ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މުބާރާތުގެ ރަންވަނަތަކަށް ހޮވުނު ބައިވެރިންނަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކުރެވުނެވެ.
މުބާރާތުގެ ރަންވަނަތަކަށް ހޮވުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ރޮނގަކުން ޕީ.އެޗް.ޑީ އަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕެއް ދެއްވިއެވެ. މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާތަކުން 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރެއް ހަދިޔާ ކުރިއެވެ.
މުބާރާތުގެ ޙާފިޡުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހާސިލުކުރީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފާޠިމަތު ޝާޔާ ޒާހިރު އެވެ. ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހާސިލުކުރީ ށ. އަތޮޅު ކައުންސިލްގެ ޢާއިޝަތު ޝަބާ އެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ އެއްވަނަ ހާސިލުކުރީ ލ. އަތޮޅު ކައުންސިލްގެ އަޙްމަދު ޝައިމް ރިޟާ އެވެ.
ޚިޔާލު