الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނަމާއި ނަސަބު:
ޢަބްދުއްރަޙްމާން ބިން ޢައުފް އައްޒުހަރީ އަލްގުރަޝީ، ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގަތް ދިހަބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.
އުފަންވެ ވަޑައިގަތުން:
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢާއްމުލްފީލުގެ ދިހަ އަހަރު ފަހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވުރެ ދިހަ އަހަރު ހަގު ބޭފުޅެކެވެ.
އިސްލާމްވެ ވަޑައިގަތުމާއި ކުރެއްވި ޖިހާދުތައް:
އެންމެ ފުރަތަމަ އިސްލާމްދީނަށް ވެދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަތެވެ. އެކަލޭގެފާނާއި އެކުގައި އެއްބަނޑު އެއްބަފާ އަޚް އަލްއަސްވަދު ބިން ޢައުފު ވެސް އިސްލާމްވެ ވަޑައިގަތެވެ. ދެހިޖްރަ އަށް ވަޑައިގަތެވެ. ބަދުރު ހަނގުރާމައިގެ އިތުރުން އެތައް ހަނގުރާމަ އެއްގައި ބައިވެރިވެ ވަޑައިގަތެވެ. މަދީނާ އަށް ހިޖްރަ އަށް ވަޑައިގަތުމަށް ފަހު ޢަބްދުއްރަޙްމާން ބިން ޢައުފާއި ސަޢުދު ބިން އައްރަބީޢުލް ޚަޒްރަޖީ އަޚް ކުރެއްވިއެވެ.
ދައުމަތުލް ޖަންދަލު ފަތަޙަ ކުރެއްވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވިއެވެ. އަދި އެރަށުގެ ކިންގުގެ އަންހެން ދަރިފުޅު ކަމަށްވާ ތުމާޟިރު ބިންތި އަލްއަޞްބަޣުލް ކަލްބީ އާއި ކައިވެނި ކުރުމުގެ ހުއްދަ ދެއްވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ޢަބްދުއްރަޙްމާން ބިން ޢައުފްގެ މަގާމް:
އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ މުދަލުން ގިނަގުނަ ޞަދަގާތްތަކެއް ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ގާތް ބޭފުޅެއް ކަމުގައި ވެވަޑައިގަތެވެ.
ޞަޙާބީންގެ ގާތުގައި ޢަބްދުއްރަޙްމާން ބިން ޢައުފްގެ މަގާމް:
ވަރަށް ގިނަ ކަންތައްތަކުގައި ޢުމަރު ރަޟިޔަﷲ ޢަންހު އަބްދުއްރަޙްމާން ކުރެން މަޝްވަރާ އައްސަވާ ކަމަށް ވެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ޢަބްދުއްރަޙްމާން ބިން ޢައުފަކީ މުސްލިމުންގެ ސައްޔިދުންގެ ތެރެއިން ސައްޔިދެކެވެ." ޢަބްދުއްރަޙްމާން ބިން ޢައުފަކީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ފަހުން ޚަލީފާ އަކަށް ވުމަށް އިޚްތިޔާރު ކުރެއްވި ހަބޭފުޅުންގެ ތެރެއިން އެކަކެވެ.
އަނބިއަނބި ކަބަލުންނާއި ދަރިން:
އެންމެ ދޮށީ ދަރިފުޅަކީ ސާލިމެވެ. އެދަރިފުޅު ވަނީ ޖާހިލިއްޔަ ޒަމާނުގައި އަވަހާރަވެފައެވެ. ދެން ހުންނެވީ އުއްމުލް ގާސިމެވެ. މިދެކުދިންގެ މަންމަ އަކީ އުއްމު ކުލްޘޫމް ބިންތި ޢަތަބާ ބިން ރަބީޢާ އެވެ.
މުޙައްމަދު، އިބްރާހީމް، އިސްމާޢީލް، ޙުމައިދު، ޒައިދު، ޙުމައިދާ، އަމަތުއްރަޙްމާން އަލްކުބްރާ، މިބޭފުޅުންގެ މަންމަ އަކީ އުއްމު ކުލްޘޫމް ބިންތި ޢަތަބާ ބިން އަބީ މުޢީޠު އެވެ.
މަޢްނު، ޢުމަރު، އަމަތުއްރަޙްމާނުއްޞުޣްރާގެ މަންމަ އަކީ ސަހްލާ ބިންތި ޢާޞިމް އެވެ.
ޢުޘްމާންގެ މަންމަ އަކީ ޣަޒާލް ބިންތި ކިސްރާ އެވެ.
އުއްމު ޔަޙްޔާގެ މަންމަ އަކީ ޒައިނަބު ބިންތި އައްޞަބާޙް އެވެ.
ޖުވައިރިއްޔާގެ މަންމަ އަކީ ބާދިނާ ބިންތި ޣީލާނެވެ.
ޢުރްވަތުލް އަކްބަރުގެ މަންމަ އަކީ ބަޙްރިއްޔާ ބިން ހާނިއު އެވެ.
ޢަބްދުއްރަޙްމާންގެ މަންމަ އަކީ އަސްމާއު ބިންތި ސަލާމާ އެވެ.
ސާލިމުލް އަޞްޣަރުގެ މަންމަ އަކީ ތަމާޟޫރު ބިންތިލް އަޞްބަޣެވެ.
ސުހައިލު ބިން ޢަބްދިއްރަޙްމާންގެ މަންމަ އަކީ މަޖްދު ބިންތި ޒައިދު އެވެ.
މުޞްޢަބް، އުމައްޔާ، މަރްޔަމް ގެ މަންމަ އަކީ އުއްމު ޙުރައިޘެވެ.
އަބޫބަކުރުގެ މަންމަ އަކީ އުއްމު ޙަކީމް ބިންތި ގާރިޡެވެ.
އަވަހާރަވުން:
ޢަބްދުއްރަޙްމާން ބިން ޢައުފް އަވަހާރަވެ ވަޑައިގަތީ ހިޖްރައިން 33 ވަނަ އަހަރުގައި ޝާމް ކަރާގައެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވީ އަމީރުލް މުއިމިނީނަ ޢުޘްމާން ބިން ޢައްފާނެވެ. އެހެން އެއްވެސް މީހަކަށް ނުދެއްވާ ޝަރަފެއް ދެއްވުމަށް ޢަބްދުއްރަޙްމާނަށް އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހުށަހެޅުއްވިއެވެ. އެއީ އެކަލޭގެފާނު އަވަހާރަވުމުން ފަސްދާނަ ލެއްވުމަށް ޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އަބޫބަކުރު އަދި ޢުމަރު ރަޟިޔަﷲ ޢަންހުމްގެ މަގްބަރާ އާއި އިންވެގެން ހުރި އެކަމަނާގެ ކޮޓަރިކޮޅު ހުށަހެއްޅުއްވުމެވެ. އެހެންނަމަވެސް ޢަބްދުއްރަޙްމާން ބިން ޢައުފް އެކަމާ ލަދުފުޅުގަނެ މުޙައްމަދު ބިން ޢުޘްމާން ބިން މަޡްޢޫނުގެ ގާތުގައި ފަސްދާނަ ލުމަށް އެދިވަޑައިގަތެވެ. އެދެބޭކަލުން އެއްދުވަހެއްގައި އެއްބަސްވެ ވަޑައިގެންފައިވަނީ ދެބޭފުޅުން ކުރެ ބޭފުޅަކު އަވަހާރަވެއްޖެނަމަ އެއްބޭކަލަކު އަނެއް ބޭކަލެއްގެ ކައިރީގައި ފަސްދާނަލުމަށެވެ.

















ޚިޔާލު