(ޤުރުބާން) ކުރެއްވުމަށްވެސް އެންގެވިނުންހެއްޔެވެ؟ ވިސްނާލަބަލާށެވެ. އައްޔޫބް އަލައިހިއްސަލާމް މުއްސަދިކަމާއި ދަރިންނާއި ހުރިހާ ނިޢުމަތެއް ގެންދަވާ ބަލިހާލުކޮޅުގައި އެތައް ވޭނެއްގައި ހޭދަކުރެއްވިއެވެ. ޔޫނުސް އަލައިހިއްސަލާމް ބޮޑުމަހުގެ ބަނޑުތެރޭގައި ހޭދަކުރައްވަން ޖެހިވަޑައިގަތެއްނުންހެއްޔެވެ؟ މިގޮތަށް މި ލިސްޓް ކިޔާ ކޮޅުން ނުލާނެއެވެ. އެކި ރަސޫލުންނާއި ނަބީންގެ އިމްތިހާންތައް ތާރީޙުން ފެންނަން އެވަނީއެވެ. އެއީ ހަމަ އެބޭކަލުންދެކެ ﷲ ޠައާލާ ލޯބިވެވޮޑިނުގަންނަވާތީ ހެއްޔެވެ؟ ނޫނެކެވެ. އެއީ އިލާހީ ޤާނޫނެވެ.

ނުވިތާކަށް އަހަރުމެންގެ ލޮބުވެތި މާތް ނަބިއްޔާ މުހައްމަދު ﷺ އަށްވެސް ވަނީ މި އިމްތިހާނާއި ދަތިކަމުގެ އިލާހީ ޤާނޫނާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނުގެ އަމިއްލަ ވަޒަނުން ބޭރުކޮށްލެވުނެވެ. ފުރައްސާރައާއި މަލާމާތް ރައްދުކުރެވުނެވެ. އެވަރަކުން ނުފުދުނެވެ. އެކަލޭގެފާނަށް ތަބާވި ޞަހާބީންވެސް މައްކާގެ މުޝްރިކުންގެ ކުޅޭކުޅޭ އެއްޗިހި ގޮތުގައި ދެކި އެބޭކަލުންގެ ހަށިކޮޅުތަކުގައި ހިލައިން ތަޅުއްވާ، ވާޖަހާފަ މަގުތަކުގައި ދެއްމެވުނެވެ. ދޮންދަގަނޑު ޖައްސާ، ފެންގަނޑުތަކަށް ގެންބެވުނެވެ. އަނިޔާތަކަށް އޭގެ އިންތިހާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެ އިމްތިޙާންތަކާ ބަލާފަ ތި ހާލަތަށް ވިސްނާލަބަލާށެވެ. "

އެކުވެރިޔާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. "އަސްލުވެސް ދޯ؟ ތީ ތެދެއް.."

"އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ދަތިކަމާއި ހުރަސްތައް ކުރިމަތިވާހިނދު މާޔޫސްވެ ދެރަވެ ކުފުރުވެ ދާކަށްނުވާނެއެވެ. އެ ބޭކަލުން ފަދައިން ކެތްތެރިވާން ދަސްކުރަންޖެހޭނެއެވެ. އެހެނީ މި އިމްތިހާނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންވެސް ތަހައްމަލު ކުރި އިލާހީ ޤާނޫނެކެވެ. މިކަން ހަނދާނުގައި ހުންނާނެނަމަ އަހަރުމެންގެ ނަފްސުތަކަށް ކެތްތެރިކަމާއި ޝުކުރުވެރިވުމުގެ ފަރުވާ ނުލިބިނުދާނެއެވެ

އެނގޭ ހެއްޔެވެ؟ އަޅާ ކޮންމެ ފިޔަވަޅަކަށް އަހަރެމެންނަށް ދީނާއި ދުރަށް ދިއުމަށް މަގު ދައްކަން، ޝައިތޯނާ އަބަދާއި އަބަދު ހުންނާނީ ފަހަތުގައި ވިއްދައިފައެވެ. ދީނާއި ދުރުވެ، މާތް ﷲ ނަހީކުރެއްވި ކަންކަން ކުރުމަކީ ހުރިހާ މައްސަލައަކަށް އޮތް ހައްލުކަން އަހަރެމެންގެ ހިތަށް ވައްދައިދީ، ވަސްވާސް ދިނުމަށް ޝައިތޯނާ މަސައްކަތް ކުރާނެއެވެ. ގޯސްމަގު އިޚްތިޔާރުކުރުމަށް ތިހިތަށް އަރަނީ އެހެންވެގެންނެވެ. މަގުފުރެދި ގެއްލެނިވެ ހަރާމްކަންކަން ކުރާމީހުން ބަލިވެނޫޅެނީ، ރޯން ނުޖެހެނީ އެދިރިއުޅުން ސަޅިވެގެންނެއް ނޫނެވެ. އެއީ ހިތް ޤާފިލްވެ، އީމާންތެރިކަން ހިތުން ދިޔުމުން ބޮޑެތި އިމްތިހާންތައް ކުރިމަތި ކުރެއްވުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟

ހަނދާންކުރާށެވެ. ފަސް ވަގުތު ބަރާބަރަށް ފަރުވާކުޑަ ނުކޮށް ނަމާދުތައްކުރުމަކީ ދިރިއުޅުމުގައި އަހަރެމެން ކުރިމަތިލާން ޖެހޭ އިމްތިހާނުތަކުން ފަސޭހައިން ފާސް ވެވެން އޮތް މަގެކެވެ. ހަމަޔަގީނުންވެސް، އެންމެ އޯގާވެރިވަންތަ އިލާހު އަހަރެމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. ޔަޤީންކުރާށެވެ. އެއްވެސް އިންސާނަކަށް، އޭނާއަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. އެހެންކަމުން، ދިމާވާ ހުރިހާ މައްސަލަތަކާއި އަދި އިމްތިހާނުތަކާއި ކެރިގެން ކުރިމަތިލައި، މާތް ﷲ އަށް އިތުބާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަން ވިސްނައި ގަދަކީރިތިވަންތަ އިލާހުގެ ނިޔާފުޅަށް ރުހޭށެވެ. އިންޝާ ﷲ ކާމިޔާބުދުވަސްތައް އޮތީ ކުރިޔަށެވެ. ކަރުނަފޮހެލާފަ ދެން ހީލަބަލާށެވެ!"

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް